ރަސްމާލެ ހިއްކައިގެން ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން އަޑުއުފުލަމުންދާ ދަނޑިވަޅެއްގައި، އެއީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކަން މަތީ ބޭއްވުމަށް ޖަހާ މަޅިއެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ވިސްނުމާ ކަނޑައެޅިގެން ދެކޮޅަށް އަނެއްކާ ވެސް ވާހަކަ ދައްކަވައިފި އެވެ.
މި މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެ، ނަޝީދު ގެންދަވަނީ އެކްސްގައި ސިލްސިލާކޮށް ހިޔާލު ފާޅުކުރައްވަމުންނެވެ.
އެމްޑީޕީގެ އަސްލު ފަލްސަފާއަކީ ދުރު ވިސްނުމަކާއި ހުޅުވިފައިވާ ސިޔާސަތުތަކެއް ކަމަށް ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ރައްޔިތުން އެދެނީ ތަނަވަސްކަމާއި ހާސްކަމެއް ނެތް ދިރިއުޅުމަކަށް ކަމަށެވެ. އެމްޑީޕީ އުފެދިގެން އައީ ތިމާގެ ވިސްނުން ނޭފަތު ކުރިއަށް ވުރެ ދުރަށް، އަދި ރަށު ގޮނޑުދޮށާއި އަތޮޅު ދުނީގެ އިތުރުން ރާއްޖޭގެ އިންފާރުން ބޭރަށް ގެންދިއުމަށް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"ރާއްޖޭގެ ތަނަވަސް އާއިލާތަކުގެ ބޭބޭފުޅުން ލަންކާގަޔާއި މާލޭގައި ބިމާއި ގެދޮރު ހުރެމެ، އަދި ދަރިން ވެސް ބޭރު މީހުންނާ ކައިވެނި ކޮށްގެން ބައިތިއްބައިގެން، ތަކާތަކާ ގޮވައިގެން ދިވެހި އާންމު މީހާއަށް ލިބެން އޮތް ތަނަވަސްކަމާއި އުފާ ހުއްޓުވުމަކީ ހުތުރުވެގެންވާ ހީލަތްތެރި ރޭވުމެއް" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު މިކަން ސިފަކުރެއްވީ ރާއްޖެ އަބަދުވެސް ނިކަމެތިކަމުގައި ބާއްވަން ޖަހާފައިވާ މަޅިއެއްގެ ގޮތުގައި އެވެ.
ރަސްމާލެ މަޝްރޫއު އީގަލް ހިލްސްއާ ހަވާލުކުރަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އަދި ރައްޔިތުންގެ ވޯޓަކާ ނުލައި އެއްބަސްވުމުގައި ސޮއިކޮށްފި ނަމަ މުޒާހަރާކޮށް މަޝްރޫއު ހުއްޓުވުމަށް އެ ޕާޓީން ގަރާރެއް ފާސްކުރި އިރު، އެ ނިންމުމާ ދެކޮޅު ހެއްދެވި ހަމައެކަނި ލީޑަރަކީ ނަޝީދެވެ. އެ ބައްދަލުވުމުގައި ވެސް ނަޝީދު ވަކާލާތު ކުރެއްވީ ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތަކަށް ހުރަސްއަޅައިގެން ނުވާނެ ކަމަށެވެ.
އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރުގެ ވިޔަފާރީގެ ތަޖުރިބާއަށް ތައުރީފު ކުރައްވަމުން ނަޝީދު ކުރިން ވިދާޅުވެފައި ވަނީ، ދުނިޔޭގެ އެންމެ އުސް އިމާރާތް ބުރްޖު ހަލީފާ ހެދި ޑިވެލޮޕަރަށް ރަސްމާލެ ހަވާލުކުރުމަކީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، 1،153 ހެކްޓަރުގެ ރަސްމާލޭގެ 500 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް އީގަލް ހިލްސްއާ ހަވާލުކުރަނީ 99 އަހަރަށެވެ. އެކަމަކު އެ ބިމުގައި އެ ކުންފުނިން ތަރައްގީކުރާ ތަންތަން ގަންނަ ބަޔަކަށް ލިބެނީ ތާއަބަދަށް ކަމަށް ރިއަލް އެސްޓޭޓު ވިޔަފާރި ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.







