ރިޕޯޓު60 މިލިއަނަށް ދެ ޕާކިން، ދެން ހުރިހާ އެއްޗެއް ގެއްލިއްޖެ!

60 މިލިއަނަށް ދެ ޕާކިން، ދެން ހުރިހާ އެއްޗެއް ގެއްލިއްޖެ!

ހުޅުމާލެ އާއި މާލޭގެ ޕާކިން މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ނަމުގައި ދައުލަތުން 20 މެކޭނިކަލް ޕާކިން ސިސްޓަމެއް ބަހައްޓަން ވައުދުވި. އެ މަސައްކަތަށް 59.36 މިލިއަން ރުފިޔާ ހޭދަކުރި ނަމަވެސް، މައި އެއްބަސްވުން ބާތިލުކުރިއިރު ނިމުނީ އެންމެ ދެ ސިސްޓަމް ކަމަށް. ބާކީ ހުރި ސިސްޓަމްތަކެއް ވީގޮތެއް، ވާގޮތެއް ނޭނގޭ!

ކަވާ އިމޭޖު: އަދަދު
ކަވާ އިމޭޖު: އަދަދު

ހުޅުމާލޭ ގާޒީ ސްކޫލްގެ ބިތްދޮށުގައިވާ ހުސް ބިމުން ފެންނަނީ އުސްކޮށް ކޮޅަށް ހުރި ދަގަނޑު ބޮޑު އޮނިގަނޑުތަކެކެވެ. ވިއްސާރައިގެ ތެތްކަމާއި ގަދަ އަވީގެ ސަބަބުން، އެ މެކޭނިކަލް ސިސްޓަމްތަކުގެ ދަގަނޑުތަކުގައި ވަނީ ބޯކޮށް ދަބަރު ޖަހައިފަ އެވެ. ވަށައިގެން ވިނަތައް ފަޅައި ހެދިފައި ވާއިރު، އެއިން އެއްވެސް ތަނެއްގައި ދުއްވާ އެއްޗެއް ޕާކުކޮށްފައެއް ނެތެވެ. މިއީ ހަމައެކަނި ގާޒީ ސްކޫލް ފަހަތުގެ ހާލަތެއް ނޫނެވެ. ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މިފަދަ އެތައް ރެކެއް ދަނީ ދަބަރަށް ވަމުންނެވެ.

ހުޅުމާލޭގެ ޕާކިން ސިސްޓަމްތަކުގެ މަތިން ހަނދާން ނެތިފައި ހުއްޓާ އެ ހަނދާން އާކޮށްދިނީ، އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހައުސިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުންނެވެ. އެ އޮޑިޓުގައިވާ ގޮތުން، މާލެ އާއި ހުޅުމާލޭގެ މަގުމަތީގައި ޕާކުކުރުމުގެ މައްސަލައަށް ޒަމާނީ ހައްލެއް ގެނެސްދޭނެ ކަމަށް ބުނެ ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް އޮތީ ހޭދަކޮށްފަ އެވެ. އެކަމަކު އެއިން އެއްވެސް ތަނެއް ބޭނުމެއް ނުކުރެ އެވެ. އަދި މިހާރު އެއިން އެންމެ ސިސްޓަމެއް ވެސް ފެންނާކަށް ނެތެވެ.

ހައުސިންގެ އޮޑިޓު ރިޕޯޓު ކިޔައިލުމުން ލިބުނު ޖަވާބަށް ވުރެ ގިނައީ އުފެދުނު ސުވާލުތަކެވެ. ދައުލަތުގެ ބަޖެޓުން ހަގީގަތުގައި ގަތީ ކިތައް ސިސްޓަމް ހެއްޔެވެ؟ އެ ސިސްޓަމްތައް މިއަދު ކޮބައި ހެއްޔެވެ؟ 

ވައުދުވީ 20 ސިސްޓަމަށް، ނިމުނީ ދެ ތަން

މާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ބެހެއްޓުމުގެ ޕްލޭން ސަރުކާރުން ހާމަކުރަން 2015 ވަނަ އަހަރުގެ ފަހުކޮޅު، ބަޖެޓު މަރުހަލާގެ ތެރެއިންނެވެ. އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ވަނީ ޖެނުއަރީ 2016 ގައި މާލޭގައި މީގެ 20 ސިސްޓަމް ބަހައްޓާނެ ކަމަށް ވިދާޅުވެފަ އެވެ. އެއަށް ފަހު އޮކްޓޯބަރު 2016 ގައި މިނިސްޓްރީން އިއުލާނުކުރީ 10 ކާރު ސިސްޓަމާއި 10 ސައިކަލް ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް އެސްޓީއޯއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ 10 ކާރުގެ ޖާގަ ހިމެނޭ ސިސްޓަމްތަކަކާއި 100 ސައިކަލުގެ ޖާގަ ހިމެނޭ ސިސްޓަމްތަކެކެވެ. މަސައްކަތް ނިންމަން ދިނީ މާޗު 2017 ގެ ނިޔަލަށެވެ.

"އަދަދު" އަށް ފެނިފައިވާ ލިޔުމަކުން އެނގޭ ގޮތުގައި، ސޮއިކުރި ކަމަށް އިއުލާންކުރުމުގެ މާ ކުރިން މިނިސްޓްރީ އާއި އެސްޓީއޯއާ ދެެމެދު އެއްބަސްވުމެއްގައި ސޮއިކޮށް، ޕާކިން ސިސްޓަމްތައް ހޯދުމުގެ މަސައްކަތް އޮތީ ފަށާފަ އެވެ. ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރީ މާޗު 21، 2016 ގައި އެވެ. އެއްބަސްވީ 45.9 މިލިއަން ރުފިޔާގެ އަގަކަށް 20 ސައިޓެއްގައި ޕާކިން ނިޒާމު ގާއިމުކުރާށެވެ. ނަމަވެސް، އޭގެ ތިން މަސް ފަހުން، ޖޫން 26، 2016 ގައި އެއްބަސްވުން ބަދަލުކޮށް، މަޝްރޫއުގެ އަގު 59.9 މިލިއަން ރުފިޔާއަށް ބޮޑުކުރި އެވެ.

އަގު އެތައް މިލިއަނަކުން އުފުލުނުއިރު، ހައުސިން މިނިސްޓްރީގެ 2018 އިން 2023 އަށް އެކުލަވައިލި އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި މިއީ ބެލުމެއް ނެތި ކޮށްފައިވާ ހަރަދެކެވެ. އެ މަޝްރޫއަށް ދައުލަތުން ޖުމްލަ 59.4 މިލިއަން ރުފިޔާ ހޭދަކުރި އެވެ. ނަމަވެސް، ބިލުތަކަށް ފައިސާ ދައްކަމުން ދިޔައީ މަސައްކަތް ކުރިއަށް ދިޔަ މިންވަރު ބެލުމެއް ނެތި، ހަމައެކަނި ޕޭމަންޓް ޝެޑިއުލްއަކަށް ބަލައިގެންނެވެ. މިގޮތަށް އެސްޓީއޯއިން ހުށަހެޅި ހަތަރު ބިލަކަށް މިނިސްޓްރީން 9.8 މިލިއަން ރުފިޔާ ދޫކުރި އެވެ. އެކަމަކު ޖޫން 26، 2018 ގައި އެސްޓީއޯގެ އެއްބަސްވުން ބާތިލުކުރިއިރު، ނިމިފައި ހުރީ އެންމެ ދެ ސިސްޓަމެވެ.

ހިސާބުތަކުގެ އަރަތް ފެށެނީ މި ހިސާބުންނެވެ. ގައިމު 20 ސިސްޓަމުން ދެ ތަން ނިމުމުން ބާކީ 18 ސިސްޓަމް އޮންނަން ޖެހޭނެ އެވެ. ނަމަވެސް އޮޑިޓް ރިޕޯޓުގައި ބުނަނީ، ނުނިމި ހުރި ކަމަށް ބުނެ ބޭރުގެ ކުންފުންޏަކާ ދެން ހަވާލުކުރީ 14 ސިސްޓަމްގެ މަސައްކަތް ކަމަށެވެ. ބާކީ ހަތަރު ސިސްޓަމަށް ވީނުވީއެއް އެއްވެސް ލިޔުމަކުން އެނގޭކަށް ނެތެވެ.

އެ 14 ސިސްޓަމް ނިންމަން ބޭރުގެ ކުންފުންޏާ 14.5 މިލިއަން ރުފިޔާއަށް ހަވާލުކުރިއިރު، އެ ކުންފުންޏަށް ވެސް މަސައްކަތް ބެލުމެއް ނެތި 13.9 މިލިއަން ރުފިޔާ ދޫކުރި އެވެ. އޭގެ ތެރޭގައި ދެ އިންވޮއިސްއަކަށް ދެއްކި 4.1 މިލިއަން ރުފިޔާ ހިމެނެ އެވެ. އަދި އެޑްވާންސްގެ ގޮތުގައި ދިން 2.2 މިލިއަން ރުފިޔާގެ ތެރެއިން 1.5 މިލިއަން ރުފިޔާއަކީ މިއަދާ ހަމައަށް ވެސް ދައުލަތަށް އަނބުރާ ހޯދިފައިނުވާ ފައިސާ އެވެ. އެކަމަކު މިހާ ބޮޑު ހޭދައެއް ކުރިއިރު ވެސް، އެ ކުންފުންޏަށް އެންމެ ސިސްޓަމެއްގެ މަސައްކަތް ވެސް ނިންމިފައެއް ނުވެ އެވެ.

އޮޑިޓް ރިޕޯޓުން ފާހަގަކުރި ގޮތުގައި، މި މުޅި މަޝްރޫއު ކުރިއަށް ގެންދިޔައީ އެއްވެސް ފީސިބިލިޓީ ދިރާސާއެއް ނުހަދަ އެވެ. ދައުލަތުގެ ބަޖެޓުން 59.4 މިލިއަން ރުފިޔާ ހަރަދުކުރި ނަމަވެސް، މިއިން އާންމުންނަށް ލިބުނު އެއްވެސް މަންފާއެއް ނެތެވެ. އެހެންކަމުން މި މައްސަލަ ރަނގަޅަށް ތަހުގީގުކޮށް، ދައުލަތަށް ގެއްލުންދީ އިހުމާލުވި ހުރިހާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާދެއްވައިފަ އެވެ.

ފައިސާ ދެއްކި، ބޭނުމެއް ނުކުރެވުނު، ނިމުނީ ރޫޅާލުމުން

ސުވާލު އުފެދޭ އަނެއް ކަމަކީ، އަގު ބޮޑުކުރިއިރު ސިސްޓަމްތަކުގެ ސައިޒު ކުޑަކޮށްފައި ވުމެވެ. އެއްބަސްވުމަށް ބަދަލު ގެނެސް އަގު 14 މިލިއަން ރުފިޔާއިން ބޮޑުކުރިއިރު، ސިސްޓަމްތަކުގެ ކެޕޭސިޓީ ވަނީ ދަށްކޮށްފަ އެވެ. ފުރަތަމަ އެދުނީ 160 ކާރުގެ ޖާގައަށް ނަމަވެސް، ފަހުން އެ އަދަދު ވަނީ 100 ކާރަށް ދަށްކޮށްފަ އެވެ. އެހެންކަމުން މާ ބޮޑު އަގެއް ދައުލަތުން ދެއްކީ ކުރިއަށް ވުރެ ކުޑަ ޑިޒައިނަކަށެވެ.

އަނެއްކޮޅުން، 59.9 މިލިއަން ރުފިޔާގެ އެއްބަސްވުމުން 59.4 މިލިއަން ރުފިޔާ ދައުލަތުން ހޭދަކުރިއިރު، މިނިސްޓްރީން އެސްޓީއޯއަށް ދެއްކީ އެންމެ 9.8 މިލިއަން ރުފިޔާ އެވެ. އޮޑިޓް ރިޕޯޓުގައި ބަޔާންކުރާ ގޮތުގައި، އެސްޓީއޯ މެދުވެރިކޮށް ބޭރުގެ ކުންފުންޏަކާ ހަވާލުކުރި 43.3 މިލިއަން ރުފިޔާގެ މަސައްކަތަށް ފައިސާ ވަނީ އެއްކޮށް ދައްކައި ހަލާސްކޮށްފަ އެވެ. ނަމަވެސް މިނިސްޓްރީގެ އަމިއްލަ ލިޔުންތަކުން ދައްކާ ހަރަދުތަކުގެ ޖުމްލައަކީ 16.0 މިލިއަން ރުފިޔާ އެވެ. ބާކީ ފައިސާ ދެއްކި ފަރާތެއް އެނގޭކަށް ނެތެވެ.

މަސައްކަތް ކުރިއަށްދިޔަ މިންވަރު ނުބަލައި ފައިސާ ދޫކުރުމުގެ އިތުރުން، މި މަޝްރޫއުގެ ދަށުން ހަގީގަތުގައި ބެހެއްޓީ ކޮން ސިސްޓަމްތަކެއް ކަމާމެދު ވެސް އޮތީ ބޮޑު އޮޅުމެކެވެ.

ފެންނަން ހުރި މައުލޫމާތުތަކުން ބުރަވެވެނީ، ނިމުނު ކަމަށް އޮޑިޓުގައި އެ ބުނާ ދެ ސިސްޓަމަކީ މާލޭގައި އެންމެ ފުރަތަމަ ގާއިމުކުރި ދެ ތަން ކަމަށެވެ. އެއީ ވެލާނާގެ ކައިރީގައި ބެހެއްޓި ކާރު ސިސްޓަމާއި ހީނާމާގޭގައި ބެހެއްޓި ސައިކަލް ސިސްޓަމެވެ. ނަމަވެސް، ޖެނުއަރީ 2017 ގައި ވެލާނާގޭ ކައިރީގައި ބެހެއްޓި ސިސްޓަމް ބޭނުންކުރަން ފެށި ނަމަވެސް، ދޭތެރެދޭތެރެއިން މައްސަލަ ޖެހި، އޮކްޓޯބަރު 2018 އާ ހަމައަށް އައިއިރު ވަނީ އެއްކޮށް ހުއްޓިފަ އެވެ. ހީނާމާގޭ ސައިކަލް ސިސްޓަމް ޓެސްޓުކުރުމަށް ފަހު، އެންމެ ދުވަހަކު ވެސް އާންމުންނަށް ބޭނުމެއް ނުކުރެ އެވެ.

މީގެ އިތުރުން މާލޭގެ އެހެން ބައެއް ސައިޓުތަކުގައި ވެސް އޭރު މަސައްކަތް ފެށި ކަމަށް 2018 ވަނަ އަހަރުގެ ރިޕޯޓުތަކުން ދައްކަ އެވެ. އޭގެ ތެރޭގައި ގާކޮށި އަދި ކުރީގެ އަސަރީ ކެފޭ ހުރި ބިމުގައި ފެށި މަސައްކަތްތައް ހިމެނެ އެވެ. އެކަމަކު އެއިން އެއްވެސް ތަނަކަށް ވީގޮތެއް، ނުވަތަ އެ މަސައްކަތްތައް ހުއްޓުނީ ކީއްވެގެން ކަމެއް އެއްވެސް ރެކޯޑަކުން އެނގޭކަށް ނެތެވެ.

އާހިރުގައި، ބޮޑު ހަރަދުކޮށްގެން މާލޭގައި ކޮޅަށް ޖެހި ދެ ސިސްޓަމް ވެސް ބޭނުންނުކުރެވި ގިނަ ދުވަސްތަކެއް ވުމަށް ފަހު، މާލޭ ސިޓީ ކައުންސިލުން ވަނީ އެ ދެ ތަން ވެސް ރޫޅައިލައި، އެ ސަރަހައްދުތަކުން ނަގައިފަ އެވެ.

ހުޅުމާލޭގައި އެ ހުރީ މުޅިން އެހެން މަޝްރޫއެއް

އޮޑިޓް ރިޕޯޓުގައި މިއީ މާލެ އާއި ހުޅުމާލެ ހިމެނޭ މަޝްރޫއެއް ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، "އަދަދު" ގެ ހޯދުންތަކުންނާއި އެޗްޑީސީގެ ރަސްމީ ލިޔެކިޔުންތަކުން އެނގެނީ މުޅިން އެހެން ހަގީގަތެކެވެ. ހުޅުމާލޭގެ މަގުމަތީގައި މިހާރު ވެސް ދަބަރަށް ވާން އެ ހުރި ރެކްތަކަކީ މިނިސްޓްރީގެ މި މަޝްރޫއާ އެއްވެސް ގުޅުމެއް ހުރި ތަންތަނެއް ނޫނެވެ. އެއީ އެޗްޑީސީން އަމިއްލަ ބަޖެޓުން ކުރިއަށް ގެންދިޔަ މުޅިން ވަކި މަޝްރޫއެކެވެ. މާނައަކީ، ދައުލަތުގެ ބަޖެޓުން ހޭދަކުރި 59.4 މިލިއަން ރުފިޔާގެ ތެރެއިން ހުޅުމާލެއަށް އެންމެ ސިސްޓަމެއް ވެސް ގަނެފައި ނުވާ ކަމެވެ.

އެޗްޑީސީން އަމިއްލައަށް ހިންގި މި މަޝްރޫއުގައި ވެސް، ހުޅުމާލޭގައި ހުރި ސިސްޓަމްތަކާއި ޖާގައިގެ އަސްލު އަދަދަކީ އެއްވެސް ރަސްމީ ލިޔުމަކުން، ހަބަރަކުން ކަށަވަރުވާން ނެތް ބޮޑު އޮޅުމެކެވެ. ބައެއް ހަބަރުތަކުގައި 255 ކާރުގެ ޖާގައިގެ އަށް ސިސްޓަމް ހުރި ކަމަށް ބުނާއިރު، އަނެއް ބަޔަކު ބުނަނީ 300 ވެހިކަލްގެ 10 ސިސްޓަމް ކަމަށެވެ. އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވަނީ އެއީ 275 ވެހިކަލްގެ ޖާގަ ކަމަށެވެ.

އަދަދުތައް އޮޅިފައި އޮތީ ހަމައެކަނި ހަބަރުތަކަކު ނޫނެވެ. އެޗްޑީސީގެ އަމިއްލަ ލިޔުންތައް ވެސް ފުށުއަރަ އެވެ. އެ ކުންފުނީގެ ފަހުގެ އިއުލާނުތަކުގައި ތިން ސައިޓެއްގައި ހުރީ 166 ވެހިކަލްގެ ޖާގަ ކަމަށް ބުނާއިރު، ކުރީގެ ނޯޓިސްތަކުގައި ބުނެފައި ވަނީ ނުވަ ސައިޓެއްގައި 318 ކާރުގެ ޖާގަ ހުރި ކަމަށެވެ. އެހެންކަމުން، ހުޅުމާލޭގައި ހަގީގަތުގައި ހުރީ ކިތައް ސިސްޓަމް ކަމެއް، އަދި އެއީ ކިހާ ޖާގައެއް ކަމެއް ވެސް ސާފެއް ނޫނެވެ.

ހުޅުމާލޭގައި ހުރި މެކޭނިކަލް ޕާކިންތަކެއް
ހުޅުމާލޭގައި ހުރި މެކޭނިކަލް ޕާކިންތަކެއް

އެޗްޑީސީން އަމިއްލައަށް ހިންގި މަޝްރޫއެއް ނަމަވެސް، މި މަސައްކަތް ހަވާލުކުރި ކޮންޓްރެކްޓަރަކީ ކާކު ކަމެއް އަދި ހިނގި ހަރަދެއް އެ ކުންފުނިން ދުވަހަކު ވެސް ހާމައެއް ނުކުރެ އެވެ. އަދި އެ ކުންފުނީގެ އަމިއްލަ ތާރީހުތައް ވެސް ފުށުއަރަ އެވެ. ސިސްޓަމްތައް ހަރުކުރީ 2017 ގައި ކަމަށް ފަހުން ބުނި ނަމަވެސް، ކުރީގެ އިއުލާނުތަކުން ދައްކަނީ އަމަލީ މަސައްކަތް ފެށީ ވެސް 2018 ގަ އެވެ. އެ ތަންތަން ބޭނުންނުކުރެވި ހުއްޓުނު ސަބަބެއް ކަމަށް އެޗްޑީސީން އެކި ފަހަރު ދެއްކީ އެކި ބަހަނާ އެވެ. އެއްފަހަރު ސައިޓުތައް ހަވާލުނުވުމެވެ. އަނެއް ފަހަރު ކޮންޓްރެކްޓަރަށް ފައިސާ ނުދެއްކުމެވެ.

މި ތަންތަން ބޭނުންނުކޮށް އަހަރުތަކެއް ވުމަށް ފަހު، އެ ތަންތަން ހިންގާނެ ބަޔަކު ހޯދަން އެޗްޑީސީން 2023 ގައި އިއުލާނުކުރި އެވެ. އެކަމަކު، ޖެހިގެން އައި 2024 ވަނަ އަހަރު ޓްރާންސްޕޯޓް މިނިސްޓްރީން ނިންމީ ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސަށް މި ތަންތަން ބަދަލުކުރުމަށެވެ. އެއަށް ފަހު، ހަރަދު ބޮޑުވާނެތީ އެ ވިސްނުން ދޫކޮށްލައި، ކުރިން ވެސް ހުރި ތަންތަނުގައި އެ ތަންތަން ހިންގަން 2025 ގައި އަލުން ނިންމި އެވެ.

މި މައްސަލައިގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މިދިޔަ އޮގަސްޓު މަހު އެޗްޑީސީއަށް ސިޓީއެއް ފޮނުއްވި އެވެ. އެ ސިޓީގައި އޭނާ ފާހަގަކުރެއްވި ގޮތުގައި، 2019 އިން ފެށިގެން މި ސިސްޓަމްތައް ބޭނުންނުކޮށް ހުރުމުން، ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 83 މިލިއަން ރުފިޔާ ވަނީ ގެއްލިފަ އެވެ. އަދި މި ބޮޑު އިސްރާފަށް ޒިންމާވާނީ ދައުލަތުގެ ކޮން މުއައްސަސާއަކުންތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

އެ ސިޓީގެ ޖަވާބުގައި އެޗްޑީސީން ބުނީ ސިސްޓަމްތައް މަރާމާތުކޮށް އަލުން ހިންގަން ކޮންޓްރެކްޓަރަކާ އެކު އޮގަސްޓު 23، 2026 ގައި އެއްބަސްވެފައިވާ ކަމަށާއި، 101 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލާނެ ކަމަށެވެ. އެކަމަކު މަސައްކަތް ހަވާލުކުރި ކޮންޓްރެކްޓަރަކީ ކާކު ކަމެއް އަދި ހިނގާނެ ހަރަދެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ގެއްލުނު މިލިއަނުން ފައިސާއަށް ޒިންމާވާނެ ފަރާތަކާ މެދު ވެސް އެ ކުންފުނިން ޖަވާބެއް ނުދެ އެވެ.

އެކި އަހަރު އެކި ޕްލޭންތައް ހަދައި، އެކި ތާރީހުތައް ދިން ނަމަވެސް، މި ހުރިހާ ދުވަހު ވެސް އެއިން އެއްވެސް ނިންމުމަކަށް އަމަލީ ސިފައެއް ނައެވެ. އަދި އެ ތަންތަން ދޫކޮށްލާފައި އޮތީ މަގުމަތީގައި ދަބަރަށް ވާށެވެ.

ދިރާސާއެއް ނެތް، އުސޫލެއް ނެތް، މުދަލެއް ނެތް، އެހެނަސް ދައުވާއެއް ނެތް

މި މަޝްރޫއު ކުރިއަށް ގެންދިޔަ ގޮތާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސެޕްޓެމްބަރު 2016 ގައި ތަހުގީގެއް ފެށި އެވެ. އެ ތަހުގީގު ދިގުލައިގެން ގޮސް، ސެޕްޓެމްބަރު 2023 ގައި ނިންމައިލީ އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއް ނުކޮށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ރިޕޯޓު އާންމެއް ވެސް ނުކުރެ އެވެ.

އެކަމަކު، "އަދަދު" އަށް ފެނިފައިވާ އޭސީސީގެ އެ ލިޔުމުން އެނގޭ ގޮތުގައި، މި މަޝްރޫއުގެ ހުރިހާ ނިންމުމެއް ވެސް ނިންމާފައި ވަނީ ހަމަތަކާއި އުސޫލުތަކުން ބޭރުންނެވެ.

އެންމެ ފުރަތަމަ ކަމަކީ އެއްވެސް ދިރާސާއެއް ކޮށްފައި ނުވުމެވެ. ހައުސިން މިނިސްޓްރީގެ ޕްލޭނިންގެ އިސްވެރިޔާ އޭސީސީއަށް ދެއްވި ބަޔާނުގައި ވިދާޅުވީ އެ މަޝްރޫއަށް އެއްވެސް ދިރާސާއެއް ކުރިކަން އެނގިވަޑައިގެންފައި ނެތް ކަމަށެވެ. އަދި އޭރުގެ ސްޓޭޓް މިނިސްޓަރު ވެސް ވިދާޅުވީ އެފަދަ ދިރާސާއެއް ކުރި ހަނދާނެއް ނެތް ކަމަށެވެ.

ދެވަނަ ކަމަކީ ހުއްދަ ނުލިބެނީސް ސޮއިކުރުމެވެ. އެސްޓީއޯއާ އެކު މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކުރީ މާޗު 21، 2016 ގަ އެވެ. އެކަމަކު ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބުނީ އޭގެ އަނެއް ދުވަހު އެވެ. ހައިރާންވާންޖެހޭ ކަމަކީ، އެތައް މިލިއަން ރުފިޔާއެއްގެ މަޝްރޫއަކަށް ހުއްދަ ދިން ކަމަށް ދެ ފަރާތުގެ ލިޔުމުގައި ވެސް ހަވާލާދީފައި ވަނީ 1.5 މިލިއަން ރުފިޔާއާ ހަމައަށް ހުއްދަދެވޭ މާއްދާއަކަށެވެ.

މީގެ އިތުރުން، މި މަސައްކަތަށް ސަޕްލަޔަރުން ހޯދި ގޮތުގެ އެއްވެސް ރެކޯޑެއް ހައުސިން މިނިސްޓްރީގެ ފައިލްތަކަކު ނެތެވެ. ސަޕްލަޔަރެއް ބަލަން ދެ ގައުމަކަށް އިންސްޕެކްޝަން ދަތުރުތައް ކޮށްފައި ވަނީ ވެސް މަޝްރޫއުގެ އަގު ކަނޑައަޅައި، އެއްބަސްވުމުގައި ސޮއިކުރި ފަހުންނެވެ.

ޗައިނާގެ ޑީއެމްއޭސީ މެޝިނަރީ ކުންފުންޏަށް ކުރި ދަތުރަށް ފަހު، ޓެކްނިކަލް ގޮތުން ބޮޑެތި މައްސަލަތަކެއް ފާހަގަކުރެވުނެވެ. މިނިސްޓްރީގެ ޕްލޭނިން އޮފިސަރަކު އޭސީސީއަށް ކިޔައިދިން ގޮތުގައި އެ ކުންފުނީގެ ޑިޒައިނަކީ މާލެއަށް ނުރައްކާތެރި އަދި ބައެއް ސައިޓުތަކަށް ނުފެތޭ ޑިޒައިނެކެވެ. އަދި އެސްޓީއޯގެ ޕްރޮޖެކްޓް މެނޭޖަރު ބުނެފައި ވަނީ އެ ކުންފުނީގެ ފެކްޓްރީން މިފަދަ އެއްވެސް ސިސްޓަމެއް ފެންނަން ނެތް ކަމަށާއި، އެ ކުންފުނީގެ ސްޕެސިފިކޭޝަން މިނިސްޓްރީގެ ޝަރުތުތަކާ ދިމާނުވާ ކަމަށެވެ. އެހެން ނަމަވެސް، ޑީއެމްއޭސީއާ އެކު ކުރި މުއާމަލާތްތައް ހުއްޓުނު ސަބަބެއް ރަސްމީ އެއްވެސް ލިޔުމަކުން އެނގޭކަށް ނެތެވެ.

އޭސީސީން އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވެން ނެތް ކަމަށް ނިންމައި ފައިލް ބަންދުކޮށްލި ނަމަވެސް، އޮޑިޓް އޮފީހުގެ އެންމެ ފަހުގެ ހޯދުންތަކާ އެކު މިއަދު މިވަނީ މުޅިން އާ މައްސަލައެއް ފެންމަތިވެފަ އެވެ. އެއީ އެއްބަސްވުމުގެ ދަށުން އެސްޓީއޯ އިން ސަޕްލައިކުރި ކަމަށް ބުނާ ބިޔަ މެކޭނިކަލް ސާމާނުތަކާއި މެޝިނަރީތައް ވީނުވީއެއް ނޭނގި، ހަމަހުރެފައި ގެއްލިފައި އޮތް މައްސަލަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ހައުސިން މިނިސްޓްރީން ވަނީ އެ ސާމާނުތައް ވީތަނެއް ނޭނގޭ ކަމަށް ރަސްމީކޮށް އޮޑިޓަރުންނަށް އަންގައިފަ އެވެ. މިއީ ކޮނޑަށް ލައިގެން ނުވަތަ ޖީބަށް ޖަހައިގެން ވަގަށް ގެންދެވޭނެ ވަރުގެ ކުދި އެއްޗެއްސެއް ނޫނެވެ. މިއީ އެތައް ޓަނެއްގެ ބިޔަ ދަގަނޑާއި މެޝިނަރީ އެވެ. އެކަމަކު ދައުލަތުގެ ރަސްމީ ޖަވާބަކީ، އެ ތަކެތި ވީތަނެއް ނޭނގޭ ކަމަށެވެ.

60 މިލިއަން ފެނަށް، ޒަމާނީ ހައްލު ވަޔަށް

މާލޭގެ މަގުތައް ތޮއްޖެހި، ޕާކުކުރާނެ ޖާގައެއް ނެތިގެން ރައްޔިތުން އުފުލަމުންދިޔަ ތަކުލީފަށް "ޒަމާނީ ހައްލެއް" ގެނެސްދޭނެ ކަމަށް ބުނެ ދެއްކި ހުވަފެނުގެ ހަގީގީ ނިމުމަކީ މިއީ އެވެ. ދައުލަތުގެ ބަޖެޓުން 60 މިލިއަނާ ގާތްކުރާ ބޮޑު ހޭދައެއް ކޮށް، މުޅި މަޝްރޫއު ނިމިގެން ދިޔައިރު، ރައްޔިތުންނަށް އެންމެ ޕާކިން ޖާގައެއް ވެސް ނުލިބުނެވެ.

އެއް ސަރުކާރުން ފަށައި، އަނެއް ސަރުކާރުން އެ ތަކެތި މަގުމަތިން ނަގައި އެއްލައިލިއިރު، މިއިން އެއްވެސް އިހުމާލަކަށް ޒިންމާވި މުއައްސަސާއެއް ނުވަތަ ވެރިއަކު ނެތެވެ. ތަހުގީގީ އިދާރާތަކުގެ ފައިލްތައް ބަންދުވެ، އޮޑިޓް ރިޕޯޓުތަކުގައި ސުވާލު މާކުތައް ޖެހިފައި ހުރި ނަމަވެސް، ރައްޔިތުންގެ ފައިސާއަށް ވީގޮތް ހޯދައިދޭނެ ހަގީގީ ޖަވާބެއް މިއަދަކު ނެތެވެ.

އާހިރުގައި، ބޮޑު ހަރަދުކޮށްގެން ދައުލަތަށް ގަތް ކަމަށް ބުނާ ބިޔަ މެޝިނަރީތައް ވީތަނެއް ވެސް ނޭނގި ގެއްލިއްޖެ އެވެ. ފައިސާ އަނބުރާ ލިބޭނެ ދޮރެއް ނެތެވެ. ރައްޔިތުންގެ 60 މިލިއަން ރުފިޔާގެ މަޝްރޫއު ނިމިގެން މިދިޔައީ، ބާދަގަނޑަށް ކިރައިލާނެ އެތިކޮޅެއް ވެސް ނެތި އެވެ.

އަމަން ހަލީމް

ޖާނަލިސްޓް

އަމަން ހަލީމް އަކީ ހުނަރުވެރި ކުޅަދާނަ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. އިގުތިސޯދާއި ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާގެ ހަބަރުތަކުގައި ވެސް އޭނާ ގެ ގަލަން ހިނގަ އެވެ. ހާއްސަ ގޮތެއްގައި ރާއްޖެ އަދި ދުނިޔޭގެ އިގުތިސޯދަށް އަންނަ ލޮޅުންތަކާއި މާލީ ކަންކަން ދިރާސާކޮށް މައްސަލަތައް ތިލަކޮށްދިނުމަށް އޭނާ މަސައްކަތްކުރެ އެވެ. އޭނާ ވަނީ މީގެކުރިން "ރާއްޖެ ޓީވީ" އަދި "ދައުރު" ނޫހުގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox