ދަން ޖައްސައިގެން މަރުގެ އަދަބު ތަންފީޒު ކުރާ ގޮތަށް އޮތް ބިލު ބަލައިގެންފި

ގިސޯސް ހިފުމަށް ގާނޫނުލް އުގޫބާތުގައި ލިޔެވިފައި އޮތް ނަމަވެސް މަރުގެ އަދަބު ތަންފީޒުނުކުރާ ކަން ދައްކުވައިދޭ އާޓް ވޯކެއް - ގްރެފިކްސް: ރައްޔާން މުހައްމަދު / އަދަދު

ގިސޯސް ހިފުމަށް ގާނޫނުލް އުގޫބާތުގައި ލިޔެވިފައި އޮތް ނަމަވެސް މަރުގެ އަދަބު ތަންފީޒުނުކުރާ ކަން ދައްކުވައިދޭ އާޓް ވޯކެއް - ގްރެފިކްސް: ރައްޔާން މުހައްމަދު / އަދަދު

މަރުގެ އަދަބު ތަންފީޒުކުރާނީ ކުށްވެރިޔާގެ ފުރާނަ ނެތިކޮށްލުމަށްޓަކައި އޭނާގެ ކަރުގައި މަޅިއެއް އަޅުވައި ބާރުކުރުމަށްފަހު، އެ މަޅީގައި އޭނާ އެލޭނެ ގޮތަށް ދަންޖައްސައިގެން ބަޔާންކޮށްފައިވާ މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ބިލު މިއަދު މަޖިލީހަށް ބަލައިގެންފި އެވެ. 

ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހުށަހެޅުއްވި ބިލު މަޖިލީހަށް ބަލައިގަތީ 56 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލު ދިރާސާކުރަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީންނެވެ. 

ބިލުގައި ބުނެފައިވާ ގޮތުން ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި ބޭނުންކުރާ އާލަތްތަކާއި ތަކެތި، އަދި އެކަން ކުރާނެ ގޮތް، އެއީ، ކުށްވެރިޔާއަށް އެންމެ ވޭން ކުޑަވާނެ ގޮތަކަށް އަދި ވީއެންމެ އަވަހަކަށް އަދަބު ތަންފީޒުކުރެވޭނެ އާލާތްތަކާއި ތަކެއްްޗަށް އަދި ގޮތަކަށް ކަމުގައި ވާންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. 

މިގޮތުން ދަންޖެއްސުމަށް ބޭނުންކުރެވޭ ތަކެއްޗާއި، އާލާތްތަކާއި، ދަންޖެއްސުމުގެ ތަފްސީލީ އުސޫލުތަކާއި އިޖުރާއަތްތައް މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކުރަން ޖެހޭނެ އެވެ. 

ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުމާއެކު އަދި ވާރިސުންގެވެސް ރުހުމާއެކު ކުށްވެރިޔާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކަންކަން ހިންގާ ބަލަހައްޓާނީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޕެނަލަކުންނެވެ. އެ ޕެނަލް ކޮންމެ މައްސަލައަކަށް ވަކިން އެކުލަވާލާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިންނެވެ. 

ހަތް މެންބަރުންގެ ޕެނަލްގައި ތިބޭ މެންބަރުން:

  1. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނާ އޮފް ޕްރިޒަންސް އައްޔަންކުރާ އޮފިސަރެއް.
  2. ދިވެހި ފުލުހުންގެ އިސް އޮފިސަރެއްގެ ތެރެއިން ކޮމިޝަނާ އޮފް ޕޮލިސް އައްޔަންކުރާ އޮފިސަރެއް.
  3. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕްރޮސެކިއުޓަރުންގެ ތެރެއިން ޕްރޮސެކިއުޓާ ޖެނެރަލް އައްޔަންކުރާ ޕްރޮސެކިއުޓަރެއް.
  4. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރެއް.
  5. މެޑިކަލް ޑޮކްޓަރުންގެ ތެރެއިން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން އައްޔަންކުރާ ޑޮކްޓަރެއް.
  6. ސުޕްރީމް ކޯޓުން ކަނޑައަޅާ ފަރާތެއް.
  7. ދިވެހިރާއްޖޭައި ދީނީ ތަގްރީރުކުރުމާއި ދީނީ ނަސޭހަތް ދިނުމަށް ހުއްދަ ލިބިފައިވާ މީހުންގެ ތެރެއިން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައަޅާ ފަރާތެއް.

މަރުގެ އަދަބު ތަންފީޒުނުކުރެވޭނެ ގިނަ ހާލަތްތަކެއްވެސް ބިލުގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ކުށްވެރިޔާ ބަލިވެ އިނދެއްޖެނަމަ، އޭނާ ވިހައި، ގަދަވެ، އޭނާގެ ދަރިފުޅުގެ އުމުރު ދެ އަހަރު ފުރެންދެން އަދި ކުށްވެރިޔާއަކީ އަންހެނެއް ކަމުގައިވާނަމަ، އޭނާގެ ތުއްތު ދަރިފުޅުގެ އުމުރުން ދެ އަހަރު ފުރެންދެން ވެސް މަޑުކުރަން ޖެހެ އެވެ. 

އަދަބު ކަނޑައެޅިގެންދިޔަ ހުކުމް މުރާޖައާކުރުމަށް، ކުށްވެރިޔާގެ ފަރާތުން ހުށަހަޅާފައިވާނަމަ، މުރާޖައާގެ މައްސަލައާމެދު ކޯޓުން ކަނޑައެޅެންދެން އަދި މަރުގެ އަދަބު ތަންފީޒުކުރުން ފަސްކުރުމާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާނަމަ، އެ މައްސަލައަކާމެދު މި ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅެންދެން އަދަބު ތަންފީޒު ނުކުރެވެ އެވެ. 

މީގެއިތުރުން ކުށްވެރިޔާގެ ސިއްހީ ހާލަތު އެކަށީގެންވާ މިންވަރަށްވުރެ ދަށްވެފައިވާނަމަ، އެ ހާލަތު ބަދަލުވެ، ސިއްހަތު ރަނގަޅުވަންދެން އަދި ކުށްވެރިޔާގެ ނަފްސާނީ ހާލަތު އެކަށީގެންވާ މިންވަރަށްވުރެ ދަށްވެފައިވާނަމަ، އެ ހާލަތު ބަދަލުވެ، ސިއްހަތު ރަނގަޅުވަންދެން އަދަބު ތަންފީޒެއް ނުކުރެވެ އެވެ. 

މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ މަރުގެ މައްސަލަތަކުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގަ އެވެ. 

މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ ތެރެއިން ވަކި ބަރުދަނެއް ހަމަވާ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން ހުކުމް ކުރާ ހާލަތުގައި ޑްރަގުގެ ބޮޑުންނަށް މަރުގެ އަދަބު ދިނުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް މި ސަރުކާރުން ވަނީ ބަދަލު ގެނެސްފަ އެވެ.

މަރުގެ އަދަބު ދެވޭ ހާލަތުތައް

  • 350 ގްރާމަށް ވުރެ އިތުރަށް ކެނަބިސް ޓްރެފިކް ކުރުން
  • 250 ގްރާމާށް ވުރެ އިތުރަށް ޑައިމޯފިން ޓްރެފިކް ކުރުން
  • 100 ގްރާމަށް ވުރެ އިތުރަށް ޖަދުވަލު 1 ގައި ވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުން

ރާއްޖޭގައި 1954 ވަނަ އަހަރުގެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައި ނުވެ އެވެ. އަދި 2024 ވަނަ އަހަރުގެ ނިޔަލަށް ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނިމި މަރުގެ އަދަބު ދޭ ހިސާބުގައި ހަތަރު މީހަކު ތިބި ކަމަށް ސަރުކާރުން 2024 ވަނަ އަހަރު ހާމަކުރި އެވެ.

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެންނަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ނިންމި އެވެ. އެހެން ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ސިޔާސަތު 2018 ގައި ބަދަލުކުރި އެވެ.

މަރުގެ އަދަބު ތަންފީޒު ކުރަން ކުރިން ވަކާލާތު ކުރެއްވި ނަމަވެސް، ޝަރުއީ ދާއިރާއަށް އިތުބާރު ނެތުމުން އެކަމަށް މިހާރު ތާއިދު ނުކުރައްވާ ކަމަށް ޔާމީން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

އިހުތިރާމް ކެމްޕެއިންގެ ލޯންޗިންއަށް ހިނގި ހަރަދު ހާމަނުކުރި

ސަރުކާރުން ފެށި "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތަށް ހިނގި ހަރަދުގެ ތަފްސީލް ހާމަކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް، އެ މައުލޫމާތު މިހާތަނަށް ހާމަކޮށްފައެއް ނުވޭ. ސިވިލް ސާވަންޓުން ބައިވެރިވުން މަޖުބޫރުކޮށްގެން ބޭއްވި މި ހަރަކާތަށް ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ބެލެވޭ.

Newsletter

Get the latest news delivered straight to your inbox