ރިޕޯޓުސަނާ ކިޔުމުގެ ވާދައިގައި މެންބަރުންގެ ދުސްތޫރީ ޒިންމާ އެއްލާލައިފި

ސަނާ ކިޔުމުގެ ވާދައިގައި މެންބަރުންގެ ދުސްތޫރީ ޒިންމާ އެއްލާލައިފި

މަޖިލީހުން އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްދިނީ މާލީ މުއައްސަސާތަކުގެ ބިރުވެރި އިންޒާރުތައް އެއްލައިލާފަ، ސަރުކާރުން ބޭނުންވި ގޮތަށް. ދަރަންޏާއި އިސްރާފަށް ހައްލެއް ހޯދުމުގެ ބަދަލުގައި، ސަރުކާރުގެ މެޖޯރިޓީން އިދިކޮޅުގެ ހުރިހާ އިސްލާހެއް ބޭރުކޮށްލީ. ވެރިން ޖަވާބުދާރީކުރުވުމުގެ ޒިންމާ ދޫކޮށްލާފަ މެންބަރުން ތިބީ ސަނާ ކިޔުމާއި އަތްޖެހުމުގަ.

ކަވާ އިމޭޖު: އަދަދު
ކަވާ އިމޭޖު: އަދަދު

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފެނުނީ އީދެއް އައިސްގެން އުޅުނު މަންޒަރެކެވެ. ރިޔާސަތުން ވޯޓުގެ ނަތީޖާ އިއުލާނުކުރުމާ އެކު، މުޅި މާލަން ގުގުމައިގެން ދިޔައީ މަރުހަބާގެ ގޮވުންތަކާއި އަތްތިލަބަޑީގެ އަޑުންނެވެ. ސަރުކާރު ހިންގާ ޕީއެންސީގެ 65 މެންބަރުންގެ ސާފު އަގުލަބިއްޔަތުން 2027 ވަނަ އަހަރުގެ ބަޖެޓު ފާސްވީ އެވެ. ސަރުކާރުން ފޮނުވި 59.7 ބިލިއަން ރުފިޔާ، ހަމަ އެ އޮތް ގޮތަށެވެ. އެންމެ އަކުރަކަށް، އެންމެ ލާރިއަކަށް ވެސް ބަދަލެއް ނުގެނެ އެވެ. އިދިކޮޅު އެމްޑީޕީގެ 13 މެންބަރުން ދެކޮޅަށް ވޯޓު ދެއްވައި، ހުށަހެޅި 21 އިސްލާހުގެ ތެރެއިން ތަޅުމާ ހަމައަށް ގެންދެވުނު ހަތް އިސްލާހުން ކުރެ އެންމެ އިސްލާހެއް ވެސް ފާހެއް ނުވި އެވެ.

ވޯޓު ނިމުމާ އެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަވަސްވެވަޑައިގަތީ، ސަރުކާރުން ބޭނުންވި ގޮތަށް ބަޖެޓު ފާސްކޮށްދެއްވީތީ މެންބަރުންނަށް ޝުކުރު އޮއްސަވާށެވެ. އަދި އަންނަ އަހަރަކީ ތަރައްގީގެ ދުވެލި އެތައް ގުނައަކަށް ބާރުވާނެ އުފާ ފާގަތި އަހަރަކަށް ވާނެ ކަމަށް ވިދާޅުވެ، ރައީސް މުހައްމަދު މުއިއްޒަށް "މަޖިލީހުގެ މެންބަރުންގެ ނަމުގައި" ތަހުނިޔާ ފޮނުއްވި އެވެ.

އެކަމަކު މިއީ އަތްތިލަބަޑި ޖަހައި، ތަހުނިޔާ ކިޔަންވީ ވަގުތެއް ނޫނެވެ. މިއީ މެންބަރުން އަމިއްލަ ދުސްތޫރީ ޒިންމާ ދޫކޮށްލުމުގެ ހިތި ނަތީޖާއާ މެދު ސިހެންވީ ވަގުތެވެ. އެ ހަގީގަތް ފެންނަން އޮތީ މަޖިލީހުގެ އަމިއްލަ ގަވާއިދުގެ ދަށުން މިނިވަން ލަފަޔަކަށް އެދުމުން، ދައުލަތުގެ ފަންނީ ދެ މުއައްސަސާއިން ދިން ބިރުވެރި އިންޒާރުތަކުންނެވެ.

އެ އިންޒާރުތަކަކީ އަޅައިނުލައި ދޫކޮށްލެވޭ ވަރުގެ އާދައިގެ ވާހަކަތަކެއް ނޫނެވެ. ފިނޭންސް މިނިސްޓްރީގެ އެކައުންޓިން ސިސްޓަމުގައި ފައިސާ ނުދައްކައި ފުނިޖެހިފައި އޮތް ބިލުތަކަށް ލާރިއެއް ނެތް ވާހަކަ އެވެ. ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ވަޔަށް އަރާފައި ހުރި އާމްދަނީ ބަޖެޓުގައި ޖަހައިގެން ދައުލަތް ހިންގަން އުޅޭ ވާހަކަ އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކޮށް އަނބުރާ ނުލިބި ހުރި ބިލިއަނުން ގުނޭ ލޯނުތަކުގެ ވާހަކަ އެވެ. އަދި، ތެޔޮ ގަންނަން ޑޮލަރު ދޭން ޖެހި ދައުލަތުގެ ރަސްމީ ރިޒާވް އެއްކޮށް ހުސްވަމުންދާ ކަމުގެ ހިތި ހަގީގަތެވެ.

ގާނޫނުއަސާސީން މަޖިލީހަށް ބަޖެޓު އިސްލާހުކުރުމުގެ ފުރިހަމަ ބާރާއި، ވެރިކަން ހިންގާ ބާރު ޖަވާބުދާރީކުރުވުމުގެ ވާޖިބު އޮތީ މަތިކޮށްފަ އެވެ. މަޖިލީހުގެ އަމިއްލަ ގަވާއިދު ލާޒިމުކުރަނީ މިނިވަން މުއައްސަސާތަކުގެ ފަންނީ ލަފާ ހޯދުމަށެވެ. ލަފާ ހޯދި އެވެ. ލަފާ ލިބުނެވެ. ރިޕޯޓުގައި ކަޅާއި ހުދުން ޗާޕު ވެސް ކުރި އެވެ. އެކަމަކު މަޖިލިސް ކޮންޓްރޯލްކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީން ނިންމީ، އެއިން އެއްވެސް އިންޒާރަކަށް ލޯހުޅުވައި ބެލުމެއް ނެތި، ސަރުކާރުން ފޮނުވި ބަޖެޓުގައި އެންމެ ފޮޅުވަތަކަށް ވެސް ބަދަލެއް ނުގެނެސް ސިއްކަ ޖަހައިދޭށެވެ.

ގާނޫނުއަސާސީގެ ވާޖިބު، ކުނިވަށިގަނޑަށް

ބަޖެޓުގެ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުން ފޮނުވާ ކޮންމެ ކަރުދާހެއްގައި ލޯމަރާލައިފައި "ރަބަރު ތައްގަނޑު" ޖަހައިދޭން އޮތް އިދާރާއެއް ނޫނެވެ. ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (2) މަޖިލީހަށް ދީފައި އޮތީ ބޮޑު ބާރެކެވެ. މާލީ ވަޒީރު ހުށަހަޅުއްވާ ބަޖެޓު، މަޖިލީހަށް ފެންނަ ގޮތެއްގެ މަތިން އިސްލާހުކުރުމުގެ ފުރިހަމަ އިހުތިޔާރެވެ. އަދި 70 ވަނަ މާއްދާގެ ދަށުން، ވެރިކަން ހިންގާ ބާރު ހިނގާ ނުހިނގާ ގޮތް ބަލައި، ޖަވާބުދާރީކުރުވުމަކީ މަޖިލީހުގެ ކޮނޑުގައި އެޅިފައި އޮތް އެންމެ ބޮޑު އެއް ދުސްތޫރީ ވާޖިބެވެ.

މަޖިލީހުގެ ހުރިހާ ކަމެއް ދެފުށް ފެންނަ، ޒިންމާދާރު އުސޫލަކުން ހިންގަން ގާނޫނުއަސާސީގެ 88 ވަނަ މާއްދާއިން ލާޒިމުކުރާއިރު، އޮޑިޓާ ޖެނެރަލަކީ މަޖިލީހުގެ މި ދުސްތޫރީ ލޮލެވެ. ގާނޫނުއަސާސީގެ 209 އަދި 213 ވަނަ މާއްދާގެ ދަށުން، އޮޑިޓާ ޖެނެރަލަކީ ސީދާ މަޖިލީހަށް ޖަވާބުދާރީވާ، ސަރުކާރުގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ދުސްތޫރީ އަޑެވެ.

އޮޑިޓާ ޖެނެރަލާ ހިލާފަށް އެމްއެމްއޭއަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ދުސްތޫރީ މުއައްސަސާއަކަށް ނުވި ނަމަވެސް، މަނިޓަރީ ސިޔާސަތާއި މާލީ ހަމަޖެހުމުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން އެމްއެމްއޭގެ ލަފާ ހޯދަން މަޖިލީހަށް މަޖުބޫރުވަނީ މަޖިލީހުގެ އަމިއްލަ ގަވާއިދުގެ 234 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ.

ކޮންމެ މަޖިލީހަކުން ވެސް އަމިއްލައަށް ގަވާއިދު ހަދައި، މިފަދަ މިނިވަން ފަންނީ ލަފާތައް ހޯދުން އަމިއްލަ މައްޗަށް ލާޒިމުކުރަނީ ސަބަބެއް އޮވެގެންނެވެ. އެއީ ދައުލަތުގެ ބަޖެޓުގައި ހުރި މާލީ ހިރާސްތަކާއި ބާގަނޑުތައް ދެނެގަނެ، އެކަންކަން އިސްލާހުކުރުމަށެވެ. އެކަމަކު، އަމިއްލަ ގަވާއިދުން މަޖުބޫރުކޮށްގެން ހޯދާ ފަންނީ ލަފާތައް، ރިޕޯޓުގައި ޗާޕުކޮށްފައި ކުނިވަށިގަނޑަށް އުކައިލާ ނަމަ، މިއީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކުޅޭ ބޭކާރު ޑްރާމާއެކެވެ.

ކަޅާއި ހުދުން ފެންނަން އޮތް ބިރުވެރިކަން

މަޖިލީހުން ހޯދި ފަންނީ ލަފާތަކުގައި ހުރީ ސިއްސައިގެންދާ ފަދަ ހިސާބުތަކެވެ. ދައުލަތް އޮތް މާލީ ފުން އަނދަވަޅުގެ ހަގީގަތެވެ. އެކަމަކު މަޖިލީހުން ފާސްކުރި ބަޖެޓުން އެއިން އެއްވެސް ކަމަކަށް ފަރުވާއެއް ނުދިނެވެ.

އެންމެ ބޮޑު ބިރުވެރިކަމެއް ފެންނަން އޮތީ ދައުލަތުން އަމިއްލަ ފަރާތްތަކަށް ނުދައްކައި ފުނިޖަހާފައި އޮތް ބިލުތަކުގެ ފަރުބަދައިންނެވެ. އޮޑިޓާ ޖެނެރަލްގެ ހުސައިން ނިޔާޒީގެ ރިޕޯޓުން ހާމަވި ގޮތުގައި، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ޕަބްލިކް އެކައުންޓިން ސިސްޓަމް ތެރޭގައި ފައިސާ ނުދައްކައި 7,462 މިލިއަން (ގާތްގަނޑަކަށް 7.5 ބިލިއަން) ރުފިޔާގެ ބިލު އެބައޮތެވެ.

"ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ޕަބްލިކް އެކައުންޓިންގ ސިސްޓަމްގެ ތެރެއިން މިހާރަށް ނުދައްކާހުރި ބިލުތަކުގެ އަދަދު އެއީ ހަތް ބިލިއަން ގާތްކުރާ އަދަދެއް. ...ފިނޭންސް މިނިސްޓްރީގައި އަންނަ އަހަރު ބަޖެޓުގައި ނުދެއްކި ހުރި ބިލުތައް ދައްކަން ވަކިން ބަޖެޓުކުރެވިފައިވާނެތޯ [އެހިން] އެ ބޭފުޅުން ވިދާޅުވީ އެ ބައި ނެތޭ ހިމަނާފައޭ،" ނިޔާޒީ ވިދާޅުވި އެވެ.

އޮޑިޓާ ޖެނެރަލް އެދިވަޑައިގަތީ މި ބިލުތައް ދައްކާނެ ތާވަލެއް ކަނޑައަޅައި، ބަޖެޓުގައި އެކަން ވަކިން ހިމެނުމަށެވެ. އެކަމަކު މަޖިލީހުން ފާސްކުރި ބަޖެޓުގައި މި ބޮޑު ދަރަނި ހަލާސްކުރާނެ އެންމެ ލާރިއެއް، އެންމެ ފޮޅުވަތެއް ވެސް ނެތެވެ. ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާ ނުދީ ހިފަހައްޓައިގެން، ބަޖެޓު ދެކޮޅުޖެހޭ ކަމަށް ދެއްކުމަކީ ބޮޑު އޮޅުވައިލުމެކެވެ.

ދެ ވަނަ މައްސަލައަކީ ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް އާމްދަނީ ބަޖެޓުގައި ޖަހައިގެން ހިސާބު ހަމަޖެއްސުމެވެ. އެމްއެމްއޭގެ ރައުޔުގައި ފާހަގަކޮށްފައިވާ ގޮތުން، ރިޒޯޓު ކުލީގެ މުއްދަތު އިތުރުކޮށްގެން މި އަހަރު ލިބޭނެ ކަމަށް ލަފާކުރީ 771 މިލިއަން ރުފިޔާ (50 މިލިއަން ޑޮލަރު) އެވެ. ނަމަވެސް އަހަރު ނިމޭއިރު ލިބޭނެ ކަމަށް މިހާރު ބެލެވެނީ އެންމެ 201.7 މިލިއަން ރުފިޔާ އެވެ. މިއީ 74 ޕަސެންޓުގެ ބޮޑު ފަރަގެކެވެ. އެވަރުން ވެސް އިބުރަތެއް ހާސިލުނުކޮށް، އަންނަ އަހަރުގެ ބަޖެޓުގައި ވެސް މި ބައިން 459.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ޖަހައިފަ އެވެ.

އޮޑިޓާ ޖެނެރަލްގެ ހިސާބުތަކުން ދައްކާ ގޮތުގައި، އެއްފަހަރުން ލިބޭ (ވަން-އޮފް) އާމްދަނީ ނުލައި ބަލައިފި ނަމަ، ރިކަރަންޓް ހަރަދު ހުރީ މިދިޔަ އަހަރު އާމްދަނީގެ 97 ޕަސެންޓުގަ އެވެ. މި އަހަރު 104 ޕަސެންޓުގަ އެވެ. އަންނަ އަހަރު 101 ޕަސެންޓުގަ އެވެ. ދައުލަތުގެ މާލިއްޔަތު ގާނޫނު ސާފުކޮށް ބުނަނީ ރިކަރަންޓް ހަރަދު ހަމަޖައްސަންވާނީ ދައުލަތަށް ކަށަވަރުވާ އާމްދަނީން ކަމަށެވެ.

"ޔަގީންކަމާއެކު ނުލިބޭނެ އާމްދަނީއެއް އުސޫލެއްގެ ގޮތުން ބަޖެޓުގައި ނުހިމެނުންކަމެއް މީގައި މުހިންމީ،" ނިޔާޒީ އިންޒާރު ދެއްވި އެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވެސް ތަކުރާރުކުރެއްވީ އެ އިންޒާރެވެ. ލިބޭ އާމްދަނީއަށް ވުރެ ރިކަރަންޓް ހަރަދު މަތިވިޔަ ނުދީ ހިފަހައްޓަން ޖެހޭނެ ކަމަށެވެ. އެކަމަކު ފާސްކުރި ބަޖެޓުގައި މި ހުރިހާ އާމްދަނީތަކެއް އޮތީ ހަމަ އެ ގޮތަށެވެ.

ތިން ވަނަ ކަމަކީ ސަރުކާރު ކުންފުނިތަކުގެ ފުން ވަޅުގަނޑެވެ. އޮޑިޓާ ޖެނެރަލް ފާހަގަކުރެއްވި ގޮތުގައި، މިދިޔަ އަހަރުގެ ނިޔަލަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޑިވިޑެންޑުގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ އަދި އަނބުރާ ދައްކަންޖެހި މުއްދަތު ހަމަވެފައިވާ 4.9 ބިލިއަން ރުފިޔާގެ ލޯނު އެބައޮތެވެ. ހަމައެކަނި ލޯނުގެ ގޮތުގައި ދޭން ބަޖެޓުކުރި 1.8 ބިލިއަން ރުފިޔާގެ ބަދަލުގައި ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޓްރެޒަރީން ދޫކުރި އެވެ.

މި ބޮޑު އިސްރާފު އޮއްވައި، ފާސްކުރި ބަޖެޓުގައި އަނެއްކާ ވެސް ވަނީ އަންނަ އަހަރުން ފެށިގެން 2029 އަށް ސްޓެލްކޯއަށް 2.4 ބިލިއަން ރުފިޔާ އަދި އެމްޕީއެލްއަށް 2.3 ބިލިއަން ރުފިޔާގެ އާ ޓްރެޒަރީ ލޯނު ދޭން ކަނޑައަޅައިފަ އެވެ.

ހަތަރު ވަނަ ކަމަކީ، އެންމެ ބިރުވެރި ހަގީގަތެވެ. ރަސްމީ ރިޒާވުން ތެލަށް ދާ ޑޮލަރާއި، އެތެރޭގެ ދަރަނީގެ ބުރަ އެވެ. ބޭރުން ޑޮލަރުން ފައިނޭންސިން ހޯދުމުގެ ބަދަލުގައި ސަރުކާރުން ބަޖެޓުގެ ދަރަނި ފޫބައްދަން ހުރިހާ ބުރައެއް ޖައްސަނީ އެތެރޭގެ ބާޒާރަށެވެ. މި އަހަރު ސަރުކާރުން ނެގި އެތެރޭގެ ދަރަނީގެ 78 ޕަސެންޓު ނެގީ ޓީ-ބިލް މެދުވެރިކޮށެވެ. މިއީ ކަނޑައެޅި 63 ޕަސެންޓަށް ވުރެ ވެސް މަތީ އަދަދެކެވެ. އެކަމަކު، އެތެރޭގެ ބާޒާރުން ރުފިޔާއިން ދަރަނި ނެގިޔަސް ގައުމަށް ބޭނުންވާ ތެޔޮ ގަނެވެނީ ރުފިޔާއަކުން ނޫނެވެ. ސީދާ ޑޮލަރުންނެވެ.

ސަރުކާރުގެ ބޭރުގެ ފައިނޭންސިން ހުއްޓިފައި އޮތުމުން، އެސްޓީއޯއަށް ތެޔޮ ގަންނަން ޑޮލަރު ދޭން މި ޖެހެނީ އެމްއެމްއޭގެ ރަސްމީ ރިޒާވުންނެވެ. ގަވަރުނަރު ހާމަކުރެއްވި ގޮތުގައި، މި ހިނގާ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ތެޔޮ ގަތުމަށް އެސްޓީއޯއަށް ރަސްމީ ރިޒާވުން ގާތްގަނޑަކަށް 517 މިލިއަން ޑޮލަރު ވަނީ ވިއްކައިފަ އެވެ. ރާއްޖެ އެތެރެކުރި މުދަލުގެ 27 ޕަސެންޓަކީ ތެލެވެ. މިއީ 2020 ގެ 14 ޕަސެންޓާ އަޅާބަލާއިރު ދެގުނަ އިތުރުވުމެކެވެ.

"އަޅުގަނޑުމެންގެ ހިސާބަށް ބަލާ ނަމަ، މިހާ ހިސާބަށް ހަތަރެއް ނޮވެންބަރާ ހަމައަށް ވެސް ގާތްގަނޑަކަށް ފަސްސަތޭކަ ސަތާރަ މިލިއަން ޑޮލަރު އަޅުގަނޑުމެން ތެލަށް އެސްޓީއޯއަށް މި ދަނީ ވިއްކިފަ ...އެހެންވީމާ ރިޒާވް ދަށްވުމުގެ މީގެ އެންމެ ބޮޑު އަސަރެއް ކުރާ ކަމަކީ މިއީ،" މުނައްވަރު އިންޒާރު ދެއްވި އެވެ.

ގަވަރުނަރު މަޖިލީހަށް ލަފާދެއްވީ ބޭރުން ފައިނޭންސިން ހޯދުމަށާއި، ހުރި ފައިސާއަކަށް ބަލައިގެން ޕީއެސްއައިޕީ މަޝްރޫއުތައް ތަރުތީބުކުރުމަށެވެ. އެކަމަކު މަޖިލީހުން ފާސްކުރި ބަޖެޓުގައި ވަނީ ފައިނޭންސްކުރަން ބޭނުންވާ 18.9 ބިލިއަން ރުފިޔާގެ ތެރެއިން 15.6 ބިލިއަން ހަމަ އެތެރޭގެ ބާޒާރުން ނެގުމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވާނެ ކަމަށް އަމިއްލައަށް ހީކޮށްލައިގެން، ތެލުގެ ސަބްސިޑީ ވަނީ 3.2 ބިލިއަނަށް ކުޑަކޮށްފަ އެވެ.

ފަސް ވަނަ ކަމަކީ ދެމެހެއްޓެނިވި ނޫން ހަރަދުތަކެވެ. އޮޑިޓާ ޖެނެރަލާއި ގަވަރުނަރު ވެސް ގޮވާލެއްވީ އެންމެންނަށް އެއްހަމައަކުން ދޭ ސަބްސިޑީ ނިޒާމު ބަދަލުކޮށް، އެހީ އެންމެ ބޭނުންވާ ފަރާތްތަކަށް ޓާގެޓްކުރުމަށެވެ. އަދި ދެ ޕެންޝަން (ޑަބަލް ޕެންޝަން) ލިބޭ މައްސަލަ އާއި މުސާރައިގެ ބިލު ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ މައްސަލައަކީ ދައުލަތުގެ ހަޒާނާއަށް ދެން ކަތާނެ ކަންކަން ނޫން ކަމަށް ވިދާޅުވި އެވެ.

"ބަޖެޓުގެ ސަބްސިޑީ ރިފޯމްސްތަކާއި މި ކަންކަމަކީ ހަމަ އަޅާނުލެވި އެތައް ހަމަ ވޭތުވެދިޔަ ސަރުކާރުތަކުގައި ވެސް އަޅާނުލެވި އޮތް ކަންކަން. ...އެއަކަށް މާ ބޮޑު ބޮޑު ފިޔަވަޅުތަކެއް އެއްވެސް ސަރުކާރަކުން މިހާތަނަށް އެޅިފައެއް ނެތް. އެއީ ހަރަދުތައް މިހާ ބޮޑަށް ބޮޑުވުމުގެ މައިގަނޑު އެއް ސަބަބަކީ ވެސް،" ނިޔާޒީ ވިދާޅުވި އެވެ.

އެކަމަކު މަޖިލީހުން ފާސްކުރި ބަޖެޓުގައި ސަބްސިޑީ ރިފޯމުގެ އެއްވެސް އަސަރެއް ނެތެވެ. ސަރުކާރުން ބުނެފައި އޮތީ ސަބްސިޑީ ޓާގެޓް ނުކުރާނެ ކަމަށެވެ. މަޖިލީހުން އެ ނިންމުމަށް ވެސް ބޯލަނބައިދިނީ އެވެ.

ހަރަދު ކުޑަކުރި ކަމަށް ހެދި ދޮގު މޫނުމަތި

ބަޖެޓު ކޮމިޓީގެ ރިޕޯޓު ހުޅުވައިލުމުން ފެންނަނީ އަޖައިބެއް ކަހަލަ މަންޒަރެކެވެ. ރިޕޯޓުގެ ހަތް ވަނަ ބާބުގައި އެމްއެމްއޭގެ އިންޒާރުތަކާއި އޮޑިޓާ ޖެނެރަލްގެ ލަފާތައް އަކުރުން އަކުރަށް ޗާޕުކޮށްފައި އެބައޮތެވެ. އެކަމަކު ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވީ ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓާއި، 8.2 ބިލިއަންގެ ޕީއެސްއައިޕީ ހަމަ އެ އޮތް ގޮތަށެވެ. އެންމެ އަދަދަކަށް، އެންމެ ލާރިއަކަށް ވެސް ބަދަލެއް ނުގެނެ އެވެ.

ދައުލަތުގެ އެކި މިނިވަން މުއައްސަސާތަކުން ބަޖެޓު އިތުރުކޮށްދޭން އެދުނު އެދުންތަކަށް ކޮމިޓީން ދެކޮޅު ހެދި އެވެ. އަދި ބަޖެޓު ބޮޑުނުކޮށް ހިފެހެއްޓީ، ހަރަދު ކުޑަކުރަން އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލް ދިން ލަފަޔަށް ރިއާޔަތްކުރުމުގެ ގޮތުން ކަމަށް ބުނެ ކޮމިޓީން މޮޅު ބަހަނާއެއް ދެއްކި އެވެ. އެކަމަކު މިއީ ކަނޑައެޅިގެން އޮޅުވާލުމެކެވެ.

މުއައްސަސާތަކުން އެދުނު ބަޖެޓު ނުދީ ހިފެހެއްޓުމަކީ ފަންނީ ލަފަޔަށް އަމަލުކުރުމެއް ނޫނެވެ. ފަންނީ މާހިރުން ދެއްވި ލަފަޔަކީ ބަޖެޓަށް "އެއްޗެއް އިތުރު ނުކުރުމެއް" އެކަންޏެއް ނޫނެވެ. އެ ބޭފުޅުން ގޮވައިލެއްވީ ހަރަދުތައް ކަނޑައި ކުޑަކުރުމަށެވެ. ފުނިޖެހިފައި އޮތް 7.5 ބިލިއަން ރުފިޔާގެ ބިލުތައް ދައްކާނެ ގޮތެއް ބަޖެޓުގައި ވަކިން ހިމެނުމަށެވެ. ވަޔަށް އަރާފައި ހުރި، ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް އާމްދަނީ އުނިކުރުމަށެވެ. އަދި ކުންފުނިތަކަށް ދޭ ލޯނުތަކާއި ސަބްސިޑީގެ ބޮޑު އިސްރާފު ހުއްޓުވުމަށެވެ.

ކޮމިޓީން މިއިން އެއްވެސް ކަމަކަށް އަތެއް ނުލަ އެވެ. ސަރުކާރުގެ އަދަދުތައް ހަމަ އެ އޮތް ގޮތަށް ބާއްވައިދިނުމަކީ ލަފަޔަށް އަމަލުކުރުމެއް ނޫނެވެ. އެއީ ސަރުކާރުގެ އިސްރާފަށް ހިމާޔަތް ދިނުމެވެ.

ކޮމިޓީގެ ހަގީގީ މިސްރާބު އޮތީ މާ ކުރިން ވެސް ސާފުވެފަ އެވެ. ބަޖެޓު ދިރާސާކުރަން ފެށިއިރު ވެސް ކޮމިޓީގެ ހަމައެކަނި އަމާޒަކަށް އޮތީ ކަނޑައެޅި ތާރީހަށް މަސައްކަތް އަވަސްއަރުވާލައިގެން ނިންމައިލުމެވެ. ބަޖެޓު ކޮމިޓީގައި އިންނެވި އިދިކޮޅު ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ތަޅުމުގައި ވިދާޅުވީ އެ ހަގީގަތެވެ.

"ފިނޭންސް މިނިސްޓަރު މި މަޖިލީހަށް ހުށަހެޅުއްވި ބަޖެޓު އެ އޮތް ގޮތަށް ފާސްކުރުން ނޫން ވިސްނުމެއް އެ ކޮމިޓީގެ ޕީއެންސީ މެންބަރުންގެ ވިސްނުމުގައެއް ނެތް. ...ފިނޭންސް މިނިސްޓަރާއި އޮޑިޓާ ޖެނެރަލާއި އެމްއެމްއޭ ގަވަރުނަރުގެ ފަރާތުން އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތާ އެކީގައި އަޅުގަނޑުމެން އެ ކޮމިޓީގައި ދެއްކި އެއްވެސް ވާހަކައެއް އަޑުއެހުމެއް، އެއަށް ދިރާސާކުރުމެއް ...ނެތި، ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި ގޮތަށް އެންމެ ލޯ ލާރިއެއް ވެސް އިތުރުނުކޮށް، މަދުނުކޮށް [ފާސްކުރަނީ]" ނާޒިލް ވިދާޅުވި އެވެ.

ކުރުކޮށް ބުނާ ނަމަ، ފަންނީ ލަފާތައް ރިޕޯޓުގައި ޗާޕުކުރީ ހަމައެކަނި ދެއްކުމަށެވެ. އެއިން އެއްވެސް ލަފަޔަކަށް ރިއާޔަތްކުރުމުގެ ކުޑަވެސް ނިޔަތެއް ކޮމިޓީގެ އަގުލަބިއްޔަތުގައި ނެތެވެ.

އިންޒާރުތަކުގެ މައްޗަށް، ސަނާ ކިޔުމުގެ މުބާރާތެއް

ބަޖެޓުގެ އާންމު ބަހުސާއި ކޮމިޓީ ރިޕޯޓުގެ މަރުހަލާއަކީ، މާލީ އިންޒާރުތަކާ ގުޅޭގޮތުން ސަރުކާރާ ސުވާލުކޮށް، ވެރިކަން ހިންގާ ބާރު ޒިންމާދާރުކުރުވަން ލިބުނު އެންމެ ފަހި ފުރުސަތެވެ. އެކަމަކު ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން އެ މުހިންމު ވަގުތު ބޭކާރުކޮށްލެއްވީ ސަނާ ކިޔުމުގެ މުބާރާތެއްގަ އެވެ. ރައީސުލްޖުމްހޫރިއްޔާއަށާއި މާލީ ވަޒީރަށް ޝުކުރު އޮއްސުމާއި، ސަރުކާރު ދިފާއުކުރުމުގަ އެވެ.

މި ފުށުއެރުމުގެ އެންމެ އިސް ސަފުން ފެނުނީ، ބަޖެޓު ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމެވެ. އެއްފަހަރުން ލިބޭ ވަން-އޮފް އާމްދަނީ ނުލައި ބަލާއިރު، ރިކަރަންޓް ހަރަދު ހުރީ އާމްދަނީއަށް ވުރެ މަތީގައި ކަމަށް އޮޑިޓާ ޖެނެރަލް އިންޒާރު ދެއްވާފައި ވަނިކޮށް، ސަލީމް ތަޅުމުގައި ދައުވާކުރެއްވީ ރިކަރަންޓް ހަރަދު އާމްދަނީން ފޫބެދޭ ކަމަށެވެ.

އެގޮތަށް ދައުވާކުރެއްވުމަށް ފަހު، ބަޖެޓުގެ މައްސަލަތައް ހުރި ނަމަ އެ ކަންކަން ދެއްކެވުމަށް ސަލީމް ގޮވައިލެއްވި އެވެ. އެކަމަކު ހަމަ އެ ނޭވާގައި، ދައުލަތް ހިނގަމުން އައި ގޮތުން "ހަރަދު ކުޑަކުރެވެން ނެތް" ކަމަށް ވިދާޅުވެ އަމިއްލައަށް އުޒުރުވެރިވެވަޑައިގަތެވެ. ނަތީޖާއަކީ، ސަލީމްގެ ރިޔާސަތުގައި ނިންމި ކޮމިޓީ ރިޕޯޓުން އެންމެ ލޯ ލާރިއަކަށް ވެސް ބަދަލެއް ނުގެނެސް، އިންޒާރުތައް އެއްފަރާތްކޮށް ބަޖެޓު ފާސްކުރަން ފޮނުވުމެވެ.

ތަޅުމުގައި އެހެން މެންބަރުންގެ ފަރާތުން ފެނުނީ ހަގީގަތަށް ލޯމަރައިލުމުގެ އަޖައިބެއް ފަދަ ވާދައެކެވެ. ކާށިދޫ ދާއިރާގެ މެންބަރު މުންތަޒިމް އިބްރާހިމް، ބަޖެޓުގައި ވަކިވަކި ރަށްރަށުގެ މަޝްރޫއުތައް ނެތް ކަމަށް އަމިއްލައަށް އެއްބަސްވެވަޑައިގަތެވެ. އެކަމަކު ނިންމެވީ ލޯމަރާލައިފައި ތާއީދުކުރައްވާށެވެ. ދާއިރާތަކަށް ބޭނުންވާ ކަންކަން ހަމަޖެހޭނެ ކަމުގެ "ޔަގީންކަން އެބައޮތް" ކަމަށް ވިދާޅުވެ، މުންތަޒިމް ވަބީ ބަޖެޓަށް ފުރިހަމައަށް ތާއީދު އޮތް ކަމަށް ވިދާޅުވި އެވެ.

ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދަށް މިއީ "ރައީސް މުއިއްޒުގެ ހުރިހާ ވައުދެއް އުވިގެން ނުދާނެކަމުގެ ޔަގީންކަން ގެނެސްދޭ، ދެވަނައެއް ނެތް ފަދަ ފުރިހަމަ" ބަޖެޓެކެވެ. ގެމަނަފުށީ ދާއިރާގެ އަސަދުﷲ ޝިހާބު ހުންނެވީ "ފުރިހަމަ މޮޅު ބަޖެޓެއް" ހުށަހެޅުއްވީތީ މާލީ ވަޒީރަށް ޝުކުރު އަދާކުރައްވާށެވެ. އިނގުރައިދޫ ދާއިރާގެ އިބްރާހިމް ފަލާހާއި ވިލިމާލެ ދާއިރާގެ މުހައްމަދު އިސްމާއީލް ވަގުތު ހޭދަކުރެއްވީ ބަޖެޓަށް ”ސައްތައިން ސައްތަ“ ތާއީދު އޮތް ކަމަށް ވިދާޅުވެ އިދިކޮޅަށް ރައްދު ދެއްވުމުގަ އެވެ. އެ ބޭފުޅުންގެ އެއްވެސް ވާހަކައެއްގައި 7.5 ބިލިއަންގެ ނުދެއްކި ހުރި ބިލުތަކުގެ ކަންބޮޑުވުމެއް، ރަސްމީ ރިޒާވް ހުސްވަމުންދާ ކަމުގެ ބިރެއް ނެތެވެ.

އެންމެ ހެއްވާ ކަމަކީ، ފަންނީ މުއައްސަސާތަކުގެ ލަފާތައް ސާފުވި ކަމަށާއި ހަރަދު ކުޑަކުރަން ޖެހޭ ކަމަށް އަމިއްލަ ދުލުން އެއްބަސްވި މެންބަރުން ވެސް، ވޯޓު ދޭންވީ ވަގުތު ހަމަ އެ ގޮތަށް ބަޖެޓު ފާސްކުރަން އަތްމައްޗަށް ނެންގެވި ކަމެވެ. ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ، ރިކަރަންޓް ހަރަދު ކުޑަކުރަން ލަފާދީފައި ވަނިކޮށް ވެސް ކޮންމެ އަހަރަކު ހަރަދު ބޮޑުވާތީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވެސް ވިދާޅުވީ މުއައްސަސާތަކުން ދިން ލަފާ "ވަރަށް ރަނގަޅަށް ސާފުވި" ކަމަށެވެ. އެކަމަކު އެ ލަފާތައް ސާފުވި ކަމަށް ވިދާޅުވެފައި، ދެން އޭނާ ދެއްކެވީ ހަރަދު ކުޑަކުރާނެ ގޮތް ބުނެދޭން ޖެހޭނީ އިދިކޮޅު އެމްޑީޕީން ކަމަށް ބުނެ ހެދި ބަހަނާ އެވެ.

ރައްޔިތުންގެ މަންދޫބުންނަށް މާލީ ނުރައްކާތައް ސާފުވި އެވެ. އެކަމަކު ސަރުކާރު ހިންގާ ޕާޓީގެ ސުޕަ މެޖޯރިޓީގެ ތެރެއިން އެންމެ މެންބަރަކު ވެސް، ސަރުކާރުގެ އަދަދުތަކުން އެންމެ ލާރިއެއް ކަނޑާލަން ކެރިވަޑައެއް ނުގަތެވެ.

އިދިކޮޅުގެ އިސްލާހުތައް: މަޖިލީހުގެ އަގުލަބިއްޔަތުން ބޭރުކޮށްލުން

ސަރުކާރު ހިންގާ ޕާޓީގެ މެންބަރުން ބަޖެޓުގެ ދިފާއުގައި ސަފުހެދި އިރު، އިދިކޮޅު މެންބަރުން ތަކުރާރުކުރެއްވީ އެހެން ވާހަކައެކެވެ. ސަރުކާރު ހިތުހުރި ގޮތަކަށް ހަރަދުކުރިޔަ ނުދީ ފާރަވެރިވާން ރައްޔިތުން މަޖިލީހާ ހަވާލުކުރި އެންމެ ބޮޑު ޒިންމާ މެންބަރުން އެއްލައިލި ކަމުގެ ހަގީގަތެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ސުވާލު އުފެއްދެވީ، މަޖިލީހުން އަމިއްލައަށް އެދިގެން މިނިވަން ލަފާ ހޯދައި، އެއިން އެއްވެސް ލަފަޔަކަށް އިޖާބަ ނުދިން މައްސަލައިގަ އެވެ.

"ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ހުށަހެޅި އެއްވެސް ކަމަކަށް އިޖާބަދީފައެއް ނެތް. އޮޑިޓާ ޖެނެރަލް ހުށަހެޅި ބަޔާނަކަށް އިޖާބަދީފައެއް ނެތް. ސެންޓްރަލް ބޭންކުގެ ގަވަރުނަރު މި ތަނަށް ފޮނުވި ބަޔާނަކަށް އިޖާބަދީފައެއް ނެތް،" އަބްދުލްޣަފޫރު ވިދާޅުވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ސުވާލު ކުރެއްވީ، ހުރިހާ ކަމެއް ސަރުކާރުން ބޭނުންވި ގޮތަށް ބާއްވާ ނަމަ، ކޮމިޓީން ކުރި ކަމަކާ މެދުގަ އެވެ.

"ޑެފިސިޓުގެ އަދަދަކަށް ބަދަލެއް ނާދެ. ރިކަރަންޓު ހަރަދަކަށް ބަދަލެއް ނާދެ. ...ޕޭރޯލަކަށް ކުޑަ ވެސް ބަދަލެއް ނާދޭ. ...މި ބަޖެޓު ދިރާސާކުރައްވާ ކޮމިޓީން ދިރާސާކުރެއްވީ ކޮންއެއްޗެއްތޯ؟“ މީކާއިލް އެއްސެވި އެވެ.

އިދިކޮޅު އެމްޑީޕީން ހުށަހެޅި ބައެއް އިސްލާހުތަކަކީ ހަމައެކަނި ސިޔާސީ ވާހަކަތަކެއް ނޫނެވެ. އެއީ އޮޑިޓާ ޖެނެރަލް ފާހަގަކުރެއްވި ބޮޑެތި މާލީ ހިރާސްތަކަށް ހައްލު ހޯދަން ހުށަހެޅި ކަންކަމެވެ.

ހިތަދޫ އުތުރު ދާއިރާގެ އަބްދުﷲ ސޯދިގު ފާހަގަކުރެއްވީ މިއީ "ސިއްރުވަންހަނާވެފައި އޮތް ބަޖެޓެއް" ކަމަށެވެ. އެހެންވެ، 8.2 ބިލިއަންގެ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގާ ރަށާއި ހިނގާނެ މުއްދަތު ސާފުކޮށް ބަޖެޓުގައި ހިމެނުމަށް އޭނާ އިސްލާހު ހުށަހެޅުއްވި އެވެ. އަދި ކައުންސިލްތަކާއި ޑަބްލިއުޑީސީގެ މުސާރައަށް ކޮންޓިންޖެންސީން 100 މިލިއަން ބަދަލުކުރުމަށާއި، އައްޑޫ އެއާޕޯޓަށް ފައިސާ ހަމަޖައްސަން ވެސް އެދިވަޑައިގެންނެވި އެވެ.

މީގެ އިތުރުން، އެތެރޭގެ ބާޒާރުން ނަގާ 12 ބިލިއަން ރުފިޔާއަކީ ސީދާ ފައިސާ ޗާޕުކުރުން ފަދަ ކަމެއް ކަމަށް އިންޒާރު ދެއްވަމުން، ހުޅުމާލެ ދެކުނު ދާއިރާގެ އަހުމަދު ޝަމްހީދު ވަނީ ހުއްޓިފައި ހުރި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ނިންމަން ކޮންޓިންޖެންސީން 200 މިލިއަން ބަދަލުކުރަން އިސްލާހު ހުށަހަޅުއްވައިފަ އެވެ. ކަނޑިތީމު ދާއިރާގެ މުހައްމަދު އަމީން ފައިސަލް ހުށަހެޅުއްވީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފުވާ ކަމަށް ބުނާ އިތުރުގަޑީގެ 10 ޕަސެންޓުގެ ކެޕް އުވާލައި، ސިއްހަތާއި ތައުލީމަށް ފައިސާ ބަދަލުކުރުމަށެވެ.

އިދިކޮޅުގެ މި ހުރިހާ އިސްލާހުތަކަކީ ވެސް މަޖިލީހުގެ ތަޅުމުގައި އެއްލައިލި ކަންކަމެވެ. ސަރުކާރު ހިންގާ ޕާޓީގެ ސުޕަ މެޖޯރިޓީން ނިންމީ އިދިކޮޅުގެ ހުށަހެޅުންތަކަށް ޖާގައެއް ނުދީ، ސަރުކާރުން ފޮނުވި ގޮތަށް އެންމެ އަކުރެއް ވެސް ބަދަލުނުކޮށް ސިއްކަ ޖަހައިދޭށެވެ.

ފާސްކުރަނީ ދެއްކުމަށް، ހަރަދުކުރަނީ ހިތުހުރި ގޮތަކަށް

މިއީ ވެރިކަން ބަދަލުވިޔަސް، ބަދަލުނުވެ ހިނގަމުން އަންނަ ބޮޑު ސަކަރާތެކެވެ. ފަންނީ މުއައްސަސާތަކުގެ ލަފާތަކަށް ބެލުމެއް ނެތި ސަރުކާރުތަކުން ބަޖެޓު ހެދުމެވެ. އެ ލަފާތައް އެއްލައިލައި މަޖިލީހުން ރަބަރު ތައްގަނޑު ޖަހައިދިނުމެވެ. ދެން، ފާސްކުރި ގޮތާ ހިލާފަށް ސަރުކާރުތަކުން ހިތުހުރި ގޮތަކަށް ދައުލަތުގެ ފައިސާ އިސްރާފުކުރަމުން ދިއުމެވެ. މަޖިލީހުން ފާސްކުރާ ބަޖެޓާ އެއްގޮތަށް ސަރުކާރުތަކުން ހަރަދު ނުކުރުމަކީ ވޭތުވެދިޔަ އެތައް އަހަރެއްގެ ރެކޯޑުން ފެންނަން އޮތް  ހަގީގަތެކެވެ.

މަޖިލީހުން ކޮންމެ އަހަރަކު ވެސް ފާސްކޮށްދޭ ބިޔަ ޕީއެސްއައިޕީ ބަޖެޓަކީ، ހަގީގަތުގައި ބިންމަތީގައި ހިނގާ އެއްޗެއް ނޫނެވެ. މިދިޔަ އަހަރު ތަރައްގީގެ މަޝްރޫއުތަކަށް މަޖިލީހުން 12.3 ބިލިއަން ރުފިޔާ ފާސްކުރި ނަމަވެސް، ހަރަދުވީ އެންމެ 8.6 ބިލިއަން (69.6 ޕަސެންޓު) އެވެ. މި އަހަރު ވެސް ފާސްކުރި 8.3 ބިލިއަނުން އޮކްޓޫބަރު މަހާ ހަމައަށް ހަރަދުކުރެވުނީ އެންމެ 59.8 ޕަސެންޓެވެ. އޭގެ ކުރީ އަހަރު، 2024 ގައި ފާސްކުރި 8.9 ބިލިއަންގެ ޕީއެސްއައިޕީ، ސަޕްލިމެންޓަރީ ބަޖެޓެއް ޖަހައިގެން 10.9 ބިލިއަނަށް އުފުލައިލި އެވެ. މަޖިލީހުން ކަނޑައަޅާ ހިސާބުތަކަކީ އަސްލެއް ނެތް އަދަދުތަކެކެވެ.

ހަމަ މި ބީދައިން، 2022 އިން ފެށިގެން ސަބްސިޑީއަށް ބަޖެޓުގައި އަހަރަކު 800 މިލިއަނާއި 1.7 ބިލިއަނާ ދެމެދުގެ އަދަދެއް ޖެހި ނަމަވެސް، ކޮންމެ އަހަރަކު ވެސް ހަރަދުވަނީ ބަޖެޓަށް ވުރެ ދެގުނަ ތިންގުނަ އިތުރަށެވެ. މި އަހަރު އެކަނި ވެސް ތެލާއި ކަރަންޓު ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ދިޔަ އެވެ. އާސަންދަ އާއި މެޑިކަލް ވެލްފެއާއަށް 2 ބިލިއަން ޖަހާފައި އޮއްވައި، އަހަރު ނިމޭއިރު 2.8 ބިލިއަން ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ރިޒޯޓު ކުލީގެ މުއްދަތު އިތުރުކޮށްގެން 771 މިލިއަން ލިބޭނެ ކަމަށް ބަޖެޓުގައި ޖެހި ނަމަވެސް، ލިބުނީ އެންމެ 201.7 މިލިއަން ރުފިޔާ އެވެ.

ސަރުކާރު ކުންފުނިތަކުގެ ހާލަތު އަދި މާ ބިރުވެރިއެވެ. 2024 އިން މި އަހަރަށް ކުންފުނިތަކަށް އެހީގެ ގޮތުގައި ބަޖެޓުކުރި 5.4 ބިލިއަންގެ ބަދަލުގައި، ސަރުކާރުން ވަނީ 12.6 ބިލިއަން ރުފިޔާ އޮއްސާލައިފަ އެވެ. މިދިޔަ އަހަރުގައި ޓްރެޒަރީ ލޯނުގެ ގޮތުގައި ދޭން 1.8 ބިލިއަން ޖަހާފައި 4 ބިލިއަން ދޫކުރި އެވެ. އަދި މި އަހަރުގެ ބަޖެޓުގައި އެއްވެސް ވަރަކަށް ނުހިމަނައި، ގިރާވަރުފަޅު ހިއްކުމުގެ ނަމުގައި އެމްއޭސީއެލްއަށް 650.7 މިލިއަން ރުފިޔާގެ ލޯނެއް ޓްރެޒަރީން ސިއްރުން ދޫކުރި އެވެ.

މި ރެކޯޑުތަކުން ސާފުވާ ހަގީގަތަކީ، މަޖިލީހުން ފާސްކޮށްދޭ ބަޖެޓު ފޮތް އެއްލާލުމަށް ފަހު، ހިތުހުރި ގޮތަކަށް ފައިސާ ހޭދަކުރުމަކީ ސަރުކާރުތަކުގެ އާދައަކަށް ވެފައި އޮތް ކަމެވެ. އަދި އޮޑިޓާ ޖެނެރަލް ފަދަ މިނިވަން މުއައްސަސާތަކުން ދޭ ފަންނީ އިންޒާރުތަކަކީ މަޖިލީހުގެ މޭޒުތަކަށް އަރައި ފައިލްކޮށްލާފައި ބާއްވާ ހުސް ކަރުދާސްތަކަކަށް ވަނީ ވެފަ އެވެ.

ބަޖެޓު ކޮމިޓީގައި، މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޮޑިޓާ ޖެނެރަލް ވަނީ މި މައްސަލައިގެ ހަގީގަތް ހާމަކުރައްވާފަ އެވެ. ވޭތުވެދިޔަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ހުރި ކަންބޮޑުވުންތަކަށް ވެސް ސަރުކާރުން ބަލާފައި ނުވާ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ޖަވާބުދާރީކުރުވުމުގެ ނިޒާމު ހިންގަން ތިބި ފަރާތްތަކުން އެކަން ނުކުރާހާ ހިނދަކު މި ހާލަތު ބަދަލުނުވާނެ ކަމަށެވެ.

"މި ޕްރޮސެސް ނުގެންދެވޭހާ ހިންދަކު އެކަން އަޅުގަނޑުމެން ދޭ ރެކޮމަންޑޭޝަންތަކަށް ވެސް މާ ބޮޑު އަޅާލުމެއް ނެތި ވެސް ބޭއްވުމަކީ ވެސް އެކަށީގެންވާ ކަމެއް،" ނިޔާޒީ ވިދާޅުވި އެވެ.

އޮޑިޓާ ޖެނެރަލް އެ ވިދާޅުވި "ޕްރޮސެސް" އަކީ ސަރުކާރު ޖަވާބުދާރީކުރުވަން ރައްޔިތުން މަޖިލީހާ މަތިކުރި ފާރަވެރިވުމުގެ ވާޖިބެވެ. ސަރުކާރުން ބުނާ ގޮތަށް ހަރަދުތައް ހިނގާތޯ ބެލުމާއި، ފާސްކުރި ބަޖެޓާ ހިލާފަށް ދައުލަތުގެ ފައިސާ އިސްރާފުކުރޭތޯ ބެލުމުގެ އެންމެ އިސް ޒިންމާ އޮންނަނީ މަޖިލީހަށެވެ. އެކަމަކު ކޮންމެ އަހަރަކު ވެސް މަޖިލީހުން މި ދޫކޮށްލަނީ އަމިއްލަ ދައުރެވެ. ފާރަވެރިއަކަށް ވުމުގެ ބަދަލުގައި، ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ލޯމަރާލައިފައި ވާގިވެރިވާ ބައިވެރިއަކަށް މަޖިލިސް ވުމެވެ.

ކިޔަމަންތެރިކަމުގެ ސިއްކަ، އަގު ދައްކަން ޖެހޭނީ ރައްޔިތުން

މިއީ ހަމައެކަނި މި ސަރުކާރުގެ ވާހަކައެއް ނޫނެވެ. ވޭތުވެދިޔަ ސަރުކާރުތަކުން ވެސް އޮޑިޓާ ޖެނެރަލާއި އެމްއެމްއޭގެ ލަފާތައް އެއްފަރާތްކުރި އެވެ. ސަބްސިޑީ ރިފޯމް ނުކޮށް، ދައުލަތުގެ ބަޖެޓު ބޮޑުވަމުން ދިޔައީ ވެރިކަން ކުރި ހުރިހާ ޕާޓީތަކެއްގެ ދައުރުގަ އެވެ.

އެކަމަކު ގާނޫނުއަސާސީ ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައި އޮތް މަގުސަދަކީ ކޮބައި ހެއްޔެވެ؟ ގާނޫނުއަސާސީން ބަޖެޓު އިސްލާހުކުރުމުގެ ބާރާއި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ވާޖިބު މަޖިލީހަށް ދިނީ ސަބަބެއް އޮވެގެންނެވެ. މަޖިލީހުގެ ގަވާއިދުން މި ލަފާތައް ހޯދަން މަޖުބޫރުކުރީ ޒިންމާދާރުކަން ކަށަވަރުކުރުމަށެވެ. އެ ލަފާ ހޯދައި، އެއަށް އަމަލުނުކޮށް ބޭއްވުމަކީ ގާނޫނުއަސާސީގެ މަގުސަދާ މުޅިން ހިލާފު ކަމެކެވެ.

ސަރުކާރުން ބަޖެޓު ހުށަހަޅާނެ އެވެ. މަޖިލީހަކީ އެ ބަޖެޓު ފުރާނައި، ރަނގަޅުކުރަން އޮތް ފާރަވެރިޔާ އެވެ. ބަޖެޓު ކޮމިޓީގެ ރިޕޯޓުގައި ދެ މުއައްސަސާގެ އިންޒާރުތައް އަކުރުން އަކުރަށް ލިޔެފައި، ސަރުކާރުން ހުށަހެޅި އެއްވެސް އަދަދަކަށް ބަދަލެއް ނުގެނެސް، އެއްވެސް އިންޒާރަކަށް ފިޔަވަޅެއް ނާޅައި، 65 މެންބަރުންގެ ވޯޓުން ބަޖެޓު ފާސްކޮށްލުމަކީ ސީދާ މަޖިލީހުގެ ފެއިލުވުމެކެވެ.

ތަޅުމުގެ ބަހުސްގައި ސަރުކާރު ހިންގާ ޕާޓީގެ މެންބަރުން ބަޖެޓަކީ "ފުރިހަމަ"، "މޮޅު"، އަދި "ސަތޭކަ ޕަސެންޓު ތާއީދު އޮތް" އެއްޗެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. އެއްފަހަރުން ލިބޭ އާމްދަނީ ނުލައި ބަލާއިރު ރިކަރަންޓް ހަރަދު އާމްދަނީއަށް ވުރެ ބޮޑުވާކަން އޮޑިޓު ރިޕޯޓުގައި އޮއްވައި، އާމްދަނީން ހަރަދު ފޫބެދޭ ކަމަށް ވިދާޅުވެ އުފާފާޅުކުރެއްވި އެވެ. ހަރަދު ކުޑަކުރަން އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލް ދިން ލަފާ ސާފުވި ކަމަށް މެންބަރުން އަމިއްލަ ދުލުން ވިދާޅުވި އެވެ. އެކަމަކު އެ ބޭފުޅުން ވޯޓު ދެއްވި ރިޕޯޓުން އެންމެ ލާރިއެއް ވެސް ކަނޑައެއް ނުލަ އެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ރެކޯޑުން ދައްކަނީ މަޖިލީހުން ފާސްކުރާ ގޮތަށް ސަރުކާރުން ކަންކަން ނުކުރާ ކަމެވެ. މަޖިލީހުގެ ބެލުމެއް، ފާރަވެރިކަމެއް ނެތިއްޖެ ނަމަ އަހަރުގެ މެދުތެރެއިން ބަޖެޓު ބޮޑުވެ، ރައްޔިތުން އިތުރު ދަރަންޏަކަށް ވެއްޓިގެންދެ އެވެ. 

ބަޖެޓު ފާސްކުރަން އަތްމައްޗަށް ނެގި މެންބަރުން ވަގުތު ހޭދަކުރެއްވީ ސަނާ ކިޔުމުގަ އެވެ. ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ އިންޒާރުތައް އޮތީ މަޖިލީހުގެ އަމިއްލަ ކޮމިޓީ ރިޕޯޓުގައި، ކަޅާއި ހުދުން ލިޔެވިފަ އެވެ. އެ އިންޒާރުތަކުގެ ތެރެއިން ކިތައް ކަންތައް ހަގީގަތަކަށް ވާނެކަން ސާފުވާނީ އަންނަ އަހަރުގެ މާލީ ހިސާބުތައް ތިލަވުމުންނެވެ.

"ހަރަދުތައް ކުރަމުން ދަނީ އެންމެ މުހިންމު ބައިތަކަށްތޯ ނުވަތަ ބަޖެޓުގައި ހުރި ގޮތަށްތޯ ބެލުމުގެ ޒިންމާ އެންމެ ބޮޑަށް ހަމަ އަޅުގަނޑު ހީވަނީ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށްވެސް ހަމަ އޮންނާނެ އެ ޒިންމާއެއް“ މުނައްވަރު ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވި ފަދައިން، ބަޖެޓުގައި ހުރި ގޮތަށް ހަރަދުތައް ހިނގާތޯ ބެލުމަކީ މަޖިލީހުގެ މެންބަރުންގެ ޒިންމާއެކެވެ. އެކަމަކު އެ ޒިންމާގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، މަޖިލީހުގެ ރިޔާސަތުން ވެސް އަވަސްވެގަތީ ބަޖެޓު ފާސްކޮށްދެއްވީތީ މެންބަރުންނަށް ޝުކުރު އަދާކުރައްވައި، ރައީސްއަށް "ތަހުނިޔާ" ފޮނުއްވާށެވެ. އިންޒާރުތަކުން ފުރިފައި އޮތް ބަޖެޓެއްގައި ސިއްކަ ޖަހައިދީފައި، ރައްޔިތުންގެ މަންދޫބުން ދެއްކީ ކިޔަމަންތެރިކަމެވެ. ހަގީގީ އަގު ދައްކަން ޖެހޭނީ އަންނަ އަހަރު ރައްޔިތުންނެވެ.

އަމަން ހަލީމް

ޖާނަލިސްޓް

އަމަން ހަލީމް އަކީ ހުނަރުވެރި ކުޅަދާނަ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. އިގުތިސޯދާއި ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާގެ ހަބަރުތަކުގައި ވެސް އޭނާ ގެ ގަލަން ހިނގަ އެވެ. ހާއްސަ ގޮތެއްގައި ރާއްޖެ އަދި ދުނިޔޭގެ އިގުތިސޯދަށް އަންނަ ލޮޅުންތަކާއި މާލީ ކަންކަން ދިރާސާކޮށް މައްސަލަތައް ތިލަކޮށްދިނުމަށް އޭނާ މަސައްކަތްކުރެ އެވެ. އޭނާ ވަނީ މީގެކުރިން "ރާއްޖެ ޓީވީ" އަދި "ދައުރު" ނޫހުގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox