ރާއްޖޭގެ ތާރީހުގައި ވެސް ވެރިޔަކު އަމިއްލައަށް އިސްނަގައިގެން، ބޭރު މީހުންނަށް ބިން ދީގެން ގައުމުގެ ދީނީ ވަހުދަތާއި ސިޔާދަތަށް މިފަދަ ބޮޑު ނުރައްކަލެއް ކުރިމަތިކޮށްފައި ނުވާ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ޖަމީލު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މިފަދަ ނާޒުކު ވަގުތެއްގައި ހަގީގީ އިލްމުވެރިންގެ ދައުރު އަދާކުރުމުގައި އިލްމުވެރިންގެ ގުޅުމުން ދެއްކި ސާބިތުކަމާއި ހިތްވަރަކީ ތައުރީފު ހައްގު ކަމެއްކަމަ ށެވެ.
މިގޮތުން މިއަދު މި ދައްކަނީ އާދައިގެ ވާހަކައެއް ނޫން ކަމަށާއި، ނުވަވަނަ ހަސަން ރަސްގެފާނު ގާފިލުވެ ދީނުގެ ހިދާޔަތުން ބޭރުވެގަތް ފަދައިން، މި ސަރުކާރުން ގައުމު ބޮޑު ނުރައްކަލަކަށް ހުށަހަޅަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުސްނުވާގޮތަށް އާކުރެވޭ ލީޒަކީ ދާއިމީ މިލްކުވެރިކަމެއް. ގައިރު ދީންތަކުގެ މީހުންނަށާ އެހެން ގައުމުތަކުގެ ރައްޔިތުންނަށް މިގޮތަށް ގައުމުން ބިން ދޫކޮށްލުމުގެ އާހިރު ނަތީޖާ ސާފު. ޖީލުތަކެއް ނުދަނީސް މުޅިން އެހެން ނަސްލުތަކާ، ދީންތައް މިފަސް ގަނޑުން މިލްކުވެރިކަން ހޯދައި، މިތަނުން ހުރިހާ ޖާގައެއް ހޯދާނެކަމީ ޝައްކެއް ވެސް އޮތްކަމެއް ނޫން،" ޖަމީލް ވިދާޅުވި އެވެ.
ޖަމީލު ވިދާޅުވީ, މި ގައުމުގެ ސިޔާދަތާއި ދީނީ ވަހުދަތަކީ މާތްﷲ ދިވެހިންނަށް ދެއްވި އެންމެ މަތިވެރި ނިއުމަތް ކަމަށާއި، ކާބަފައިން ލެއިން ދިފާއުކުރީ އެ ނިއުމަތް ކަމަ ށެވެ.
"މި ގައުމުގެ ސިޔާދަތާ، ދީނީ ވަހުދަތަކީ الله ތައާލާ އަހަރެމެން ދިވެހިންނަށް ދެއްވި އެންމެ މަތިވެރި ނިއުމަތް. ކާބަފައިން ލެއިން ދިފާއުކުރީ އެނިއުމަތް. ރައީސް މުއިއްޒު ވެސް މިކަން ގަބޫލުކުރަންވާނެ," ޖަމީލު ވިދާޅުވި އެވެ.
އެ ޕޯސްޓުގައި ޖަމީލު ވަނީ އިތުރަށް ލަސްނުކުރައްވައި، ހުރިހާ ރައްޔިތުންވެސް ގައުމު ދިފާއުކުރުމަށް ނުކުތުމަށް ގޮވާލައްވާފަ އެވެ.
އިދިކޮޅު ސިޔާސީ މީހުންގެ މި ކަންބޮޑުވުންތައް ހުރި ނަމަވެސް، ސަރުކާރުން ބުނަމުން އަންނަނީ ރަސްމާލެ ޕްރޮޖެކްޓަކީ ބޭރުގެ ބަޔަކު ވަޒަންވެރިކުރަން ހިންގާ ޕްރޮޖެކްޓެއް ނޫން ކަމަށެވެ. އަދި މިތަނުގައި ތަރައްގީކުރާ ތަންތަން ގަންނަ މީހުންނަކީ މި ތަނުގައި ދިރިއުޅޭނެ ބަޔެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ
ސަރުކާރުން މިހެން ބުނި ނަމަވެސް ރިއަލް އެސްޓޭޓް ވިޔަފާރި ބިލާއި އިމިގްރޭޝަން ބިލަށް ގެންނަ ބަދަލުތަކާއެކީ މި ތަންތަން ގަންނަ މީހުންނަށް ލިބޭ ވިސާ ބޭނުންކޮށްގެން އެ މީހުންނަށް މި ތަނުގައި ދިގުމުއްދަތަކަށް ދިރިއުޅެން އެއްވެސް ހުރަހެއް ނެތެވެ.








