ނިމިދިޔަ ހަފްތާގައި އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ ކޯޅުން ބޮޑުވެ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕު "ދެފަޅިވުމެވެ". އެއް ފަޅީގައި ތިއްބެވީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ ބޭފުޅުންނެވެ. އަނެއް ފަޅީގައި ތިއްބެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެމްބަރުންނެވެ.
ޕާލިމެންޓްރީ ގްރޫޕުން ނެރޭ ވިޕްލައިންތަކާ ހިތްހަމަނުޖެހޭކަން ފާޅުކުރައްވައި, އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން އެ ވިޕްލައިންތަކާ ހިލާފަށް އަމަލު ކުރައްވާނެކަން އިއުލާނުކުރެއްވި އެވެ. ނަޝީދު އެންގެވި ގޮތަށް 18 މެންބަރަކު ވަނީ ނަން ނޯޓް ކުރައްވާފަ އެވެ. އެއީ, މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله, މެންބަރު އިމްތިޔާޒު ފަހުމީ, މެންބަރު ހަސަން ލަތީފް, މެންބަރު ހަސަން އަފީފް, މެންބަރު އަލީ އާޒިމް, މެންބަރު އިލްޔާސް ލަބީބް, މެންބަރު ހަސަން ޝިޔާން, މެންބަރު މުހައްމަދު ޝަފީގު, މެންބަރު މުހައްމަދު ވަހީދު, މެންބަރު މުހައްމަދު ރަޝީދު, މެންބަރު އިބްރާހިމް ރަޝީދު, މެންބަރު މޫސާ ސިރާޖު, މެންބަރު އިބްރާހިމް މުއިއްޒު އަދި މެންބަރު އަހުމަދު ހަލީމް, މެންބަރު އަހުމަދު ޒާހިރު, މެންބަރު ފިރުޝާން ހުސެއިން, މެންބަރު މީކާއިލް ނަސީމް އަދި މެންބަރު އަބްދުالله ޝަހީމެވެ.
ގްރޫޕުން ނެރޭ ވިޕްލައިނާ މެންބަރުން ހިލާފުވެއްޖެނަމަ އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެއް އަހަރަށް ޕާޓީގެ ޓިކެޓު އިންތިހާބުތަކުގައި ވާދަކުރުމަށް ނުލިބޭ ގޮތަށް އޮތް މާއްދާ އިސްލާހުކޮށް އެ މުއްދަތު ފަސް އަހަރަށް ބަދަލު ކުރުމަށް ތާއީދު ކުރައްވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ވެސް ނިމިދިޔަ ހަފްތާގަ އެވެ. ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު މަގާމުން ވަކިކުރަން އެމްޑީޕީގެ ޕީޖީން ނެރުނު ތްރީ ލައިން ވިޕާ ހިލާފުވި ފަސް މެމްބަރަކަށް ފިޔަވަޅު އެޅި އެވެ.
ދެހާސް ތޭވީސް ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑެސީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދިނުމަށް ތާއީދު ކުރައްވާކަން އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެ ޕާޓީގެ ގިނަ މިނިސްޓަރުން ތާއިދުކުރައްވާކަން ހާމަކުރެއްވީ ވެސް ނިމިދިޔަ ހަފްތާގަ އެވެ.
ރާއްޖޭގައި ކޮވިޑް ކޭސްތައް ފެންނަ މިންވަރު އަނެއްކާވެސް އިތުރުވާން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ވެސް މިދިޔަ ހަފްތާގަ އެވެ. ރާއްޖޭގައި ކޮވިޑް ކޭސްތައް ފެންނަ މިންވަރު ދަށްވެފައި އޮތުމަށްފަހު އަނެއްކާވެސް ކޭސްތައް ގިނަވަމުންދާކަން ތަފާސްހިސާބުތަކުން ވަނީ ދައްކާފަ އެވެ. އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ހަފުތާ ކޮވިޑްގެ 142 ކޭސް ފެނިފައިވާ ކަމާއި އެއީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު 69 ޕަސެންޓްގެ އިތުރުވުމެއް ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު ސާފު ފައިދާ އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރަށް ވުރެ 955 ޕަސެންޓު އިތުރުވެފައިވާކަން ރިޕޯޓުކުރީ ނިމިދިޔަ ހަފްތާގަ އެވެ. އެ ކުންފުނިތަކަށް ލިބުނު 10 ބިލިއަން ރުފިޔާގެ އާމްދަނީއިން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޖުމްލަ 2.2 ބިލިއަން ރުފިޔާ ސާފު ފައިދާވި އެވެ. އޭގެ ކުރީ އަހަރުގެ އެ ކުއާޓަރުގައި ފައިދާވީ 210 މިލިއަން ރުފިޔާ އެވެ. ހުރިހާ ކުންފުންޏެއް އެއްކޮށްލުމުން ފައިދާ މިވަރަށް އިތުރުވި ނަމަވެސް ވަކިވަކި ކުންފުނިތަކަށް ބަލާ އިރު ރިޕޯޓުގައި ހިމަނާފައިވާ 31 ކުންފުނީގެ ތެރެއިން ފައިދާވީ 16 ކުންފުންޏަކަށެވެ.
ދަރަނި އިތުރުވިޔަސް، ރާއްޖޭގެ އިގުތިސޯދީ ހާލަތު ރަނގަޅުވުމާއި ދަރަނި އަދާކުރަން ރާވާ ކަންކަމާއެކު، ދަރަނި ނުދެއްކޭނެ، އަދި އިގުތިސޯދަށް ބޮޑު ލޮޅުމެއް އަރާނެ ހާލަތެއް ނުފެންނަ ކަމަށް ސަރުކާރުން ބުނީ ވެސް މިދިޔަ ހަފްތާގަ އެވެ. އަދި، ރާއްޖޭގެ ދަރަނި ރީސްޓްރަކްޗާ ކުރަން އުޅެފިނަމަ ބައިނަލް އަގުވާމީ ޑެޓް މާކެޓަށް ފެންނާނީ ރާއްޖެ "ޓެކްނިކަލް ޑިފޯލްޓް" އަކަށް ދާ ކަމަށް (ބަންގުރޫޓްވާ ހެން) ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ވިދާޅުވި އެވެ.
ކަނޑުމަގުން ރާއްޖެ އެތެރެކުރި ކޮންޓެއިނަރެއްގެ ތެރެއިން ފެނުނީ މަސްތުވާތަކެތީގެ ދެ ބާވަތެއް ކަމަށްވާ ހެރޮއިން އާއި ކެނެބިސްކަން "އަދަދު" ނޫހުން ރިޕޯޓުކުރީ ވެސް މިދިޔަ ހަފްތާގަ އެވެ. ފުލުހުންގެ އޮފިޝަލަކު "އަދަދު" ނޫހަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ކޮންޓެއިނަރުގެ ތެރެއިން 52 ކިލޯ ހެރޮއިން އާއި 15 ކިލޯ ކެނެބިސް ފެނިފައިވާ ކަމަށެވެ. އަދި، މަސްތުވާތަކެތި ފެނުނީ ކޮންޓެއިނަރާ އެކު ގެނައި ޕެލެޓުތަކުގައި ހުރި ފޮށިގަނޑުތަކެއްގައި ހުރި ލޭބަލް ޖެހި މުދާތަކަކުން ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލާގައި ދައުވާ އުފުލިފައިވާ އިސްހާގުގެ ދަރިއަކު މީގެ ކުރިން ގާޒީ އާދަމް މުހައްމަދަށް އިންޒާރެއް ދީފައި އޮތުމުން، މަސްލަހަތު ފުށުއަރާނެތީ ގާޒީ މައްސަލައިން ތަނާޒުލުވީ ވެސް ނިމިދިޔަ ހަފްތާގަ އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމުގެ އިޝާރާތެއް ދެއްވާފައި ވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ނިމިދިޔަ ހަފްތާގައި ބޭއްވެވި ބައްދަލުވުމުގައި އިންތިހާބާ ގުޅޭ އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާކަން ވަނީ އެނގިފަ އެވެ.
"2023 ގެ އިންތިހާބާ ގުޅޭ އެއްވެސް މަޝްވަރާއެއް އެ ބައްދަލުވުމުގައި ކޮށްފައިނުވޭ. ނަމަވެސް، އިގްތިސާދީ ގޮތުން އަޅަމުންދާ ފިޔަވަޅުތަކާއި ގައުމުގެ ހާލަތާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި،" އެ ބައްދަލުވުމާ ގުޅޭގޮތުން "އަދަދު" ނޫހަށް މައުލޫމާތު ދިން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސަރަހައްދުގައި ޖުމްލަ 70،000 މީހުންގެ އާބާދީއެއް ގާއިމްވާނެ ކަމަށް ލަފާ ކުރެވޭ އިރު، އެ ވަރުގެ އާބާދީއަކަށް ބޭނުންވާ ހުރިހާ ހިދުމަތަކާ އެކު އެތަން ތަރައްގީ ކުރެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ވެސް މިދިޔަ ހަފްތާގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ދެ މީހާކާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ކޯޓުގައި ހާމަވީ ވެސް ނިމިދިޔަ ހަފްތާގަ އެވެ.
ބައެއް މުހިންމު ހަބަރުތައް
- މާލީ ތާށިކަމުން އަރައިގަނެ އެޗްޑީސީގެ ސާފު ފައިދާ އަނެއްކާވެސް ބިލިއަނުން މައްޗަށް
- ޝަމީމް ވަކިކުރުމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީން ނިންމުން
- "ހަވީރު"ގެ މިލްކުވެރިކަން ކަށަވަރުކުރުން މުހިންމުވާތީ އިސްތިއުނާފުގެ ހުއްދަ ސުޕްރީމް ކޯޓުން ދިނުން
- ބާ ކައުންސިލްގެ ރައީސަކަށް ވިޝާމް އިންތިހާބު ކުރުން
- އިންޓަޕޯލް ޑޭޓާބޭސްތައް ދިވެހި ފުލުހުންނަށް ވަގުތުން ބަލާލެވޭ ގޮތް ހެދުން
- އެސްޓީއޯގެ ފްލެޓުތައް 18 މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރުން
- މާލޭ މީހުންނަށް ގޯތިދޭން މި މަހު 26 ގައި އިއުލާނުކުރަނީ
- މަދަނީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުން
ހަފްތާގެ ހޮވާލެވޭ ބައެއް ލިޔުންތައް
- ފިރިހެނުންނަށް ދަރިން ނުލިބުމުގެ ސަބަބުތަކާއިި ފަރުވާ އާއި މައްސަލައާ ގުޅިފައިވާ ލަދާއި ބެހޭ ގޮތުން މި ރިޕޯޓުގައި ވަނީ ގިނަ މައުލޫމާތުތަކެއް ގެނެސްދީފަ އެވެ. މުޖުތަމައުގައި މިފަދަ މައްސަލަތަކަށް ސަމާލުކަން ނުދެވޭ ސަބަބުތަކާ ގުޅޭގޮތުން އައިމިނަތު އިބްރާހިމް މި ރިޕޯޓުގައި މައުލޫމާތު ގެނެސްދިނެވެ.
- ދަރިއަކު ހޯދުމަށް އުތުރުގެ ރަށަކަށް ނިސްބަތްވާ، އަހުމަދު އާޒިމްގެ ދެމަފިރިން ކުރި 25 އަހަރުގެ ދިގު އިންތިޒާރުގައި ކުލަ ޖެހި ދިރިއުޅުމަށް އުފާވެރިކަން ގެނެސްދިން ގޮތުގެ ވާހަކަ މި ރިޕޯޓުގައި ވަރަށް ތަފްސީލުކޮށް ފާތިމަތު އަޖުފާން ގެނެސްދީފައިވެ އެވެ.
- އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕު ދެފަޅިވެ ދެ ލީޑަރުންގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެ ޕާޓީން ގެންގުޅޭ އުސޫލުތަކާއި ހަމަތައް ފުނޑުފުނޑުވަމުންދާ ގޮތާއި ގުޅޭގޮތުން މުހައްމަދު ވިޝާމް މި ރިޕޯޓުގައި މައުލޫމާތު ގެނެސްދީފައިވެ އެވެ.
ދިރާސާތަކުން ކިޔާލުމަށް
މިއީ ރާއްޖޭގައި އެކަނިވެރި މައިންނާއި ބަފައިންނަށް ފޯރުކޮށްދޭ އެހީތެރިކަމާއި ދައުލަތުގެ ބެލުމުގައި ތިބޭ ކުދިން އަމިއްލަ ކުރުމަށް އޮންނަ ގޮތްތަކާއި ގުޅޭގޮތުން ޔުނިސެފުން 2021 ގައި ކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ވަނީ އެފަދަ ކަންކަމުގައި ހުރި މައްސަލަތައް ދެނެގަނެ އިތުރަށް އެ ކަންކަން ރަނގަޅު ކުރެވޭނެ ގޮތްތައް ހުށަހަޅާފަ އެވެ.












