ނިމިދިޔަ ހަފްތާ: އިންތިހާބުގެ ކާމިޔާބަށްފަހު އެމްޑީޕީގެ މުހިންމު ނިންމުންތަކެއް

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިސްކަންދަރު ސްކޫލްގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގެ ތެރެއިން ހުށަހެޅުއްވުމަކަށް އެ މަޖިލީހުގެ މެމްބަރުން ވޯޓު ދެއްވަނީ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިސްކަންދަރު ސްކޫލްގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގެ ތެރެއިން ހުށަހެޅުއްވުމަކަށް އެ މަޖިލީހުގެ މެމްބަރުން ވޯޓު ދެއްވަނީ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ވެރިކަންކުރާ މޯލްޑިވިއަން ޑެމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓު މުހައްމަދު ރާޝިދު ކާމިޔާބު ކުރެއްވީ ނިމިދިޔަ ހަފްތާގަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ރާޝިދާ އެންމެ ބޮޑަށް ވާދަކުރެއްވީ އިދިކޮޅު, ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމެވެ. ނަތީޖާ ދައްކާ ގޮތުން ރާޝިދަށް ލިބިވަޑައިގަތީ 1401 ވޯޓެވެ. ފަތުހީއަށް ލިބިވަޑައިގަތީ 1161 ވޯޓެވެ. ވޯޓުގެ ތަފާތަކީ 240 ވޯޓެވެ. އޭނާ ވަނީ ނިމިދިޔަ ހަފްތާގެ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާ ކުރައްވާފަ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ނުކުރެވުނަސް، މި އިންތިހާބުގައި ނެރެވުނު ނަތީޖާއަކީ އިދިކޮޅު ޕީޕީއެމަށް ވެސް ބޮޑު ކާމިޔާބީއެއް ކަމަށް އެ ޕާޓީން ބުނީ ވެސް މިދިޔަ ހަފްތާގަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު އޭޕްރިލް 16 ގައި އަދި ކޮންގްރެސް އޮގަސްޓް 4 ގައި ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިއްތިފާގުން ފާސްކުރީ ވެސް މިދިޔަ ހަފްތާގަ އެވެ. ހަމައެހެންމެ، އޭޕްރިލް 16 ގައި އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު ބާއްވަން ވެސް ނިމިދިޔަ ހަފްތާގައި ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން، ޕާލިމެންޓްރީ ގްރޫޕުގެ އިންތިހާބު މި މަހުގެ 18 ގައި ބާއްވަން ވެސް ވަނީ ފާސްކޮށްފަ އެވެ.

ސިޓީ ކައުންސިލުން އުމުރު ދުވަހަށް 1000 ޕާކިން ސްލޮޓް މާލެއިން ވިއްކަން ނިންމާފައިވާ ކަމަށް "އަދަދު" އިން ރިޕޯޓްކުރީ ވެސް މިދިޔަ ހަފްތާގަ އެވެ. އެއަށްފަހު އަމާޒުވި ފާޑުކިޔުންތަކާއެކު ކައުންސިލުން ވަނީ އެއީ ޕާކިން މައްސަލަ ހައްލުކުރަން ކުރާ ކަމެއް ކަމަށް ބުނެފަ އެވެ. ނަމަވެސް، އެލްޖީއޭއިން ވަނީ ސްލޮޓްތައް ވިއްކަން މަޑުޖައްސާލަން ކައުންސިލަށް އަންގާފަ އެވެ. އަދި، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އުސޫލުތައް ކަނޑަނާޅައި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ކައުންސިލަށް އަންގާފަ އެވެ.

ހުޅުމާލޭ ބީޗު ފްރަންޓުން 26 ބިން ވިއްކަައިގެން އެޗްޑީސީއަށް މަދުވެގެން 377 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ހިސާބުތަކުން ދެއްކީ ވެސް މިދިޔަ ހަފްތާގަ އެވެ. ޖުމްލަ 211 މީހަކު މި ބިންތަކަށް އަގު ހުށަހެޅި އެވެ. އޭގެ ތެރެއިން އަށް މީހަކު ހުށަހެޅި ބިޑުތައް، އެކި ސަބަބުތަކާ ހުރެ ބާތިލުކުރުމަށް ފަހު އެޗްޑީސީން ބަލައިގަތީ 203 ބިޑެވެ. ބީލަން ކާމިޔާބުކުރީ އަކަފޫޓަކަށް އެންމެ މަތިން އަގު ހުށަހެޅި 26 މީހުންނެވެ.

ސަރުކާރާއި ރައްޔިތުންގެ މަޖިލިހުން ލިބިފައިވާ ބާރުތައް ބޭނުންކޮށްގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުރިހާ ބާރެއް މުށު ތެރެއަށް ލައްވަން މަސައްކަތް ކުރަމުންދާ މައްސަލަ ބަލައިދޭން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލީ ވެސް މިދިޔަ ހަފްތާގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތައް އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި ހުކުމްނުކޮށްފި ނަމަ "ވަކިކުރަން ޖެހޭ ކޮންމެ ބައެއް" ވަކި ކުރާނެކަމުގެ އިންޒާރު ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ރައްޔިތުންގެ މަޖިލީހުގައި ދިނީ ވެސް މިދިޔަ ހަފްތާގަ އެވެ.

އެއާއެކު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިދިޔަ ހަފްތާގައި ނެރުނު ބަޔާނެއްގައި ވަނީ އެ ވާހަކަތައް ކުށްވެރިކޮށް، އެއީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބުނެފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމަށް ކުޑައިމީސްކޮށް، އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވާހަކަ ދެއްކުމުން، އޭނާގެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް އިދިކޮޅުން ބުނީ މިދިޔަ ހަފްތާގަ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މެމްބަރުން އައްޔަނުކުރަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހަޅުއްވާ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވޭނެ ދުވަހެއް ނޭނގޭކަމަށް ރައީސް އޮފީހުން ބުނީ ވެސް ނިމިދިޔަ ހަފްތާގަ އެވެ. އޭސީސީގެ މެމްބަރުންގެ ތެރެއިން އަލީ އަޝްރަފް އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލުގައި މެމްބަރަކު އައްޔަނު ކުރުމަށް ގާނޫނުން ދީފައި އޮތް 60 ދުވަހުގެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބުމުން، އެ ފައިސާ އަނބުރާ ހޯދުމަށްޓަކައި އެ މައްސަލަ ބައިނަލްއަގުވާމީ އާބިޓްރޭޝަނަށް ހުށަހެޅުމަށް ހެލްތު މިނިސްޓްރީން އަދިވެސް ހުށަހަޅާފައި ނުވާ ކަމަށް އެޓާނީ ޖެނެރަލް އޮފީސް (އޭޖީ) އިން ބުނީ ވެސް ނިމިދިޔަ ހަފްތާގަ އެވެ.

ހަފްތާގެ ބައެއް މުހިންމު ހަބަރުތައް

  • އިންޑިއާގެ ޑިޕްލޮމެޓުންނަށް ގޯނާ ކުރިކަން ފުލުހުންގެ ސަމާލުކަމަށް އައުން
  • ރާއްޖެ އެތެރެކުރި ދޫނިތަކެއް މަރާލަން އޭޖީން ލަފާ ދީފައެއް ނުވޭ
  • މޯލްޑިވިއަން އަދި އެމިރޭޓްސް އެމްއޯޔޫއެއްގައި ސޮއިކުރުން
  • ސްޓޫޑެންޓް ލޯނުގެ އެޑްމިިނިސްޓްރޭޓިވް ފީގެ އިންޓްރެސްޓް އެއް ޕަސެންޓަށް ކުޑަކޮށް، ލޯނަށް ހުޅުވާލުން
  • ނަޝީދަށް ދިން ހަމަލާގެ ޝަރީއަތް ލަސްވާތީ އައްބާސްގެ ކަންބޮޑުވުން
  • މަނީ ލޯންޑަރިންގެ ގާނޫނު އިސްލާހު ގެނައުން ހިމެނޭހެން، ޖުމްލަ 36 ބިލެއް ސަރުކާރުން ހުށަހަޅަނީ
  • "އިންޑިއާ އައުޓް" ހުއްޓުވާ ބިލު މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކުރުން

ހަފްތާގެ ހޮވާލެވޭ ބައެއް ލިޔުން

  1. މި ލިޔުމުގައި ފާތިމަތު އަޖުފާން ވަނީ ރާއްޖޭގެ މީހަކާ ކައިވެނިކޮށްގެން އުޅުނު ބަންގްލަދޭޝް އަންހެނަކު އޭނާގެ ފިރިމީހާ ނިޔާވުމުން އަލަތު ދަރިފުޅާއެކު އަނބުރާ ގައުމަށް ދިޔުމަށް ކުރިމަތިވި ގޮންޖެހުންތަކާއި އެ ކަންކަމުގައި ދައުލަތުން ފޯރުކޮށްދިން އެހީތެރިކަން ގެނެސްދީފަ އެވެ.
  2. އއ. އުކުޅަސް މަސްވެރި ރަށަކުން ފަތުރުވެރި ރަށަކަށް ބަދަލުވެ ލޯކަލް ޓޫރިޒަމްގެ ސަބަބުން ވަމުންދާ ފައިދާތައް މި ލިޔުމުގައި މުހައްމަދު ހަމްދޫން ގެނެސްދީފައިވެ އެވެ. އަދި، ރާއްޖޭގެ ނިސްބަތުން ލޯކަލް ޓޫރިޒަމްގައި އުކުޅަސް ފާހަގަކުރެވޭ ސަބަބުތައް ވެސް މި ލިޔުން ކިޔާލުމުން އެނގިގެންދާނެ އެވެ.
  3. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ހަގީގަތުގައި ފެނިފައި އެ އޮތީ އެ ދާއިރާގައި ސިޔާސީ ޕާޓީތަކަށް ތާއީދު އޮތް ގޮތުގެ އެހާ ސާފު މަންޒަރެއް ނޫންކަން މި ލިޔުން މެދުވެރިކޮށް މުހައްމަދު ނަސީމް ގެނެސްދީފައިވެ އެވެ.

ދިރާސާތަކުން ކިޔާލުމަށް

"ރިސާޗް އޮން ވިމެންސް އެކްސެސް ޓު ޖަސްޓިސް އިން ދަ މޯލްޑިވްސް"

މިއީ 2017 ވަނަ އަހަރު ޔޫއެންޑީޕީން އާންމުކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ރާއްޖޭގައި އިންސާފު ހޯދުމަށް އަންހެނުން ކުރަން ޖެހޭ މަސައްކަތްތަކާއި އެކަމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކޮށްފަ އެވެ. މި ދިރާސާގެ ހޯދުންތައް ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަންހެނުންނާއި ކަމާބެހޭ މުއައްސަސާތަކުން މައުލޫމާތު އެއްކޮށްފައިވެ އެވެ. މިއީ ރާއްޖޭގައި މިކަމާ ގުޅޭގޮތުން ކުރި ފުރަތަމަ ދިރާސާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox