އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މީގެފަހުން މުހާތަބުކުރާއިރު އޮނަރަބަލް ކިޔައިގެން މުހާތަބުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރަސްމީކޮށް އިއްޔެ އަންގައިފި އެވެ.
ރާއްޖޭގެ ހުރިހާ ކޯޓުތަކުގެ ފަނޑިޔާރުންނަށް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުހާތަބުކުރާނެ ގޮތް ހިމަނައިގެން ޖޭއެސްސީން ނެރުނު ސާކިއުލާގައި ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރަން ޖެހޭނީ އޮނަރަބަލް ކިޔުމަށްފަހު ލަގަބާއި ނަން ބޭނުންކޮށްގެން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ އޮނަރަބަލް ކިޔައިގެން މުހާތަބުކުރިޔަސް އެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު އަލްއުސްތާޒް ކިޔައިގެން މުހާތަބެއް ނުކުރާނެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު އޮނަރަބަލް ކިޔައިގެން މުހާތަބު ކުރަމުން އަންނަތާ ދެ އަހަރެއްހާ ދުވަސްވަނީވެފަ އެވެ. ނަމަވެސް އެކަން ރަސްމީވެގެންދިޔައީ ޖޭއެސްސީން ނެރުނު ސާކިއުލާއިންނެވެ.
މީގެކުރިން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަދި އެހެން ކޯޓުތަކުގެ ފަނޑިޔާރުންނާ މުހާތަބުކުރަން ޖެހެނީ ހަމައެކަނި އެ ބޭފުޅެއްގެ މަގާމުގެ ނަން ބޭނުންކޮށްގެންނެވެ.
ސުޕްރީމް ކޯޓުގައި އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދާއެކު ޖުމްލަ ހަތް ފަނޑިޔާރުން ތިއްބަވަ އެވެ. އެއީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު މުހައްމަދު އިބްރާހިމް، ފަނޑިޔާރު ހުސައިން ޝަހީދު، ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމް އެވެ.








