ގާނޫނުއަސާސީން ބޭރުގެ ފަރާތްތަކަށް ބިން ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ކަނޑައަޅާފައި ވަނިކޮށް، އެ ހިމާޔަތް ފަހަނައަޅައި ގޮސް "ސަރެންޑާ އެންޑް ރީ-ގްރާންޓް" މޮޑެލް މެދުވެރިކޮށް ތާއަބަދަށް ލީސް އާވާ ގޮތަށް ހަދަން ހުށަހެޅި ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި އެވެ.
ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅުއްވި މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުންނެވެ. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީންނެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި މި ބިލުގެ 89 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ހާއްސަ ޒޯނުގައިވާ އެޕާޓްމަންޓްތަކާއި ޕްރޮޕަޓީތަކުގެ ލީސްހޯލްޑް ބޭރު މީހުންނަށް 99 އަހަރަށް ވިއްކޭނެ ކަމަށެވެ. އަދި ބޭރު މީހަކު މާސްޓާ ޑިވެލޮޕަރުގެ އަތުން ތަނެއް ގަތުމުން، ލިބެނީ ކުރީގެ ލީސްގެ ބާކީ އޮތް މުއްދަތެއް ނޫނެވެ.
އޭގެ ބަދަލުގައި، ކުރީގެ ލީސް ސަރުކާރަށް ދޫކޮށްލުމުން، ގަތް ފަރާތަށް ސީދާ އާ 99 އަހަރުގެ ލީސްއެއް އޮތޯރިޓީން ދޫކުރަން ޖެހޭނެ އެވެ. ބިލުގެ 78 ވަނަ މާއްދާގެ ށ. ގައިވާ ގޮތުން، މާސްޓާ ޑިވެލޮޕަރުގެ މުއްދަތު ހަމަވި ނަމަވެސް އެ ގޮތަށް ދޫކުރާ ލީސް ދެމިއޮންނާނެ އެވެ.
މި މޮޑެލްގެ ދަށުން ގަންނަ ބޭރު މީހުންނަށް އެ ޕްރޮޕަޓީ އެހެން ފަރާތްތަކަށް އަލުން ވިއްކުމާއި، ބޭންކުތަކަށް ރަހުނުކުރުމުގެ ފުރިހަމަ އިހުތިޔާރު ލިބިގެންދެ އެވެ. އެހެންކަމުން މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް ގެނައި އިންތިޒާމެއް ކަމަށް ބެލެވެ އެވެ.
އެކަމަކު ސަރުކާރުން މިކަން ސިފަކުރަނީ މިއީ ރިއަލް އެސްޓޭޓް މާކެޓަށް ގެންނަ ވަރަށް ބޮޑު ލުޔެއްގެ ގޮތުގައި، އަދި ކޮންމެހެން ވެސް ބޭނުންވާ ކަމެއްގެ ގޮތުގައި އެވެ.
ރަސްމާލެ ޕްރޮޖެކްޓަށް އިސްތިސްނާތަކެއް
"ރިއަލް އެސްޓޭޓު ވިޔަފާރި ބިލު" ގެ 159 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވަނީ، ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މާލިއްޔަތު ގަވާއިދުގެ ދަށުން އަމިއްލަ އިސްނެގުމަށް ހުށަހަޅާ ޕްރޮޕޯޒަލެއްގެ ގޮތުގައި އިޖުރާއަތުތައް ފުރިހަމަކޮށްފައިވާ ނަމަ، މާސްޓާ ޑިވެލޮޕްމަންޓް އެއްބަސްވުމެއް ހެދުމުގެ ހުރިހާ ޝަރުތެއް ފުރިހަމަވީ ކަމަށް ބެލެވޭނެ ކަމަށެވެ.
މި މާއްދާ މިހެން އޮތުމުން ބިލު ފާސްވުމުގެ ކުރިން އީގަލް ހިލްސްއާ އެކު ކުރިއަށް ގެންގޮސްފައިވާ މުއާމަލާތްތަކަށް، މި ގާނޫނުގެ ދަށުން ހުއްދަ ލިބިގެންދާނެ އެވެ. މިއީ ސީދާ މި ޕްރޮޖެކްޓަށް ހާއްސަކޮށްގެން ގާނޫނުގެ ތެރެއިން ދިން އިސްތިސްނާއެކެވެ.
އާންމު އުސޫލުން ރިއަލް އެސްޓޭޓު ޒޯނުތައް ހަވާލުކުރެވޭނެ ތިން ގޮތެއް ބިލުގެ 84 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ. އެއީ އާންމުކޮށް އިއުލާނުކޮށްގެން އެންމެ ރަނގަޅު ހުށަހެޅުމަކަށް ދިނުމާއި، އިއުލާނުކުރުމަކާ ނުލައި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރަން އެންމެ އެކަށޭނަ ފަރާތަކަށް ސީދާ ހަވާލުކުރުމުގެ އިތުރުން ދައުލަތުގެ ކުންފުންޏަކަށް ދިނުމެވެ.
މި ގޮތަށް ސަރުކާރަށް ސީދާ ހުށަހެޅުމެއް އައިސްގެން މުސްތަގުބަލުގައި ޕްރޮޖެކްޓެއް ހަވާލުކުރާނެ ނަމަ، އޭސީސީ އާއި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް މައުލޫމާތު ހިއްސާކުރަން ޖެހެއެވެ. ނަމަވެސް އެއީ ކޮން ކަހަލަ މައުލޫމާތެއް ކޮން މިންވަރަކަށް ކަމެއް ބިލުގައި ހިމަނާފައެއް ނެތެވެ.
އިންޓެގްރޭޓެޑް ޒޯންތަކުގެ ޝަރުތުތައް
ރިއަލް އެސްޓޭޓު ވިޔަފާރި ބިލުގެ 76 ވަނަ މާއްދާ އަދި 78 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުގައި، މިފަދަ އިންޓެގްރޭޓެޑް ޒޯނުތަކަކީ މަދުވެގެން 200 ހެކްޓަރުގެ ސަރަހައްދެއް އޮންނަން ޖެހޭ އަދި މަދުވެގެން 1 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ޖެހޭ މަޝްރޫއުތަކެކެވެ.
މި ޒޯނުތައް މާސްޓާ ޑިވެލޮޕަރަކަށް ގިނަވެގެން 99 އަހަރަށް ކުއްޔަށް ދެވޭ އިރު، ދައުލަތަށް ޕްރީމިއަމްގެ ގޮތުގައި އެއްފަހަރާ ދައްކާ އަގެއް ނުވަތަ ވިއްކާ އަދި ކުއްޔަށްދޭ ތަންތަނުގެ އަގުން މަދުވެގެން 10 ޕަސެންޓު ދައްކަން ޖެހެ އެވެ. މިފަދަ ޒޯނުތައް ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު ދީފައި ވަނީ ވަޒީރުގެ ލަފާގެ މަތިން ސީދާ ރައީސުލްޖުމްހޫރިއްޔާއަށެވެ.
މާސްޓާ ޑިވެލޮޕަރަކަށް ސައްތައިން ސައްތަ ބޭރުގެ ކުންފުނިތަކަށާއި ދިވެހި ކުންފުނިތަކަށް ވެސް ވެވިދާނެއެވެ. އަދި އެ ފަރާތްތަކުގެ ކިބައިގައި މާލީ ތަނަވަސްކަމާއި، އުމްރާނީ އަދި ފަންނީ ގާބިލުކަން ހުންނަން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކުރެ އެވެ.
ޒޯނުގައި އެއްވެސް ޕްރޮޕަޓީއެއް ބޭރު މީހުންނަށް ނުވަތަ އާންމުންނަށް ވިއްކުމުގެ ކުރިން، މާސްޓާ ޑިވެލޮޕަރު ވަކި ހިދުމަތްތަކެއް ފުރިހަމަކުރަން ޖެހޭނެ ކަމަށް ބިލުގެ 90 ވަނަ މާއްދާގައި ވަނީ ކަނޑައަޅާފަ އެވެ.
އޭގެ ތެރޭގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމާއި، އެކަށީގެންވާ ވަރަށް މިސްކިތްތައް ބިނާކުރުމާއި، ވިޔަފާރި އަދި މުނިފޫހިފިލުވާ ތަންތަން ގާއިމުކުރުން ހިމެނެއެވެ. އަދި އެތެރޭގެ ދަތުރުފަތުރާއި ރާއްޖޭގެ އެހެން ސަރަހައްދުތަކާ ގުޅުވައިދޭ ދަތުރުފަތުރުގެ ނިޒާމު ވެސް ތަންތަން ވިއްކުމުގެ ކުރިން ގާއިމުކުރުން ލާޒިމުވެ އެވެ.
ވަކިން ރަށްތައް ހިއްކައިގެން ބަނގުރަލާއި އޫރުމަސް ވެސް ވިއްކޭ
މި ބިލުގެ 76 ވަނަ މާއްދާގެ ބ. ގައި ބަޔާންކޮށްފައި ވަނީ، އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުގައި ހިމެނޭ ފަޅުތައް ވަކިން ހިއްކައިގެން ޓޫރިޒަމް ފެސިލިޓީތައް ތަރައްގީކުރެވިދާނެ ކަމަށެވެ. އަދި މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީ ނަމަވެސް، އެފަދަ ތަންތަނުގެ މައްޗަށް ހިނގާނީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގައިވާ އުސޫލުތައް ކަމަށް ބިލުގައި ކަނޑައަޅާފައިވެ އެވެ.
ބިލުގެ 77 ވަނަ މާއްދާގެ ނ. ގެ ދަށުން، ވަކިން ހިއްކާ ރަށްތަކަށް ޓޫރިޒަމް ގާނޫނު ހިނގާތީ، ރާއްޖޭގެ އާންމު ރިސޯޓުތަކެކޭ އެއްފަދައިން އެ ތަންތަނަށް ބަނގުރަލާއި އޫރުމަހުގެ ހުއްދަ ދޭން ހުރަހެެއް ނެތެވެ.
ނަމަވެސް އިންޓެގްރޭޓެޑް ޒޯނުގެ މައިގަނޑު ރިއަލް އެސްޓޭޓް ބައިގައި ބަނގުރަލާއި އޫރުމަސް ބޭނުންކުރުން ބިލުގެ 77 ވަނަ މާއްދާގެ ރ. ގެ ދަށުން ވަނީ ކަނޑައެޅިގެން މަނާކޮށްފަ އެވެ. އެ ތަނުގައި ތަރައްގީކުރާ ތަންތަނަށާއި، ހިންގާ ވިޔަފާރިތަކަށް އަދި ދިރިއުޅޭ އެއްވެސް މީހަކަށް އެފަދަ ތަކެތި އެތެރެކުރުމާއި، ވިއްކުމާއި ބޭނުންކުރުމުގެ އެއްވެސް ހުއްދައެއް ނޯންނާނެ އެވެ.
މިހެންކަމުން ރިއަލް އެސްޓޭޓް ޒޯނުގައި ދިރިއުޅޭ ބޭރުގެ ރައްޔިތުންނަށް ކައިރީގައި ވަކިން ހިއްކާ ޓޫރިޒަމް ރަށްތަކަށް ގޮސް މިކަންކަން ކުރެވޭނެ އެވެ. ރިސޯޓުތަކުގައި މިހާރު ވެސް ޖުވާކުޅުން ފަދަ ކަންކަމަށް މަގުފަހިވާ ވިޔަފާރިތަކާއި ކެސީނޯ ހިންގުން މަނާވުުމުން މި ގާނޫނު ނެތަސް، ރިސޯޓެއް ތަރައްގީކޮށްގެން އެ ފަދަ ހިދުމަތެއް ނުދެވޭނެ އެވެ.
ހަމައެހެންމެ، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުމަކީ މިހާރު ވެސް ގާނޫނުތަކުން ކަނޑައެޅިގެން މަނާ ކަމެކެވެ.








