ނޫހެއްގެ ސުރުހީއެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ތިން ވަނަ ކުއާޓަރުގެ ކާމިޔާބީ އެއް ޖުމްލައިން ސިފަކޮށްފައި ވަނީ، "މިއީ ބީއެމްއެލްގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ނުވަ މަސް ދުވަސް" ކަމަށެވެ.
މި ސުރުހީގައި ބުނާ ގޮތަށް، ބީއެމްއެލްއިން ވަނީ މި ވޭތުވި ނުވަ މަސް ދުވަހުގެ ތެރޭގައި ސާފު ފައިދާގެ 1.9 ބިލިއަން ރުފިޔާ ހޯދާފަ އެވެ. މިއީ އެއްވެސް އަހަރެއްގެ މި މުއްދަތުގެ ތެރޭގައި އެ ބޭންކަށް ލިބުނު އެންމެ ބޮޑު ފައިދާ އެވެ.
ފައިދާ އެކަންޏެއް ނޫނެވެ. ބީއެމްއެލްގެ ޖުމްލަ އެސެޓު ވަނީ 65.6 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އެ ބޭންކުން ދޫކޮށްފައި ހުރި ލޯނުތައް ވަނީ 32.9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި، ބޭންކުގެ ކެޕިޓަލް އެޑިކުއަސީ ހުރީ ރެގިއުލޭޓަރީ މިންގަނޑުތަކުގައި ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށް ވުރެ ތިން ގުނަ އިތުރަށް، 38 ޕަސެންޓުގައި އެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވަނީ މި ހިނގާ 2026 ވެގެން ދާނީ "ބޭންކުގެ ތާރީހުގައި ވެސް އެންމެ ވަރުގަދަ އަހަރަށް" ކަމަށެވެ.
ޝަރީފު އެ ވިދާޅުވާ ގޮތަށް، ބެލެންސް ޝީޓުގައި ހުރި އަދަތަކުން ފެންނަނީ ބީއެމްއެލްއިން ރެކޯޑު ފައިދާއަކަށް މިސްރާބު ޖަހާފައިވާ މަންޒަރެވެ. ނަމަވެސް މިއީ ފުރިހަމަ ހަގީގަތެއް ނޫނެވެ. ބީއެމްއެލްގެ ބޮޑު ކާމިޔާބު ލިޔެފައި ހުރި ރިޕޯޓުގެ އުސްއަލިތަކުގެ ނިވަލުގައި، ކަންބޮޑުވާން ޖެހޭ ކަންކަން ވެސް އެބަހުއްޓެވެ.
އެ ބޭންކުގެ ޑިޕޮސިޓު އިތުރުވާ ވަރަށް ވުރެ ދެ ގުނަ އަވަސް ދުވެއްޔެއްގައި ލޯނު ދޫކުރާ މިންވަރު ދަނީ މަތިވަމުންނެވެ. ވޭތުވެ ދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އޭ ބޭންކުން ނަގާފައިވާ ލޯނުތައް ތިން ގުނައާ ގާތްކުރާ އަދަދަކަށް އިތުރު ވެއްޖެ އެވެ. އަދި، އެ ބޭންކުގައި ހުރި ނަގުދު ފައިސާ، ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ދަށަށް ގޮސްފި އެވެ.
ނުވީތާކަށް، ބީއެމްއެލްގެ ކަސްޓަމަރުން މުޅި އަހަރު މި ނިންމާލަނީ އެ މީހުން އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ޑޮލަރު ހިފަހައްޓައި، ކޮންޓްރޯލްކޮށްފައި އޮތުމުގެ މާޔޫސްކަމުގެ ތެރޭގަ އެވެ.
ޑޮލަރު ލިމިޓުތަކުގައި ކަސްޓަމަރުން ފިތިބާރު
ބީއެމްއެލްއިން ބުނާ ގޮތުގައި އެ ބޭންކަށް މިހާރު ދިމާވެގެން އުޅޭ ޑޮލަރު ތާށިކަމުގެ ފެށުމަކީ މެދުއިރުމަތީގައި އިރާނާ ދެކޮޅަށް ފެށި ހަނގުރާމަ އެވެ. މާޗު ބޯމަތިވެފައި އޮއްވާ ފެށި މި ހަނގުރާމައިގެ އަސަރު ރާއްޖެއަށް ފޯރީ ވަގުތުންވަގުތަށެވެ.
މެދުއިރުމައްޗަަކީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ތިން ބައި ކުޅަ އެއް ބައި ޓޫރިސްޓުން ދަތުރު ފަށާ ނޫނީ ޓްރާންސިޓުވާ އެއާލައިންތަކާއި އެއާޕޯޓުތައް ހުންނަ ސަރަހައްދެވެ. މި އެއާޕޯޓުތައް ބަންދުކޮށް، އެއާލައިންތަކުން ދަތުރުތައް ހުއްޓާލުމުން، ރާއްޖެ އަންނަ ޓޫރިސްޓުން އަދަދު ދެ ބައި ކުޅަ އެއް ބައި ދަށްވި އެވެ. މިއާ އެކީ ޓޫރިޒަމް މަޑުޖެހި، މުޅި އިގުތިސޯދަށް ޑޮލަރު ދަތިވި އެވެ.
ބީއެމްއެލްގެ ކަސްޓަމަރުންނާ ހަމައަށް މި ދަތިކަމުގެ އަސަރު ފޯރީ، އެ މީހުން ގެންގުޅޭ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ބޭރުގެ ވެބްސައިޓުތަކަށް ފައިސާ ނުދެއްކެން ފެށި ހިސާބުންނެވެ. އޭރު ބީއެމްއެލްއިން ވަނީ ޓޫރިޒަމް ދަށްވުމާއެކީ، ޑޮލަރު އިންފްލޯ ދަށްވެފައިވާތީ، ވަގުތި ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ ކަމަށް ބުނެފަ އެވެ.
ވަންނަ ޑޮލަރަށް ވުރެ ބޭރުވާ ޑޮލަރު އިތުރު، ވަގުތީ ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ: ބީއެމްއެލް
ވަގުތީ ފިޔަވަޅުތަކެއް ނޫނީ ނާޅާނެ ކަމަށް ބީއެމްއެލްއިން ޔަގީންކަން ދިންއިރު، މިއަދާ ހަމައަށް އެއްވެސް ވިޔަފާރިއަކުން އެދިގެން ޓީޓީއަށް ޑޮލަރު ސަޕޯޓު ނުދީ ނޯންނާނެ ކަމަށް އެ ބޭންކުން ބުނި. ފިޔަވަޅެއް އެޅިޔަސް، އެ ބޭންކުން ބުނީ، އަޅާނީ ވަގުތީ ފިޔަވަޅުތަކެއް ކަމަށް.
އެ ބޭންކުން އެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ، ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އީކޮމާސް ވެބްސައިޓުތަކުން މުއާމަލާތްތައް ލިމިޓުކޮށް، އެ ސައިޓުތަކަށް ޑެއިލީ ބަޖެޓެއް ކަނޑައެޅުމެވެ. ބޭންކުން އޭރު ބުނީ މީގެ އަސަރު ކުރާނީ ބޭންކުގެ އެންމެ ތިން ޕަސެންޓު ކަސްޓަމަރުންނަށް ކަމަށެވެ. އަދި، އެހެން އެއްވެސް ވެބްސައިޓަަކަށް މި ލިމިޓުތަކެއް ނުހިނގާނެ ކަމަށް ބުންޏެވެ.
ނަމަވެސް، ބޭންކުން ދިން ޔަގީންކަމާ ހިލާފަށް އެ ބުނާ ލިމިޓެއް ދިޔައީ ހުރިހާ ވެބްސައިޓުތަކަށް ހިނގަމުންނެވެ. އޭރު ބޭންކުގެ ކަސްޓަމަރުން ދިޔައީ އެއްވެސް ތަނަކުން ވިޔަފާރި ނުކުރެވޭ ކަމަށާއި ސަބްސްކްރިޕްޝަންތައް އާނުކުރެވޭ ކަމަށް ޝަކުވާކުރަމުންނެވެ.
މި ޝަކުވާތަކުގެ އަޑު މާ ގަދަވުމުން، ސަރުކާރުން މަސައްކަތް ކުރީ މައްސަލަ ހައްލުވާނެ މުއްދަތެއް ދީގެން އެ އަޑު ކަނޑުވާލާށެވެ. މިކަން ކުރައްވަން ނިކުމެވަޑައިގަތީ ރައީސް މުހައްމަދު މުއިއްޒެވެ. އެ ގޮތުން ޖޫންގައި އެމަނިކުފާނު ވަނީ އެ މަސް ނިމުމުގެ ކުރިން ޑޮލަރު ލިމިޓުތަކަށް "ބޮޑެތި ލުއިތަކެއް" ލިބޭނެ ކަމަށް ބީއެމްއެލްއިން އަންގާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް، އެ ދިން ތާރީހަށް އެއްވެސް ލުޔެއް ނުލިބެ އެވެ. ފޮރެކްސް އިންވެސްޓްމަންޓު ސްކީމުތަކާއި ބޭންކުގައި ޑޮލަރު ބަހައްޓަން ބާރުއަޅާ އެހެން ޕްރޮޑަކްޓުތައް ތައާރަފުކޮށްގެންނާއި، ކާޑު "ފްރޯޑު" ހުއްޓުވަން އިމިގްރޭޝަނާ ގުޅިގެން ވެސް ޑޮލަރު މައްސަލަ ހައްލެއް ނުވި އެވެ.
މި ހާލަތުގައި ކަންކަން ހުއްޓާ، މިދިޔަ މަހުގެ ތެރޭގައި ބީއެމްއެލްއިން އިއުލާންކުރީ މުއިއްޒު ވިދާޅުވީ ގޮތާ ދިމާ އިދިކޮޅަށެވެ. ރުފިޔާ ކާޑުތަކުގެ ލިމިޓުތައް އުވާލުމުގެ ބަދަލުގައި، ބީއެމްއެލްއިން ވަރުގަދަ ލިމިޓެއް ކަނޑައެޅީ އެވެ.
މި ލިމިޓުގެ ދަށުން އެ ބޭންކުން ވަނީ އެންމެ ގިނަ ވެގެން މަހެއްގެ މައްޗަށް ވިއްކާނީ 16 މިލިއަން ޑޮލަރު ކަމަށް ކަނޑައަޅާފަ އެވެ. މިއީ އީކޮމާސް އާއި ޓިކެޓު ގަތުމާއި ސިއްހީ ފަރުވާގެ އިތުރުން ރުފިޔާ ކާޑުތަކުން ކުރާ އެ ނޫން ހުރިހާ ބޭރު ފައިސާގެ މުއާމަލާތައް ހިމެނޭހެން އެ ބޭންކުން ކަނޑައެޅި އަދަދެވެ.
ބޮޑެތި ހިފެހެއްޓުންތަކާއެކު ބީއެމްއެލްއިން އީ-ކޮމާސް ސައިޓުތަކަށް މަހަކު 16 މިލިއަން ޑޮލަރުގެ ލިމިޓެއް
ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީ-ކޮމާސް މުއާމަލާތްތައް ކުރެވޭ ޖުމްލަ އަދަދު މަހަކު 16 މިލިއަން ޑޮލަރަށް ލިމިޓްކޮށް، ވަކިވަކި ދާއިރާތަކުން ދުވާލަކު ކުރެވޭނެ މުއާމަލާތްތަކަށް ހިފެހެއްޓުންތަކެއް ވަނީ ކުރިމަތިކޮށްފައި. މި ބަދަލާއެކު ދަތުރުފަތުރާއި ހުރުމުގެ ހަރަދުތަކަށް ތިން މަހުން އެއްފަހަރު ތިން މުއާމަލާތް ކުރެވޭގޮތަށް ހަމަޖެއްސި.
ބީއެމްއެލްއިން ހާމަކޮށްފައިވާ އަދަދުތަކުން ދައްކާ ގޮތުގައި އީ-ކޮމާސް މުއާމަލާތްތަކަށް މި އަހަރު ގާތްގަނޑަކަށް 208 މިލިއަން އެމެރިކާ ޑޮލަރު ހޭދަވެފައިވެ އެވެ. މިއީ މަހަކަށް ބަލާއިރު ގާތްގަނޑަކަށް 23 މިލިއަން އެމެރިކާ ޑޮލަރެވެ. އެހެންކަމުން އަލަށް ކަނޑައެޅި ލިމިޓަކީ ފަހަކަށް އައިސް ހުރި އެވްރެޖަށް ވުރެ ގާތްގަނޑަކަށް 30 ޕަސެންޓު ދަށް އަދަދެކެވެ.
މި ލިމިޓު ގެންނަން ޖެހުނީ ލިކުއިޑިޓީ ހުރި ވަރަށް ވުރެ ޑޮލަރުގެ ޑިމާންޑު އިންތިހާއަށް ބޮޑުވެ، ޓީޓީތައް ލަސްވެ، ކަސްޓަމަރުންގެ ޝަކުވާތައް އިތުރުވެފައިވާތީ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
އެ ބޭންކުގެ އެންމެ ފަހުގެ ކުއާޓަލީ ރިޕޯޓާ ގުޅިގެން ނެރުނު ދިގު ބަޔާނުގައި ބީއެމްއެލްއިން ބުނެފައި ވަނީ، އެ ބޭންކު ފަހު ކުއާޓަރާ ކުރިމަތިލަނީ "ވަރުގަދަ ހާލަތެއްގައި" އޮވެގެން ކަމަށެވެ. އަދި، ކުރިއަށް ޓޫރިޒަމްގެ ހައި ސީޒަނާއެކީ ޑޮލަރުގެ ހާލަތު ވެސް ރަނގަޅު ވާނެ ކަމަށް ވަނީ ބުނެފަ އެވެ.
މި ޔަގީންކަން ދިން ނަމަވެސް، މި ބަހުގައި އެއްވެސް އިތުބާރެއް ނެތެވެ. ސަބަބަކީ މިހެން ކުރިން ވެސް ޔަގީންކަން ދިން ތާރީހުތަކަށް ޑޮލަރު ތާށިކަމުގެ އެއްވެސް ކަމެއް ހައްލުކުރަން ބޭންކަށް ނުކުޅެދިފައި އޮތުމެވެ.
ލޯނުތައް ދޫކުރަން ދަރަނި ނަގައި، ރިޒާވު ހުސް ކުރަނީ
ބީއެމްއެލްގެ ބެލެންސް ޝީޓުގެ އަނެއް ފަރާތުން ފެންނަނީ ސުރުހީތަކާ މުޅިން ތަފާތު ވާހަކައެކެވެ. ބީއެމްއެލް އިން ނަގާފައިވާ ލޯނުތަކުގެ އަދަދު މާޗު މަހުގެ ނިޔަލަށް 855 މިލިއަން ރުފިޔާގައި ހުރުމަށް ފަހު، ޖޫން މަހުގައި ދެ ބިލިއަން ރުފިޔާއަށް އަދި މިދިޔަ މަހުގެ ނިޔަލަށް 2.4 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. މިއީ ދެ ކުއާޓަރުގެ ތެރޭގައި 187 ޕަސެންޓުގެ އިތުރުވުމެކެވެ.
ބީއެމްއެލްގައި ސުވާލުކޮށްގެން ވެސް މިއީ ކޮން ތަނަކުން ނެގި ދަރަންޏެއް ކަމެއް ނޭނގުނެވެ. ނަމަވެސް މިދިޔަ މެއި މަހުގައި ޝަރީފު ވިދާޅުވެފައި ވަނީ، އެ ބޭންކުން އެއްވެސް އިރެއްގައި ބޭރުން ދަރަންޏެއް ނުނަގާ ކަމަށެވެ. މިހެންކަމުން ބަލަން ޖެހެނީ ބީއެމްއެލްގެ ދަރަނިތަކަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރާއްޖޭގެ އެހެން ބޭންކުތަކުން ނަގާފައިވާ ލޯނުތަކެއް ކަމަށެވެ.
ބޭންކަކުން ލޯނު ނެގުމަކީ މާ ބޮޑު ކަމެއް ނޫނެވެ. މިހެން ނަމަވެސް ގައުމުގެ ޑިޕޮސިޓުތަކުގެ ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ބޮޑު ބައި އޮތް، ބިލިއަނުުން ފައިދާ ނެރެމުން އަންނަ ބީއެމްއެލްއިން މި ގޮތަށް ލޯނުތަކަށް ބަރޯސާ ވުމަކީ އާދަޔާ ހިލާފު ކަމެކެވެ.
ބީއެމްއެލްއިން ދަނީ އެ ބޭންކުގެ ރިޒާވު ވެސް ބޭނުންކޮށް ހުސްކުރަމުންނެވެ. މި އަހަރު ފެށުނުއިރު އެ ބޭންކުގައި ނަގުދު ފައިސާ އަދި ކުރު މުއްދަތުގެ ފަންޑުތަކުގައި 5.4 ބިލިއަން ރުފިޔާ ހުއްޓެވެ. މި އަދަދު ޖޫންގައި 3.6 ބިލިއަން ރުފިޔާއަށް ދަށްވި އެވެ. މިދިޔަ މަސް ނިމުނުއިރު، އެ އަދަދު ވަނީ 2.2 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. މިއީ ހަ މަސް ދުވަހުގެ ތެރޭގައި 3.2 ބިލިއަން ރުފިޔާ ނުވަތަ 58 ޕަސެންޓުގެ ދަށްވުމެކެވެ.
ބީއެމްއެލްގެ ކޭޝް ފްލޯ ސްޓޭޓްމަންޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނަގުދު ފައިސާ އަދި ކޭޝް އިކުއިވަލެންޓްސްގެ ގޮތުގައި ހުރީ 794 މިލިއަން ރުފިޔާ އެވެ. މި އަހަރު ފެށުނުއިރު މި އަދަދު ހުރީ 1.4 ބިލިއަން ރުފިޔާގަ އެވެ. އަދި އޭގެ އެއް އަހަރު ކުރިން ހުރީ 2.2 ބިލިއަން ރުފިޔާގަ އެވެ. މި ދަށްވުމާ ގުޅިގެން، ދެ ވަނަ ކުއާޓާ އަދި ތިން ވަނަ ކުއާޓަރުގައި ވެސް ބީއެމްއެލްގެ ހިއްސާއަކަށް ޖެހޭ ކޭޝް ފްލޯ ހުރީ ނެގެޓިވްގަ އެވެ.
މި ހުރިހާ ކަމެއް އެއްކޮށްލުމުން ގޮސް ގުޅެނީ ބޭންކުން ދޫކުރަމުން އަންނަ ލޯނުތަކާ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބީއެމްއެލްގެ ނެޓް ލޯނުގެ އަދަދު ވަނީ މިދިޔަ އަހަރު ނިމުނުއިރު 25.2 ބިލިއަން ރުފިޔާގައި ހުރެފައި 32.9 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ. މިއީ ނުވަ މަސް ދުވަހުގެ ތެރޭގައި 30.5 ޕަސެންޓުގެ ކުރިއެރުމެކެވެ.
ނަމަވެސް، މި މުއްދަތުގެ ތެރޭގައި އެ ބޭންކުގެ ޑިޕޮސިޓު އިތުރުވީ އެންމެ 14 ޕަސެންޓެވެ. މިހެން ކަމުން ލޯނު ނަގައި، ރިޒާވު ހުސްކޮށްގެން ބީއެމްއެލްއިން ކުރަމުން އަންނަ ކަމަކީ އެ ބޭންކުގެ ލޯން ޕޯޓްފޯލިއޯ ފުޅާކުރުން ކަމަށް ބެލެވޭނެ ޖާގަ އެބައޮތެވެ.
ބީއެމްއެލްގެ ރެކޯޑުތަކުން ދައްކަނީ އެ ބޭންކުން މި އަހަރުގެ ތެރޭގައި އަލަށް 12.1 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރު މުޅި އަހަރުގެ ތެރޭގައި ދޫކުރި އަދަދަށް ވުރެ ވެސް ބޮޑު އަދަދެކެވެ. މިއާ ގުޅިގެން، ބޭންކުގެ ޑިޕޮސިޓާ އަޅާބަލާއިރު ލޯނު ދޫކޮށްފައި ހުރި ނިސްބަތް (ލޯން-ޓު-ޑިޕޮސިޓް ރޭޝިއޯ) ވަނީ 68 ޕަސެންޓުން 77.6 ޕަސެންޓަށް އުފުލިފަ އެވެ.
ޑޮލަރު ތާށިކަން މި ވަރަށް ބޮޑުވީ ލޯނުތަކާ ހެދިތަ؟
ޝަރީފު ތަކުރާރުކޮށް ވިދާޅުވާ ގޮތުގައި ޑޮލަރުން ލޯނު ދޫކުރުމަކީ ބޭންކުގެ މާލީ ވަރުގަދަކަން ދައްކުވައިދޭ ހެއްކެކެވެ. އޭނާގެ ހިސާބުތަކުން ދައްކާ ގޮތުގައި، ބީއެމްއެލް އިން ވަނީ 2024 ވަނަ އަހަރު 142 މިލިއަން ޑޮލަރު އަދި 2025 ވަނަ އަހަރު 284 މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ދޫކޮށްފަ އެވެ. އަދި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އިތުރު 226 މިލިއަން ޑޮލަރު ދޫކޮށްފައިވެ އެވެ.
ޝަރީފު ހާމަކޮށްފައިވާ ގޮތުގައި ޖުލައި މަހުގެ މެދަކާ ހަމައަށް އައިއިރު އެ ބޭންކުން ދޫކޮށްފައިވާ ޑޮލަރު ލޯނުގެ އަދަދު 860 މިލިއަން އެމެރިކާ ޑޮލަރަށް އަރަ އެވެ. މީގެ ތެރެއިން 594 މިލިއަން ޑޮލަރު ޓޫރިޒަމް ދާއިރާއަށް ދޫކޮށްފައިވާއިރު، 365 މިލިއަން ޑޮލަރު (61 ޕަސެންޓު) ދޫކުރީ 2024 ވަނަ އަހަރުގެ ފަހުންނެވެ.
މި ލޯނުތަކުގެ މަންފާ ލިބުނު އެއް ފަރާތަކީ ހދ. ނާގޯށި ރިސޯޓެވެ. މި ރަށް 2006 ވަނަ އަހަރު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ކުއްޔަށް ދިން ފަހުން، ވޭތުވެދިޔަ 20 އަހަރުގެ ބޮޑުބައިގައި އޮތީ މަސައްކަތް ހުއްޓިފަ އެވެ.
ނާގޯށި ނިންމަން ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން އެހީވަނީ
ހއ. ފިއްލަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމްޓީޑީސީއަށް ސަރުކާރުން ދޫކޮށްފައިވާ ނާގޯއްޓަކީ ހދ. އަތޮޅުގެ ރައްޔިތުންގެ އިތުރުން އެ ސަރަހައްދުގެ ރައްޔިތުންނަށް މުހިންމު ތަނެއް ކަމަށް.
ނަމަވެސް މުއިއްޒުގެ ވައުދެއް ފުއްދައިދިނުމުގެ ގޮތުން ބީއެމްއެލްއިން ވަނީ އެ ރަށް ތަރައްގީކުރަން އެމްޓީޑީސީއަށް 38 މިލިއަން ޑޮލަރުގެ ލޯނެއް ދޫކޮށްފަ އެވެ. މި ޕްރޮޖެކްޓު މިދިޔަ އަހަރު އިފްތިތާހުކުރިއިރު ބުނީ އަމާޒަކީ އެ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހި މި އަހަރުގެ ނިޔަލަށް ނިންމާ، އޮޕަރޭޝަނަށް ގެނައުން ކަމަށެވެ.
އޭރު ދިން ތާރީހު އަންނަން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، އެ ތާރީހަށް ނާގޮށި ހުޅުވުމަކީ ނާދިރު ކަމެކެވެ. އެހެންވީމަ އެ ރިސޯޓު ހުޅުވެން ދެން 38 މިލިއަން ޑޮލަރު ވަނީ ތާށީވެފަ އެވެ.
އެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ޑޮލަރު ތާށިކަމުގެ އަސްލު ސަބަބަކީ ބީއެމްއެލްއިން މި ގޮތަށް ދިގު މުއްދަތެއް ވަންދެން ބަނދެވޭ ގޮތަށް ގިނަ ޑޮލަރު ލޯނުތަކެއް ދޫކުރުމެވެ. ނަމަވެސް ފެންނަން ހުރި ހެކިތަކުން ދައްކަނީ މިއަށް ވުރެ ފުޅާ އަދި ބައިވަރު ކަންކަމާ ގުޅިފައިވާ މައްސަލައެކެވެ.
ބީއެމްއެލްގެ ޑޮލަރު ތާށިކަމަކީ އަލަށް ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. އެ ބޭންކުން ބުނެފައިވާ ގޮތުގައި 2020 ގެ ޑިސެމްބަރު މަހުން ފެށިގެން އެ ބޭންކުގެ ޑޮލަރު ނެޓް އޯޕަން ޕޮޒިޝަން ދަށް ވަމުން ގޮސް، ސެޕްޓެމްބަރު 2024 އައިއިރު ވަނީ 20 ޕަސެންޓުގެ ޝޯޓް ޕޮޒިޝަނަކަށް ވެއްޓިފަ އެވެ. މިއީ ބޭންކުގައި ހުރި ޑޮލަރަށް ވުރެ ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު އިތުރަށް ވިއްކާފައިވާ ހާލަތެކެވެ.
ޝަރީފު ހާމަކުރައްވާފައިވާ ގޮތުގައި ބޭންކުން މިކަން ހައްލުކުރީ ފިނޭންސް މިނިސްޓްރީގެ އެހީތެރިކަމާއެކީ އެ ބޭންކުން ގަނެފައި ހުރި ރުފިޔާ ބޮންޑުތަކެއް ޑޮލަރު ބޮންޑުތަކަށް ބަދަލުކޮށްގެންނެވެ. މިއާ ގުޅިގެން ކަރުދާހުގައި ހާލަތު ރަނގަޅު ކުރެވުނަސް، ބޭންކަށް އަސްލު ޑޮލަރެއް ނުވަދެ އެވެ.
ބީއެމްއެލްގެ ޑޮލަރު މައްސަލަ ހައްލުކުރީ ކަރުދާހުގައި ޑޮލަރު އުފައްދައިގެން
ބީއެމްއެލްގެ ނެޓް އޯޕަން ޕޮޒިޝަން ސުން ޕަސެންޓަށް ގެނެސްފައިވަނީ ޑޮލަރު ލިބޭ މިންވަރު އިތުރުވެގެން ނޫން. އެއީ ސަރުކާރާ ގުޅިގެން ކަރުދާހުގައި ޑޮލަރު އުފައްދައިގެން ބޭންކުން ހޯދި ކުރިއެރުމެއް. ހަގީގަތުގައި ބޭންކު ހިންގުމަށް ބޭނުންވާ ބޭރު ފައިސާ ނެތް މައްސަލަ އާއި ހުސްވަމުން ދިޔުމުގެ މައްސަލައަށް މާ ބޮޑު ބަދަލެއް ނާދޭ.
ހަގީގަތުގައި، ލޯނުތައް ދޫކުރުމާއި ހަނގުރާމައިގެ ހާލަތަށް ވުރެ ވެސް، ބީއެމްއެލްއަށް ޑޮލަރު ތާށިވެގެން އުޅޭ މައިގަނޑު ސަބަބަކީ ޑޮލަރު ލިބޭ ވަރަށް ވުރެ ޑިމާންޑު މާ ބާރަަށް އިތުރުވަމުން ދިޔުމެވެ. މި ޑިމާންޑު އުފުލުމުގައި ސަރުކާރުގެ ސިޔާސަތުތަކުގެ ދައުރު ވަރަށް ބޮޑެވެ. ރުފިޔާ ކާޑުތަކުގެ ލިމިޓު ބޮޑުކުރުމަކީ މީގެ ރަނގަޅު މިސާލެކެވެ.
ރުފިޔާ ކާޑުތަކުން ކުރާ ބޭރު ފައިސާގެ ލިމިޓު ބޮޑުކުރުމަކީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެކަމަކު ބޭންކުން އަބަދު ވެސް ބުނަމުން ދިޔައީ، އެ ވަރަށް ވިއްކާނެ ޑޮލަރެއް ނެތް ކަމަށެވެ. ނަމަވެސް ސަރުކާރުން ވަނީ ބޭންކުގެ މެނޭޖުމަންޓު ބަދަލުކޮށް، ޕްރެޝަރު ކުރުވައިގެން ލިމިޓުތައް ބޮޑުކުރުވާފަ އެވެ.
ބީއެމްއެލްގެ މި ބަދަލުތަކުގެ ސަބަބުން ކާޑުަތަކުން ކުރާ ހޭދަ ވަރަށް ބޮޑަށް އިތުރުވި އެވެ. މިހާރު އެ ބޭންކުން ރުފިޔާ ކާޑުތަކަށް އެވަރެޖުކޮށް މަހަކު 37 މިލިއަން ޑޮލަރު ވިއްކަން ޖެހެ އެވެ. މިއީ މިދިޔަ އެވަރެޖަށް ވުރެ 15 ޕަސެންޓު އިތުރު އަދަދެއް އަދި 2022 އާ އަޅާބަލާއިރު ގާތްގަނޑަކަށް ތިން ގުނަ އިތުރު އަދަދެކެވެ.
ޖުމުލަކޮށް ބަލާއިރު ބީއެމްއެލްގެ ޑޮލަރު ތާށިކަމަކީ މައިގަނޑު ގޮތެއްގައި މެކްރޯއިކޮނޮމިކް މައްސަލައެކެވެ. މީގެ އަސްލަކީ ޓްވިން ޑެފިސިޓު (ބަޖެޓު އަދި ކަރަންޓް އެކައުންޓް ޑެފިސިޓް) އާއި ދަށް ރިޒާވާއި، ޖީޑީޕީގެ 120 ޕަސެންޓުން މަތީގައި އުޅޭ ބޭރު ދަރަންޏެވެ. މިއީ ބޭންކަކާ ގުޅޭ، އަދި ބޭންކަކަށް ހައްލުކުރެވޭނެ މައްސަލަތަކެއް ނޫނެވެ.
އެހެން ނަމަވެސް، ހަނގުރާމައިގެ ލޮޅުން އެރި ވަގުތު ތާށިކަން ބޮޑުވެ، ކަސްޓަމަރުންނަށް ދަތިވީ ބޭންކުގެ އަމިއްލަ ނިންމުންތަކާ ހެދި އެވެ.
ޑޮލަރުގެ ހާލަތު މިހާ ގޯސްއިރު ރެކޯޑު ފައިދާއެއް؟
ބީއެމްއެލްގެ ޑޮލަރު ހާލަތު މިހާ ގޯސްވި އަހަރެއްގައި އެ ބޭންކުން ރެކޯޑު ފައިދާއެއް ހޯދީ ކިހިނެއްތޯ ހިތަށް އަރާފާނެ އެވެ. ސަބަބަކީ ފައިދާ އާއި ޑޮލަރުގެ ލިކުއިޑިޓީއަކީ މުޅިން ތަފާތު ދެ ކަމަކަށް ވާތީއެވެ.
ބޭންކަށް އާމްދަނީ ވަންނަ މައިގަނޑު ވަސީލަތަކީ އިންޓްރެސްޓް އާމްދަަނީ އެވެ. ނިމުނު ކުއާޓަރަށް ބަލާއިރު، އޮޕަރޭޓިން އާމްދަނީގެ 70 ޕަސެންޓު (875 މިލިއަން ރުފިޔާ) ވަނީ އިންޓްރެސްޓް އާމްދަނީ އެވެ. މިއީ ބޭންކުގައި ހުރި 42 ބިލިއަން ރުފިޔާގެ ޑިޕޮސިޓުން ލޯނު ދޫކޮށްގެން ބީއެމްއެލްއިން ހޯދާ އާމްދަނީ އެވެ.
މި އިންޓްރެސްޓް އާމްދަނީ އިތުރު ވަނީ ބޭންކުގެ ބޮޑު ލޯން ޕޯޓްފޯލިއޯގެ އިތުރުން ބޮޑު ސެކިއުރިޓީޒް ޕޯޓްފޯލިއޯއެއް އޮންނާތީ އެވެ. ބޭންކުގެ އެންމެ ފަހުގެ ރިޕޯޓުގައި، އިންވެސްޓުމަންޓުތަކުގެ އަގު 23.5 ބިލިއަން ރުފިޔާއަށް އަރާކަމަށް ބަޔާންކޮށްފައިވާއިރު، އޭގެ ބޮޑު ބަޔަކީ ސަރުކާރުގެ ސެކިއުރިޓީޒް އެވެ.
މި އާމްދަނީތަކަށް އަސަރު ނުކުރާހާ ހިނދަކު ބޭންކުގެ ފައިދާއަކަށް އަސަރު ނުކުރާނެ އެވެ. އެހެން ގޮތަކުން ބުނާ ނަމަ ބީއެމްއެލްއިން ޑޮލަރެއް ވިއްކިޔަސް، ނުވިއްކިޔަސް ވާނީ ފައިދާ އެވެ. މީގައި ގެއްލުން ވަނީ ކަސްޓަމަރުންނަށެވެ.
އެހެންވެ ބީއެމްއެލްއިން ރެކޯޑް ފައިދާއެއް ލިބިގެން ފާހަގަކުރިޔަސް، އެ ކާމިޔާބީގެ އުފާވެރިކަމެއް އެ ބޭންކުގެ ކަސްޓަމަރުންނަކަށް ނެތެވެ. ބޭންކުން އެ ހޯދާ ފައިދާގެ ނިޒާމު ބިނާ ވަނީ އެ ކަސްޓަމަރުންގެ ޑިޕޮސިޓުތަކަށްވާއިރު، އެންމެ ކާމިޔާބު އެންމެ ވަރުގަދަ އަހަރަށް ވާނީ އެ ކަސްޓަމަރުން އުފާކޮށްދެވުނީމަ ނޫންތޯ އެވެ.












