އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ރިކަރަންޓު ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކުރާނެ ފައިސާއެއް ހިމަނާފައި ނެތް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މިއަދު ކުރިއަށްދިޔަ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން ޝާކިރު ބަޖެޓު ސިފަކުރެއްވީ ބިލާހެއްގެ ގޮތުގަ އެވެ. މިހާރު ހުށަހަޅާފައި އޮތް ބަޖެޓުގައި ވެސް އޮތީ ލޯނު މައްޗަށް ލޯނު ނަގައިގެން ދަރަނި އިތުރުވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ދައުލަތަށް ލިބޭ އާމްދަނީގެ 99 އިންސައްތަ، 99 އިންސައްތަ ރިކަރެންޓް ހަރަދަށް މި ހަރަދުކުރަނީ. އެއް ޕަސެންޓު ވެސް ނެތް، ނެތް އެހެން އެއްވެސް އެއްވެސް ތަރައްޤީއެއް، އެއްވެސްކަމެއް ކުރާކަށް ލާރިއެއް. ދެން އަނެއްކާވެސް މިހާރު ހަމަ ކޮންމެ ޕްރޮޖެކްޓެއް ހިންގަން ވެސް މި ޖެހެނީ އަނެއްކާވެސް ދަރަނި ނަގަން،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުތަކުން ޒިންމާ ނަގަން ޖެހޭ ކަމަށް މި ސަރުކާރުން ބުނަމުންދިޔަ ނަމަވެސް މިދިޔަ ތިން އަހަރުގެ ބަޖެޓުން ވެސް އެއްވެސް ހައްލެއް ހޯދުމަށް ޕީއެންސީގެ ސަރުކާރުން މަސައްކަތްކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރު ކުންފުނިތަކުން ކުރަމުންދާ ހަރަދުތަކާ މެދު ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"މި ކުންފުނިތަކަކީ ކޮންކަމެއް ކުރާ ކުންފުނިތަކެއްތޯ؟ ގިނަ ކުންފުނިތަކަކީ ހަމަ ބްލީޑްވަމުން ގޮސްފައި ހަމަ ލޮސް މޭކުކުރަމުންދާ ކުންފުނިތައް. މި ކުންފުނިތަކުން ކޮންކަމެއްތޯ ކުރަނީ؟ އެހެންވީމާ އެއީ ވަރަށް އަޅުގަނޑަށް ހަމަ ގިސްލާފައި ރޮވޭ ކަހަލަ ކަމެއް އިނގޭތޯ. ޓްރާންސްފާގެ ގޮތުގައި، ސަބްސިޑީސްގެ ގޮތުގައި ފަސް ބިލިއަން ކުންފުނިތަކަށް ފަސް ބިލިއަން އެބަހުރި،" ޝާކިރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މަޖިލީހަށް ހުށަހެޅުއްވީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މި އަހަރަށް ފާސްކުރި 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅައިބަލާއިރު ގާތްގަނޑަކަށް 4.5 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.
ޖުމްލަ ބަޖެޓު ކުޑަވި ނަމަވެސް، އަންނަ އަހަރު ދައުލަތުގެ ހަރަދުތައް 52.6 ބިލިއަން ރުފިޔާއަށް އަރައި، މި އަހަރަށް ވުރެ 3.3 ބިލިއަން ރުފިޔާ އިތުރުވާނެ އެވެ. މީގެ ތެރެއިން ސަރުކާރު ހިންގުމުގެ ރިކަރަންޓު ހަރަދު 42.7 ބިލިއަން ރުފިޔާގައި ހިފެހެއްޓުމަށް ބަޖެޓުކޮށްފައިވާއިރު، ތަރައްގީގެ މަޝްރޫއުތަކުގެ ހަރަދު ވަނީ 9.9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ހަރަދުތައް ބޮޑުވުމުގެ ސަބަބުން އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓު 9.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. މިއީ މި އަހަރު ނިމޭއިރު ޑެފިސިޓު ހުންނާނެ ކަމަށް ލަފާކުރާ އަދަދަށް ވުރެ 25 އިންސައްތައިގެ އިތުރުވުމެކެވެ.







