Advertisement

ހުލާސާކޮށް އިއްޔެ: ޓެރަރިޒަމްގެ ދައުވާތަކެއް އުފުލާފައިވާ ބައެއް މީހުންނާ ގުޅޭ މައުލޫމާތުތައް ކޯޓުގައި ހާމަވުން

16 ޖޫން 2022 - 06:27 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ހުލާސާކޮށް އިއްޔެ: ޓެރަރިޒަމްގެ ދައުވާތަކެއް އުފުލާފައިވާ ބައެއް މީހުންނާ ގުޅޭ މައުލޫމާތުތައް ކޯޓުގައި ހާމަވުން

16 ޖޫން 2022 - 06:27 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ދެ މީހާކާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ކޯޓުގައި ހާމަވީ އިއްޔެ އެވެ.

ހއ. މޮޅަދޫ ބަހާރުގޭ، އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމް ގެ ޝަރީއަތް އިއްޔެ ކްރިމިނަލް ކޯޓުގައި އޮތްއިރު އެންމެފަހުން އެ ދެ މީހުން ވެސް ހައްޔަރުކުރީ ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެވެ. ނަމަވެސް، އުފުލީ ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ކުށުގެ ދައުވާ އެވެ.

ޓޫރިސްޓުންނަށް ދިން ހަމަލާއަކީ އަލިމަނިކު ދަރިން ދައުލަތަށް ނެގުމުގެ ބަދަލު ހިފުމެއް

ދެހާސް ވިހިވަނަ އަހަރުގެ ކުރީކޮޅު ހުޅުމާލޭގައި ތިން ފަތުރުވެރިޔަކަށް ދިން ހަމަލާގެ ފަހަތުގައި ހުރީ ހަރުކަށި ފިކުރު ފަތުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ އަބްދުﷲ އަލިމަނިކު ކަމަށާއި، އޭނާ އެ ކަން ކުރީ އޭނާގެ ދަރިން ދައުލަތަށް ނެގުމުން އެ ކަމުގެ ބަދަލު ހިފުމެއްގެ ގޮތުގައި ކަމަށް އަލިމަނިކާ ގުޅޭ ގޮތުން އިންޓެލިޖެންސް ރިޕޯޓް ތައްޔާރު ކުރި ފުލުސް އޮފިސަރު ޝަރީއަތުގައި ބުނީ އިއްޔެ އެވެ.

އަލިމަނިކާ ގުޅޭ ގޮތުން މައުލޫމާތުތައް އެއްކުރުމުން ފާހަގަވި ކަމަކީ އޭނާއަކީ 2000 ވަނަ އަހަރުން ފެށިގެން ހަރުކަށި ފިކުރު ފެތުރުމުގެ މަސައްކަތުގައި އުޅޭ ފަރާތެއް ކަމުގައި ހެކިވެރިޔާ ބުންޏެވެ. އެ ފަހުން 2007 ގައި އއ. ހިމަންދޫގައި އެ ފަރާތްތަކުުން ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އޭނާ ހައްޔަރުކުރިއިރު، ޖަލު ހުކުމް ތަންފީޒު ކުރި ދުވަސްވަރު ޖަލުގައި ވެސް އެ ފިކުރު ފަތުރަން މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

އަލިމަނިކު ދެން ދޫކޮށްލި ފަހުން 2019 ވަަނަ އަހަރު އަލިމަނިކުގެ ދަރިންނަށް އިހުމާލުވެގެން ހައްޔަރުކުރި ކަން ވެސް ހެކިވެރިޔާ ފާހަގަ ކުރި އެވެ. އެއީ ރާއްޖޭގެ ސްކޫލްތަކުގެ މުގައްރަރަކީ އިސްލާމްދީނާ ހިލާފު މުގައްރަރެއް ކަމަށް ބުނެ ދަރިން ސްކޫލަށް ނުފޮނުވުމުންނާއި ދަރިން ވެކްސިން ނުޖެހި ކަމަށް ބުނާ މައްސަލައިގަ އެވެ. ހެކިވެރިޔާ ބުނި ގޮތުގައި، 2020 ގައި ޓޫރިސްޓުންތަކަކަށް ހަމަލާ ދިނީ ވެސް އެ މައްސަލާގައި ދައުލަތުގެ ކިބައިން ބަދަލު ހިފުމުގެ ގޮތުންނެވެ.

"2020 ވަނަ އަހަރު ހުޅުމާލޭގައި ތިން ބިދޭސީއަކަށް އެއީ ޓޫރިސްޓުންގެ ބައެއް ކަމަށް ބެލެވެނީ، އެމީހުންނަށް ތޫނު އެއްޗަކުން ހަމަލާ ދިނީ މީނާ އާއި އިތުރު މީހެއް. އެއީ ދައުލަތުން އޭނާއާ ދަރިން ވަކިކުރުމުން ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ފާހަގަވެފައިވޭ،" އިންޓެލް ރިޕޯޓް ތައްޔަރު ކުރި އޮފިސަރު ބުންޏެވެ.

"ތަސްލީމަކީ އައިއީޑީ ހެދުމުގެ މާހިރެއް"

ތަސްލީމަކީ އައިއީޑީ ތައްޔާރު ކުރުމުގެ މާހިރެއް ކަމަށާއި ނަޝީދަށް ހަމަލާ ދޭން ގޮއްވާލި އައިއީޑީ ތައްޔާރުކުރަން އޭނާގެ "އެކްސްޕާޓް އޮޕީނިއަން" ހޯދި ކަމަށް ތަސްލީމާ ގުޅޭ ގޮތުން އިންޓެލިޖެންސް ރިޕޯޓް ތައްޔާރު ކުރި ފުލުސް އޮފިސަރު އިއްޔެ ވަނީ ބުނެފަ އެވެ.

އޮންލައިންކޮށް އިއްޔެ ކުރިއަށް ގެންދިޔަ ޝަރީއަތުގައި، އިންޓެލިޖެންސް ރިޕޯޓް ތައްޔާރު ކުރި ފުލުސް އޮފިސަރުގެ ސަލާމަތަށްޓަކައި އޭނާގެ ހެކިބަސް ނެގީ ކާކުކަން ނޭނގޭ ގޮތަށް ވީޑިއޯ ނުޖައްސައި ހަމައެކަނި އޭނާގެ އަޑު ޝަރީއަތަށް އިވޭ ގޮތަށެވެ. މި ގޮތަށް ހެކިބަސް ނެގީ ދައުލަތުން ވެސް އެ ކަމަށް އެދުމުންނެވެ.

އެކި ގޮތް ގޮތުން ފުލުސް އޮފިސަރު އެއްކުރި މައުލޫމާތުތަކުން ތަސްލީމަކީ 2015 ވަނަ އަހަރުން ފެށިގެން އައިއީޑީ ތައްޔާރު ކުރުމުގެ މެނުއަލްތައް އޮތް މީހެއްކަން އެނގެން އެބަ އޮތް ކަމަށް ބުންޏެވެ. މި ގޮތުން 2017 ވަނަ އަހަރު މާލޭގައި މީހުން އާންމުކޮށް އެއްވެ އުޅޭ ފަސް ތަނެއް ގޮއްވާލުުމަަށްޓަކައި އައިއީޑީތައް ތައްޔާރު ކުރުމުގައި ތަސްލީމް ބައިވެރިވި ކަމާއި އޭގެ މެނުއަލްތައް އޭރު ގެންގުޅުނު ކަމަށް އޮފިސަރު ބުންޏެވެ.

ދެހާސްސަތާރަވަަނަ އަހަރު މާލޭގެ ފަސް ތަނެއް ގޮއްވާލަން އުޅުނު މައްސަލާގައި ތަސްލީމް ހައްޔަރުކުރި


މީގެ އިތުރުން ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި އެހެން ފަރާތްތަކާ ގާތް ގުޅުމެއް ބާއްވަމުން ދިޔަ ކަން ފާހަގަ ކުރެވިފައިވާ ކަމަށް އޮފިސަރު ބުންޏެވެ. އޭގެ ތެރޭގައި އަދުހަމް އަހުމަދާއި، ތަހުމީން އަހުމަދާއި، މުޖާޒް އަހްމަދާއި، އަލީ ހައިޝަމާއި، އިސްހާގައި، ފަހުމީ އަލީއާ ވެސް ތަސްލީމްގެ ގާތް ގުޅުމެއް އޮންނަ ކަމަށް އޮފިސަރު ބުންޏެވެ.

އަދުހަމްއަކީ އައިއީޑީ ކޮންޓްރޯލް ކުރަން ބޭނުންކުރި ރިމޯޓް ހިފައިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވި މީހާ އެވެ. ފަހުމީއަށް ތުހުމަތު ކުރެވެނީ ގޮއްވާލި ސައިކަލުގައި ބޮން ހަރުކުރި ވަގުތު ފާރައަށް ހުރި ކަމަށެވެ. ނާޒިމަށް ތުހުމަތު ކުރެވެނީ އަދުހަމަށް ބޮން ގޮއްވަން ބޭނުން ކުރި ރިމޯޓު ދިން ކަމަށެވެ. އިސްހާގަށް ތުހުމަތު ކުރެވެނީ އެކި ފަހަރު މަތިން ނަޝީދަށް ފާރަލި ކަމަށެވެ. މުޖާޒްގެ މައްޗަށް ދައުވާ ކުރަނީ އައިއީޑީ ގޮއްވާލުމަށްފަހު އަދުހަމް ފިލުވަން މަސައްކަތް ކުރި ކަމެވެ. އަދި ތަހުމީނުގެ މައްޗަށް ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިން ކަމަށްް ތުހުމަތު ކުރެވެ އެވެ.

ޝަރީއަތަށް މިއަދު ހެކިބަސް ދިން އޮފިސަރު އެ މައުލޫމާތުތައް ހޯދި ގޮތަކާ ގުޅޭ ގޮތުން ތަސްލީމްގެ ދިފާއީ ވަކީލު އަހުމަދު ޔާމީން ސުވާލު ކުރުމުން އޭނާ ބުނެފައި ވަނީ އިންޓެލިޖެންސް މައުލޫމާތުތައް ލިބިދޭ ގޮތްތަކާއި އުކުުޅުތައް ކިޔައިދީފިނަމަ ގައުމީ ސަލާމަތަށްް ނުރައްކާވެދާނެ ކަމުގަ އެވެ.

ހެކިވެރިޔާ އެހެން ބުނުމުން ދިފާއީ ވަކީލު ވަނީ ސިއްރު އަޑުުއެހުމެއްގެ ގޮތުގައި ކުރިއަށް ގެންދަން އެދިފަ އެވެ. އެއީ ދިފާއު ބިނާ ކުރުމަށް ޓަކައި، ފުލުސް އޮފިސަރު އެ މައުލޫމާތު ހޯދި ގޮތާއި "މެތޮޑޮލިޖީތައް" މުހިންމު ވާތީ ކަމަށް ދިފާއީ ވަކީލު ވިދާޅުވި އެވެ.

ނަމަވެސް، ދައުލަތުގެ ވަކީލް އަހުމަދު ނައުޝާދު ވިދާޅުވީ، އެ މައުލޫމާތު ހޯދި ގޮތްތައް ގައުމީ ސަލާމަތަށް ނުރައްކާވާ ސަބަބަކީ ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ އަތްމައްޗަށް އެ މައުލޫމާތުތައް އައުން ކަމުގަ އެވެ. އެހެންވެ ސިއްރު އަޑުއެހުމެއްގައި ވެސް އެ މައުލޫމާތުތައް ދިނުމުން ނުރައްކާވާނެ ކަމަށް ނައުޝާދު ވިދާޅުވި އެވެ. ދައުލަތުން އެދުނީ އެ މައުލޫމާތުތައް ދޭން ނުޖެހޭ ގޮތަށް ޝަރީއަތުން ނިންމުމަށެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ދެން އެންގެވީ އޭގައި ގައުމީ ސަލާމަތަށް ނުރައްކާވާނެ މައުލޫމާތުތަކެއް ވެސް ހިމެނޭނެ ކަމަށް އިންޓެލިޖެންސް ރިޕޯޓް ތައްޔާރުކުރި އޮފިސަރު ވެސް ފާހަގަ ކުރާތީ، އޮފިސަރު އެ ކަމަށް ބޭނުން ކުރި އުކުޅުތަކާއި އެ މައުލޫމާތު ހޯދި ގޮތަކާ ގުޅޭ ގޮތުން ސުވާލު ނުކުރުމަށެވެ. އެހެންވެ ދިފާއުން ވެސް އިތުރަކަށް އެ ހެކިވެރިޔާއާ ސުވާލެއް ނުކުރެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ނޫސްވެރިންގެ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރެވޭ ގޮތަށް އޮތް މާއްދާ ހެއްކާ ބެހޭ ބިލުން އުނިކުރުމަށް ނޫސްވެރިންގެ ޖަމިއްޔާ ކަމަށްވާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ބޭފުޅުން މަޖިލީހުގައި އެދުނީ އިއްޔެ އެވެ.
  • ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު ސާފު ފައިދާ އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރަށް ވުރެ 955 ޕަސެންޓު އިތުރުވެފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސަރަހައްދުގައި ޖުމްލަ 70،000 މީހުންގެ އާބާދީއެއް ގާއިމްވާނެ ކަމަށް ލަފާ ކުރެވޭ އިރު، އެ ވަރުގެ އާބާދީއަކަށް ބޭނުންވާ ހުރިހާ ހިދުމަތަކާ އެކު އެތަން ތަރައްގީ ކުރެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ހެއްކާ ބެހޭ ބިލާ ގުޅޭގޮތުން ވާހަކަ ދައްކަމުން މީޑިއާ ކައުންސިލްގެ މެންބަރު މުއިއްޒު އިބްރާހީމް ވިދާޅުވީ:

ނޫސްވެރިން ވެސް ނޫސްވެރިންނާ ހިއްސާ ނުކުރާނެ އެމީހުންގެ ކޮންފިޑެންޝަލް ސޯސްތައް، އެހެން ނޫސްވެރިއަކަށް ވެސް އެކަން އެނގިއްޖިއްޔާ އެ މަސްދަރަށް ކުރިމަތިވެދާނެ ނުރައްކާ ބޮޑުވެދާނެތީ، ދެން ކިިިހިނެއްތޯ ފަނޑިޔާރަކަށް ކޮން މިންގަނޑަކުން އެ ވަޒަން ކުރެވޭނީ،

ދުވަހުގެ ފޮޓޯ

ވީއޭއެމް އެސޯސިއޭޝަން ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން ސިފައިންގެ ކްލަބާއި ވެމްކޯ ބައްދަލުކުރި މެޗުގެ ތެރެއިން ސިފައިންގެ އާދަމް ނަސީމް (އެޑަމް) ހަމަލާއެއް ފޮނުވާލަނީ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ސިފައިންގެ ކްލަބް --- މުހައްމަދު ޝާބިން/އަދަދު