މި މަންޒަރު ތަސައްވުރު ކޮށްލައްވާށެވެ. ތި ބޭފުޅާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޑޮލަރު ރައްކާކޮށްފައި އެބަހުއްޓެވެ. ރާއްޖެއިން ބޭރުން ކިޔަވާ ދަރިފުޅުގެ ޔުނިވާސިޓީ ފީ ދައްކަން ޖެހިއްޖެ އެވެ. ނުވަތަ ކޮލަމްބޯ ނޫނީ ބެންކޮކްގެ ހޮސްޕިޓަލަކަށް ފައިސާ ދައްކަން ޖެހިއްޖެ އެވެ. ފައިސާ ފޮނުވައިދިނުމަށް އެދި ބޭންކަށް ހުށަހެޅުމުން، އެކަމަށް ދެ ހަފުތާ ނަގަ އެވެ. ނުވަތަ އޭޓީއެމްއަކަށް ގޮސް ބަލާއިރު މުޅި މަހަށް ވެސް ނެގެނީ އެންމެ 3،500 ޔޫއެސް ޑޮލަރެވެ.
މިއީ ސެޕްޓެމްބަރު މަހުން ފެށިގެން ގިނަ ކަސްޓަމަރުން ތަހައްމަލު ކުރަމުންދާ ހަގީގަތެވެ. ބޭންކުން ވެސް ވަނީ އޭގެ ސަބަބު ހާމަކޮށްފަ އެވެ؛ އެއީ ޑޮލަރުގެ ލިކުއިޑިޓީއަށް ބޮޑު ބާރެއް އެޅި، "ދެމެހެއްޓެނިވި ނޫން މިންވަރަކަށް" ޑޮލަރު ބޭރުވަމުން ދިޔުމެވެ. އެހެންކަމުން މައްސަލަ އޮތީ ފެންނާށެވެ. ނަމަވެސް އާންމުންނަށް އުފެދޭ ސުވާލަކީ މުޅިން ތަފާތު ސުވާލެކެވެ. އަހަރެމެންނަށް މި ކިޔައިދެވެނީ ތެދުކަން ޔަގީންކުރަނީ ކާކު ހެއްޔެވެ؟ އަދި މިކަން ހައްލުކުރަމުންދާކަން ކަށަވަރުކުރަނީ ކާކު ހެއްޔެވެ؟
މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޒިންމާއެކެވެ. ކޮންމެ ބޭންކަކުން ވެސް ވާހަކަ ދައްކާނެ މިންވަރާއި ނުދައްކާނެ މިންވަރު ކަނޑައަޅަނީ އެ ބޭންކެއްގެ އަމިއްލަ ސަބަބުތަކަށްޓަކަ އެވެ. ރެގިއުލޭޓަރެއް (ބަލަހައްޓާ ފަރާތެއް) ހުންނަނީ، ޖަމާކުރާ ފަރާތްތަކުން ހަމައެކަނި ބޭންކުގެ ބަހަށް ބަރޯސާވާން ނުޖެހޭނެ ގޮތް ހެދުމަށެވެ. ކަސްޓަމަރުންނަށް ބޭންކުގެ ބަސް ވަނީ އިވިފަ އެވެ. އާންމުން އަދިވެސް މި ތިބީ ރެގިއުލޭޓަރުގެ ބަހެއް އަޑުއެހުމުގެ އިންތިޒާރުގަ އެވެ.
ބޭންކުގެ އަމިއްލަ ރިޕޯޓުތަކުން އެންމެނަށް ފެންނަން ހުރި ކަންކަން
ބޭންކަކީ އޭގެ މުދަލުގެ ބޮޑުބައެއް ލޯނުގެ ގޮތުގައި ދޫކުރާ ފިހާރައެއްގެ ގޮތުގައި ދެކޭށެވެ. މިއީ އާދައިގެ ކަމެކެވެ. ނަމަވެސް، ކޮންމެ ދުވަހަކު ވެސް ކަސްޓަމަރުން އެދޭ ފައިސާ އަނބުރާ ދެވޭނެ ވަރަށް އެ ފިހާރައިގެ ކައުންޓަރުގައި އަބަދު ވެސް ނަގުދު ފައިސާ ހުންނަންވާނެ އެވެ.
ކައުންޓަރުގައި ހުރި ނަގުދު ފައިސާ މަދުވުން
މީގެ އެއް އަހަރު ކުރިން، ކަސްޓަމަރުން ޖަމާކުރި ކޮންމެ 100 ރުފިޔާއަކަށް، ބީއެމްއެލްގައި ނަގުދު ފައިސާ އަދި ކުރު މުއްދަތުގެ ފަންޑުގެ ގޮތުގައި ގާތްގަނޑަކަށް 14 ރުފިޔާ ބެހެއްޓި އެވެ. މިއަދު އެ އަދަދު ހުރީ ގާތްގަނޑަކަށް ފަސް ރުފިޔާގަ އެވެ.
ފައިސާ ރައްކާކުރާ މިންވަރަށް ވުރެ ލޯނު ދޫކުރާ މިންވަރު އިތުރުވުން
ޑިޕޮސިޓް (ޖަމާކުރި އަދަދު) ގާތްގަނޑަކަށް 14 ޕަސެންޓު އިތުރުވި އިރު، ލޯނު ދޫކުރި މިންވަރު ވަނީ ގާތްގަނޑަކަށް 30 ޕަސެންޓަށް އިތުރުވެފަ އެވެ. މިއީ އަމިއްލައަށް ރައްކާކުރާ މިންވަރަށް ވުރެ އިތުރަށް ގާތްތިމާގެ މީހުންނަށް ދަރަންޏަށް ފައިސާ ދީ، އަމިއްލަ ބިލްތައް ދެއްކުމަށްޓަކައި ރައްކާކޮށްފައި ހުރި އެއްޗަކުން ނަގައި، އިތުރަށް ދަރަނި ޖެހުން ފަދަ ކަމެކެވެ.
އެންމެ ފަހުގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި ބީއެމްއެލް އިން ނަގާފައިވާ ލޯނުތަކާއި ދަރަނި މިހާރު ހުރީ ގާތްގަނޑަކަށް 2.45 ބިލިއަން ރުފިޔާގަ އެވެ. އަދި ވޭތުވި ދެ ކުއާޓަރުގެ ތެރޭގައި އެކަނި އެ ބޭންކުން ވަނީ 1.5 ބިލިއަން ރުފިޔާގެ ދަރަނި ނަގާފަ އެވެ.
ކަސްޓަމަރުން އިތުރަށް ޑޮލަރަށް ބޭނުންވުން
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ބީއެމްއެލް އިން ވަނީ ކަސްޓަމަރުންނަށް ގާތްގަނޑަކަށް 722 މިލިއަން ޔޫއެސް ޑޮލަރު ވިއްކާފަ އެވެ. އަދި ޑޮލަރު ވިއްކި މިންވަރު ވަނީ 31 ޕަސެންޓަށް މައްޗަށް ގޮސްފަ އެވެ.
ޑޮލަރުގެ "ގޭޖު" ގެއްލިފައިވުން
ބީއެމްއެލްގެ އަހަރީ ރިޕޯޓުތަކުގައި ޑޮލަރުގެ ލިކުއިޑިޓީ ރޭޝިއޯ ދައްކުވައިދީފައި އޮވެ އެވެ. މިއީ ބޭންކުން ގިނަ އަދަދަކަށް ޑޮލަރު ނަގަމުންދާ ދަނޑިވަޅެއްގައި، ކުރިއަށް އޮތް 30 ދުވަހުގެ ޑޮލަރުގެ ޒިންމާތައް އަދާކުރެވޭނެ މިންވަރު އަންގައިދޭ 'ގޭޖެކެވެ'. އެންމެ ފަހުން ފެންނަން އޮތް އަދަދަކީ 13 ޕަސެންޓެވެ.
މިއީ ރައްކާތެރި މިންގަނޑު ކަމަށްވާ 100 ޕަސެންޓަށް ވުރެ މަތީ އަދަދެކެވެ. ނަމަވެސް އެންމެ ފަހުގެ ކުއާޓަލީ ރިޕޯޓުގައި ހިމަނާފައި ވަނީ ހުރިހާ ފައިސާއެއް އެއްކޮށްގެން ދައްކާފައިވާ ޖުމްލަ އެއް އަދަދެކެވެ. ވަކިން ޑޮލަރަށް ހާއްސަ ގޭޖެއް ނެތެވެ.
މި ގޭޖު ނެތުމުން، ދެން ޖެހެނީ އަންދާޒާ ކުރާށެވެ. އެ ގޮތުން 2025 ވަނަ އަހަރުގެ ނިޔަލަށް ޖަމާކޮށްފައިވާ ފައިސާގެ ތެރޭގައި ޑޮލަރު ހުރި ނިސްބަތް މިހާރު ވެސް އެގޮތުގައި ހުރި ނަމަ، ބީއެމްއެލްގެ ޑޮލަރު ނަގުދު ފައިސާގެ ގޮތުގައި ހުންނާނީ ގާތްގަނޑަކަށް 68 މިލިއަން ޔޫއެސް ޑޮލަރެވެ. މިއީ އަންދާޒާއެކެވެ. ބީއެމްއެލްގެ އަދަދެއް ނޫނެވެ.
މަހަކު އެވްރެޖުކޮށް ވިއްކާ 80 މިލިއަން ޔޫއެސް ޑޮލަރާ އަޅާބަލާއިރު، މިއީ މަހުން މަހަށް ކަސްޓަމަރުން ގަންނަ މިންވަރު އިތުރުވަމުންދާ އެއްޗަކަށް ބަލާއިރު، އެއް މަސްދުވަހަށް ވެސް ނުފުދޭ މިންވަރެކެވެ.
އޭގެ އިތުރުން، މިދިޔަ އަހަރު ބީއެމްއެލްއިން ނަގުދު ފައިސާގެ ގޮތުގައި ގުނި ބައެއް ފައިސާ ފަހުން ވަނީ ދިގު މުއްދަތުގެ އިންވެސްޓްމަންޓްތަކަށް ބަދަލުކޮށްފަ އެވެ. އަދި އެންމެ ފަހުގެ ރިޕޯޓުގައި އަޅާކިޔުމަށް ބޭނުންކޮށްފައިވާ އަދަދުތައް މިންއަޅާފައިވަނީ އެއް އުސޫލަކުން ނޫނެވެ. ކަންކަން މިނާ މިންގަނޑު އަބަދު ބަދަލުވަމުންދާ ނަމަ، ބޭންކުގެ ހާލަތު މިދިޔަ އަހަރަށް ވުރެ ވަރުގަދަވިތޯ ނުވަތަ ދަށަށް ދިޔަތޯ ބުނެދޭކަށް ނޭނގޭނެ އެވެ.
ބީއެމްއެލްގެ ޑޮލަރު ތާށިކަމުގެ ކުރު ޓައިމްލައިނެއް
- ސެޕްޓެމްބަރު، 9 : ޑޮލަރު ޓްރާންސްފާ ކުރުމަށް ދެ ހަފުތާއާއި ތިން ހަފުތާއާ ދެމެދުގެ މުއްދަތެއް ހޭދަވާ ކަމަށް މުދާ އެތެރެކުރާ ވިޔަފާރިތަކުން ޝަކުވާ ކުރަން ފެށުން
- ސެޕްޓެމްބަރު، 12 : ބޭރު ފައިސާގެ ލިކުއިޑިޓީއަށް ބޮޑު ޕްރެޝަރެއް އެބައޮތް ކަމަށާއި، ޓްރާންސްފާތައް ލަސްވަމުންދާ ކަމަށާއި، އަދި އޮންލައިންކޮށް މަހަކު ޑޮލަރުން ކުރެވޭ ހަރަދު 16 މިލިއަން ޑޮލަރަށް ލިމިޓްކޮށްފައިވާ ކަމަށް ބީއެމްއެލްއިން ބުނުން
- ސެޕްޓެމްބަރު، 19 : ޑޮލަރު ބޭރުވަމުންދާ މިންވަރަކީ ދެމެހެއްޓޭ މިންވަރެއް ނޫން ކަމަށާއި، ޓްރާންސްފާތަކުގައި ދެ ހަފުތާގެ ޑިލޭއެއްއުޅޭ ކަމަށް ބީއެމްއެލްއިން ބުނުން
- ސެޕްޓެމްބަރު، 20 : ޑޮލަރުގެ އެހީތެރިކަން ދެވޭނީ ޑޮލަރު ހުރި މިންވަރަކުން ކަމަށް ބުނެ، ބޭންކުގައި ޑޮލަރު ނެތް ނަމަ ޓްރާންސްފާ ކެންސަލް ކުރާނެ ބީއެމްއެލްއިން ކަސްޓަމަރުންނަށް އެންގުން
- އޮކްޓޫބަރު، 1 : އޭޓީއެމް އިން ޑޮލަރު ނެގޭ މިންވަރު ދުވާލަކު 1,600 ޑޮލަރުން މަހަކު 3,500 ޑޮލަރަށް ބީއެމްއެލްއިން ލިމިޓުކުރުން
ބީއެމްއެލްއިން ބުނެފައިވާ ގޮތުގައި ޖުލައި މަހު އޭޓީއެމްތަކުން ޑޮލަރު ނެގި މިންވަރު 188 މިލިއަން ޑޮލަރަށް އެރިއިރު، އެ ބޭންކުން މަހެއްގެ މައްޗަށް އެވަރެޖްކޮށް ޑޮލަރު ވިއްކަނީ ގާތްގަނޑަކަށް 81 މިލިއަން ޑޮލަރެވެ. މިފަދަ މަހު ލިމިޓެއް އޭޕްރީލް 2020 އިން ފެބްރުއަރީ 2023 އަށް ވެސް ބޭނުންކުރި އެވެ.
މިއީ ޓޫރިސްޓް ސީޒަންއެއް ނޫންނޭ ބުނުމަކީ ޖަވާބެއް ނޫން
ޓޫރިސްޓް ސީޒަނުގައި ޑޮލަރު އެތެރެވާކަން ޔަގީނެވެ. އެކަމަކު ވާރެއަށް ބަރޯސާވާ ދަނޑުވެރިޔާ ވެސް ގޮވާން ރައްކާކުރެ އެވެ؛ އޮޑީގެ ކައްޕިތާނު ވެސް އިތުރު ތެޔޮ ގެންގުޅެ އެވެ؛ އަދި އާއިލާއަކުން ވެސް ކުއްލި ހާލަތަކަށް ފައިސާ ރައްކާކުރެ އެވެ. ބޭންކަކުން ބަލަހައްޓަނީ އެހެން މީހުންގެ ފައިސާ ކަމަށްވާއިރު، އެ ބޭންކުގެ ޒިންމާ މާ ބޮޑެވެ.
މި އަހަރަކީ ޓޫރިޒަމަށް ބޮޑު ލޮޅުން ބޮޑު އަހަރެކެވެ. އެހެން އަހަރުތަކުގައި ވެއްޓުނު ވަރަށް ނުވެއްޓުނަސް، މެދުއިރުމަތީގައި އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެން ސަބަބުން ދަތުރުފަތުރަށް ބުރޫއަރައި، ފަތުރުވެރިން އައި މިންވަރު ވަނީ ގާތްގަނޑަކަށް 50,000 ދަށް ވެފަ އެވެ.
މި ހުރިހާ ކަމެއްގެ މައްޗަށް ނަޒަރު ހިންގާލާއިރު ކަޅި ގޮސް ހުއްޓެނީ، މިހެން ދިމާވާ ދަތިތަކާއި އުނދަގޫތަކުން އަރައިގަނެ، ހިދުމަތް ދިނުމުގައި ދެމި އޮވެވޭނެ ފަދަ ގާބިލުކަން ހުރި ބޭންކެއްތޯ ކަށަވަރު ކުރުމުގެ ޒިންމާ މަތިކޮށްފައި އޮންނަ ރެގިއުލޭޓަރަށެވެ.
ރެގިއުލޭޓަރަށް ކުރެވޭނެ ކަންކަމާއި، ނުކޮށް ދޫކޮށްލާފައިވާ ކަންކަން
އެމްއެމްއޭއަކީ ބޭންކުތަކުގެ ރެފްރީ އެވެ. އަދި، ބޭންކިން ގާނޫނުން އެ އިދާރާއަށް ބޮޑެތި ބާރުތަކެއް ދީފައިވެ އެވެ. އޭގެ ތެރޭގައި ބޭންކުތަކުން ޑިރެކްޓަރުން ވަކިކުރުމަށް އަމުރުކުރުމާއި، ބޭންކުގެ ބޯޑުގެ ބަދަލުގައި އެމްއެމްއޭގެ އަމިއްލަ މެނޭޖަރަކު އައްޔަންކުރުމާއި، އަދި ލައިސަންސް ބާތިލުކުރުމުގެ ބާރު ވެސް ލިބިގެންވެ އެވެ.
މި ބާރުތައް ހުއްޓަސް، ރާއްޖޭގެ ގާނޫނުތަކުގައި ބައެއް އުނިކަންކަން އެބަހުރި ކަމަށް އައިއެމްއެފް އަދި ވޯލްޑް ބޭންކުން މާޗު، 2024 ގައި ޝާއިއުކުރި ރިވިއުއެއްގައިވެ އެވެ. އެ ރިވިއުގައި ބުނި ގޮތުގައި ބޭންކުތަކަށް ކަނޑައެޅިފައިވާ ލިކުއިޑިޓީ ގަވާއިދެއް ރާއްޖޭގައި ނެތެވެ. އެ އިދާރާތަކުން ލަފާ ދީފައި ވަނީ ދިވެހި ރުފިޔާ އާއި ޑޮލަރު ވެސް ހިމެނޭ ގޮތަށް އެފަދަ ގަވާއިދެއް ހެދުމަށެވެ.
އޭގެ އިތުރުން، ވޭތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި އެމްއެމްއޭއިން އެއްވެސް ބޭންކަކަށް އަދަބެއް ދީފައި ނުވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ހަމަ އެގޮތަށް ދަތިކަމެއް ދިމާވާ ބޭންކަކަށް ކުއްލި އެހީގެ ލޯނު ދޭނެ ނިޒާމެއް ނެތް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
މި ރިޕޯޓުން ފާހަގަަކޮށްލެވޭ އަނެެއް ކަމަކީ، ބީއެމްއެލްގެ ބޭރު ފައިސާގެ ހާލަތު ރަނގަޅު ނޫން ކަމަށާއި، ރުފިޔާގެ އަގު ވެއްޓިއްޖެނަމަ އެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ބަޔާންކޮށްފައި އޮތުމެވެ. މިއީ މިހާރު ދިމާވެގެން އުޅޭ ދަތިތައް ފެށުމުގެ ބަރާބަރު ދެ މަސް ކުރިން ޝާއިއުކުރި ރިޕޯޓެއްގައި ދީފައި ހުރި އިންޒާރުތަކެވެ.
އެމްއެމްއޭއިން މި އިންޒާރުތަކަށް އިޖާބަދީ، އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ގެންނަން ޖެހޭ ބަދަލުތައް ގެނައި ނަމަ މި ހާލަތުގެ ގެއްލުން ކުޑަކުރެވުނީސްތޯ މިއީ އުފެދޭ ސުވާލެކެވެ. އަދި މިކަންކަމާ ގުޅިގެން އެ އިދާރާއިން އެއްވެސް ފިޔަވަޅެއް އެޅިތޯ ނުވަތަ ނޫންތޯ އެއީ ރައްޔިތުންނަށް އެނގެން ޖެހޭ ކަމެކެވެ.
އެހެން ގައުމުތަކުގެ ރެގިއުލޭޓަރުން ކަންކުރި ގޮތް
އިންޑިއާ، 2020: ޔެސް ބޭންކުގެ ކޭޝް ފްލޯ ދަށްވެ، ފައިސާގެ ދަތިކަން ކުރިމަތިވުމުން، މަރުކަޒީ ބޭންކުން ވަނީ ކޮންމެ ކަސްޓަމަރަކަށް ނެގޭނެ އަދަދަކީ 50,000 ރުޕީސް ކަމަށް ލިމިޓްކޮށް، ބޯޑު ބަދަލުކޮށް، އަދި އެހީތެރިވުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާއާ ހަވާލުކޮށްފަ
ބަންގްލަދޭޝް، 2024: ޑިޕޮސިޓްކޮށްފައިވާ ފަރާތްތަކަށް ފައިސާ ދިނުމަށް ގިނަ ބޭންކުތަކަކަށް ދަތިވުމުން، މަރުކަޒީ ބޭންކުން ވަނީ އެ ބޭންކުތަކުގެ ބޯޑުތަކާއި މެނޭޖްމަންޓް ބަދަލުކޮށްފަ
ނައިޖީރިއާ، 2009: ލިކުއިޑިޓީއާއި ރައުސްމާލުގެ މައްސަލަތަކެއް ފާހަގަކުރެވުމާ ގުޅިގެން، މަރުކަޒީ ބޭންކުން ފަސް ބޭންކެއްގެ ޗީފް އެގްޒެކެޓިވުން މަޤާމުން ވަކިކޮށް، އެ ބޭންކުތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިން
ކެންޔާ، 2015 : ފައިސާގެ ދަތިކަން ކުރިމަތިވުމާ ގުޅިގެން، ތިން ބޭންކެއް ކަމަށްވާ ދުބާއީ ބޭންކް، އިމްޕީރިއަލް ބޭންކް އަދި ޗޭސް ބޭންކް ރެގިއުލޭޓަރުގެ ބެލުމުގެ ދަށަށް ގެންދެވުނު
ސްޕެއިން، 2012: ސަރުކާރުން ބޭންކިއާގެ ކޮންޓްރޯލް ނަގައި، އޭގެ މެނޭޖްމަންޓް ބަދަލުކުރި
މީގެން ލިބޭ ފިލާވަޅަކީ މިފަދަ ކަމެއް މިތަނަށް ކުރިމަތިވާނެ ވާހަކައެއް ނޫނެވެ. އެކަމަކު، އިންޒާރުގެ ނިޝާންތަކަށް ބަލައި ފިޔަވަޅު އެޅި ރެގިއުލޭޓަރުން ދައްކަން ޖެހުނު އަގު، ކަސްޓަމަރުންގެ އިތުބާރު ގެއްލެންދެން މަޑުކުރި ފަރާތްތަކާ އަޅާބަލާއިރު މާ ކުޑަ ކަމެވެ.
ބައިނަލްއަގުވާމީ ގަވާއިދުތައް ބުނާ ގޮތް
މި ފަހުން ދުނިޔެ ދުށް އެންމެ ބޮޑު މާލީ ކާރިސާ، އެއީ 2008 ވަނަ އަހަރުގެ މާލީ ކާރިސާއަށް ފަހު، ދުނިޔޭގެ ބޭންކިން ގަވާއިދުތައް ކަނޑައަޅާ ބާސެލް ކޮމިޓީން ވަނީ ލިކުއިޑިޓީއާ ގުޅޭ މިންގަނޑުތަކެއް އެކުލަވާލާފަ އެވެ.
އެ މިންގަނޑުތަކުގައި ބުނަނީ، ދަތި މަހަކުން އަރައިގަނެވޭ ވަރަށް ފަސޭހައިން ބޭނުންކުރެވޭ ފައިސާ (ރެޑީ މަނީ) ބެހެއްޓުމަށާއި، ރުފިޔާއިން ޑޮލަރުގެ ބިލުތަކަށް ފައިސާ ނުދެއްކޭނެތީ ކޮންމެ ކަރަންސީއެއް ވަކިން ބެލުމަށެވެ. އަދި، "ކަންކަން ގޯސްވެދާނެ ހާލަތްތައް" ދެނެގަތުމަށް ޓެސްޓުތައް ހެދުމަށާއި، އަދި އިންޒާރުގެ ނިޝާންތަކަށް ސަމާލުވުމަށެވެ.
މީގެ އިތުރުން، ބޭންކުތަކުން މިކަންކަން ކުރޭތޯ ބަލައި، އެކަން ނުކުރާނަމަ ކުރިއާލައި ފިޔަވަޅު އެޅުމުގެ މަތިކޮށްފައި އޮވެ އެވެ. އަދި ކާރިސާއެއްގެ ވަގުތުގައި ދަރަންޏެއް ނަގައިގެން ނުވަތަ އެސެޓްތަކެއް ވިއްކާލައިގެން މިންޖުވެވިދާނެ ކަމަށް ނުދެކުމަށް ބުނެ އެވެ. ސަބަބަކީ ކާރިސާއެއްގެ ތެރޭގައި އެންމެން ވެސް މަސައްކަތްކުރާނީ އެފަދައިން ކަންކުރަން ކަމަށްވާތީ އެވެ.
އެ މިންގަނޑުތަކުގައި ބަޔާންކޮށްފައިވާ އިންޒާރުގެ ނިޝާންތައް މިހާރު ފެންނަން އެބަހުއްޓެވެ. އަތްމަތީ ފައިސާ މަދުވުމާއި، ޑިޕޮސިޓްތަކުގެ ބަދަލުގައި ލޯނުތަކަށް ބަރޯސާވުމާއި، ޕޭމަންޓްތައް ލަސްވުމާއި، އަދި ފައިސާ ނެގޭ މިންވަރު ލިމިޓްކުރުމެވެ. އިންޒާރުގެ ރަނގަބީލުގެ އަޑު އެދަނީ ގަދަވަމުންނެވެ.
އެމްއެމްއޭއިން ކުރަންޖެހޭ ބައެއް ކަންކަން
- ކަންކަން އޮތް ހާލަތު އާންމުންނަށް ހާމަކުރުން: މުޅި ބޭންކިން ނިޒާމުގެ ޑޮލަރު ލިކުއިޑިޓީއާ ގުޅޭ ގޮތުން އެމްއެމްއޭގެ އަމިއްލަ ދިރާސާ ޝާއިއުކުރުމާއި، އެ އިދާރާގެ ބެލެނިވެރިކަމުގެ ބާރުތަކުގެ ތެރެއިން އެއްވެސް ބާރެއް ބޭނުންކޮށްފައިވޭތޯ ބުނެދިނުން.
- މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެ ސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފާތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.
- ސްޓްރެސް ޓެސްޓް ހެދުމަށް އެންގުން: ފަތުރުވެރިކަމުގެ ސީޒަން ދަށަށް ގޮސްފިނަމަ، ބޭންކުތަކުގެ ޑޮލަރަށް ވާނެ ގޮތް ދައްކައިދިނުމަށް ކޮންމެ ބޭންކަކަށް އަންގައި، އޭގެ ނަތީޖާ އާންމުކުރުން
- ގަވާއިދުތަކުގެ ފަރަގު ކުޑަކުރުން: ކުރިއާލައި ފިޔަވަޅު އެޅުމަށް ސާފު، ާންމު މިންގަނޑުތަކެއް ކަނޑައަޅައި، ދެ ބާވަތުގެ ފައިސާ ވެސް ހިމެނޭ ގޮތަށް ލިކުއިޑިޓީއާ ބެހޭ ގަވާއިދެއް ނެރުން.
- ރައްކާތެރިކަމުގެ ވިއުގައެއް ގާއިމުކުރުން: ލަސްވުމެއްގެ ސަބަބުން ނިޒާމު ފޭލުވާ ހާލަތަކަށް ނުދިއުމަށްޓަކައި، ކުއްލި ހާލަތްތަކުގައި ލޯނު ދޫކުރެވޭނެ ނިޒާމެއް (އިމަޖެންސީ ލެންޑިން ފްރޭމްވާކް) އެކުލަވާލުން
މިއީ އެމްއެމްއޭއިން ރެގިއުލޭޓަރުގެ ހައިސިއްޔަތުން ރާއްޖޭގެ އިގުތިސޯދާއި ދިވެހިންގެ މާލީ މުސްތަގުބަލާއި އަދި ގައުމުގެ ދުޅަހެޔޮކަން ކަށަަވަރު ކުރުމަށް ޓަކައި ކުރަން ޖެހެ ކަންކަމެވެ.







