ރިޕޯޓުއެފްއޭއެމުން ދިނީ މަގާމުތަކެއް، ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ!

އެފްއޭއެމުން ދިނީ މަގާމުތަކެއް، ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ!

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

ގައުމީ ޓީމުގެ ކޯޗު އިސްތަވާން އުރްބާނީ: އޭނާ އަންނަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް ފުރަމުން.--
ގައުމީ ޓީމުގެ ކޯޗު އިސްތަވާން އުރްބާނީ: އޭނާ އަންނަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް ފުރަމުން.--

ބަންގްލަދޭޝްގެ ވެރި ރަށް ޑާކާގައި މިހާރު ކުރިއަށްދާ ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން، އިންޑިއާ އާއި ޕާކިސްތާން އަތުން ލަނޑެއް ވެސް ނުޖެހި، ރާއްޖެ ބަލިވެ، މުބާރާތުން ކެޓުމަކީ މި ސަރަހައްދުގެ ފުޓްބޯޅަ މުބާރާތެއްގައި ރާއްޖޭގެ ތާރީހުގައި ވެސް ނެރުނު އެންމެ ދަށް ނަތީޖާ އެވެ. 

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން 3-0 އިން ޕާކިސްތާން އަތުން ބަލިވިއިރު، ދެ ވަނަ މެޗުގައި 1-0 އިން އިންޑިއާ އަތްދަށުވި އެެވެ.

އިންޑިއާ މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި، ގައުމީ ޓީމުުގެ ކޯޗު ހަންގޭރީގެ އިސްތަވާން އުރްބާނީ ބުނެފައިވަނީ، ޓެކްނިކަލް ޑިރެކްޓަރަކަށް ހުރެ، ގައުމީ ޓީމުގެ ކޯޗުކަން ކުރުމަކީ އެހެން ކަހަލަ ކަމެއް ކަމަށެވެ. އެއީ، ކޯޗެއްގެ މަސައްކަތް ވިލަރެސް ކުރުން ނޫނީ ކަންކަން ބެލުން މި އޮންނަނީ ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާގެ ތެރޭގައި ކަމަށްވާތީ އެވެ.

އެކަމަކު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އުރްބާނީ އަށް މި އަހަރު ޖެނުއަރީން ފެށިގެން ދީފައި އޮތީ މި ދެ ވަޒީފާ އެކުގަ އެވެ. މިއީ، މުޅި ދުނިޔޭގެ ނިސްބަތުން ބެލިޔަސް "ފެއިލް" ވެފައި އޮތް މޮޑެލް އެކެވެ. 

އުރްބާނީގެ އެނބުރި އައުން، ނަތީޖާ އިން ބަލާއިރު އުފާވެރިއެއް ނޫން

މިއީ، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ އުރްބާނީ ހަވާލުވި ތިން ވަނަ ފަހަރެވެ.

އެންމެ ފުރަތަމަ އުރްބާނީ ރާއްޖޭގެ ކޯޗުކަމާ ހަވާލުވީ، ރާއްޖޭން ޔޯސެފް ޔަންކޭގެ ކޯޗުކަމުގައި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަށް ފަހު، ޖެހިގެން އައި އަހަރު އެވެ.

އުރްބާނީގެ ކޯޗުކަމުގައި ރާއްޖޭން ކުޅުނު ފުރަތަމަ ސާފް ޗެމްޕިއަންޝިޕް އޮތީ 2009 ވަނަ އަހަރު ބަންގްލަދޭޝްގަ އެވެ. އެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު މެޗުތަކުން މޮޅުވެ، ރާއްޖޭން ފައިނަަލަށް ދިޔަ އެވެ. އެކަމަކު، ޕެނަލްޓީ ޖަހައިގެން އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު އަތުން ބަލިވީ އެވެ. އެ ޓީމު އަތުން ގްރޫޕް ސްޓޭޖުގައި މޮޅުވި ނަމަވެސް ފައިނަލުގައި ނާކާމިޔާބުވީ އެވެ. 

އުރްބާނީއާ އެކު ދެ ވަނަ ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭން ނުކުތީ 2011 ވަނަ އަހަރު އިންޑިއާގަ އެވެ. އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށް ކެޓީ އިންޑިއާ އަތުންނެވެ. އަަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު، ދެ ވަނަ ފަހަރަށް ރާއްޖޭގެ ކޯޗުކަމާ ހަވާލުވެ، އުރްބާނީ ވަނީ 2012 ވަނަ އަހަރު، ސްރީ ލަންކާގައި އޮތް ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމަށް މަހިންދުރަ ރާޖަޕަކްސަ މުބާރާތުގެ ތަށި ހޯދައިދީފަ އެވެ.

އޭގެ ޖެހިގެން އައި އަހަރު، 2013 ވަނަ އަހަރު ނޭޕާލްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން އާދަޔާހިލާފު ފޯމެއްގައި ގްރޫޕް ސްޓޭޖު ނިންމާލި ނަމަވެސް، ސެމީ ފައިނަލުގައި އިންޑިއާ އަތުން ބަލިވީ އެެވެ. 

އެ ފަަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފަހު، ދެން އުރްބާނީ ރާއްޖޭގެ ކޯޗުކަމުން އިތުރު މުބާރާތަކުން ނުފެނި މަގާމުން ދިޔައީ އެވެ. 

ސާފް ޗެމްޕިއަންޝިޕަށް ޑާކާގައި ރާއްޖޭން ކުރިއަށްގެންދިޔަ ޕްރެކްޓިހެއްގެ ތެރެއިން އުރްބާނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް
ސާފް ޗެމްޕިއަންޝިޕަށް ޑާކާގައި ރާއްޖޭން ކުރިއަށްގެންދިޔަ ޕްރެކްޓިހެއްގެ ތެރެއިން އުރްބާނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

 ބާރަ އަހަރަށް ވުރެން ދިގު މުއްދަތަކަށް ފަހު އުރްބާނީ ރާއްޖޭގެ ކޯޗުކަމަށް އެނބުރި އަންނަކަން އިއުލާނުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

އުރްބާނީގެ ކޯޗުކަމުގައި، ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުނު، އެފްއޭއެމްގެ މިހާރުގެ ރައީސް އަހުމަދު ތޯރިގު (ޓޮމް)ގެ އެދުމަަކަށާއި ރާއްޖޭގެ ފުޓްބޯޅަ އަށް ހިދުމަތެއް ކޮށްދޭން އަލުން ލިބުނު ފުުރުސަތުގެ ބޭނުންހިފީ ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ.

އުރްބާނީ މި ފަހަރު ރާއްޖެ އަށް އައީ ޒިންމާ ބޮޑު ދެ ވަޒީފާއަަކާ ހަވާލުވާ ގޮތަށް އެއްބަސްވެގެންނެވެ. 

އުރްބާނީ، އެންމެ ފުރަތަމަ ރާއްޖޭގެ ފުޓްބޯޅައާ ހަވާލުވީ، ރާއްޖޭން ސަރަހައްދުގެ ތަށި ހޯދުމަށް ފަހު، އަހަރެއް ވެސް ނުވަނީހެވެ. އޭނާ، 12 އަހަރަށް ފަހު ރާއްޖެ އެނބުރި އައިއިރު، އޭގެ ފާއިތުވި ތިން އަހަރު ތެރެއިން ދެ އަހަރު ރާއްޖޭގެ ލީގު ނުކުޅެ ދިޔަ އެވެ. އެ ހުރިހާ ކަމެއް އެނގި ހުރެ، ނޫސްވެރިންގެ ބައްދަލުވުމުގައި އެކި ފަހަރު މަތިން އުރްބާނީ ދައްކާފައި ހުރީ އެކި ވާހަކަ އެެވެ. 

އެނބުރި ރާއްޖެ އައިސް އުރްބާނީ އެންމެ ފުރަތަމަ ކުރިމަތިލި މުބާރާތަކީ، މިދިޔަ މާޗް މަހު މާލޭގައި ބޭއްވި ސާފް 20 އަހަރުން ދަށުގެ މުބާރާތެވެ. އެ މުބާރާތުގެ ތެރެއިން، ރާއްޖޭގެ ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުން އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗު ވެސް އޮތެވެ. އެއާ އެކު، އުރްބާނީއާ ޖެހުނީ އެއް ފަހަރާ ރާއްޖޭގެ ފުޓްބޯޅައިގެ ތިން މަގާމެއް ފުރާށެވެ. އެއީ، 20 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމާއި ސީނިއާ ގައުމީ ޓީމުގެ ކޯޗުކަމާއި އެފްއޭއެމް ޓެކްނިކަލް ޑިރެކްޓަރުގެ މަގާމެވެ. 

އުރްބާނީގެ ކޯޗުކަމުގައި، ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭން ދެ ލަނޑު ޖަހާފައި ވަނިކޮށް ސްރީ ލަންކާ އިން ފަހަތުން އަރައި 3-2 އިން ރާއްޖެ ބަލިކުރި އެވެ. އެކަމަކު، އެ ސްރީ ލަންކާ ޓީމު އަތުން ފަހުން ރާއްޖޭން ވަނީ އޭޝިއަން ކަޕް ކޮލިފައިންގައި 4-0 އިން މޮޅުވެފަ އެވެ. އެއީ، އަހުމަދު ޝާކިރު (ޝާކިއްޓެ)ގެ ކޯޗުކަމުގަ އެވެ. ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ތެރެއިން ރާއްޖޭން ޓިމޯ ލެސްޓޭ މެޗު ކުޅުނުއިރު، އެ މެޗުން މޮޅުވީ ފަހު ވަގުތު ޕެނަލްޓީއެއް ޖަހައިގެން 2-1 އިންނެވެ. މިއީ، އުރްބާނީގެ ކޯޗުކަމުގައި ރާއްޖޭން މި އަހަރު ކުޅުނު 12 މެޗުގެ ތެެރެއިން މޮޅުވި ހަމައެކަނި މެޗެވެ. 

ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭން ދެން ކުޅުނު ދެ މެޗުން ބޫޓާނާއި ނޭޕާލާ އެއްވަރުވެ، އެ މުބާރާތުން ކެޓީ މޮޅެއް ނުލިބި ގްރޫޕް ސްޓޭޖުންނެވެ.

ސާފް 20 އަހަރުން ދަށުގެ މުބާރާތް ނިމުނުތާ ދެ މަހެއްހާ ދުވަސް ފަހުން، ޖޫން މަހު މާލޭގައި ވަނީ ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުން ފާހަގަކުރަން ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތެއް ބާއްވައިފަ އެވެ. އެ މުބާރާތުގެ ފުރަތަަމަ މެޗުގައި އަފްގާނިސްތާން އަތުން 1-0 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި ޕާކިސްތާން އަތުން 3-0 އިން ބަލިވި (މިއީ، 1991 ވަނަ އަހަރަށް ފަހު ރާއްޖެ ޕާކިސްތާން އަތުން ބަލިވި ފުރަތަމަ ފަަހަރު، އަދި މާލޭގައި ކުޅެގެން ޕާކިސްތާނުން ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރު) އެވެ. އަދި، ތިން ވަނަ މެޗުގައި ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމާ 1-1 އިން ވީ އެއްވަރެވެ. 

ގައުމީ ޓީމުގެ ކޯޗު އިސްތަވާން އުރްބާނީ: އޭނާ ވަނީ މި އަހަރު 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަމާއި ސީނިއާ ގައުމީ ޓީމުގެ ކޯޗުކަމާއި އެފްއޭއެމް ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާ އެއް ވަގުތެއްގައި އުފުލައިފައި.
ގައުމީ ޓީމުގެ ކޯޗު އިސްތަވާން އުރްބާނީ: އޭނާ ވަނީ މި އަހަރު 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަމާއި ސީނިއާ ގައުމީ ޓީމުގެ ކޯޗުކަމާއި އެފްއޭއެމް ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާ އެއް ވަގުތެއްގައި އުފުލައިފައި.

ތިން މަސް ދުވަސް ތެރޭ ރާއްޖޭގައި ހޯސްޓްކުރި ދެ މުބާރާތުގައި، 20 އަހަރުން ދަށުގެ ޓީމާއި ސީނިއާ ގައުމީ ޓީމު އަމިއްލަ ފަސްގަނޑުގައި ނިންމާލީ މޮޅެއް ނުލިބި އެވެ. އެ ދެ މުބާރާތުގައި ޖުމްލަ ހަ މެޗު ކުޅުނުއިރު، ތިން މެޗުން އެއްވަރުވެ، ތިން މެޗުން ބަލިވެ، ނިންމާލީ ތާވަލުގެ ފުލުންނެވެ. އެ ދެ މުބާރާތަށް ފަހު ވެސް، ޓެކްނިކަލް ޑިރެކްޓަރާއި ކޯޗުގެ ޒިންމާއާ ހަވާލުވެ ހުރީ އުރްބާނީ އެވެ. ކުރި މަސައްކަތެއްގެ ރިވިއުއެއް، އެފްއޭއެމުން ހެދި ކަމަށް ޔަގީނުން ވެސް މީޑިއާ އަށް އެނގޭކަށެއް ނެތެވެ. އެކަމަކު، އެފްއޭއެމް ހިންގާ ކޮމިޓީގެ މެމްބަރުންގެ ނުރުހުން ވެސް އުރްބާނީއާ މެދު އޮތީ ބޮޑުވެފަ އެވެ. 

އޭގެ ފަހުން، ދެން، ސެޕްޓެމްބަރު/އޮކްޓޫބަރު އިންޓަނޭޝަނަލް ބްރޭކުގައި ރާއްޖޭން ވަނީ ތިން މެޗު ކުޅެފަ އެވެ. ޗައިނާ އަތުން 3-0، ކިރްގިސްތާން އަތުން 5-0، ލެބަނަން އަތުން 6-0 އިން ބަލިވި އެވެ. އަދި، ސާފް ޗެމްޕިއަންޝިޕްގައި ދެ މެޗުން ވެސް ބަލިވިއިރު، އެންމެ ފަހުން ރާއްޖޭން ކުޅުނު ފަސް މެޗަށް ބަލާއިރު، ބައިކޮޅަށް 18 ގޯލު ވަންއިރު އެންމެ ގޯލެއް ވެސް ޖެހޭ ގޮތެއްނުވި އެވެ.

މިއީ، މިހާތަނަށް ބަލާއިރު، ބައިނަލްްއަގުވާމީ ފުޓްބޯޅައިގައި ކަލަންޑަރު އަހަރެއްގެ ތެރޭގައި ރާއްޖޭގެ އެންމެ ދަށް ރެކޯޑެވެ. މި ކަމުގައި ވެސް ހޯދަން ޖެހޭނީ ޒިންމާ ނަގާނެ ފަރާތެކެވެ. އެފްއޭއެމް އިން ބަލަނީ އުރްބާނީ އަށެވެ. އެކި އެކި އުޒުރު ދެއްކިޔަސް، އެފްއޭއެމް އިން ސަޕޯޓް ނުދޭ ކަމަށް އުރްބާނީ ބުނާކަށެއް ބޭނުމެއް ނުވި އެވެ. 

ޒިންމާއާ ހަވާލުނުވެ، މަގާމާ ގުޅޭ "ޝަކުވާތަކެއް ތަކުރާރުވުން"

ސެޕްޓެމްބަރު/އޮކްޓޫބަރުގެ ފީފާ ދުވަަސްތަކުގައި ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު ތިން މެޗުގެ ކުރިން ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އުރްބާނީ ވަނީ ޓެކްނިކަލް ކޮމިޓީއެއް ހަދައިގެން ކަންތައްތަކެއް ސާފް ޗެމްޕިއަންޝިޕްގެ ކުރިން ކުރާ ކަމަށް ބުނެފަ އެވެ. އަދި، ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން އެކި ފަހަރު މަތިން ދިން އިންޓަވިއުތަކުގައި ގައުމީ ޓީމުގައި ފިޓްނަސް ކޯޗެއް ބަހައްޓަން އޭނާ ބޭނުންވި ކަމަށާއި ދިވެހި ޕްރިމިއާ ލީގުގެ ގިނަ މެޗުތަކެއް ގާތްގާތުގައި ކުޅެން ޖެހުމުން ސާފް ޗެމްޕިއަންޝިޕުގެ ކުރިން ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް އަނިޔާވި ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

އުރްބާނީގެ މި ޝަކުވާތަކުގައި، "ބުރަދަނެއް ނެތް" ކަމަށް ނޫނީ މިއީ ހަމައެކަނި ވާހަކަތަކެއް ކަމަށް ބަލަންޖެހޭ ސަބަބުތަކެއް ވެސް އެބަހުއްޓެވެ. އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ގައުމީ ޓީމުގެ ކޯޗުގެ މަގާމު އެކުއެކީގައި ފުރަމުންދިޔައިރު، ގައުމީ ޓީމަށް ބޭނުންވާނެ ޕްލޭނެއް ދުރާލާ ހެދިފައި ނެތުމެވެ.

ނޮވެމްބަރު މަހު އޮތް ސާފް ޗެމްޕިއަންޝިޕަށް ޓެކްނިކަލް ކޮމިޓީއެއް ހަދައިގެން ކުރިއަށްދާ ވާހަކަ ދައްކަން ޖެހޭނީ ސެޕްޓެމްބަރު މަހަކު އެއް ނޫނެވެ. އެ އަށް ވުރެން ދުރާލާ ތައްޔާރުވެެވެން ޖެހޭނެ އެވެ. ގައުމީ ޓީމަށް ފިޓްނަސް ކޯޗެއް ބޭނުންވެ، އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރާއި ގައުމީ ކޯޗަކަށް ހަވާލުވެ ހުރި ފަރާތެއް އެ ހުއްދަ ލިބިފައި ނެތް ކަަމަށް ބައިނަލް މީޑިއާ ކުރިމަތީގައި ބުނުމަކީ، ހުރި މަގާމުގެ ގޮތުން ވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އަދި، ދިވެހި ޕްރިމިއާ ލީގުގެ ޝެޑިއުލްގެ ޝަކުވާ ކުރާއިރު، ޓެކްނިކަލް ޑިރެކްޓަރަށް އެ ކަންކަން ފުރިހަަމަ ކޮށް ގައުމީ ޓީމަށް މުހިންމުވާ ގޮތަށް ޝެޑިއުލްގެ ކަންކަމުގައި ބަސް ބުނެވެން ވާނެ އެވެ. ކަމެއް ގޯސްވެ ނިމުމުން، އެ ވާހަކަ ދެއްކުމަކީ މަގާމުގެ ޒިންމާ އެންމެ ފުރިހަަމަ އަށް އަދާކުރެވުނު ކަމާ މެދު ސުވާލު އުފެދޭ ކަމެކެވެ. 

ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ ގދ. ގައްދޫ އާއި ހއ. ދިއްދޫގެ ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު އޮންނާނެ ކަމަށް އުރްބާނީ ބުނުމަށް ފަހު، ދިވެހި ޕްރިމިއާ ލީގުގެ އެތަނުން ޓީމެއް މެޗެއް ކުޅެނިކޮށް ގައުމީ ޓީމު ފުރައިގެން ދިއުމަކީ ވެސް އެ ކްލަބްތަކުގައި ތިބި ކުޅުންތެރިން ދައްކާނެ ވާހަކަ އެވެ. ޝެޑިއުލްގައި ހުރި މި ފަދަ ކަންކަމަށް ވެސް ރިއާޔަތްކޮށް، ދެ ޒިންމާ އަކާ ހަވާލުވެ ހުރި ފަރާތަކުން އެ އަށް ވެސް ހައްލެއް ގެންނަން ޖެހެ އެވެ. 

ތޯރިގު ފާހަގަކުރެއްވީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުުކުރުމުގެ ފުރުސަތު އޮތްގޮތް

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް އިންޑޮނޭޝިއާގައި ކުރިއަށްގެންދާ ޓްރެއިނިން ކޭމްޕަކީ ގައުމީ ކޯޗު އުރްބާނީ އަށް ޓީމު އެކުލަވާލުމަށާއި ކުޅުންތެރިން މުބާރާތަށް ފޯކަސް ކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު ވިދާޅުވި. މި ކޭމްޕްގެ ތެރެއިން ރާއްޖޭން ވާދަވެރި ދެ މެޗު ކުޅުމަށް ހަމަޖެހިފައިވޭ

އެފްއޭއެމް އިން އިންޑޮނޭޝިގެ ފުޓްބޯޅަ އެސޯސިއޭޝަންއާ ވާހަކަ ދައްކައިގެން ސާފް ޗެމްޕިއަންޝިޕްގެ ކުރިން ގައުމީ ޓީމަށް ހޯދައިދިން ޓްރެއިނިން ކޭމްޕަކީ "ސާފްގައި ނަތީޖާ ރަނގަޅުުކުރަން ލިބޭ ފުރުސަތެއް" ގޮތަށް އެފްއޭއެމްގެ ރައީސް ތޯރިގު ވިދާޅުވި އެވެ.

އެކަމަކު، ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން އުރްބާނީ ބުނެފައިވަނީ، އެއީ ޓްރެއިނިން ކޭމްޕެއް ނޫން ކަމަށާއި "ގެޓް ޓުގެދާ" އެއް ކަމަށެވެ. ގައުމީ ޓީމުގެ ދަތުރުފަތުރުގެ ކަންކަމުގައި ކުރިން ކަންކަން ރޭވިފައި ނެތް ކަމުގައި ވިޔަސް، ޓްރެއިނިން ކޭމްޕަކީ "ގެޓް ޓުގެދާއެއް (އެއް ވެލުމެއް)" ކަމަށް ބުނެ، އެެހެން ގައުމަކުން ދިން ފުރުސަތަކާ މެދު އިހުތިރާމް ކުޑަ ގޮތަކަށް އެ ވާހަކަ ދެއްކުން ބަލައެއް ނުގަނެވެ އެވެ. 

މީގެ އިތުރުން، ސާފް ޗެމްޕިއަންޝިޕް ފެށުމުގެ ކުރިން ދިން އިންޓަވިއުއެއްގައި، މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށާއި ޓެކްނިކަލް ޑިރެކްޓަރަކަށް ދެން ހުންނާނެ މޭރުމުން އުރްބާނީ ވަނީ ވާހަކަ ދައްކައިފަ އެވެ. އަދި، ނޫސްވެރިންގެ ބައްދަލުވުމުގައި، އެއް ސުވާލަށް ޖަވާބުދޭއިރު، މިއީ ޓެކްނިކަލް ޑިރެކްޓަރުގެ ހައިސިއްޔަތުން ދޭ ޖަވާބެއް ކަމަށް ބުނާއިރު، އަނެއް ފަހަރު މިއީ، ގައުމީ ކޯޗުގެ ގޮތުގައި ދޭ ޖަވާބެއް ކަމަށް ވެސް ބުނެފައިވެ އެވެ. 

އެފްއޭއެމުން އިހުތިޔާރުކުރީ "ފެއިލްވެފައި އޮތް މޮޑެލް އެއް" 

ގައުމެއްގެ ފުޓްބޯޅަ އެސޯސިއޭޝަނެއްގެ ރައީސް އާއި ހިންގާ ކޮމިޓީ ނަގާފައި، ދެން އޮތް އެންމެ މުހިންމު ދެ މަގާމަކީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ގައުމީ ޓީމެއް ކޯޗުގެ މަގާމެވެ.

ފުޓްބޯޅައިގައި ގައުމެއްގެ މިސްރާބު ހުރި ނެތްގޮތް، ނޫނީ ގައުމެއް އޮތް ހިސާބެއް މިނެކިރަނީ ގައުމީ ޓީމުގެ ނަތީޖާ އިންނެވެ. މިއީ، ދުނިޔޭގެ ފުޓްބޯޅަ ހެކިދޭ ކަމެކެވެ. ކުރިން ހޯދާފައި އޮތް ކާމިޔާބެއްގައި ހިފައިގެން ނަތީޖާ ނުނެރެ މަގާމުގައި ދެމިހުރެވޭނެ މަގެއް މިއަދުގެ ފުޓްބޯޅައިގައި ނުފެނެ އެވެ. އެއް މުބާރާތުން ތަށި ހޯދައިދިން ކޯޗުން ޖެހިގެން އައި މުބާރާތުގައި ވަޒީފާ އިން ވަކިކޮށްފައި ވެސް ހުރީ މަދު ފަހަރަކު އެއް ނޫނެވެ. 

ދުނިޔޭގެ ފުޓްބޯޅައިގެ އެކިއެކި ކަންކަމަށް ނަޒަރު ހިންގާލާއިރު، ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ގައުމީ ޓީމުގެ ކޯޗުގެ މަގާމު އެކަކުގެ އަތްމައްޗަށް ދޫކޮށްލައިގެން އެކަން ޓެސްޓްކޮށްފައި މިހާތަނަށް ގިނައިން ހުރީ އޭޝިއާ އާއި އެފްރިކާ އަދި އުތުރު އެމެރިކާގެ ގައުމުތަކުގަ އެވެ.

ހާއްސަ ގޮތެއްގައި މި މޮޑެލް ހިޔާރުކުރުމުގައި ގައުމުތަކުން ވިސްނާފައި ހުރީ، "ކުޑަ ބަޖެޓަކުން ފުޓްބޯޅަ އިދާރާ ހިންގަން" ޖެހޭތީވެ، އެކަކަށް ދެ ވަޒީފާ ދީގެން ކުރިއަށް ދިއުމެވެ. ގިނަ ގައުމުތަކުން ދެ ވަޒީފާ އެކަކަށް ދީފައި ހުރީ ހެޑް ކޯޗުކަން ވަގުތީ ގޮތުން ކުރާ ގޮތަށެވެ. ދާއިމީ ކޮށް ދެ މަގާމު އެކަކާ ހަވާލުކޮށްފައި ހުރީ މަދުން ނަމަވެސް އެފްރިކާގެ ގައުމުތަކުގަ އެވެ. 

މި ނިޒާމާ އެކު ގައުމުތަކުގެ ފުޓްބޯޅަ ކުރިއަށް ނުދެ އެވެ. ސަބަބަކީ ގައުމީ ޓީމުގެ ހެޑް ކޯޗު ޒިންމާދާރު ކުރުވަން ހުންނަ މައިގަނޑު އެއް ފަރާތަކީ ޓެކްނިކަލް ޑިރެކްޓަރެވެ. ރާއްޖޭގެ ފުޓްބޯޅަ ބޮޑު އަޑިގަނޑަކުން އަރައިގަންނަން ކިރިޔާ މަސައްކަތް ކުރަން ފެށި ދުވަސްވަރެއްގައި އެފްއޭއެމްގެ ޓެކްނިކަލް އެންމެ އިސް ޒިންމާ އާއި ގައުމީ ޓީމު ކޯޗުކަން އެކަކުގެ އަތްމައްޗަށް ދޫކޮށްލުމުގެ ހިތި 11 މަސް ދުވަސްތެރޭގައި ރާއްޖޭގެ ފުޓްބޯޅަ އަށް މި އޮތީ ފެންނާށެވެ. 

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، ހަންގޭރީގެ އިސްތަވާން އުރްބާނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، ހަންގޭރީގެ އިސްތަވާން އުރްބާނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ބާރަ އަހަރު ކުރިން، އުރްބާނީ، ރާއްޖޭގެ ކޯޗުކަމުގައި ހުރެ ކުރި މަސައްކަތަކަށް ބަލައި، އެ ފަހުން އޭނާ އަދާކުރި މަސައްކަތްތަކާއި އިންޓަނޭޝަނަލް ފުޓްބޯޅައިގައި ހާސިލްކޮށްފައިވާ ތަޖުރިބާތަކަށް ބެލުމެއް ނެތި، މާޒީ އަށް ބުރަވެ، އެފްއޭއެމް އިން ނިންމި ނިންމުމެއް މި އޮތީ ރާއްޖޭގެ ފުޓްބޯޅައިގެ ލަދުވެތި ނަތީޖާތަކަކާ ގުޅިފަ އެވެ. 

"އަދަދު ސްޕޯޓްސް" އަށް އެނގިފައިވާ ގޮތުގައި އެފްއޭއެމްގެ ލީޑަޝިޕްގެ ސީނިއާ ފަރާތްތަކުން ވެސް އުރްބާނީގެ މަސައްކަތާ މެދު ހިތްހަމަނުޖެހެ އެވެ. އެކަމަކު، އަދިވެސް އުރްބާނީ ދެ މަގާމުގައި އެ ކުރިއަށް އެ ދަނީ ސަބަބުތަކެއް އޮތީމަ ކަމަށް ބެލެވޭނެ ޖާގަ އެބައޮތެވެ. ފެންނަން ނެތް ކަމަކީ ރާއްޖޭގެ ފަސްގަނޑުގައި ދެ މުބާރާތަކުން ފެއިލްވި ކޯޗެއްގެ ރިވިއު އެއް ހެދުމެއް ނެތި، ރާއްޖޭން ސަރަހައްދުގައި ކުރިއަރަމުން އަންނަ ގައުމުތަކުގެ ކުރިމައްޗަށް ސާފް ޗެމްޕިއަންޝިޕަަކަށް ނުކުމެ، އެންމެ ފުރަތަމަ ކަޓައިގެން ދިޔަ ގައުމަށްވީއިރު، ޖަވާބުދާރީ ކުރެވޭނެ އިހުލާސްތެރި ނިޒާމެއް ނެތުމެވެ. 

ބަދަލު ކުރަންވީ ކަންކަން ކުރަމުން އަންނަ ނިޒާމް؛ އޮންނަން ވީ ހަރުދަނާ އުސޫލުތަކެއް 

ގައުމީ ފުޓްބޯޅަ ޓީމަށް ގެނައި ކޯޗެއް ރަސްމީކޮށް މަގާމާ ހަވާލުކޮށް، ފުރަތަމަ ދުވަހު މީޑިއާކުރިމަތީގައި ތައާރަފްކުރުމެއް އެންމެ ފަހުން އޮތީ 2019 ވަނަ އަހަރު އެވެ. އެއީ، ނެދަލެންޑްސްގެ މާޓިން ކޫޕްމަންއާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ހަވާލުކުރިިިއިރު އެވެ.

އޭގެ ފަހުން، ގައުމީ ޓީމުގެ ކޯޗުކަމާ އިޓަލީގެ ފްރެެންޗެސްކޯ މޮރިއޭރޯ އާއި ރާއްޖޭގެ ތަޖުރިބާކާރު ދެ ކޯޗުން ކަމަށްވާ އަލީ ސުޒޭން އަދި މުހައްމަދު ޝިޔާޒް (މޯހަން) އަދި މި ފަހަރު އުރްބާނީ ހަވާލުވިއިރު ވެސް ޕްލޭނެއް ހިއްސާ ކުރުމެއް ކުރިއަށް ނުދެ އެވެ. 

ރާއްޖެ ނޫން ސަރަހައްދުގެ ކޮންމެ ގައުމެއްގައި މަަސައްކަތްކުރަމުން އުސޫލަ އަކީ ގައުމީ ޓީމަށް ކޯޗެއް ހަމަޖެއްސުމަށް ފަހު ތައާރަފްކުރުމާއި ވާދަކުރާ މުބާރާތެއްގެ ކުރިންނާއި މުބާރާތެއްގެ ފަހުން، އެ ކޯޗަކާ އެކު، އެ ގައުމެއްގެ ފުޓްބޯޅައިގެ ލީޑަޝިޕުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެ އެވެ. އެ ގައުމެއްގެ ފުޓްބޯޅަ އިދާރާ އިން ހަވާލުކުރާ ޓާގެޓާއި ކޯޗު ދެކޭ ގޮތް ހިއްސާކުރެ އެވެ.

ރާއްޖޭގައި މި އަހަރު އޮތް މުބާރާތްތަކުގައި އެފްއޭއެމްގެ ޓާގެޓް، ތަށި ހޯދުމުގެ އަމާޒު އޮތް ޝިއާރުތަކާ އެކު މުބާރާތަށް ނުކުންނައިރު، ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗުގެ ވާހަކަ ހުންނަނީ ޓީމެއް ބައްޓަން ކުރުމާއި މުސްތަގުަބަލާ ގުޅޭ ގޮތުގެ މައްޗަށެވެ. ނަތީޖާ ނެރޭ ވާހަަކައިގެ ސުވާލެއް އައުމާ އެކު ދައްކަނީ ކަމާ ނުގުޅޭ ވާހަކަ އެެވެ. 

އުރްބާނީ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި ޑައިމަންޑް ޖުބިލީ މުބާރާތާއި ސާފް ޗެމްޕިއަންޝިޕްގައި ވެސް ދެއްކީ އެއް ވާހަކަ ތަކެކެވެ. ޓީމެއް ބައްޓަން ކުރާ ވާހަކަ އެވެ. މުސްތަގުބަލުގެ ވާހަކަ އެވެ. އެކަމަކު، ދުނިޔޭގެ ފުޓްބޯޅައިގައި ނަތީޖާ ނުނެރެވި ގައުމަކުން ފުޓްބޯޅައިގެ މުސްތަގުބަލުގެ ވާހަކަ ދައްކާނަމަ، އެކަން ގަބޫލުކުރާނެ މީހަކު ނުހުންނާނެ އެވެ. ފުޓްބޯޅައިގެ ހުރިހާ ކަމެއް މިހާރު ބިނާވެފައި އޮންނަނީ މިއަދު ނެރޭ ނަތީޖާތަކެއް ނޫނީ އަޅާފިޔަވަޅުތަކެއްގެ މައްޗަށް މުސްތަގުބަލެއް ހޯދޭނެ ވާހަކަ ދައްކައި ސަޕޯޓަރުންނަށް އުންމީދެއް ދިނުމެވެ. ސިޓިން ރޫމުގައި ތިބެ، ވޯލްޑް ކަޕް ބަލަމުން، އައިސްލޭންޑާއި ކޭޕް ވާޑްގެ ކާމިޔާބު ވާހަކަ ތަކުން އެކަނި ރާއްޖެއާ އަޅާކިއުމަކުން ނުފުދެ އެވެ. 

ރާއްޖެ، އަދިވެސް ގަލޮޅު ދަނޑުގައި ތަޅުލެވިފައި އޮތް ފުޓްބޯޅައިގެ ނިޒާމެއްގެ (ގައުމީ ޓީމުގެ ރަސްމީ މެޗެއް ކުޅެވޭނެ ހަމައެކަނި ދަނޑަކީ ގަލޮޅު ދަނޑު) ތެރޭގައި އޮވެ، ނަތީޖާ ނުނެރެ ހަމައެކަނި މުސްތަގުބަލޭ ކިޔައިގެން ފަރުޖައްސާލާނަަމަ، 18 އަހަރަށް ފަހު މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ކުޅޭ ބޫޓާނަށް ވުރެން ފަހަތަށް ވެއްޓުމަކީ މާ ދުރުގައި އޮތް ކަމެއް ނޫނެވެ.

ދިހަ އަހަރުގެ ޕްލޭނެއްގެ ދަށުން ބޫޓާނުން މީގެ އަށް ވަރަކަށް އަހަރު ކުރިން މަސައްކަތް ފެށީ، އުމުރުފުރާ ޓީމުތަކުން ފެށިގެން ސީނިއާ ޓީމާ ހަމައަށް ވެސް ނަތީޖާ ނެރެގެން ކުރިއަށްދިއުމުގެ ސިސްޓަމެއްގެ ތެރެއިންނެވެ. ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ) އާއި އޭއެފްސީ އަދި ފީފާގެ ފަންނީ އެހީއާ އެކު ބޫޓާނުން ކުރާ އިހުލާސްތެރި މަސައްކަތުގެ ނަތީޖާ މިދިޔަ އަހަރުތަކުގެ މުބާރާތްތަކާއި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުން އެ އޮތީ ފެންނާށެވެ. 

އެފްއޭއެމް އިން ކޮންމެ ކޯޗެއް ގެނައި ކަމުގައި ވިޔަސް، ފެއިލްވެފައި އޮތް ނިޒާމެއް ނޫނީ ދުރު ރާސްތާ ޕްލޭނެއް ނެތި ކުރިއަށްދާނެ މަގެއް ނުފެންނާނެ އެވެ. އަދި، ގެންނަ ކޯޗަކާ ގުޅޭގޮތުން ރަނގަޅު ޓެކްނިކަލް ދިރާސާއެއް ހެދުމެއް ނެތި ކޯޗެއް ގެނެސް ހުރިހާ ކަމެއް އެކަކުގެ އަތްމައްޗަށް ދޫކޮށްލައިގެން ތިބުމަކީ ވެސް ހައްލެއް ނޫނެވެ. 

ސުޒެއިނާއި މޯހަން އަށް ހާއްސަ ޝުކުރެއް

ރާއްޖޭގެ ކްލަބް ފުޓްބޯޅަ ވަޅުޖެހިފައި އޮތް ދަނޑިވަޅެއްގައި ވެސް ގައުމީ ފުޓްބޯޅަ ޓީމުން ނުކުމެ، ޓީމު ރޫހުގައި މަސައްކަތްކޮށްގެން އުންމީދީ ނަތީޖާތަކެއް ވަނީ ނެރެފަ އެވެ.

ހުރިހާ ކުޅުންތެރިންނަށް ހަމަޔަށް އެއް ކުލައެއްގެ ކިޓްތަކެއް ލައިގެން ގައުމީ ޓީމުން ޕްރެކްޓިސް ކޮށްލާނެ ފަދަ ވެސް ނެތި، ދެ އަހަރެއްހާ ދުވަހު ލީގު ވެސް ނެތި، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖޭގެ ގައުމީ ޓީމުން ވަނީ ބަންގްލަދޭޝްގައި ކުޅެގެން 1-0 އިން އެ ޓީމު ބަލިކޮށްފަ އެވެ. އެއީ، ބަންްގްލަދޭޝްގައި ކުޅެގެން އެ ޓީމު އަތުން ރާއްޖެ މޮޅުވި ހަމައެކަނި ފަހަރެވެ. ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗު، އަލީ ސުޒޭންގެ އިރުޝާދުގެ ދަށުންނެވެ.

ސުޒޭން ބުނީ، ގައުމީ ޓީމުގައި އޭރު އޭނާ ކުރި މަސައްކަތަކީ ބައެއް ހަމަތަކުން ބަލާއިރު "ފޫނެއް ފަޔަކަށް ފެން ފުރުމޭ" ވެސް ބުނެވޭނެ ކަމަށާއި އެކަމަކު މަސައްކަތްކުރީ ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ވެއްޓުނަނުދޭން ކަަމަށެވެ. 

މަގާމުގައި ދެން އިތުރަށް ނުހުރެ، އެހެން މީހަކަށް ފުރުސަތު ދޭން މިދިޔަ އަހަރު، ސުޒޭން، ގައުމީ ޓީމުން ދުރުވެ، އެއް ކައިރިއަށް ޖެހިލުމުން ދެން ގައުމީ ޓީމާ ހަވާލުވީ މުހައްމަދު ޝިޔާޒް (މޯހަން) އެވެ.

ސުޒޭން މާފަށް އެދި ގައުމީ ޓީމުން އިސްތިއުފާދީފި

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެއިން ޓިމޯ ލެސްޓޭ އަތުން 1-0 ގެ ނަތީޖާ އަކުން ބަލިވުމުން މާފަށް އެދުމަށް ފަހު ގައުމީ ޓީމާ ދުރަށް ދާން ކޯޗު އަލީ ސުޒޭން ވަނީ ނިންމައިފައި.

މޯހަންގެ ކޯޗުކަމުގައި ރާއްޖޭން ވަނީ ސްރީ ލަންކާއާ ދެކޮޅަށް މިދިޔަ އަހަރު އެ ގައުމުގައި ކުޅެ، ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކޮށްފަ އެެވެ.

މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އެކި ލީގުތަކުގައި ކުޅޭ ސްރީ ލަންކާގެ ރަށްވެހިކަން ލިބޭ ކުޅުންތެރިން ގެނެސްގެން ހަދާފައި އޮތް ޓީމަކަށް ދެ މެޗު ކުޅެގެން ވެސް ރާއްޖެ ބަލިނުކުރެވުނެވެ. ފުރަތަމަ މެޗުން ރާއްޖެ މޮޅުވެ، ދެ ވަނަ މެޗު ވީ އެއްވަރެވެ. 

ރާއްޖޭގެ ފުޓްބޯޅައިގައި އެތައް އަހަރެއްގެ ތަޖުރިބާގެ އަލީގައި ކުޅުންތެރިންގެ ކަންކަން ދަނެގެން، ސަޕޯޓަރުންގެ އިހުސާސްތަކަށް ވެސް ބަލައިގެން، ސުޒޭނާއި މޯހަން ކުރީ އިހުލާސްތެރި މަސައްކަތެއްކަން ކުޅުންތެރިން ވެސް ގަބޫލުކުރެ އެވެ.

އުރްބާނީގެ ފަރާތުން ފެނުނު ކަންކަމަށް ބަލާއިރު، ސަޕޯޓަރުން މާޔޫސްވުމުގެ އިތުރަށް ކުޅުންތެރިންގެ އިހުސާސްތައް ވެސް ނުދަނެ ނިންމުންތައް ނިންމާފައިވެ އެވެ. އޭގެ ނަތީޖާ އަކަށްވީ ގައުމީ ޓީމަށް ކުޅެން ބޭނުންވެގެން، ގަޔާވެގެން އެކަން ކުރަން ބޭނުންވާ ކުޅުންތެރިން މަދުވާން ފެށުމެވެ. ކުޅުންތެރިންގެ އެ "މޯޓިވޭޝަން" ވެސް ގެއްލުމެވެ.

ގައުމީ ކޯޗަކު ކުރާ މެސެޖަކަށް ކުޅުންތެރިން ޖަވާބު ނުދޭ ވާހަކަ އާއި ގައުމީ ޓީމަށް ނަގަން ކޯޗު ބޭނުންވާ ކުޅުންތެރިން، ގައުމީ ޓީމުގެ ބަދަލުގައި ޗުއްޓީ ދަތުރަކަށް އިސްކަން ދޭނީ ނިޒާމުގައި ޔަގީނުން ވެސް މައްސަލަތަކެއް ހުރުމުންނެވެ. ސާފް ޗެމްޕިއަންޝިޕްގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރްބާނީ މި ވާހަކަ ދެއްކިއިރު، މީގެ ފުންމިނަށް ގޮސް ޖަވާބު ހޯދުމުގެ ޒިންމާ އޮތީ އޭނާ އާއި އެފްއޭއެމްގެ ބޮލުގަ އެވެ. 

އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް): ދެ ވަނަ ފަހަރަށް އެފްއޭއެމްގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގެން ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުން ރާއްޖެ އަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް އަންނަނީ މަސައްކަތް ކުރައްވަމުން
އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް): ދެ ވަނަ ފަހަރަށް އެފްއޭއެމްގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގެން ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުން ރާއްޖެ އަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް އަންނަނީ މަސައްކަތް ކުރައްވަމުން

މުހިންމީ "ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ހިނގާނެ ޕްލޭނެއް އޮތުން"

ގައުމީ ޓީމެއްގެ ނަތީޖާ ދަށްވާ ކޮންމެ ފަހަރަކީ ކޯޗުގެ މައްސަލައެއް ކަމަށް ވެސް ނުވާނެ އެވެ. އެކަމަކު، ފެއިލްވެފައި ހުރި ނިޒާމެއްގެ ތެރޭގައި ހުރެ، ހަމައެކަނި މަގާމުގައި ކުރިއަށްދިއުމަށްޓަކައި، މުސްތަގުބަލުގެ ހުވަފެން އަބަދު ދެއްކުމަކީ ގައުމެއްގެ ފުޓްބޯޅަ ނުބައި މިސްރާބަކުން ގެންދިއުމަށް ހުންނަ ކޯޗަކު ވެސް ޒިންމާ ނަގަން ޖެހޭނެ ކަމެކެވެ. 

ފުޓްބޯޅައިގައި މަސައްކަތް ކުރުމުގެ ހަރުދަނާ ނިޒާމެއް ރާއްޖޭގައި ގާއިމްވެއްޖެނަމަ، އުމުރުފުރާ އިން ފެށިގެން ސީނިއާ ޓީމާ ހަމައަށް ނަތީޖާ ނެރެވޭނެހާ ހުނަރު ރާއްޖޭގައި އެބައޮތެވެ.

ހުއްޓިފައި އޮތް ރާއްޖޭގެ ފުޓްބޯޅަ، ހަރަކާތްތެރި ކަލަންޑަރެއްގެ ތެރެއިން ކުރިއަށްގެންދިއުމަށް މިދިޔަ އަހަރަކަށް ވުރެން ގިނަ ދުވަހު އެފްއޭއެމްގެ މިހާރުގެ ލީޑަޝިޕުން ތައުރީފު ހައްގު މަސައްކަތެއް ކޮށްފައިވެ އެވެ. އެކަމަކު، ގައުމީ ޓީމާ ގުޅޭ ކަންކަމުގައި އިހުމާލުތަކެއް ވެސް އޮތްކަން އެ އޮތީ ތާރީހީ ގޮތުން ބަލާއިރު ލަދުވެތި ނަތީޖާތަކަކުން ފެންނާށެވެ. 

ފުޓްބޯޅައިގައި މިހާރު ރާއްޖެ މި އޮތް ހިސާބަކީ، ސާފް ޗެމްޕިއަންޝިޕްގެ ދެ ތަށި ހޯދައިގެން ތިބެ، ޖެހިޖެހިގެން ދެ ސާފް ޗެމްޕިއަންޝިޕެއްގެ ގްރޫޕް ސްޓޭޖުން ކަޓައިގެން ތިބުމެވެ.

އެންމެ ފަހުން އޮތް ދެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކަޓައިގެން ދިޔަ ދެ ފަހަރު ވެސް ގައުމުގެ މޫނުމަތި ގޮތަށް ބައިނަލްއަގުވާމީ މީޑިއާއާ ކުރިމަތިލާން ރާއްޖޭން ގެނެސްފައި ހުންނަ ކޯޗަކު ދެއްކީ އެންމެ ރަނގަޅު ނަމޫނާއެއް ނޫނެވެ.

ބެންގަލޫރުގައި 2023 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި އޭރު ރާއްޖޭގެ ކޯޗަކަށް ހުރި އިޓަލީގެ މޮރިއޭރޯ ނިންމީ ސުވާލަށް ޖަވާބު ނުދީ ނޫސްވެރިންގެ ބައްދަލުވުމުން ދާށެވެ.

ތިން ވަނަ ފަހަރަށް ރާއްޖޭގެ ކޯޗުކަމާ ހަވާލުވެ، މިހާރު ގައުމީ ކޯޗަކަށް ހުރި އުރްބާނީ އިހުތިޔާރުކުރީ، އަމާޒުކުރާ ސުވާލުތަކަށް އިހުތިރާމް ކުރުމެއް ނެތި، އޭނާ ދައްކަން ބޭނުންވާ ވާހަކަ އަކާއި ދޭން ބޭނުންވާ ޖަވާބަކުން ފުއްދާލާށެވެ.

މިއީ، ރާއްޖޭގެ ފުޓްބޯޅަ އަށް ހައްގު މިންވަރެއް ނޫނެވެ. އެފްއޭއެމް އިން ވެސް ޒިންމާ އަދާކުރުމެއް ނޫނެވެ. މުސްތަގުބަލެއްގެ އުންމީދުގެ ވާހަކަ ދައްކާނަމަ، ދިވެހި ފުޓްބޯޅަ އަށް އުފާވެރި ހުވަފެނެއް ބަލާލެވިދާނެ ފަދަ މިއަދެއް ވެސް ހަމަ ލޮލަށް ފެންނަން ޖެހެ އެވެ. 

އައްޒާމް އަލިފުޅު

ސްޕޯޓްސް އެޑިޓަރ

އައްޒާމް އަލިފުޅަކީ ކުޅިވަރަށް ހާއްސަ ނޫސްވެރިންގެ ތެރެއިން ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އަދި އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ އެވެ. މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް އޭނާ ވަނީ ފަސް ފަހަރު ހޯދައިފަ އެވެ. އަދި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން ހޮވި ރާއްޖޭގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ މަގާމު، 2022 އާއި 2024 ވަނަ އަހަރު ހޯދީ އައްޒާމް އެވެ. “ސީއެންއެމް" އިން ކެރިއަރު ފެށުމަށް "ހަވީރު" އަދި "މިހާރު" ގައި ވަނީ މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox