ބަންގްލަދޭޝްގައި މިދިޔަ އަންގާރަ ދުވަހު ނިމިގެންދިޔަ، ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގައި އެންމެ ބޮޑަށް ވައިގައި ހިފި އެއް ވާހަކަ އަކީ ގައުމުތަކުގެ ދަރިފަސްކޮޅަށް ނިސްބަތްވާ ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ގައުމީ ޓީމުތަކަށް ކުޅުވާ ބަހުސެވެ. ރާއްޖެ އާއި ބޫޓާން ފިޔަވައި މި ގޮތަށް ނެޗުރަލައިޒް ކޮށްގެން ސަރަހައްދުގެ ގިނަ ގައުމުތަކުން އަންނަނީ، ބައިނަލްއަގުވާމީ ވަރުގަދަ ގައުމުތަކުގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިން އެ ޓީމަށް ކުުޅުވަމުންނެވެ.
ދެހާހުގެ ކުރީކޮޅުގައި މަޑުމަޑުން ހިނގަމުން އައި މި ކަންތައްތައް މިދިޔަ 10 އަހަރެއް ތެރޭގައި ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. ގިނަ ޓީމުތަކުގެ މެޖޯރިޓީ ކޮންޓްރޯލް ކުރަނީ ވެސް އެ ކުޅުންތެރިންނެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަފާސްހިސާބަށް ބަލާއިރު، ރާއްޖެ އާއި ބޫޓާން އަދި އިންޑިއާ ފިޔަވައި އަނެއް ތިން ގައުމުގައި ވެސް ނެޗުރަލައިޒް ކުޅުންތެރިން ހިމެނެ އެވެ.
ސްރި ލަންކާގައި 16 ކުޅުންތެރިންނެވެ. ބަންގްލަދޭޝްގައި ނުވަ ކުޅުންތެރިން ތިބިއިރު، ޕާކިސްތާންގައި ހަތް ކުޅުންތެރިން ތިބި އެވެ. ސާފްގައި ވާދަކުރީ އިންޑިއާގެ ދެ ވަނަ ނޫނީ ތިން ވަނަ ފަންތީގެ ޓީމެކެވެ. އަސްލު އިންޑިއާ ޓީމުގައި ވެސް ނެޗުރަލައިޒް ކުޅުންތެރިން ހިމެނެ އެވެ.
ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަމާއި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަކަށް ހުރި ހަންގޭރީގެ އިސްތަވާން އުރްބާނީ، ތިން ވަނަ ފަހަރަށް ރާއްޖޭގެ ފުޓްބޯޅައިގައި މަސައްކަތް ކުރަން އައިސް، މި ފާހަގަކުރި ރަށްވެހިކަން ދީގެން ކުޅުންތެރިން ލައްވައި ކުޅުވުން ދައްކަނީ "އުޒުރެއް ނޫނީ ބަހަނާއެއް"ގެ ގޮތުގަ އެވެ. ހައްލެއްގެ ވާހަކައެއް ދައްކާފައެއް ނެތެވެ. އެ ގޮތަށް ގޮސް، ތިން މުބާރާތެއްގައި (ސާފް 20 އަހަރުން ދަށުގެ މުބާރާތް، ޑައިމަންޑް ޖުބިލީ މުބާރާތް އަދި ސާފް ޗެމްޕިއަންޝިޕް) އެންމެ ފުލުން ނިންމާލިއިރު ވެސް އުރްބާނީ ޒިންމާދާރު ކުރުވައި ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް އެފްއޭއެމަށް ވެސް އަދި ހޯދިފައި ނެތެވެ.
އެފްއޭއެމުން ދިނީ މަގާމުތަކެއް، ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ!
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި
އެކަމަކު، އުރްބާނީގެ ކުރިން އެންމެ ފަހުން ރާއްޖެ އަށް ކޯޗުކޮށްދިން ދެ ކޯޗުން ކަމަށްވާ އަލީ ސުޒޭން އާއި މުހައްމަދު ޝިޔާޒް (މޯހަން) ވަނީ މި މައުލޫގައި ވާހަކަ ދައްކައި، ހައްލުތަކެއް ހޯދޭނެ ގޮތާ މެދު އަމިއްލަ ވިސްނުން ހިއްސާކޮށްފަ އެވެ.
ސާފް ޗެމްޕިއަންޝިޕްގެ ކުރިން، "އަދަދު ސްޕޯޓްސް" އިން ގެނެސްދިން ޝޯއެއްގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ، ރަށްވެހިކަން ދީގެން ކުޅުންތެރިން ގެނެސްގެން ސަރަހައްދުގެ ގައުމުތަކަށް ޗެލެންޖެއް ދެވޭނެ ގޮތެއް ރާއްޖެ އަށް ނެތް ކަމަށެވެ.
"ދިވެހިންނެއް އެހެން ގައުމުތަކުގައި ދިރިއުޅޭ އަދަދު ބޮޑެއް ނުވާނެ، އަޅުގަނޑުމެންގެ އާބާދީ އަކީ ވަަރަށް ކުަޑަކުޑަ އާބާދީ އަކަށްވެފައި، އެހެން ގައުމުތަކުގަައި ދިރުއުޅޭ، ނޫނީ އެހެން ގައުމުތަކުގެ މީހުންނާ ކައިވެނިކޮށްގެން އެހެން ޖީލެއް އޮތް ބައެއް ވަރަށް މަދުވާނެ، އެހެން ނަމަވެސް ބަންގްލަދޭޝް ތަންތަން، ނޫނިއްޔާ، އިންޑިއާ ތަންތަނަކީ މިލިއަނުން އެހެން ދިމަދިމާލުގައި ދިރިއެބައުޅޭ، އެހެންވީމަ، އެ އެޑްވާންޓޭޖް އެ މީހުންނަށް އެބައޮތް، ނޭޕާލަށް ވެސް އެ އެޑްވާންޓޭޖް ނެގިދާނެ، ބޫޓާނަށް، އަޅުގަނޑުމެންނަށް އެ އެޑްވާންޓޭޖް ވަރަށް ކުޑަވާނެ،" ސުޒޭން ބުންޏެވެ.
ދެން ސުޒޭން ވާހަކަ ބިނާކުރީ ސަރަހައްދުގެ ގައުމުތަކުން އެހެން ކުޅުންތެރިން ގެނެސްގެން ޓީމު ވަރުގަދަކުރުމާ ރާއްޖޭން ކުރިމަތިލެވޭނެ ގޮތަކީ ކޮބައިކަމެވެ. ސުޒޭން ދެއްކީ ހައްލު އޮތީ މުޅި ރާއްޖެ އަތްފުނާއަޅައިގެން ރަނގަޅު ސިސްޓަަމެއްގެ ތެރެއިން ކުޅުންތެރިން ބިނާކުރެވޭނެ ގޮތެއް ހޯދުމެވެ.
"އަަޅުގަނޑުމެންގެ އަތޮޅުތަކުގައި މިސާލަކަށް ތުރާކުނުން ފެށިގެން އައްޑޫ އަތޮޅާ ދޭތެރޭގެ އެ ތިބި ހުރިހާ ކުޅުންތެރިން މިހާރު ކުޅެމުންދާ ހުރިހާ ކުޅުންތެރިންނާ އަޅުގަަނޑުމެން އިތުރު ކުޅުންތެރިން ޑިވެލޮޕްކޮށްގެން މީގެ ތެރެއިން ޓީމެއް ބިނާކުރަން. ޔަގީންކަން ބާއްވާ މިކަން އަޅުގަނޑުމެން ކުރިޔަސް ކިތަންމެ މޮޅު ނެޗުރަލައިޒް ކުޅުންތެރިންތަކެއް ބަންގްލަދޭޝް، އިންޑިއާ އިން ހޯދިޔަސް އަޅުގަނޑުމެންނަށް ވެސް ހޯދެވޭނެ އެ މީހުންނާ ޗެލެންޖް ކޮށްލެވޭނެ ވަރުގެ ކުޅުންތެރިން، އެކަމަކު ބޭނުންވަނީ ރަނގަޅު ސިސްޓަމެއްގެ ތެރެއިން، މި ސިލެކްޝަން އާއި ހުރިހާ ދިމާލެއްގައި ރާއްޖޭގެ ފުޓްބޯޅަ ކުޅެވޭނެ ގޮތް ހެދުން،" ސުޒޭން ބުންޏެވެ.
އޭނާ ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 100 އަށް ވުރެން ގިނަ ފުލް ސައިޒުގެ ދަނޑު އެބައޮތް ކަމަށެވެ. އެ ދަނޑުތައް ރަނގަޅަށް ބޭނުންކުރެވޭނެ ގޮތަކަށް ރާއްޖޭގެ ފުޓްބޯޅަ އަށް ފައިދާ ހުރި ގޮތަކަށް ކަންކަން އިންތިޒާމް ކުރެވިއްޖިއްޔާ އެހެން ގައުމެއް ކުރާ ކަމެއް ބަލަން ނުޖެހޭ ވަރަށް ރާއްޖޭގައި ފުޓްބޯޅައިގެ ހުނަރު އެބައޮތް ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.
"ނުޖެހޭ އިންޑިއާ ހޯދަނީ ނެޗުރަލައިޒް ޕްލޭޔަރުން ކޮންތާކުންތޯ، އިންގްލެންޑުން ތޯ، މިސާލަކަށް ބަންގްލަދޭޝްގައި ތި ތިބި ކުޅުންތެރިންނަށް ބަލާއިރު، އަޅުގަނޑުމެންގެ ބަކާ ކަހަލަ ކުޅުންތެރިއަކާ އެ މީހުންގެ އެންމެ މަޝްހޫރު ކުޅުންތެރިޔާ އަޅުވާއިރު ވެސް ބަކާ މާ މޮޅަށް ކުޅެފި މި ސަރަހައްދުގައި،" ސުޒޭން، މިސާލެއް ދެއްކުމުގެ ގޮތުން ބުންޏެވެ.
ސުޒޭން ބުނީ ޖުމްލަކޮށް ބަލާއިރު ރާއްޖޭން ރަނގަޅު ސިސްޓަމެއްގެ ތެރެއިން ފުޓްބޯޅަ ކުރިއަށްގެންގޮސްފިނަަމަ ރަނގަޅު ގިނަ ކަންތައްތަކެއް ރާއްޖޭގެ ފުޓްބޯޅައިން އަދި ގައުމީ ޓީމުން ވެސް ހާސިލްކުރާނެ ކަމަށެވެ.
"ލަންކާ އެ އުޅޭ ގޮތަކަށް ވިސްނާކަށެއް ނުޖެހޭ. އިހަކަށް ދުވަހު ވެސް މޯހަން އެ އައީ ލަންކާ ބަލިކޮށްލާފައި (ސައުތު އޭޝިއަން ސުޕަ ކަޕްގައި) ތިބުނާ ނެޗުރަލައިޒް ހުރިހާ ކުުޅުންތެރިން ތިއްބައި، ރާއްޖޭން ރަނގަޅު ސިސްޓަމެއްގެ ތެރެއިން ދަންޏާ އެ މައްސަަލައާ މެދު ވިސްނާކަށެއް ވެސް ނުޖެހޭ. ވިސްނަންވީ ރާއްޖޭގައި އެންމެ އުތުރުން ފެށިގެން ދެކުނަށް ފުޓްބޯޅަ ސިސްޓަމެއްގެ ތެރެއިން ކުޅެވޭނެ ގޮތެއް، ރަނގަޅު ލީގު ސިސްޓަމެއް ގާއިމްކުރަން،" ސުޒޭން ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕަށް މެދުކަނޑާލުމަށް ފަހު، ދިވެހި ޕްރިމިއާ ލީގު އަލުން މާދަމާ ފެށުމުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މި ވަގުތު ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ހުރި މޯހަން ވަނީ ފުޓްބޯޅައިގެ ހާލަތާއި އެހެން ގައުމުތަކުގައި ދިރިއުޅޭ ކުޅުންތެރިން ގެނައުމާ ގުޅޭގޮތުން ވާހަކަ ދައްކައިފަ އެވެ.
"ފުޓްބޯޅަ ދަށްވަނީއޭ އެއީ އަޅުގަނޑު ގަބޫލުކުރާ ވާހަކައެއް ނޫން އެއް ގޮތަކަށް ވެސް. ފުޓްބޯޅަ ކުރިއަރަނީ، ސްޕީޑު ކޮބައިތޯ، ކިހާ ވަރެއްގެ ސްޕީޑެއްގައި ތޯ، ވަރަށް ބާރު ދުވެއްޔެއްގައި ތޯ ވަރަށް މަޑު ދުވެއްޔެގައި ތޯ. އެއީ އަޅުގަނޑުމެން ދައްކަން ޖެހޭ ވާހަކަ އަކީ،
މޯހަން ބުނީ، ކޮންމެ ކަމެއްގައި ވެސް ރަނގަޅު ކުރަން ޖެހޭ ނޫނީ ރަނގަޅު ކުރެވޭނެ ބައިވަރު ކަންކަން ހުންނާނެ ކަމަށެެވެ. އެކަަންކަމާ މަސައްކަތްކުރަން ޖެހޭނެ ކަމަށާއި މަސައްކަތް ނުކުރެވި، އަތްނުލެވި ހުރި ބައިވަރު ކަންކަން ވެސް ހުންނާނެ ކަމަށާއި ބޭނުމީ އެ އަށް ވިސްނައިގެން ކަންކަން ރަނގަޅުކުރުން ކަމަށް މޯހަން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ފުޓްބޯޅަ ދަށްވާ ކަމަށް ކޮންމެ ބަޔަކު ވެސް ވާހަކަ ދައްކަނީ ގައުމީ ޓީމުގެ ނަތީޖާ އަށް ބަލައިފަ އެވެ. އެ އަށް އިޝާރާތްކޮށް މޯހަން ބުނީ، ސާފް ސަރަހައްދުގައި ރާއްޖެ އަށް ނަތީޖާ ނުނެރެވުމާއި އެހެން ގައުމުތަކުގެ ފުޓްބޯޅައިގެ ކުރިއެރުމާ މެދު ފުންކޮށް ވިސްނާލަން ޖެހޭ ކަމަށެވެ
"މި ސަރަހައްދުގައި ހަގީގަތުގައި ނެޗުރަލައިޒް ޕްލޭޔަރުން ގެނެސްގެން އެ ލިބޭ ކާމިޔާބު ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ ކުރިއެރުމެއް ހޯދިފައި އޮތީ. އޭގެއިން އެއްވެސް ގައުމެއްގައި ކުޅޭ ލީގެއްގެ ފުޓްބޯޅަ އަށް ބަދަލެއް އައިސްގެން ކަަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެ ކާމިޔާބު ހޯދިފައި އޮތީ،" މޯހަން ކިޔައިދޭން ފެށި އެވެ.
"މިސާލަކަށް ބަލާ ކަމަށްވެއްޖިއްޔާ، އިންޑިއާ ލީގު، މީގެ ހަތަރު ފަސް އަހަރު އޮތް ވަރަށް ވުރެ ހާލުގައި މާ އުނދަގުލުގައި އެ އޮތީ، ލީގު ދަށަށް ހިނގައްޖެ. އެހެން ނަމަވެސް އިންޑިއާ އުޅެނީ ބޯޅައިގައި ކުރީގައި، ދެން، ބަންގްލަދޭޝް ލީގުގައި ވެސް ހަމަ މީގެ ތިން ހަަތަރު އަހަރު ކުރިއާ ބަލާފައި މިހާރު ވަރަށް ބޮޑުތަން ދަށްކޮށް އޮތީ، ޕާކިސްތާން ލީގެއް އޮންނަ ކަމެއް ނޭނގެ. ދެން، ސްރީ ލަންކާގެ ލީގަކީ ދެ މަހެއް ނުވާނެ ކަންނޭނގެ ލީގު ނިމޭއިރުގައި،" މޯހަން ބުންޏެވެ.
މި ކަންކަމަށް ބަލާއިރު، މި ސަރަހައްދުގެ ފުޓްބޯޅައިގައި ގައުމުތަކުގެ ފުޓްބޯޅައިގައި މި ވަގުުތު ތަފާތަކަށް މި ފެންނަނީ ރަށްވެހިކަން ދީގެން ގެންނަ ކުޅުންތެރިންގެ ފަރާތުން ކަމަށް މޯހަން ވަނީ ބުނެފަ އެވެ. އަދި، ރަނގަޅު ލީގު ސިސްޓަމެއް އޮވެެގެން ކުރިއަރާ ގައުމެއް ސީދާސީދަލަށް ފެންނަން ނެތް ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.
"އަޅުގަނޑުމެންނަށް އިން ނަސީބު ދެރަ ކަމެކޭ، ބަލިފައެއް ގޮތުގައި އިން ފެކްޓާ އަކީ މިކަން (ނެޗުރަަލައިޒް ކުޅުންތެރިން ނެތުން). ދެން، އަޅުގަނޑުމެން މި އުނދަގުލުގައި އުޅެންޖެހޭނީ ބޫޓާނާއި އަޅުގަނޑުމެންނާ، އެހެން ގައުމުތަކުން ފުޓްބޯޅައިގެ މުސްތަގުބަލުގައި ސަރަހައްދު ކުޅޭއިރު ވެސް ނޫނިއްޔާ ކޮމްޕެޓިޓީވް މުބާރާތްތައް ކުޅޭއިރު، މި ބުނާ ގޮތަށް ކުޅުންތެރިން ލިބޭ ވަރަކަށް އެ މީހުން ކުރިއަށްދާނެ،" މޯހަން ބުންޏެވެ.
އެފްއޭއެމް ޓެކްނިކަލް ޑިރެކްޓަރުކަން ވެސް މީގެ ކުރިން ކުރި، މޯހަން ބުނީ، ލީގެއް އޮންނަން ޖެހޭ ދިގު މުއްދަތަކަށް މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު މި ވަގުުތު އޮތީ ރާއްޖޭގައި ކަމަށެވެ. ރާއްޖޭން ހައްލު ހޯދަން ޖެހޭނީ ލީގު ވަރުގަދަކޮށްގެން ކަމަށްވާއިރު، ދަރިފަސްކޮޅަށް ނިސްބަތްވާ އެހެން ގައުމުތަކުގައި އުޅޭ ކުޅުންތެރިން ގެނެސްގެން ކަންކުރަން ބަލާއިރު ރާއްޖެ އަށް އޮތީ ބަދުނަސީބުކޮށް ކަމަށް މޯހަން ވަނީ ބުނެފަ އެވެ.
"އަޅުގަނޑުމެންގެ ނަސީބު ނެތް އެއް ކަމަކީ އަޅުގަނޑުމެންގެ ނެތް ގައުމުން ބޭރު ގޮސް ބަލާލާފައި މިއީ އަޅުގަނޑުމެން ގައުމުގެ ކާފަ މާމަ ނިސްބަތްވާ ކޮންމެވެސް ކުއްޖެކޭ އެހެންވީމަ، މީނަ ގެނެސް އަޅުގަނޑުމެން ޓީމަށް ކުޅެވޭނެއޭ، އޭގެ ނަސީބެއް އަޅުގަނޑުމެންނަށް ނެތް ހަގީގަތުގައި. އެކަން މި އޮތީ ބޮޑެތި އާބާދީ އޮތް ގައުމުތަކަށް، އެ ފުރުސަތު އޮތް ގައުމުތަކުން އެ ފުރުސަތުގެ ބޭނުންހިފަމުން އެ ދަނީ،" މޯހަން ބުންޏެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާ އަތުން ބަލިވި ޕާކިސްތާންގެ ކޯޗު، ޕެރޫގެ ނޮލްބާޓޯ ސޮލާނޯ ވެސް ވަނީ ވަރުގަދަ ލީގެއް އޮތުމުގެ މުހިންމުކަން ފާހަަގަކޮށްފަ އެވެ. އެކި ގައުމުތަކުގައި އުޅޭ ޕާކިސްތާންގެ 15-20 ކުޅުންތެރިން ގެނެސްގެން ގައުމީ ޓީމެއް ވަރުގަދަކުރުމަކީ ހައްލެއް ނޫން ކަމަށާއި ގައުމެއްގެ ފުޓްބޯޅަ ސިސްޓަމެއް ކުރިއަރާނެ ފަދަ ނިޒާމެއްގެ ތެރެއިން އޮތް ލީގެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ސޮލާނޯ ވަނީ ބުނެފަ އެވެ.
ޕާކިސްތާންގައި އެންމެ ފަހުން ލީގެއް ފުރިހަމަކޮށްފައިވަނީ، 2018-2019 ވަނަ ސީޒަނުގަ އެވެ.








