ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރިގެންދާއިރު، ރާއްޖޭގެ އިގުތިސޯދު ވަނީ ބޮޑު ތިން ލޮޅުމެއްގެ ތެރޭގައި ތާށިވެފަ އެވެ. މީގެ ތެރެއިން ދެ ލޮޅުމަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އަމިއްލައަށް އުފަންކުރި ދަތިތަކެކެވެ. ތިންވަނަ ލޮޅުމަކީ ބޭރުގެ ހަނގުރާމައަކުން ކުރިމަތިވި ކަމަކަށް ވިޔަސް، އެކަމާ ކުރިމަތިލާން ޖެހުނީ ދައުލަތުގެ ރިޒާވާއި މާލީ ފުދުންތެރިކަން އެންމެ ތިރިވެފައި އޮތް ނާޒުކު ދަނޑިވަޅެއްގަ އެވެ.
އެންމެ ފަހުން އައި ލޮޅުމުގެ ތެރޭގައި ކުރިން 5.3 ޕަސެންޓުގައި ހުންނާނެ ކަމަށް އަންދާޒާކުރި މި އަހަރުގެ އިގުތިސޯދީ ކުރިއެރުން މިހާރު ވަނީ 0.6 ޕަސެންޓާއި 1.8 ޕަސެންޓާ ދެމެދުގެ ދަށް މިންވަރަކަށް ވެއްޓިފަ އެވެ. އަދި ރަސްމީ ރޭޓަކީ 15.42 ރުފިޔާ ކަމަށް ވިޔަސް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ އަތްނުފޯރާ ހިސާބަށް ގޮސްފަ އެވެ.
ސަރުކާރުން އިގުތިސޯދީ ހަރަދުތައް ކުޑަކުރަން ނިންމި ނިންމުމުގައި ހެދުނު އެންމެ ބޮޑު ގޯހަކީ، އުނިކުރަންވީ ހަރަދުތައް ދޫކޮށްލައި ނުބައި ދިމާލަކުން އަތްދަމައިގަތުމެވެ. ގައުމުގެ އުމްރާނީ ތަރައްގީއަށާއި ވަޒީފާތަކަށް ދިރުންދޭ އިންވެސްޓްމަންޓުތައް ހުއްޓާލައި، ސަރުކާރުގެ ހިންގާ ހަރަދާއި ކުންފުނިތަކަށް ދޭ ފައިސާ އަދި ސަބްސިޑީތައް އިންތިހާއަށް ދޫކޮށްލީ އެވެ. އެހެންކަމުން މިއަދު އިގުތިސޯދު މި އޮތީ ބޭރުގެ ދަރަނިތައް ދެއްކި ނަމަވެސް، އެތެރޭގެ ހިންގުން ހުއްޓި، ވިޔަފާރިތަކާއި އާންމު ރައްޔިތުން ތަކުލީފުތަކެއްގެ ތެރޭގަ އެވެ.
ވާރުތަވި ހާލަތާއި 2024 ގެ މާލީ ތާށިކަން
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އިގުތިސޯދީ ހާލަތު އޮތީ ނާޒުކު ފައްތަރެއްގަ އެވެ. ނޮވެމްބަރު 2023 ގައި ވެރިކަމާ ހަވާލުވި ވަގުތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރަސްމީ ޖުމްލަ ރިޒާވްގައި ހުރީ 581.2 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން ސީދާ އިމްޕޯޓަށާއި ބޭނުންތަކަށް އަތްލެވެން ހުރި ބޭނުންކުރެވޭ ރިޒާވްގެ މިންވަރަކީ އެންމެ 100.3 މިލިއަން ޑޮލަރެވެ.
ވެރިކަމާ ހަވާލުވިއިރު އޮތް ނާޒުކު ހާލަތުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި، ސަރުކާރުގެ ފުރަތަމަ އަހަރު ރިޒާވް ދިޔައީ ހަލުވިކަމާއެކު ދަށަށެވެ. ބޭރުގެ ބޮޑެތި ދަރަނިތައް ދައްކަން ޖެހިފައި އޮތްއިރު ވެސް، ދައުލަތުގެ ހަރަދުތައް ކޮންޓްރޯލްކޮށް ރިޒާވް ރައްކާތެރިކުރުމުގެ ބަދަލުގައި ފެނުނީ އާމްދަނީއާ ނުބައްދަލު އިސްރާފުތަކެކެވެ.
މީގެ ނަތީޖާއެއްގެ ގޮތުން ސެޕްޓެމްބަރު 2024 ގައި ޖުމްލަ ރިޒާވް ވަނީ ތާރީހީ އެންމެ ދަށް މިންވަރު ކަމަށްވާ 371.2 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. އަދި އޮކްޓޯބަރު 2024 އަށް އެޅުނުއިރު ގައުމުގެ އަސާސީ ބޭނުންތަކަށް އަތްލާން އޮތް ބޭނުންކުރެވޭ ރިޒާވް ހުރީ އެންމެ 31.4 މިލިއަން ޑޮލަރުގަ އެވެ.
މި ހީނަރުކަމުގެ ތެރޭގައި، ބައިނަލްއަގުވާމީ ރޭޓިން އެޖެންސީ ފިޗުން ވަނީ ޖޫން 2024 ގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީސީސީ ޕްލަސް" އަށް ދަށްކުރުމަށް ފަހު، އޮގަސްޓް 2024 ގައި "ސީސީ" އަށް ވައްޓާލާފަ އެވެ. މޫޑީސް އިން ވެސް ސެޕްޓެމްބަރު 2024 ގައި ރޭޓިން "ސީއޭއޭ 2" އަށް ވައްޓާލައި، ރާއްޖެއިން ބޭރުގެ ދަރަނި ނުދެއްކި ޑިފޯލްޓްވުމުގެ ފުރުސަތު ބޮޑު ކަމުގެ އިންޒާރު ދިނެވެ. އެ އިދާރާއިން ފާހަގަކުރި ގޮތުގައި، 2025 ވަނަ އަހަރު ދައްކަން ޖެހޭ 600 އާއި 700 މިލިއަން ޑޮލަރުގެ ދަރަންޏާއި 2026 ވަނަ އަހަރު ދައްކަން އޮތް އެއް ބިލިއަން ޑޮލަރުގެ ދަރަންޏާ އަޅާބަލާއިރު ރާއްޖޭގެ ރިޒާވް ހުރީ ނުރައްކާތެރި މިންވަރެއްގަ އެވެ.
އިގުތިސޯދު އަނދަވަޅަކަށް ވެއްޓެން ދަނިކޮށް، ވަގުތީ ފަރުވާއަކަށް ވީ އޮކްޓޯބަރު 2024 ގައި އިންޑިއާއިން ހަމަޖައްސައިދިން 400 މިލިއަން ޑޮލަރުގެ ސްވޮޕް އެހީ އެވެ. އެ ފައިސާއާއެކު ކަރުދާހުގައި ޖުމްލަ ރިޒާވް 614.6 މިލިއަން ޑޮލަރަށް އެރި ނަމަވެސް، ހަގީގަތުގައި އަތްލާން ހުރި ބޭނުންކުރެވޭ ރިޒާވް އޭރު ވެސް އޮތީ 31 މިލިއަން ޑޮލަރުގެ ނުރައްކާތެރި ފައްތަރެއްގަ އެވެ. މިއަދާ ހަމައަށް އައިއިރު ވެސް ރަސްމީ ރިޒާވް ވަކި މިންވަރެއްގައި ހިފެހެއްޓިފައި އެ އޮތީ، އިންޑިއާއިން ދިން އެ ސްވޮޕް ފެސިލިޓީ ދައުލަތުގެ ހިސާބު ފޮތުގައި ހިމަނައިގެންނެވެ.
ސަރުކާރުގެ ރަސްމީ ދިފާއަކީ ކުރީ ސަރުކާރުން ކޮވިޑްގެ ތެރޭގައި ޗާޕުކުރި އަށް ބިލިއަން ރުފިޔާގެ ވާހަކަ އެވެ. ނަމަވެސް ވެރިކަމަށް ތިން އަހަރު ފުރުނުއިރު ވެސް އެ ދިފާއު ބަދަލެއް ނުވެ އެވެ. ވާރުތަވި އިގުތިސޯދީ ހާލަތު އެނގިތިބެ ވެރިކަމާ ހަވާލުވި ނަމަވެސް، ބޭނުންކުރެވޭ ރިޒާވް އެންމެ ފުލަށް ވެއްޓިގެން ދިޔައީ މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގަ އެވެ. އެހެންކަމުން މިއަދުގެ ހާލަތަކީ ހަމައެކަނި ވާރުތަވި ތަރިކައެއްގެ ގޮތުގައި ދެއްކުމުގެ ޖާގަ މިހާރު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.
ފުރަތަމަ ލޮޅުން: ޑޮލަރުގެ ގަވާއިދާއި ޓެކްސް ބޮޑުކުރުން
ގައުމަށް ވަންނަ ބޭރު ފައިސާގެ މައްޗަށް ސަރުކާރުގެ ބާރު ފުރިހަމައަށް ހިންގުމަށްޓަކައި، އޮކްޓޯބަރު 2024 ގައި އެމްއެމްއޭއިން ބޭރު ފައިސާއާ ބެހޭ އާ ގަވާއިދެއް ކުއްލި ގޮތަކަށް ގެނަ އެވެ. މި ގަވާއިދުގެ ދަށުން ޓޫރިޒަމް ދާއިރާގެ ހުރިހާ ވިޔަފާރިއަކުން ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް ޖަމާކޮށް، އޭގެ ބައެއް މާރުކުރުން މަޖުބޫރުކުރި އެވެ. މިދިޔަ އަހަރުގެ ޖެނުއަރީގައި މި ގާނޫނަކަށް ބަދަލުވެގެން އައިއިރު، ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު ނުވަތަ މަހު އާމްދަނީގެ 20 ޕަސެންޓު މާރުކުރަން ޖެހޭ ގޮތް ހެދި އެވެ. އަދި ގެސްޓްހައުސްތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރު ނުވަތަ 20 ޕަސެންޓު މާރުކުރަން ލާޒިމުކުރި އެވެ. މި ނިޒާމު އިތުރަށް ހަރުކަށިކޮށް، މި އަހަރުގެ ސެޕްޓެމްބަރުގައި ގެނައި އިސްލާހުން، 500 ޑޮލަރުގެ އިހްތިޔާރު ކަނޑާލައި ރިސޯޓުތަކުގެ ޖުމްލަ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު ކޮންމެ މަހަކު މާރުކުރަން މަޖުބޫރުކުރި އެވެ.
މި ފިޔަވަޅުތަކާ އެކުއެކީގައި، ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސްތައް ވެސް ސަރުކާރުން ބޮޑުކުރި އެވެ. ޑިސެމްބަރު 2024 ގައި އެއާޕޯޓް ޑިޕާޗާ ފީ އިކޮނޮމީ ކްލާހަށް 30 ޑޮލަރުން 50 ޑޮލަރަށް، އަދި ބިޒްނަސް ކްލާހަށް 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރި އެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން ރިސޯޓުތަކުގެ ގްރީން ޓެކްސް 12 ޑޮލަރަށް ދެގުނަ ބޮޑުކުރިއިރު، ޖުލައިގައި ޓީޖީއެސްޓީ ވަނީ 16 ޕަސެންޓުން 17 ޕަސެންޓަށް އުފުލާފަ އެވެ. ސަރުކާރުން އުންމީދު ކުރީ މި ފިޔަވަޅުތަކުން އަހަރަކު އިތުރު 4.9 ބިލިއަން ރުފިޔާ ދައުލަތަށް ހޯދުމަށެވެ.
މި ހުރިހާ ފިޔަވަޅުތަކެއް އެޅި ނަމަވެސް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ތިރިއެއް ނުކުރެވުނެވެ. މި ސަރުކާރު އައުމުގެ ކުރިން އޮގަސްޓް 2023 ގައި 18.00ރ. ހުރި ޑޮލަރު، މިދިޔަ އަހަރުގެ ޖޫންގައި 19.50ރ. އަށް އެރި އެވެ. އަދި އޮގަސްޓުގައި 20.20ރ. އަށް އަރައި، މި އަހަރުގެ ޖުލައިގައި 21ރ. އަށް ވުރެ މައްޗަށް ދިޔަ އެވެ. ނިމުނު އޮގަސްޓު މަހުގެ ފަހުކޮޅާ ހަމައަށް ދިޔައިރު ޑޮލަރުގެ އަގު ހުރީ ގާތްގަނޑަކަށް 23ރ. ގައި އެވެ. މައްސަލަ ހައްލުނުވުމުން ސަރުކާރުން އެންމެ ފަހުން ނިންމީ ރަސްމީ ރޭޓު ފިޔަވައި އެހެން ރޭޓެއް ޝާއިއުކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، ބޮޑެތި ޖޫރިމަނާތަކެއް ތައާރަފުކުރުމަށެވެ. އެއާއެކު ގައުމުގެ އިގުތިސޯދީ ހާލަތު އަންގައިދޭ އެންމެ ސާފު މިންގަނޑު ހާމަކުރުން މަނާވި އެވެ.
ބާޒާރުން ޑޮލަރު ނުލިބި ތާށިވި މައިގަނޑު ސަބަބަކީ، ގަވާއިދުން އެއްކުރި ޑޮލަރު ދިޔައީ ރިޒާވް ވަރުގަދަކުރުމުގެ ބަދަލުގައި ސީދާ ދަރަނި ދެއްކުމަށް ކަމަށް ވާތީ އެވެ. އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ހާމަކުރެއްވި ގޮތުގައި، މި އަހަރުގެ ޖުލައި މަހާ ހަމައަށް އެއްކުރި ބޭރު ފައިސާގެ 56 ޕަސެންޓު ހޭދަކުރީ ސީދާ ދައުލަތުގެ ބޭރުގެ ދަރަނި ދެއްކުމަށެވެ. އެހެންކަމުން ބޭންކުތަކުން މުދާ އެތެރެކުރާ ފަރާތްތަކަށް ކަވަރުކޮށްދެވެނީ ބޭނުންވާ ޑޮލަރުގެ އެންމެ 20 ޕަސެންޓެވެ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ކަޅު ބާޒާރު ނައްތާލައްވާނެ ކަމުގެ ވައުދާ އެކުގަ އެވެ. ނަމަވެސް އެ މުއްދަތު ފުރަތަމަ މި އަހަރުގެ ކުރީކޮޅަށް އަދި ފަހުން އަންނަ އަހަރުގެ ނިޔަލަށް ފަސްކުރުމަށް ފަހު، މިހާރު ސަރުކާރުން އެކަމަށް ވަކި ތާރީހެއް ނުދެ އެވެ.
މި މައްސަލައިގައި ސަރުކާރުގެ ދިފާއަކީ ރިސޯޓުތަކުން ކަޅު ބާޒާރަށް ފައިސާ ނެރޭ ކަމުގެ ތުހުމަތެވެ. ފުލުހުންގެ ތަހުގީގުތަކުން ފާހަގަވި ގޮތުގައި ނުވަ މަސް ދުވަހުގެ ތެރޭގައި ހަތް ފަރާތަކުން 76 މިލިއަން ޑޮލަރު ކަޅު ބާޒާރުގައި ވިއްކި އެވެ. އޭގެ ތެރޭގައި އެއް ރިސޯޓު ޗެއިނަކުން ވިއްކި ހަތަރު މިލިއަން ޑޮލަރު ހިމެނެ އެވެ. މުއިއްޒު ދާޅުވި ގޮތުގައި ވޭތުވެދިޔަ އަހަރު ފަތުރުވެރިކަމުން 5.6 ބިލިއަން ޑޮލަރު ލިބުނުއިރު ބޭންކިން ނިޒާމަށް ވަނީ އެންމެ 3.8 ބިލިއަން ޑޮލަރެވެ. ނަމަވެސް މަޓީން ބުނަނީ 40 ޕަސެންޓު މާރުކުރުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށެވެ. އެ ނިންމުމާ ހިތްހަމަނުޖެހިގެން ރައީސްގެ ޓޫރިޒަމް އެޑްވައިޒަރު ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
މި ވަރުން ވެސް ސަރުކާރުގެ ފިޔަވަޅުތަކުގެ އަސަރު ހުއްޓުނީކީ ނޫނެވެ. ބޭރު ފައިސާ ހޯދުމުގެ ނަމުގައި ޖީއެސްޓީ ގާނޫނަށް ގެނައި އިސްލާހާއެކު، ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި އޮންލައިން ބުކިން ޕްލެޓްފޯމުތަކުން ވެސް 17 ޕަސެންޓުގެ ޓީޖީއެސްޓީ ދައްކަން ލާޒިމުކުރި އެވެ. އެއްވެސް އިމެއް ނެތި ޑޮލަރުން މި ޓެކްސް ނަގަން ފެށުމުން ބޭރުގެ ބޮޑެތި އެޖެންޓުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދުނެވެ. ބައެއް ފަރާތްތަކުން ރާއްޖެ ޕްރޮމޯޓްކުރުން ހުއްޓާލާނެ ކަމުގެ އިންޒާރު ވެސް ދިނެވެ. މި ބޮޑު ޕްރެޝަރާއެކު، ސަރުކާރަށް ޖެހުނީ ފަހަތަށް ޖެހި، އެ ނިންމުން އަނބުރާ ގެންދާށެވެ.
ދެ ވަނަ ލޮޅުން: ތަރައްގީގެ މަޝްރޫއުތައް މަޑުޖެހުން
ދައުލަތުގެ ބަޖެޓުން ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން އެޅި އެންމެ ހަރުކަށި ފިޔަވަޅަކީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތައް ކުއްލިއަކަށް ހުއްޓުވާލުމެވެ. މިއީ އިގުތިސޯދަށް އަމިއްލައަށް ދިން ދެ ވަނަ ބޮޑު ލޮޅުމެވެ. ދައުލަތުގެ ބަޖެޓުގައި 2024 ވަނަ އަހަރު ޕީއެސްއައިޕީއަށް 11.7 ބިލިއަން ރުފިޔާ ހޭދަކުރި އެވެ. ނަމަވެސް މިދިޔަ އަހަރު 12.4 ބިލިއަން ރުފިޔާ ބަޖެޓުކުރުމަށް ފަހު ހޭދަކުރީ އެންމެ 8.6 ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރުގެ ބަޖެޓު 8.3 ބިލިއަން ރުފިޔާއަށް ކުޑަކޮށް، އަހަރު ނިމޭއިރު ހޭދަކުރެވޭނެ ކަމަށް ލަފާކޮށްފައި ވަނީ އެންމެ 6.5 ބިލިއަން ރުފިޔާ އެވެ.
މި މަޝްރޫއުތައް ހުއްޓުމަކަށް އައުމުގެ ސަބަބުން، މިދިޔަ އަހަރުގެ މެދުތެރެއާ ހަމައަށް ދިޔައިރު ދޫކުރި ފައިސާގެ މިންވަރު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 67 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. މި އަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް ބަލާއިރު ފެނުގެ ނިޒާމުތަކުގެ ބަޖެޓުން ހޭދަކުރެވުނީ އެންމެ 6.4 ޕަސެންޓެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމުގެ މަޝްރޫއުތަކަށް އެއްވެސް ފައިސާއެއް ހޭދައެއް ނުކުރެ އެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 33.6 ޕަސެންޓު ހޭދަކުރިއިރު، ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް ހޭދަކުރެވުނީ 34.5 ޕަސެންޓެވެ.
މި ފިޔަވަޅުގެ ސީދާ ގެއްލުން ލިބުނީ އިމާރާތްކުރުމުގެ ދާއިރާއަށާއި އަމިއްލަ ކުންފުނިތަކަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ގޮތުގައި ސަރުކާރުން އަމިއްލަ ކުންފުނިތަކަށް 13 އާއި 14 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ދަރާފައިވެ އެވެ. ވޯލްޑް ބޭންކުން ވެސް ވަނީ މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ނުދީ ބޮޑެތި އަދަދުތަކުން ބިލްތައް ފުނިޖެހިފައިވާ ކަމަށް އިންޒާރު ދީފަ އެވެ. ސަރުކާރުން ބުނަނީ މިހާރު ހުރި މަޝްރޫއުތައް ނިންމަން 58.8 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ. މި ހުރިހާ ފައިސާއަށް ހޯދާނެ ގޮތެއް ނޭނގޭއިރު ކުރި މަސައްކަތުގެ ފައިސާ ނުލިބި، ގިނަ ކުދި ވިޔަފާރިތައް ވަނީ ބަނގުރޫޓުވެފަ އެވެ.
މީގެ އިތުރުން ސަރުކާރުން ހެދި އަނެއް ގޮތަކީ މި މަޝްރޫއުތައް ބަޖެޓުން ބޭރުކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮންޓްރެކްޓާ ފައިނޭންސިންއަށް ބަދަލުކުރުމެވެ. ނޮވެމްބަރު 2025 ގައި އެކަނި ވެސް 2.7 ބިލިއަން ރުފިޔާގެ މަޝްރޫއު މިގޮތަށް ބަދަލުކުރި އެވެ.
އޭގެ މާނައަކީ ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީ ހަރަދު ކުޑަވި ނަމަވެސް، ދައުލަތުގެ ޒިންމާތަކާއި ގެރެންޓީތައް ކުޑަނުވެ ކުންފުނިތަކުގެ ބޮލަށް ދަރަނި އެނބުރުމެވެ. މަޝްރޫއުތައް ރޭވުންތެރިކަމާއެކު މަޑުޖައްސާލުމުގެ ބަދަލުގައި، ފަށާފައިވާ ތަންތަން ހުއްޓާލުމުން އަތޮޅުތަކުގެ އިގުތިސޯދަށް ލިބުނު ގެއްލުން މާ ބޮޑެވެ.
ތިން ވަނަ ލޮޅުން: މެދުއިރުމަތީގެ ހަނގުރާމައިގެ ތޫފާން
މި އަހަރު ފެށުނު މެދުއިރުމަތީގެ ހަނގުރާމައަކީ ރާއްޖެއިން ބޭރުން އައި ލޮޅުމެކެވެ. އެމެރިކާ އާއި އިސްރާއީލް އަދި އީރާނާ ދެމެދު ހިނގި ހަމަލާތަކާ ގުޅިގެން މި އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ގަލްފުގެ ވައިގެ ސަރަހައްދު ބަންދުވި އެވެ. އެމިރޭޓްސް އާއި ގަތަރު އެއާވޭސް ފަދަ މައިގަނޑު އެއާލައިންތަކުގެ ދަތުރުތައް ކެންސަލްވި އެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 35 ޕަސެންޓަކީ މެދުއިރުމަތީގެ މަގުން އަންނަ މީހުންނަށް ވުމުން، ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު 8،847 އިން 4،107 އަށް ވެއްޓުނެވެ.
މި ހަނގުރާމައިގެ ލޮޅުން ރާއްޖެއަށް އިންތިހާއަށް ބޮޑުވީ، އެކަމާ ކުރިމަތިލާން ޖެހުނު ވަގުތު ދައުލަތުގެ ރައްކާތެރިކަމުގެ ބަފާއެއް ނެތުމުންނެވެ. މި ދަނޑިވަޅަކީ ދައުލަތުގެ ތާރީހުގައި އެންމެ ބޮޑު ބޭރުގެ ދަރަނި އަދާކުރަން ޖެހުނު މަހެވެ. މި އަހަރުގެ އޭޕްރިލްގައި 500 މިލިއަން ޑޮލަރުގެ ސުކޫކާއި އިންޓްރެސްޓަށް ދައްކަން ޖެހުނު 24.68 މިލިއަން ޑޮލަރު ދައްކަން ޖެހުނެވެ. އޭގެ އިތުރުން އިންޑިއާގެ 400 މިލިއަން ޑޮލަރުގެ ސްވަޕު ވެސް ދައްކަން ޖެހުނެވެ.
މި ދަރަނިތައް ދެއްކުމަށްޓަކައި ހުރިހާ ފައިސާއެއް ހުސްކުރަން ޖެހުމުން، ރަސްމީ ރިޒާވް ވަނީ މާޗު މަހު ހުރި 1.3 ބިލިއަން ޑޮލަރުން އޭޕްރީލް މަހު 718 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. އަދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ 21 މިލިއަން ޑޮލަރެވެ. މި ތާށިކަމުގެ އަސަރު ސީދާ ރައްޔިތުންނާ ހަމައަށް ފޯރި އެވެ. އަދި، މި އަހަރުގެ މެއި މަހުން ފެށިގެން ބީއެމްއެލް އިން ވަނީ ކާޑުތަކުން މަހަކު ކުރެވޭ ބޭރުގެ މުއާމަލާތްތައް 30 އަށް ލިމިޓްކޮށް، ފަހުން ލިމިޓުތައް ފުޅާކޮށްފަ އެވެ.
އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ވެސް އެއްބަސްވެވަޑައިގެންނެވި ގޮތުގައި، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 22.80 ރުފިޔާއަށް އެރުމަކީ ހަނގުރާމައިގެ ސަބަބުން އެކަނި ވީ ކަމެއް ނޫނެވެ. ޓޫރިޒަމްގެ އާމްދަނީ އިތުރުވެފައި އޮތް ނަމަވެސް، ބާޒާރު ގޯސްވީ ކުރިންސުރެ އިގުތިސޯދީ ބިންގާ ބަލިކަށިވެފައި އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ. ހަނގުރާމައަކީ ޑޮލަރު މައްސަލައިގެ އަސްލެއް ނޫނެވެ. އެއީ ކުރިންސުރެ ހުރި ބަލިކަށިކަން އިތުރަށް ފާޅުކޮށްލި މަސްދަރެވެ.
ހަރަދު ކަނޑާލީ ނުބައި ދިމާލަކުން
މި ސަރުކާރުގެ އިގުތިސޯދީ ސިޔާސަތުގެ އެންމެ ބޮޑު މައްސަލައަކީ ހަރަދު ކުޑަކުރަން ގެންގުޅުނު ނުބައި މިސްރާބެވެ. ދައުލަތުން ތަރައްގީގެ އިންވެސްޓްމަންޓްތައް އެއްކޮށް ކަނޑާލި ނަމަވެސް، ހިންގުމުގެ ބޮޑު ހަރަދު ކުޑަކުރަން އެއްވެސް ފިޔަވަޅެއް ނޭޅި އެވެ.
މި އަހަރާއި މިދިޔަ އަހަރު ވެސް ކެޕިޓަލް ހަރަދު ވަނީ 6.8 ބިލިއަން ރުފިޔާގައި ހިފަހައްޓައި ފިއްތާލާފަ އެވެ. އެކަމަކު އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ 72 ޕަސެންޓަކީ ހަމައެކަނި ދައުލަތް ހިންގުމުގެ ހަރަދެވެ. އެއީ 42.7 ބިލިއަން ރުފިޔާ އެވެ. ބަޖެޓަށް ލިބޭނެ ކަމަށް ލަފާކުރާ 43.1 ބިލިއަން ރުފިޔާގެ އާމްދަނީން ކިރިޔާ ވެސް ދެކޮޅު ޖެއްސެނީ މި ބޮޑު ހަރަދު ފޫބެއްދުމަށެވެ.
ހިންގާ ހަރަދު ކުޑަނުކޮށް ދޫކޮށްލާފައި އޮތް އެންމެ ބޮޑު ހެއްކަކީ، އެއްވެސް އިމެއް ނެތި ސަބްސިޑީއަށް ކުރާ ހޭދަ އަހަރަކަށް ވުރެ އަހަރެއް އިތުރުވުމެވެ. ކޮންމެ އަހަރަކު ވެސް ސަބްސިޑީގެ ބަޖެޓު ކުޑަކޮށް ދައްކައި، އަހަރު ނިމޭއިރު ހަރަދު ކުރަނީ އޭގެ ދެ ގުނަ އެވެ.
އެ ގޮތުން ތެލާއި ކަރަންޓު ސަބްސިޑީއަށް 2024 ގައި 1.3 ބިލިއަން ރުފިޔާ ޖަހާފައި 2.6 ބިލިއަން ރުފިޔާ ހޭދަކުރި އެވެ. މިދިޔަ އަހަރު ވެސް 813 މިލިއަން ރުފިޔާ ބަޖެޓުކޮށްފައި 2.3 ބިލިއަން ރުފިޔާ ހޭދަކުރި އެވެ. އަދި މި އަހަރު 1.7 ބިލިއަން ރުފިޔާ ބަޖެޓުކުރި ނަމަވެސް ހޭދަ މިހާރު ވަނީ 4.8 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
ސަބްސިޑީގެ އިތުރުން ސަރުކާރު ކުންފުނިތަކަށާއި ސިޔާސީ އޮނިގަނޑަށް ކުރާ ބޭކާރު ހަރަދުތައް ވެސް ދިޔައީ އަތްނުފޯރާ ފަށަށެވެ. ވޭތުވެދިޔަ ތިން އަހަރު ކުންފުނިތަކަށް 5.4 ބިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް، ހަގީގަތުގައި 12.6 ބިލިއަން ރުފިޔާ އޮއްސާލި އެވެ. އޭގެ ތެރޭގައި ފެނަކައަށް ދިން 1.39 ބިލިއަން ރުފިޔާ އާއި ބަޖެޓުގައި ނެތް ގިރާވަރު މަޝްރޫއަށް އެމްއޭސީއެލް މެދުވެރިކޮށް ދޫކުރި 650.7 މިލިއަން ރުފިޔާ ހިމެނެ އެވެ.
އަނެއްކޮޅުން ސިވިލް ސާވިސް ފަލަކޮށް، ހައްދެއް ނެތި ސިޔާސީ މަގާމުތައް އުފައްދައިގެން ސަރުކާރުގެ މުވައްޒަފުންގެ އަދަދު 55،466 އަށް ވަނީ އިތުރުކޮށްފަ އެވެ. މިއާއެކު ދައުލަތުގެ މުސާރައިގެ ބިލް ވަނީ 14.4 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ.
މި ހުރިހާ އިސްރާފެއް ހިނގަމުން ދާއިރު، ސަރުކާރުގެ ހަރަދުތަކުގެ އިސްކަންދޭ ތަރުތީބު ވަނީ މުޅިން އޮޅިފަ އެވެ. އެންމެ ބޮޑު ހެއްކަކީ އަންނަ އަހަރު މުޅި ތައުލީމީ ދާއިރާއަށް ކުރާ ހޭދައާ އެއްވަރަށް، ސަލާމަތީ ބާރުތަކަށް އެކަނި ހަ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ކަނޑައެޅުމެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގެ ދަރަނީގެ އިންޓްރެސްޓް އެކަނި ދައްކަން ވެސް ފަސް ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
ސަރުކާރުން ވެސް ކާމިޔާބީތަކެއް ހޯދައިފި
އިގުތިސޯދީ ގޮތުން ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ސަރުކާރުން ހޯދި ބައެއް މުހިންމު ކާމިޔާބީތައް ފާހަގަކުރަން ޖެހެ އެވެ. އެންމެ މުހިންމު ކަމަކީ، ބޭރުގެ އެއްވެސް ދަރަންޏަކުން ޑިފޯލްޓް ނުވެ ސަލާމަތްވުމެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އެންމެ 40 ދުވަހުގެ ތެރޭގައި ދައުލަތުން ވަނީ 974 މިލިއަން ޑޮލަރުގެ ދަރަނި އަދާކޮށްފަ އެވެ. އޭގެ ތެރޭގައި ކުރީ ސަރުކާރުން ގައުމުގެ މިލްކިއްޔާތު ރަހުނުކޮށްގެން ނެގި ކަމަށް ވިދާޅުވި 526 މިލިއަން ޑޮލަރުގެ ސުކޫކް ހިމެނެ އެވެ. މި ދަރަނި ދެއްކުމާ ގުޅިގެން ފިޗުން ވަނީ ރާއްޖޭގެ ރޭޓިން "ސީސީ" އިން "ސީސީސީ މައިނަސް" އަށް ޖޫންގައި މަތިކޮށްފަ އެވެ.
މީގެ އިތުރުން މިދިޔަ އަހަރު ދައުލަތުގެ ބަޖެޓު ޑެފިސިޓް ވަނީ ޖީޑީޕީގެ 4.3 ޕަސެންޓަށް ކުޑަކޮށްފަ އެވެ. އަދި ދައުލަތުގެ މާލީ ޒިންމާދާރުކަން ކަށަވަރުކުރުމަށްޓަކައި އާ ފިސްކަލް ރެސްޕޮންސިބިލިޓީ ގާނޫނެއް ވެސް ވަނީ ފާސްކޮށްފަ އެވެ. ސަރުކާރުން އަންނަނީ ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ޑޮލަރުގެ އަދަދު ވެސް އިތުރުކުރަމުންނެވެ. އިގުތިސޯދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ބީއެމްއެލް މެދުވެރިކޮށް 30 މަސް ދުވަހުގެ ތެރޭގައި 1.7 ބިލިއަން ޑޮލަރު ބާޒާރަށް ދޫކުރި އެވެ. މިއީ އޭގެ ކުރީގެ 30 މަހާ އަޅާބަލާއިރު 77 ޕަސެންޓުގެ ކުރިއެރުމެކެވެ.
ނަމަވެސް ވައުދުތައް ފުއްދުމުގައި ސަރުކާރަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން ޑޮލަރުގެ އަގު ވެއްޓޭނެ ކަމަށް ވިދާޅުވި ނަމަވެސް، އަގު ދިޔައީ މައްޗަށެވެ. އަދި ދައުރު ނިމޭއިރު ރާއްޖެއަށް އިގުތިސޯދީ މިނިވަންކަން ލިބޭނެ ކަމަށް ވިދާޅުވި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ޖޫން މަހު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވާފަ އެވެ. ސަރުކާރުން ސިއްހީ ސަބަބުތަކަށް ކަމަށް ބުނި ނަމަވެސް، އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަނީ ދަރަނި މެނޭޖު ނުކުރެވިގެން އޭނާ ވަކިވީ ކަމަށެވެ.
އިގުތިސޯދީ ސިޔާސަތުތައް އިދިކޮޅަށް ކަމަކު ނުދޭ
ސަރުކާރުގެ އިގުތިސޯދީ ސިޔާސަތުތަކަށް އިދިކޮޅު މައި ދެ ފަރާތް ކަމަށްވާ އެމްޑީޕީ އަދި ޔާމީންގެ ޕީއެންއެފްއިން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޔާމީން ވިދާޅުވި ގޮތުގައި ކަޅު ބާޒާރެއް އުފެދެނީ ސަރުކާރު ފެއިލްވުމުންނެވެ. އަދި އެކަން ހައްލުކުރުމުގެ ބަދަލުގައި ޑޮލަރު ވިއްކާ މީހުން ފަހާ ދުވުމަކީ އިތުރު ކުށްވެރިން އުފެއްދުން ކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވި ގޮތުގައި ޑޮލަރުގެ އަގު 23 ރުފިޔާއަށް ވުރެ މައްޗަށް ދިޔައީ ގައުމަށް ޑޮލަރު ނުވަދެގެނެއް ނޫނެވެ. އެކަން އެހެން ދިމާވީ، އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ ހަރަދުތައް ކޮންޓްރޯލް ނުކުރެވި، އިސްރާފު ބޮޑުވުމުންނެވެ.
ފައްޔާޒު ވިދާޅުވާ ގޮތުގައި ރިސޯޓުތަކުން ގަދަކަމުން 40 ޕަސެންޓު ޑޮލަރު މާރުކުރަން މަޖުބޫރުކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރި އުނދަގޫވި ސަބަބެކެވެ. އަދި މިހެން ސަރުކާރުން ހޯދާ ޑޮލަރު އާންމު ރައްޔިތުންނަށް ދިނުމުގެ ބަދަލުގައި، ސިޔާސީ ގޮތުން ގާތް ފަރާތްތަކަށް ބަހަމުންދާ ކަމުގެ ތުހުމަތު ވެސް އޭނާ ކުރެއްވި އެވެ.
އިދިކޮޅުން ވަނީ މި ސަރުކާރުން ފައިސާ ޗާޕުކުރާ ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ. ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި އެމްއެމްއޭ މެދުވެރިކޮށް ބޭންކުތަކުގައި 3.8 ބިލިއަން ރުފިޔާ ބަހައްޓައިގެން ސަރުކާރުގެ ސެކިއުރިޓީޒް ގަތުމަކީ ސިއްރުން ފައިސާ ޗާޕުކުރުމެވެ.
މި ގޮތަށް ފައިސާ ނެގުމުގެ ސަބަބުން ފާއިތުވި 17 މަސް ދުވަހުގެ ތެރޭގައި މާކެޓަށް ނެރުނު ފައިސާގެ މިންވަރު ވަނީ 32.5 ޕަސެންޓު އިތުރުވެފަ އެވެ. އަމީރު ތުހުމަތުކުރެއްވި ގޮތުގައި އިގުތިސޯދު ހަމައަކަށް އެޅުވުމެއް ނެތި، ޑްރޯން ގަތުމަށާއި ބިން ހިއްކުމަށް މިފަދަ ބޮޑެތި ފައިސާ އޮއްސުމަކީ ގައުމު އިތުރު ދަރަންޏަކަށް ވައްޓާލުމެވެ.
ނަމަވެސް ސަރުކާރު ކުށްވެރިކޮށް ބަޔާން ނެރުމަކުން އެމްޑީޕީގެ އަތުގައި ޖެހިފައިވާ އިގުތިސޯދީ ލައްގަނޑެއް ނުފިލާނެ އެވެ. ގައުމު މިއަދު މި އޮތް ދަރަނީގެ މަޅީގެ ބޮޑު ބައެއް ގެތީ އެމްޑީޕީގެ ފަސް އަހަރުގެ ތެރޭގަ އެވެ.
އެ ސަރުކާރުން ހުއްޓުމެއް ނެތި ޗާޕުކުރި އަށް ބިލިއަން ރުފިޔާއަކީ މާކެޓުގައި ރުފިޔާ ގިނަވެ، ދިވެހި ފައިސާގެ އަގު ވެއްޓެން މެދުވެރިވި މައިގަނޑު ސަބަބެވެ. ކުރީގެ ގަވަރުނަރު އަލީ ހާޝިމް ވެސް ވަނީ އެމްޑީޕީ ސަރުކާރުން މާ ބޮޑަށް ފައިސާ ނަގާފައިވާ ކަމަށް ވިދާޅުވެފަ އެވެ. މިއަދު މި ތަހައްމަލުކުރާ ހުރިހާ ދައްޗެއްގެ އަސްލު ފެށުނީ އެ ދުވަހުންނެވެ.
ބޭރުގެ މާލީ އިދާރާތަކުގެ ނިންމުން: ސަލާމަތްވި، އެކަމަކު ހައްލެއް ނުވި
ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިއްތިފާގަކީ، ރާއްޖެއިން ދަރަނި ނުދެއްކި ޑިފޯލްޓްވުމުން ސަލާމަތްވި ނަމަވެސް، އިގުތިސޯދީ އަސްލު މައްސަލަތަކަށް ހައްލެއް ނުލިބޭ ކަމެވެ. އައިއެމްއެފްއިން ޖޫން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖޭގެ ދަރަނީގެ ނުރައްކާ އިންތިހާއަށް ބޮޑު ކަމަށެވެ. އަދި ބޭރު ފައިސާގެ ގަވާއިދުން ކުޑަ ވަގުތުކޮޅަކަށް ފަސޭހައެއް ލިބުނު ނަމަވެސް، ރުފިޔާގެ އަގު ހިފެހެއްޓޭނީ ހަރަދުތައް ކުޑަކޮށް، ސަބްސިޑީތައް އިސްލާހުކޮށްގެން ކަމަށް އެ އިދާރާއިން އިލްތިމާސްކުރެ އެވެ.
ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި މި އަހަރުގެ އިގުތިސޯދީ ކުރިއެރުން ހުންނާނީ އެންމެ 0.7 ޕަސެންޓުގަ އެވެ. އަދި އިންފްލޭޝަން ހަ ޕަސެންޓަށް އަރައި، ބަޖެޓު ޑެފިސިޓް ޖީޑީޕީގެ 10.9 ޕަސެންޓަށް އަރާނެ އެވެ. އެ ބޭންކުން އިންޒާރު ދޭ ގޮތުގައި ކުރިއަށް އޮތް މެދު ރާސްތާގައި ދައުލަތުގެ ދަރަނި ޖީޑީޕީގެ 140 ޕަސެންޓަށް ވުރެ މައްޗަށް ދާނެ އެވެ. އަދި ވިޔަފާރި ބޭންކުތަކުގެ އެސެޓްތަކުގެ 40 ޕަސެންޓު ދައުލަތުގެ ދަރަންޏާ ގުޅިފައި އޮތުމަކީ ބޭންކިން ނިޒާމަށް އޮތް ބޮޑު ބިރެކެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ދިރާސާގައި ފާހަގަކޮށްފައި ވަނީ، ރުފިޔާގެ އަގު ހިފަހައްޓަން ސަރުކާރުން ކުރި މަސައްކަތުގެ ސަބަބުން ރިޒާވް ހުސްވެގެން ދިޔަ ކަމަށެވެ. މިއަދު ދައުލަތުގެ ޖުމްލަ ދަރަނި 155 ބިލިއަން ރުފިޔާގައި އޮތްއިރު، އިންޑިއާއަށް ދައްކަން ޖެހޭ ދަރަނި ވެސް ވަނީ 800 މިލިއަން ޑޮލަރުން 1.54 ބިލިއަން ޑޮލަރަށް އަރާފަ އެވެ.
މުއިއްޒު ސަރުކާރުގެ ތިން އަހަރުގެ ނަތީޖާއަކީ މިއީ އެވެ. ސަރުކާރުން ބޭރުގެ ލޯނުތައް ދެއްކި އެވެ. އެކަމަކު އެ ފައިސާ ދެއްކީ އިގުތިސޯދަށް ކޮންމެހެން ބޭނުންވާ ޑޮލަރުގެ ރިޒާވް ހުސްކޮށް، ތަރައްގީގެ މަޝްރޫއުތައް ހުއްޓުވާލައި، އަމިއްލަ ކުންފުނިތައް ދަރުވާލައިގެންނެވެ. ހިންގާ ހަރަދުތައް ކުޑަނުކޮށް، ފައިސާ ވަންނަން ހުރި ހަގީގީ ދޮރުތައް ބަންދުކޮށްގެން ކުރިއަށް ދިއުމަކީ އިގުތިސޯދު ހަމައަކަށް އެޅުވުމެއް ނޫނެވެ. މިއީ ތޫފާނެއްގެ ތެރޭގައި އޮޮތް ބޯޓެއް، އޮޔާ ވަޔަށް ދާން ދޫކޮށްލުން ކަހަލަ ކަމެކެވެ.


