ވެންޓިލޭޓަރަށްވާ ފައިސާ ހޯދަން ހެލްތުން އަދިވެސް އާބިޓްރޭޝަނަށް ނުދޭ!

ހެލްތު މިނިސްޓަރު (ވ) އަދި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު (ކ) ޕްރެސްއެއް ދެއްވަނިކޮށް: ހަ މަސް ވެގެން ދިޔައިރުވެސް ވެންޓިލޭޓަރު މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައި ނުވޭ -- ފޮޓޯ: ރައީސް އޮފީސް

ހެލްތު މިނިސްޓަރު (ވ) އަދި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު (ކ) ޕްރެސްއެއް ދެއްވަނިކޮށް: ހަ މަސް ވެގެން ދިޔައިރުވެސް ވެންޓިލޭޓަރު މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައި ނުވޭ -- ފޮޓޯ: ރައީސް އޮފީސް

ކޮވިޑާ ގުޅިގެން ސަރުކާރުން ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބުމުން، އެ ފައިސާ އަނބުރާ ހޯދުމަށްޓަކައި އެ މައްސަލަ ބައިނަލްއަގުވާމީ އާބިޓްރޭޝަނަށް ހުށަހެޅުމަށް ހެލްތު މިނިސްޓްރީން އަދިވެސް ހުށަހަޅާފައި ނުވާ ކަމަށް އެޓާނީ ޖެނެރަލް އޮފީސް (އޭޖީ) އިން ބުނެފި އެވެ.

ގާތްގަނޑަކަށް މީގެ ދެ އަހަރު ކުރިން އެޕްރީލް 2، 2020 ގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ 30.91 މިލިއަން ރުފިޔާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. ނަމަވެސް، މިހާތަނަށް ރާއްޖެ ފޮނުވީ ޖުމްލަ 15 ވެންޓިލޭޓަރެވެ. އެކަމާއި ގުޅިގެން އެތައް މުއާމަލާތްތަކެއް ކުރުމަށް ފަހު ވެސް ބާކީ 60 ވެންޓިލޭޓަރު އެ ކުންފުނިން ނުފޮނުވަ އެވެ.

އެހެންވެ، މިދިޔަ އަހަރުގެ އޭޕްރީލް މަހު ސަރުކާރުން ނިންމީ އެ ފައިސާ އަނބުރާ ހޯދުމުގެ އިތުރުން އެ މައްސަލާގައި ޖިނާއީ ކުށެއް ވާނަމަ އެކަން ބަލައި ފިޔަވަޅު އެޅުމަށް ވަކާލާތު ކުރުމަށެވެ. އެއީ މައްސަލަ ދިވެހި ސަރުކާރާ އެއްކޮޅަށް ނިމިއްޖެނަމަ ބައިނަލްއަގުވާމީ ޓްރީޓީތަކުން މަސައްކަތްތަކެއް ކުރެވޭނެތީ އެވެ.

އެގޮތުގެ މަތިން މިދިޔަ އަހަރުގެ އެ ކުންފުންޏާއެކު ވީ އެއްބަސްވުން ބާތިލްކުރަން، ސަރުކާރުން ވަނީ ނޯޓިސް ފޮނުވައިފަ އެވެ. ނަމަވެސް، ހެލްތު މިނިސްޓްރީން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު، އެ މައްސަލާގައި އާބިޓްރޭޝަނަށް ދާން އެ މިނިސްޓްރީން އޭޖީ އޮފީހަށް ހުށަހަޅާފައި ނުވާ ކަމަށް އޭޖީ އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު، ހުސެއިން ހަސަން "އަދަދު" އަށް ވިދާޅުވި އެވެ.

"ވެންޓިލޭޓަރު މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމުގެ ކުރިން ފައިސާ ހޯދުމަށް މަސައްކަތްކޮށް، އާބިޓްރޭޝަނަށް ހުށަހެޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން ނިންމައި، މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ހެލްތު މިނިސްޓްރީން މި އޮފީހަށް އަދި ހުށަހަޅާފައެއް ނުވޭ،" ހުސެއިން ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީއިން ބުނާ ގޮތުގައި އެގްޒެކިއުޓާސްއާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު ވެސް އަމަލު ކުރަން ޖެހޭ ގޮތްތަކެއް ހުރެ އެވެ. އެގޮތުން، އެ މައްސަލާގައި ވާހަކަ ދެއްކުމަށް އެ ކުންފުންޏާ އެކު ބައްދަލުވުމެއް ނުބޭއްވިގެން އުޅޭ ކަމަށް ހެލްތުން ބުންޏެވެ.

އެ މައްސަލާގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން ވާހަކަ ދައްކަވަން ބޭނުން ނުވި އެވެ. ވެންޓިލޭޓަރު މައްސަލަ ކުރިއަށްދަނީ އޭނާގެ ބެއްލެވުމުގެ ދަށުންނެވެ.

އެއްބަސްވީ 29 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ފޮނުވަން

އެގްޒެކިއުޓާސް އާއި ހެލްތު މިނިސްޓްރީއާ ދެމެދު އެއްބަސްވެފައި އޮތީ އެޑްވާންސް ޕޭމަންޓް ދައްކާތާ 29 ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދޭށެވެ. އެ މުއްދަތުގައި ވެންޓިލޭޓަރުތައް ފޯރުކޮށްނުދީފި ނަަމަ ބާތިލްކުރެވޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި ވެއެވެ.

އެގްޒެކިއުޓާސް އަށް އެޑްވާންސްކޮށް ދެއްކި ފައިސާ އާއި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށްނުދިނުމުން ލިބިފައިވާ ގެއްލުމުގެ ބަދަލު ނުދައްކައިފި ނަމަ އާބިޓްރޭޝަނަށް ދާން ސަރުކާރުން ނިންމި އެވެ.

ރާއްޖެ އާއި ޔޫއޭއީ އަކީ "ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސް،" ނިއުޔޯކް ކޮންވެންޝަންގެ ބައިވެރިން ކަމުގައި ވާތީ، އެ އާބިޓްރޭޝަން ހިންގަން ނިންމާފައި ވަނީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގަ އެވެ.

އެއީ އެ މުއާހަދާގައި ބައިވެރިވެފައިވާ 168 ގައުމުގެ ތެރެއިން ކޮންމެ ގައުމެއްގައި ހިންގާ އާބިޓްރޭޝަނަކުން ނިންމާ ނިންމުމެއް ވެސް އެ މުއާހަދާގެ އެހެން މެމްބަރު ގައުމެއްގައި ތަންފީޒުކުރެވޭނެތީ އެވެ.

ވެންޓިލޭޓަރު މައްސަލާގައި އަދިވެސް ދައުވާ ނުކުރެވޭ

ވެންޓިލޭޓަރުތައް ނުލިބި އެއްބަސްވުން ބާތިލްކުރަން ޖެހުނުއިރު، މިކަމުގައި ހިޔާނާތް ހިންގި ކަމުގެ ތުހުމަތުގައި އޭސީސީން ދައުވާކުރަން ފޮނުވީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާ ގޮތުން އެ މިނިސްޓްރީގެ 10 މީހެއްގެ މައްޗަށެވެ.

އޭސީސީން ބުނެފައިވާ ގޮތުގައި، ދައުވާ ކުރަން ފޮނުވީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފުވެ، ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ތަހުގީގަށް ސާބިތުވާތީ އެވެ.

އެކަމަކު އެ މައްސަލައަކީ ކަންހިނގާފައިވާ ގޮތަށް ބަލާއިރު ޖިނާއީ ކުށެއްގެ އުންސުރުތައް ހަމަވާ މައްސަލައެއް ކަމަށް ނުފެންނާތީ އެ މައްސަލައިގައި ޕީޖީ އޮފީހުން ފުރަތަމަ ނިންމީ ދައުވާ ނުކުރުމަށެވެ. ނަމަވެސް, އޭސީސީން އެ މައްސަލަ އިތުރަށް ތަހުގީގުކޮށް ބައެއް ކަންކަން އިތުރު ކުރުމަށްފަހު ދައުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމުން ބައެއް ކަންކަން އިސްލާހު ކުރުމަށް އަނެއްކާވެސް ފޮނުވާލި އެވެ.

އެގޮތަށް އެ މައްސަލަ އަނބުރާ އޭސީސީއަށް ތަފާތު ތިން ފަހަރެއްގެ މަތިން ފޮނުވާލި އެވެ.

އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވުމަށް 34 މިލިއަން ރުފިޔާގެ ބިޑެއް ހުށަހެޅުމުން މާލިއްޔަތު ގާވައިދާ ހިލާފަށް އެއްބަސްވުމުގައި ސޮއިނުކޮށް 30 މިލިއަން ރުފިޔާ، އެ ކުންފުންޏަށް ދޫކުރި އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފައިވާއިރު އެފަދަ ލަފައެއް ދީފައިނުވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox