ދިވެހިރާއްޖޭގެ ބާ ކައުންސިލުން އެކުލަވައިލާފައިވާ ޤާނޫނީ ޑިގްރީގެ މިންގަނޑުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން، ޤާނޫނީ ދާއިރާއިން ކިޔަވާ ދަރިވަރުން އިމްތިހާނު ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށް އެ ކައުންސިލުން ހާމަކޮށްފި އެވެ.
ބާ ކައުންސިލުން މިކަން ހާމަކުރީ "މިނިމަމް ސްޓޭންޑަރޑްސް އޮން އެންޓްރީ ކްރައިޓީރިއާ، ޕްރިސްކްރައިބްޑް ލާނިން އައުޓްކަމްސް އެންޑް ސްޓޭޓްމަންޓް އޮފް ޕްރިސްކްރައިބްޑް ނޮލެޖް ފޮރ ކޮލިފައިންގ ލޯ ޑިގްރީސް" އަށް ގެނެވުނު ދެވަނަ އިސްލާހާ ގުޅޭގޮތުން މައުލޫމާތު ދެމުންނެވެ.
މި އިސްލާހަށް އަމަލުކުރާނީ އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.އައު އުސޫލުގެ ދަށުން ކޮލިފައިން ލޯ ޑިގްރީ ޕްރޮގްރާމްތަކުގެ އިމްތިހާނުތައް މަރުކަޒުތަކަށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ލާޒިމުކުރި ނަމަވެސް، މީގެ މާނައަކީ ދަރިވަރުން ވަކި ރަށަކަށް ދަތުރުކުރުން ނޫން ކަމަށް ބާ ކައުންސިލުން ބުނެ އެވެ.
އެގޮތުން ދަރިވަރުން ދިރިއުޅޭ ރަށުގައި ތިބެގެން އިމްތިހަނު ހެދޭނެ މަގުފަހިކޮށްދިނުމަށްޓަކައި، އެ ރަށެއްގެ ސްކޫލް ނުވަތަ ރަށު ކައުންސިލްގެ އިދާރާ މެދުވެރިކޮށް އިމްތިހަނުތައް ކުރިއަށް ގެންދިއުމުގެ އިހުތިޔާރު ގަނޫނީ ތަޢުލީމުދޭ މަރުކަޒުތަކަށް ވަނީ ދީފަ އެވެ.
ބާ ކައުންސިލުން ފާހަގަކުރި ގޮތުގައި މި އިސްލާހުގެ ސަބަބުން ބަދަލުވެގެންދަނީ ހަމައެކަނި އިމްތިހާނު ހަދާ ގޮތެވެ. ކޯހުގެ މަންހަޖަށާއި، ކިޔަވައިދޭ މާއްދާތަކަށް، އަދި ކިޔަވައިދިނުމުގެ މުއްދަތަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.
ބާ ކައުންސިލުގެ ޙުއްދަ ލިބިފައިވާ ކޯސްތަކުގެ ކްލާސްތައް އޮންލައިންކޮށް ހިންގުމަށް އެއްވެސް ހުރަހެއް ނެތްއިރު، ދަރިވަރުން މިހާތަނަށް ހާސިލުކޮށްފައިވާ ކްރެޑިޓްތަކަށްވެސް އެއްވެސް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން އެ ކައުންސިލުން ވަނީ ދީފަ އެވެ.
ޤާނޫނީ ވަކީލުކަމުގެ ފަންނަކީ ރައްޔިތުންގެ ޙައްޤުތަކާ ސީދާ ގުޅިފައިވާ ޒިންމާދާރު ދާއިރާއަކަށް ވާތީ، މި ދާއިރާއަށް ނުކުންނަ ފަރާތްތަކަކީ ފެންވަރު ރަނގަޅު ތައުލީމާއި ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ބާ ކައުންސިލުން ބުނެ އެވެ.







