އެޑިޓޯރިއަލް ޕޮލިސީ
އަދަދު އޮންލައިންގައި ޝާއިޢު ކުރެވޭ ހުރިހާ ލިޔުމެއް ވެސް ޝާއިޢު ކުރާނީ މި ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތީން
ފެށުން
އަދަދު އޮންލައިން ގަބޫލުކުރާ ގޮތުގައި ކްރިއޭޓިވް ނުވަތަ ތަފާތު ހަބަރާއި މައުލޫމާތު ލިބުމަކީ ކިޔުންތެރިންގެ ހައްގެކެވެ. އެހެންކަމުން، އަދަދު ނޫހުގެ މަގުސަދަކީ ކްރިއޭޓިވް އަދި ތާޒާ ހަބަރާއި މައުލޫމާތު ހަމަހަމަ ކަމާއި އިންސާފުވެރިކަމާއެކު ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ. ނޫސްވެރިކަމަކީ ވަރަށް ޒިންމާދާރުކަމާއެކު ކުރަންޖެހޭ ކަމަކަށްވެފައި، ހާއްސަކޮށް ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ޙާލަތު މިއަދު އޮތް ގޮތުން އަދަދު އޮންލައިންގެ އަމާޒަކަށް ވާނީ ވަކި މިންގަނޑުތަކެއްގައި ހިފަހައްޓައިގެން ޒިންމާދާރުކަމާއެކު ކިޔުންތެރިންނާ ހަމައަށް މައުލޫމާތު ގެނެސްދިނުމެވެ. އަދަދު އޮންލައިންގައި ޝާއިޢު ކުރެވޭ ހުރިހާ ލިޔުމެއް ވެސް ޝާއިޢު ކުރާނީ މި އެޑިޓޯރިއަލް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި އަދަދު އޮންލައިންގެ ހުރިހާ މުވައްޒަފުން ވެސް އަމަލު ކުރާނީ މި ޕޮލިސީއާ އެއްގޮތަށެވެ.
އިތުބާރު
އަދަދު އޮންލައިން ހިންގާނީ މި ނޫހުގެ ކިޔުންތެރިންނަށްޓަކައެވެ. މި ނޫހުގެ ހުރިހާ އެއްޗަކީ ކިޔުންތެރިންނެވެ. އަދަދު އޮންލައިންގެ އިންކަމް ނުވަތަ މާލިއްޔަތު ބިނާވެގެން ވަނީ ކިޔުންތެރިންގެ މައްޗަށެވެ. އެހެންކަމުން ހުރިހާ ޙާލަތެއްގައި ވެސް ކިޔުންތެރިންގެ އިތުބާރު ހޯދައި އެ އިތުބާރު ހިފެހެއްޓުމަށް އަދަދު އޮންލައިންއިން މަސައްކަތް ކުރާނެއެވެ.
ތެދު އަދި ރަނގަޅު މައުލޫމާތު
ހިނގާފައިވާ ކަމެއްގެ މައުލޫމާތު ނޫހުގައި ޝާއިޢު ކުރާއިރު، އެންމެ ސައްހަކޮށް އެ މަޢުލޫމާތެއް އަދަދު އޮންލައިން އިން ހޯދާނެއެވެ. މަޢުލޫމާތު އެންމެ ޞައްޙަކޮށް ހޯދުމަކީ ހާދިސާއާ ގުޅިގެން މަޢުލޫމާތު ލިބޭނެ ހުރިހާ ދިމާލަކުން ވެސް މައުލޫމާތު ހޯދައި، އެ މަޢުލޫމާތުތަކުގެ ބުރަދަން ވަޒަންކޮށް މައުލޫމާތު ޝާއިޢު ކުރުމެވެ. އަދި އެ މަޢުލޫމާތެއް ޝާއިޢު ކުރާނީ ކިޔުންތެރިންނަށް ފަސޭހައިން އެނގޭނެ ގޮތަކަށް ސާފުކޮށް އަދި ސާދާކޮށެވެ.
ހަމަހަމަކަން
އަދަދު އޮންލައިންގެ ހުރިހާ މަސައްކަތެއް ވެސް ކުރާނީ ވަރަށް އިންސާފުވެރިކޮށް، އެއްވެސް ކޮޅަކަށް ބުރަވުމެއް ނެތި އެވެ. ކިޔުންތެރިންގެ މެދުގައި ބަހުސް ކުރެވޭނެ ފަދަ ކޮންޓްރަވާޝަލް ހަބަރާއި މައުލޫމާތު ޝާއިއު ކުރުމުގައި ވަކި ކޮޅަކަށް ނުޖެހި، މައުލޫމާތު ގެނެސްދިނުމަށް އަދަދު އޮންލައިން މަސައްކަތް ކުރާނެ އެވެ. އަދި އެފަދަ ހަބަރެއްގެ މައުލޫމާތު އެއްކޮށް، ވަޒަން ކުރުމުގައި، ވީހާ ވެސް ބޮޑަށް އިންސާފުވެރިވެވޭތޯ އަދަދު އޮންލައިން އިން ބަލާނެ އެވެ.
ކުށާއި ގެއްލުން
އަދަދު އޮންލައިން ކިޔުންތެރިންނާ ހަމައަށް ދިވެހިރާއްޖެ ގެނެސްދޭނީ ރާއްޖެ އޭގެ ހަގީގީ ގޮތުގަ އެވެ. މާނައަކީ، ގައުމަށް ގެއްލުމެއް ވެދާނެހެން ހީވާ ފަދަ ހަބަރެއް ނުވަތަ މައުލޫމާތެއް އަދަދު އޮންލައިންގައި ޝާއިއު ކުރާނީ އިންސާފުވެރިކަމާއެކު އެވެ. ނަމަވެސް، ގައުމީ މަސްލަހަތާ ގުޅުންހުރި ބޮޑެތި މައްސަލަތަކުގައި އެޑިޓޯރިއަލް ބޯޑުން މަޝްވަރާ ކުރުމަށްފަހު މި ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތީން ގޮތެއް ނިންމިދާނެ އެވެ.
ޒާތީ ދިރިއުޅުން
ކޮންމެ މީހެއްގެ ވެސް ޒާތީ ދިރިއުޅުމަކީ، އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާ (1998) އިން ރައްކާތެރިކޮށްދީފައިވާ އެއްޗެކެވެ. އެހެންކަމުން، ކޮންމެ މީހެއްގެ ވެސް ޒާތީ ދިރިއުޅުމަށް، އަދަދު އޮންލައިން އިން އިހްތިރާމް ކުރާނެ އެވެ. ހަމައެއާއެކު ނޫސްވެރިކަމުގެ ހައްގަކީ ވެސް މި މުއާހަދާއިން ދީފައިވާ ހައްގެކެވެ. އެހެންކަމުން މި ދެ ކަންތައް ފުށުނާރާނެ ގޮތެއްގެ މަތީން އަދަދު އޮންލައިންއިން ކިޔުންތެރިންނާ ހަމައަށް ހަބަރު ގެނެސްދޭނެ އެވެ. މީހެއްގެ ޒާތީ ކަމެއްގެ ތެރެއަށް، އަދަދު އޮންލައިން އިން، ވަންނާނީ އެމީހެއްގެ ހައްގަށް ވުރެ އާންމުންގެ ހައްގު ބޮޑުވެގެންވާ ހިނދެއްގައި އެވެ.
މީހަކު އޭނާގެ އަމިއްލަ ގޭގައި ނުވަތަ ސިއްރުވެރި ތަނެއްގައި (މިސާލަކަށް އާންމު ފާހާނާއެއްގައި) ކުރާ ކަމެއް ސިއްރުވާ ގޮތަށް އާންމު ތަންތަނުގައި އެމީހަކު ކުރާ ކަމެއް ސިއްރުވެރިވާނެ ކަމަކަށް ނުބެލެވޭނެއެވެ.
އެމީހަކު ކުރާ އަމަލަކީ ޖިނާއީ ކުށެއް ނަމަ ނުވަތަ މުޖްތަމައުގެ އާންމު އަހުލާގީ މިންގަނޑާ ވަރަށް ދުރު ކަމެއް ނަމަ އެކަން ސިއްރުވެރިވާނެ ކަމަށް ބެލެވިގެންނުވާނެއެވެ.
އެ މައުލޫމާތެއްގެ ގޮތުން ވެސް ބައެއް ކަހަލަ މައުލޫމާތު ޒާތީ ކަމެއްގެ ގޮތުގައެއް ނުބެލެވޭނެއެވެ.
އަދަދު އޮންލައިންގައި ޝާއިޢު ކުރާ މައުލޫމާތަކީ ކުރިން އާންމުކޮށް އެހެން ތަނެއްގައި ޝާއިޢު ކޮށްފައި އޮތް އެއްޗެއް ނަމަ އެއީ މީހެއްގެ ޒާތީ ކަމެއް ނަމަވެސް، އެކަމެއްގެ ސިއްރުވެރިކަން އެއޮތީ ކުޑަވެފައި ކަމަށް ބެލިދާނެއެވެ.
ސޯޝަލް މީޑިއާ ފަދަ ތަންތަނުގައި އާންމުކޮށްފައިވާ މައުލޫމާތާއި ފޮޓޯ ފަދަ ތަކެތި އަދަދު އޮންލައިން އިން ބޭނުން ކުރަންވާނީ ކޮޕީރައިޓް ގާނޫނަށް ރިޢާޔަތް ކުރުމަށްފަހުއެވެ.
ކުޑަކުދިން
އަޅުގަނޑުމެން ޝާއިޢު ކުރާ ލިޔުމެއްގައި ކުޑަކުއްޖެއް ހިމެނޭ ނަމަ އެ ލިޔުމެއް ޝާއިޢު ކުރާނީ އެ ކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކޮށް އެ ކުއްޖާއަށް އެންމެ މަންފާ ކުރާނެ ގޮތަކަށެވެ. އަދި އަޅުގަނޑުމެންގެ ލިޔުމެއްގައި ކުޑަކުއްޖަކު ހިމެނޭ ނަމަ އެ ކުއްޖާއަށް އެއްވެސް ގޮތަކުން ގެއްލުމެއް، ހާއްސަކޮށް ނަފްސާނީ ގެއްލުމެއް ވެދާނެ ގޮތަކަށް އެ ލިޔުމެއް ޝާއިޢު ނުކުރާނެއެވެ.
ދެފުށް ފެނުން
އަދަދު އޮންލައިން ހިންގުމަށް ސިޔާސީ އެއްވެސް ޕާޓީއަކުން ދޭ މާލީ އެހީތެރިކަން ބަލައެއް ނުގަންނާނެ އެވެ.
ޒިންމާދާރުވުން
އަދަދު އޮންލައިންގެ ކިޔުންތެރިންގެ ކުރިމަތީގައި އަދަދު އޮންލައިންއިން ނަގަންޖެހޭ ޒިންމާ ނަގާނެއެވެ. އަދަދު އޮންލައިންގައި ޝާއިޢު ކުރާ އެއްވެސް ލިޔުމެއްގައި ކުށެއް އޮވެއްޖެ ނަމަ އޮޅުވާލުމަކާއި ނުލައި އެ ކުށެއް އިސްލާހުކޮށް، އެކަމުގެ ޒިންމާ ނަގާނެއެވެ.
ނުފޫޒު
އަދަދު އޮންލައިންގެ އެއްވެސް މުވައްޒަފެއް ނުވަތަ އެޑިޓޯރިއަލް ބޯޑުގެ ސްޓާފެއް ނަމަވެސް އެއްވެސް ނުފޫޒެއްގެ ދަށުގައި ހުރެގެން ނޫހުގައި މަސައްކަތެއް ނުކުރާނެއެވެ. އަދި ނޫހަށް މާލީ އެހީ ދޭ ފަރާތްތައް ނުވަތަ ނޫހުގައި އިސްތިހާރު ކުރާ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނޫހުގެ ކޮންޓެންޓަށް ނުވަތަ ނޫހުން ފަތުރާ ހަބަރާއި މަޢުލޫމާތަކަށް ނުފޯރާނެއެވެ.
މައުލޫމާތު ރިޕޯޓް ކުރުމުގައި އަދަދު އޮންލައިންގައި އިސްތިހާރު ކުރާ ފަރާތްތަކާއި މާލީ އަދި އެ ނޫން ގޮތްގޮތަށް ވެސް އެހީ ދޭ ފަރާތްތަކާ އެހެނިހެން ފަރާތްތަކާއި ތަފާތު ކުރުމެއް ނުގެންގުޅޭނެއެވެ.
ހަބަރު ހޯދުމަށް ކުރާ މަސައްކަތުގައި އެއްވެސް ހަރަދެއް ހިނގާ ނަމަ އެކަން ބަލަހައްޓާނީ އަދަދު އޮންލައިންނެވެ.
އަދަދު އޮންލައިން އިން ކަވަރު ކޮށްފައިވާ ހަބަރަކާ ގުޅިގެން ނުވަތަ ކަވަރު ކުރަމުންދާ ހަބަރަކާ ގުޅިގެން އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން ދޭ ހަދިޔާއެއް ބަލައިނުގަންނާނެއެވެ.
އަބުރު
އަދަދު އޮންލައިންގައި ޝާއިޢު ކުރާ އެއްވެސް ލިޔުމެއްގައި މީހެއްގެ އަބުރަށް ހުތުރުވާ ގޮތަށް މަޢުލޫމާތެއް ނުގެނެސްދޭނެއެވެ. އަދަދު އޮންލައިންއިން އަބަދުވެސް ބަލާނީ ހަބަރުގައި ނުވަތަ މަޢުލޫމާތުގައި ހިމެނޭ މީހެއްގެ ވާހަކަ އަޞްލާ އެއްގޮތަށް ގެނެސްދެވޭތޯއެވެ.
ދައުވާ
އަދަދު އޮންލައިންގައި ޝާއިޢު ކުރާ ލިޔުމެއްގެ ސަބަބުން އަދަދު އޮންލައިން ނުވަތަ އަދަދު އޮންލައިންގެ މުވައްޒަފަކަށް އެއްވެސް ފަރާތަކުން ދަޢުވާއެއް އުފުލައިފި ނަމަ އެ ދަޢުވާއަކަށް އަދަދު އޮންލައިންއިން ޖަވާބުދާރީވާނެއެވެ.
ރިޝްވަތު
ރިޝްވަތުގެ ގޮތުގައި ނޫން ނަމަ ވަކި ގޮތަކަށް ލިޔުމެއް ޝާއިޢު ކުރުމަށްޓަކައި އެއްވެސް ފަރާތަކުން ދޭ ހަދިޔާއެއް އަދަދު އޮންލައިން ނުވަތަ އަދަދު އޮންލައިންގެ މުވައްޒަފެއް ވެސް ޤަބޫލެއް ނުކުރާނެއެވެ. އެފަދަ ހަދިޔާއެއް ލިބިއްޖެ ނަމަ އެ ހަދިޔާއެއް ފޮނުވި ފަރާތަކަށް ނޫހުން އެތަކެތި ޙަވާލު ކުރާނެއެވެ.
ކޮޕީނުކުރުން
އެހެން އެއްވެސް ފަރާތަކުން ޝާއިޢު ކޮށްފައިވާ ލިޔުމެއް ނުވަތަ ލިޔުމަކުން ބައެއް ނުވަތަ މަޢުލޫމާތެއް ނުވަތަ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް އަދަދު އޮންލައިންގައި ޝާއިޢު ކުރާ ނަމަ އެ ފަރާތަކަށް ކްރެޑިޓް ދޭނެއެވެ. އެއްވެސް ޙާލަތެއްގައި ކޮޕީ ކުރުން ނުވަތަ އެހެން ފަރާތެއްގެ މަޢުލޫމާތެއް ވަގަށް ނަގައިގެން އަދަދު އޮންލައިންގައި ޝާއިޢު ނުކުރާނެއެވެ.
އެޑިޓޯރިއަލް އިންޓެގްރިޓީ
އަދަދު އޮންލައިންގެ އެޑިޓޯރިއަލް ބޯޑަކީ ބޭރުގެ ހުރިހާ ނުފޫޒަކުން އެއްކިބާވެގެންވާ ބައެކެވެ. އަދަދު އޮންލައިންގެ އެޑިޓޯރިއަލް ބޯޑަކީ ބޭރުގެ ނުފޫޒާއި ސިޔާސީ ނުފޫޒާއި ކޮމާޝަލް ނުފޫޒުން އެއްކިބާވެގެންވާ ބައެއްކަން ކިޔުންތެރިންނަށް ޔަގީންވާންޖެހޭނެއެވެ.
