"ދަރަނި ނުދެއްކި، އިގުތިސޯދަށް ބޮޑު ލޮޅުމެއް އަރާނެ ހާލަތެއް ނުފެނޭ"

ދައުލަތުގެ ދަރަނި އަދި ދަރަނި މެނޭޖްކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން، މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ގަވަރުނަރު އަލީ ހާޝިމް (ކ)، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް (މ) އަދި ފިނޭންސް މިނިސްޓަރު އަމީރު އިއްޔެ މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލިސް

ދައުލަތުގެ ދަރަނި އަދި ދަރަނި މެނޭޖްކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން، މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ގަވަރުނަރު އަލީ ހާޝިމް (ކ)، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް (މ) އަދި ފިނޭންސް މިނިސްޓަރު އަމީރު އިއްޔެ މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލިސް

ދަރަނި އިތުރުވިޔަސް، ރާއްޖޭގެ އިގުތިސޯދީ ހާލަތު ރަނގަޅުވުމާއި ދަރަނި އަދާކުރަން ރާވާ ކަންކަމާއެކު، ދަރަނި ނުދެއްކޭނެ، އަދި އިގުތިސޯދަށް ބޮޑު ލޮޅުމެއް އަރާނެ ހާލަތެއް ނުފެންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.

ދައުލަތުގެ ދަރަންޏާއި ދަރަނި މެނޭޖުކުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން، ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި އެމްއެމްއޭއާއެކު އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ގޮންޖެހުންތަކެއް ހުރި ނަމަވެސް "ކަންކަން ދަނީ ރަނގަޅަށް" ކަމަށެވެ.

ރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުން ދަރަނި ރީސްޓްރަކްޗާ ކުރަންޖެހޭ ކަމަށް ބައެއް ފަރާތްތަކުން ދެކޭއިރު، މަޖިލީހުގެ ކޮމިޓީގައި ފިނޭންސް މިިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރަންޖެހޭ ހާލަތެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެކަން ކުރުމަކީ ދައުލަތަށް ވެސް އަދި ޕްރައިވެޓް ވިޔަފާރިތަކަށް ވެސް ގެއްލުންވާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މިހާތަނަށް އަމަލުކުރީ އާންމު އިންފްރާސްޓަރަކްޗާގެ މަސައްކަތްތައް ނުހުއްޓި މާކެޓް ބަލައިގަންނަ ގޮތަކަށް ދަރަނި މެނޭޖުކުރަން ކަމަށާއި ކުރިއަށް ހުރި ދަރަނިތައް ވެސް އަދާކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އަމީރު ވިދާޅުވި އެވެ.

ދަރަނި އަދާކުރުމަށްޓަކައި ސިޔާސަތު ބަދަލުކުރަންޖެހޭތޯ ނޫންތޯ ބައްލަވާނެ ކަމަށާއި "އެކަމެއް ކުރަން ޖެހިއްޖެ ނަމަ، ކުރުމުގެ ގާބިލްކަން މި ސަރުކާރުގެ އެބަހުރި" ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

މުޅި ދުނިޔެ ފުނޑުފުނޑު ވެގެން ނޫނީ، ލަންކާގެ ހާލަތަށް އިރާދަކުރެއްވިއްޔާ ރާއްޖެ ނުދާނެ." އޭނާ ވިދާޅުވި އެވެ.

ކޮވިޑް ދަތިކަމުން އަރައިގަތުމަށްޓަކައި ރިލީފް ލޯން ގޮތުގައި 1.1 ބިލިއަން ރުފިޔާ ދޫކުރެވުނުއިރު، އިންކަމް ސަޕޯޓްގެ ގޮތުގައި 421 މިލިއަން ރުފިޔާ، ޔުޓިލިޓީ ޑިސްކައުންޓަށް 213 މިލިއަން ރުފިޔާ، އިކޮނޮމިކް ސްޓެމިއުލަސްގެ ގޮތުގައި ބީއެމްއެލް މެދުވެރިކޮށް 617 މިލިއަން ރުފިޔާ ދޫކުރި އެވެ. އޭގެ އިތުރަށް ދައުލަތަށް ދައްކަންޖެހޭ ކުލިތައް ފަސްކޮށް، ޓެކްސް ދެއްކުން ލުއިކޮށް ދިނެވެ.

"މިކަންކަމަކީ ހަގީގަތުގައި 2020 ވަނަ އަހަރު ކުރީމަ މިއަދު މި ހާލަތުގައި އަޅުގަނޑުމެން މިތިބީ،" އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ލަފާކުރާ ގޮތުން "2022 ފަހު ކޮޅުގައި ކޮވިޑް ކުރީގެ އިގުތިސޯދީ ހާލަތަށް ވާސިލްވާނެ" ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ކޮވިޑް މެނޭޖުކުރަން ދަރަނި ނުނެގި ނަމަ މިހާރު މިއޮތް ހާލަތުގައި އިގުތިސޯދު ނޯންނާނެ ކަމަށާއި އިގުތިސޯދާއި އަމިއްލަ ވިޔަފާރިތައް ހަލާކުނުވެ، އަދި ވަޒީފާތައް ގެއްލިގެން ނުދިޔައީ އެ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އޭނާ ފާހަގަ ކުރެއްވެވި އެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން އެޅީ ރަނގަޅު ފިޔަވަޅުތަކެއް ކަމަށް ގަަވަރުނަރު އަލީ ހާޝިމް ވެސް ކޮމިޓީގައި ވިދާޅުވި އެވެ.

އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ހާލަތާ ގުޅޭ ގޮތުން އަސާސެއް ނެތް ވާހަކަ ދެއްކުން

ކޮވިޑާ ގުޅިގެން އިގުތިސޯދަށް އައި ލޮޅުން ކުޑަކުރުމަށްޓަކައި ކުރެވުނު ކަންކަމުގެ ނަތީޖާއާއެކު އިގުތިސޯދު ވަރަށް ރަނގަޅު މިސްރާބަކަށް ދަތުރުކުރަމުން އަންނަ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ގޮންޖެހުންތައް އެބަހުރި ކަމަށާއި ނަމަވެސް އެ ގޮންޖެހުންތަކަށް ވުރެ މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިގުތިސޯދާއި މާލީ ހާލަތާ ގުޅޭ ގޮތުން އަސާސެއް ނެތް ވާހަކަ ފެތުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިވަގުތު އެންމެ ބޮޑު ގޮންޖެހުމެއް ކަމަށް އަޅުގަނޑަށް ފާހަގަ ވަނީ އަސާސެއް ނެތް ގޮތަށް، ގައުމު ބަނގުރޫޓު ވަނީއޭ، ދަރަނި ޑިސްޓްރެސް ހާލަތެއްގައޭ އޮތީ ވިދާޅުވަމުން ދާތީ. ތަފާސްހިސާބު އެއޮތީ ވަރަށް ރަނގަޅަށް ފެންނަން. އަޅުގަނޑުމެން ދަރަނި ނުދެއްކޭ ހާލަތެއްގައެއް ނޫން މިތިބީކީ. ގޮންޖެހުންތައް އެބަހުރި އިނގޭތޯ،" ފައްޔާޒު ވިދާޅުވި އެވެ.

ގައުމު ބަގުރޫޓުވަނީއޭ، ދަރަނި ނުދެއްކޭނެއޭ ބުނެ އަސާސެއް ނެތް ގޮތުގައި ވާހަކަ ދެއްކުމުގެ ނޭދެވޭ އަސަރު ކުރާ ކަމަށާއި އިންވެސްޓުކުރަން ތިބި ފަރާތްތައް ފަހަތަށް ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"މިއީ އެންމެ ބޮޑު ގޮންޖެހުމަކީ އަޅުގަނޑުމެންގެ އިގުތިސޯދަށް މިއަދު އޮތް. އެހެންވީމާ އަޅުގަނޑު އެދެނީ އެ ވާހަކަ ދައްކަވާ ބޭފުޅުން ވެސް ރަނގަޅަށް މި ސްޓެޓިސްޓިކް ބައްލަވައިގެން މިހިރަ ގޮންޖެހުންތަކާ އެއްކޮށް ގައުމު ކުރިއަށް ދެވޭނެ މަގެއް ފަހިކޮށް ދިނުން،" އޭނާ ވިދާޅުވި އެވެ.

ދަރަނީގެ ހާލަތު

މިހާތަނަށް އަމަލުކުރީ އާންމު އިންފްރާސްޓަރަކްޗާގެ މަސައްކަތްތައް ނުހުއްޓި މާކެޓް ބަލައިގަންނަ ގޮތަކަށް ދަރަނި މެނޭޖުކުރަން ކަމަށާއި މި ސަރުކާރާ ހަވާލުވިއިރު އެންމެ ބޮޑު ދަރަންޏަކަށް އޮތީ 250 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑު ކަމަށް އަމީރު ވިދާޅުވި އެވެ. ނަމަވެސް ކޮވިޑްގެ ހާލަތު ކުރިމަތިވުމާއެކު އެފައިސާ ދެއްކުމަށް މާކެޓް ބަލައިގަންނަ ގޮތަށް ކުރެވުނު މަސައްކަތްތަކާއެކު އިތުރަށް ފަސް އަހަރު ހޯދުނު ކަމަށާއި، އަދި އޭޑީއެފްޓީގެ 100 މިލިއަން ޑޮލަރު ދައްކަން އިތުރު 3 އަހަރު ހޯދުނު ކަމަށް އަމީރު ވިދާޅުވި އެވެ.

މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ދަރަނި ހުރީ 98 ބިލިއަން ރުފިޔާގައި ކަމަށާއި، އެއީ ޖީޑީޕީގެ ނިސްބަތުން 113 ޕަސެންޓް ކަމަށް އަމީރު ވިދާޅުވި އެވެ. 2020 ވަނަ އަހަރު އެ ނިސްބަތް 150 ޕަސެންޓަށް އެރި ކަމަށާއި ނަަމަވެސް އިގުތިސޯދު ރަނގަޅުވެ، ދަރަނި މެނޭޖްކުރަން ކުރެވޭ މަސައްކަތްތަކާއެކު ދަރަނި ޖީޑީޕީގެ ނިސްބަތުން ދައްވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރަނި އަދާކުރުމަށްޓަކައި މި ޖޫން މަހު ވެސް 62.35 މިލިއަން ޑޮލަރު ދެއްކިފައިވާ ކަމަށާއި މިއަހަރު ބާކީ މިއޮތް ދުވަސްތަކުގައި 94 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް އަމީރު ވިދާޅުވި އެވެ. އަދި 2026 އަހަރުގައި މިހާރު އޮތް 500 މިލިއަން ޑޮލަރުގެ ސުކޫކާއި އޭޑީއެފްޓީގެ 100 މިލިއަން ޑޮލަރު އަދި އެހެނިހެން ލޯނުތަކާއެކު 600 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދު ދަރަނި އަދާކުރަން ދައްކަން ޖެހޭ ކަމަށް އަމީރު ވިދާޅުވި އެވެ.

"މި ހާލަތު އައީ ބޭނުން ވެގެން ނޫން،" ކޮވިޑާ ގުޅިގެން އިގުތިސޯދު ކޮޅަށް ޖެހުމަށް ދަރަނި ނެގުން ދިފާއު ކުރައްވަމުން އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި، އެއާޕޯޓް ސާވިސް ޗާޖް ބޮޑުކޮށްފައި އޮތުމުން އެ ފަންޑަށް ލިބޭ ފައިސާއިން އެކަނި ވެސް 2026 ގެ ދަަރަނި ދެއްކޭނެ ކަމަށެވެ. ނަމަވެސް، އެ ފައިސާ އެގޮތަށް ހުއްޓަސް އެ ފައިސާ ބޭނުންކޮށްގެން ދަރަނި ދައްކަން ޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި ދަރަނީގެ ބައެއް ރީފައިނޭންސް ކުރުން މާ ރަނގަޅު ކަމަށެވެ.

ދަރަނި ބޮޑުވަމުން ދިއުމާއެކު، މީޑިއަމް ޓާމް ފިސްކަލް އަދި ޑެޓް ސްޓްރެޓެޖީއެއް މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށާއި ދަރަނި ބޮޑުވި ނަމަވެސް، ކޮވިޑާއެކު އުޅުނީ މިހާރަށް ވުރެ ދަތި ހާލަތުގައި ކަމަށާއި އޭރު ވެސް ދަރަނި މެނޭޖްކުރެވުނު ކަމަށް އަމީރު ވިދާޅުވި އެވެ. އެ ނަތީޖާ ދައްކާފައިވާއިރު ސްޓްރެޓެޖީތަކާ އެއްގޮތަށް މަސައްކަތްކޮށްފި ނަމަ ލަންކާގެ ހާލަތަށް ނުދާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

މާލީ ހާލަތު ދައްކަނީ ރަނގަޅަށް، ބަޖެޓްކުރި އާމްދަނީ ލިބޭނެ

އަމީރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމާއި އިގުތިސޯދީ އެހެން ދާއިރާތަކުގެ ވިލުންވެރިކަމުގެ ސަބަބުން ރަނގަޅު ހާލަތު އެބަ ފެންނަ ކަމަށާއި ރަޝިއާގެ ހަނގުރާމައިގެ ސަބަބުން ޓޫރިޒަމް ދައްވާނެ ކަމަށް ބެލެވުނަސް، އެހެން މާކެޓްތައް ރަނގަޅުވުމުން ޓޫރިޒަމް އެރައިވަލް އެވްރެޖްކޮށް އެއް މިނެއްގައި ހިފެހެއްޓޭ ކަމަށް އަމީރު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ޗައިނާ އާއި ޔޫކްރޭނުން ޓޫރިސްޓުން ނާންނައިރު ވެސް ރާއްޖޭގެ ފަތުރުވެރިކަން ހުރީ ވަރަށް ރަނގަޅު މިންވަރެއްގައި ކަމަށެވެ.

"އެރައިވަލްސް ވެސް ދަނީ އިރާދަކުރެއްވިއްޔާ ރަނގަޅަށް. ވަރަށް ނަސީބު ގަދައޭ އަޅުގަނޑު ދަންނަވާނީ މި ހުރިހާ ކަންކަމެއްގެ ތެރޭގައި ވެސް އަޅުގަނޑުމެންގެ ޓޫރިޒަމް ހަމަ ރަނގަޅަށް ކުރިއަރާތީވެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސޯދު ރަނގަޅު ފާލެއްގައި ހުރުމާއެކު މިއަހަރަށް ލަފާކުރި 24 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މިހާތަނަށް 11.1 ބިލިއަން ލިބިފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ. ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓް ކުރެވުނު ފައިސާ ވެސް ލިބޭނެ ކަމުގެ އުއްމީދު އޮތް ކަމަށާއި، ނަމަވެސް އާމްދަނީ އިތުރުކުރަން އަލަށް ފަށަން ބަޖެޓްކުރި ކަންކަން ކުރަން ގޮންޖެހުންތަކެއް ހުރި ކަމަށް އަމީރު ވިދާޅުވި އެވެ. އެކަންކަން ނުހިމަނައި ވެސް ކަނޑައެޅި އާމްދަނީ ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އަމީރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދީގެ ވިޔަފާރިތަކުން ރާއްޖޭގައި އިންވެސްޓްކުރަން އެދިއްޖެ

ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ އިގްތިސާދީ ދާއިރާތަކުން ސައުދީގެ ވިޔަފާރިތަކަށް ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ ބޭނުން ހިފުމަށް ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. ރާއްޖެއަކީ 2040 އަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި ސައުދީއަކީ މުހިންމު ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އެމްއެމްއޭ ރިސާޗު ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއެމްއޭގެ ރިސާޗު ފަންޑުގެ ދަށުން 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ 5 މިލިއަން ރުފިޔާގެ ގްރާންޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި އިދާރާތަކަށް ހުޅުވާލައިފިއެވެ. މި ފަންޑުގެ މައިގަނޑު މަގްސަދަކީ އިގުތިސޯދީ އަދި މާލީ ދާއިރާއިން ގައުމަށް ބޭނުންތެރި އިލްމީ ދިރާސާތަކާއި ފޮތްތައް ލިޔުމަށް ހިތްވަރުދީ މަގުފަހިކޮށްދިނުމެވެ. މި ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހެވެ.

ބޭރު މީހުންނަށް ކުރުން މަނާ ވިޔަފާރިތައް ހުއްޓާލަން އަންގައިފި

ބޭރުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ކުރުން މަނާ ދާއިރާތަކުގައި ހިންގާ ވިޔަފާރިތައް އޮކްޓޫބަރު 8 ގެ ކުރިން ހުއްޓާލުމަށް އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެވެ. މީގެ ތެރޭގައި ހޯލްސޭލް، ރީޓެއިލް އަދި އެކި ބާވަތުގެ ސޭލްސް އޭޖެންޓުންގެ ވިޔަފާރި ހިމެނޭއިރު، މިކަމާ ގުޅޭ އަށް ކުންފުންޏަކުން މިނިސްޓްރީއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މެންބަރުންގެ ހެލްތު އިންޝޫރެންސް ކަނޑާލަން ގިނަ ސޮއިތަކެއް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ ޚާއްސަ ހެލްތު އިންޝޫރެންސް އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން އާސަންދަ އެކަނި ލިބޭގޮތަށް ހެދުމަށް ގޮވާލާ ޕެޓިޝަނެއްގައި 7،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ. މި ޕެޓިޝަނުގައި ބުނެފައިވަނީ ރައްޔިތުންގެ ފައިސާއިން މެންބަރުންނަށް ވަކި ޚާއްސަ އިނާޔަތްތަކެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ޑޮލަރުގެ އަގަށް ބަދަލެއް ނާދޭ، ސިޔާސަތުތައް މަސައްކަތެއް ނުކުރޭ"

ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރަން އެކަށައަޅާ ސިޔާސަތުތަކުން ނަތީޖާއެއް ނުފެންނަ ކަމަށާއި، ބްލެކް މާކެޓުގައި ޑޮލަރުގެ އަގު އަދިވެސް ހުރީ 20-21 ރުފިޔާގައި ކަމަށް ނަޝީދު ވިދާޅުވި. ޑޮލަރުގެ ތާށިކަމުން ތަކެތީގެ އަގު އުފުލި ރައްޔިތުންނަށް ދަތިވަމުންދާއިރު، އާ ގަވާއިދުތަކުގެ ސަބަބުން ވިޔަފާރިތަކަށްވެސް ގެއްލުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި.

އެމްޑީޕީ ކޮންގްރެސްގައި އިންވެސްޓްމަންޓު ފޯރަމެއް

އޮކްޓޫބަރު މަހު ބާއްވާ އެމްޑީޕީ ކޮންގްރެސްގެ ތެރެއިން ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން 100 އަށް ވުރެ ގިނަ ޕްރޮޖެކްޓަށް އިންވެސްޓްކުރުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ހުޅުވާލާނެއެވެ. "ރަށްވެހި ތަރައްގީ" ނަމުގައި ބާއްވާ މި ފޯރަމްގެ މަގްސަދަކީ އެކި ދާއިރާތަކުން އިންވެސްޓްމަންޓްތައް ހޯދައިގެން ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމެވެ.

ނޭވާލާން އުނދަގޫވި މީހަކަށް ފަރުވާދެނިކޮށް ނިޔާވެއްޖެ

ވ. ފުލިދޫގައި ބޭއްވި މޫދު ކްލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވި 39 އަހަރުގެ ބެލެނިވެރިޔަކު، ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައި. މަރުވި މީހާގެ ހަށިގަނޑު މާލެ ގެނެސް މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށްފަހު، ރޭގެ ވަގުތެއްގައި ވަނީ ވަޅުލާފައި.

Newsletter

Get the latest news delivered straight to your inbox