ރާއްޖޭގެ ފުޓްސަލް އަށް އަމަލީ ސިފަ ނުޖެހޭ އެތައް ވައުދެއް!

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ގައުމީ ފުޓްސަލް ޓީމުން ހޯދައިގެން އައުމުން ބެއްވި އުފާފާޅުކުރުމުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ގައުމީ ފުޓްސަލް ޓީމުން ހޯދައިގެން އައުމުން ބެއްވި އުފާފާޅުކުރުމުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

މިދިޔަ 10 ވަރަކަށް އަހަރަށް ބަލާއިރު ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ވަނީ ދުނިޔޭގެ އެންމެ ގައުމު ގިނަ ބައްރުގެ ކޮލިފައިންގައި ގިނަ ފަހަރުތަކެއް މަތިން ވާދަކޮށްފަ އެވެ. ދުނިޔޭގެ ރޭންކިން އެތައް ގުނައެއް މަތީގައި އޮތް ގައުމުތަކާ ދެކޮޅަށް ވެސް ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ކުޅެފައިވެ އެެވެ. ރަނގަޅު ގޮތުގައި މިނެކިރާނަމަ، އެކަށީގެންވާ ރަނގަޅު ކުރިއެރުންތަކެއް ވެސް ހޯދާފައިވެ އެވެ. 

ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި އެންމެ ފުރަތަމަ ފުޓްސަލްގެ ގައުމީ ޓީމެއްގެ ކަންކަން ރާއްޖޭގައި ކުރެވިގެންދިޔައިރު، މިހާރު މި ހިނގާ އެކާވީސް ވަނަ ގަރުނުގެ ތެރޭގައި ވެސް ރާއްޖޭގެ ފުޓްސަލް އަށް ހައްގު މަގާމެއް، އެކަށީގެންވާ އަގުވަޒަންކުރުމެއް ލިބިފައި ނެތެވެ. މިއީ، ސާފުކޮށް ފެންނަން އޮތް، ދެބަސްނުވެވޭނެ ހަގީގަތެކެވެ. 

ރާއްޖޭގައި ފުޓްސަލްގެ ދަނޑުގެ ނަމުގައި އަޅާފައިވާ ޓާފް ދަނޑުތަކެއް، "މިނީ ޓާފް ޕިޗް" ތަކެއް ނެތް އަތޮޅެއް ނެތެވެ. މުބާރާތްތައް ނުކުޅޭ އަތޮޅެއް ވެސް ނެތެވެ. ފެންނަން ނެތީ ޒިންމާދާރު ކަމާ އެކު، މި ކުޅިވަރަށް އަޅާލުމެއް ދީ ރަނގަޅު މަގުން ކުރިއަށްގެންދާނެ ޕްލޭންތަކެއް ތަަންފީޒުވެގެންދާނެ ގޮތްތަކެކެވެ. 

ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި މީގެ ހަތަރު އަހަރު ކުރިން، ރާއްޖޭން ވާދަކުރަން ފުރުމުގެ ކުރިން، މިދިޔަ ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު އަދި، މި ސަރުކާރުން ޖަޕާނަށް ކަނޑައަޅުވައްފާއިވާ ސަފީރު، އަހުމަދު މަހުލޫފް ވަނީ ފުޓްސަލް ގައުމީ ޓީމަށް ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ފުރިހަަމަ ކޮށްދޭނެ ކަމަށް ކުޅުންތެރިން ގާތުގައި ވިދާޅުވެފަ އެވެ.

އަދި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، 2022 ވަނަ އަހަރުގެ މާޗް 30 ވަނަ ދުވަހު ވާހަކަ ދައްކަވަމުން ވިދާޅުވީ، މިދިޔަ ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން އިންޑޯ ފުޓްސަލް ދަނޑު އަޅާނެ ކަމަށެވެ. 

"މިއަދު ރާއްޖޭގައި ފުޓްސަލް އިންޑޯ ދަނޑެއް ނެތް. އެހެންވީމާ އެމްޔޫގެ އިންޑޯ ކޮމްޕްލެކްސްގައި ކުޅެން އެދުނީމާ ނުލިބުމަކީ، އަޅުގަނޑުމެން ވެސް އަދި އެފްއޭއެމުން ވެސް ކުރާނެ ކަމެއް ނެތް[މައްސަލައެެއް]،"

މީގެ ހަތަރު އަހަރު ކުރިން، 2022 ވަނަ އަހަރު އޭޝިއަން ކޮލިފައިން އަށް އެ ފަހަރު ދިޔައިރު، ގައުމީ ފުޓްސަލް ގައުމީ ޓީމް ޕްރެކްޓިސްކުރާނެ ތަނެއް ނުލިބުނު މައްސަލައިގެ ތަފްސީލު ދެއްވަމުން މިދިޔަ ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު މަހުލޫފް ވިދާޅުވި އެވެ.

އެކަމަކު، މިދިޔަ ސަރުކާރުން ވަނީ އެއް ފަހަރު ގައުމީ ފުޓްސަލް ޓީމު ޕްެރެކްޓިސް ކުރަން ސޯޝަލް އިންޑޯ ދީފަ އެވެ. 

އިންޑޯ ފުޓްސަލް ޕިޗެއްގެ ވާހަކަ ދައްކަވަމުން، މަޖިލީހުގެ ތަޅުމުުގައި ހުންނަވައި، މަހުލޫފް ވިދާޅުވީ ރާއްޖޭގެ ފުޓްސަލް ރަނގަޅު ގޮތުގައި، ސަރުކާރުގެ އެއްބާރުލުން ލިބިގެން ކުރިއަށްގެންދިއުމަށްޓަކައި، "ކިރިޔާ ޖާއެއް ލިބުނަސް" އިންޑޯ ދަނޑެއް އަޅާނެ ކަމަށެވެ.

ދައުރު ނިމުމުގެ ކުރިން ފުޓްސަލް އިންޑޯ ދަނޑެއް އަޅާނަން: މަހްލޫފް

ފުޓްސަލް އިންޑޯއެއް ރާއްޖޭގައި ނެތްއިރު، އިންޓަނޭޝަނަލް މުބާރާތަކަށް ތައްޔާރުވާން ބޭނުން ކުރެވޭނެ ތަނަކަށް ކިރިޔާ ވެސް ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ތަނަކީ ސޯޝަލް ސެންޓަރު އިންޑޯ.

"އަޅުގަނޑަށް އެ ޔަގީންކަން އެބަ އޮތް. އަދި އަޅުގަނޑު އުންމީދުކުރަނީ ހަމަ މި ދައުރު ނިމުމުގެ ކުރިން ފުޓްސަލް އިންޑޯއެއް ރާއްޖޭގައި އޮންނާނެ ކަަމަށް. އިރާދަކުރެއްވިއްޔާ އެކަން ކުރެވޭނެ،" މަހްލޫފު ވިދާޅުވި އެވެ.

އެކަމަކު، މިދިޔަ ސަރުކާރުގެ ދައުރު ހަމަވިއިރު، ފުޓްސަލް އިންޑޯއެއްގެ މަސައްކަތް ފެށިފައި ނުވެ އެވެ. މަސައްކަތްތަކެއް ކޮށް، ޕްލޭންތައް ހެދި ކަމުގައި ވިޔަސް، އެ ކަންކަން ހުރީ ހަމައެކަނި ކަރުދާހުގަަ އެވެ. އަމަލީ ސިފައެއް ޖެހިގެން ކުރިއަށްދިޔަަ ތަނެއް ފެންނަން ނެތެވެ.

އެ އަށް ފަހު، ދެން، 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެންދިޔައީ، މިހާރު މި އޮތް ސަރުކާރުގެ ދައުރެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ)، ވަޒީރު ކަމުގެ ފުރަތަމަ ދުވަސްވަރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ފުޓްސަލް އަށް މި ސަރުކާރުގެ "ޕްލޭނެއް އެބައޮތް" ކަމަށެވެ. 

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުޓްސަލް ކޮމްޕްލެކްސްއެއްގެ މަސައްކަތް ފެށުން ހިމަނާފައިވާއިރު، އެއީ ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރެވޭ ކަމެއްގެ ގޮތުގައި، މިނިސްޓަރު ރާފިއު، އެންމެ ފުރަތަމަ ދެއްވި އިންޓަވިއުގައި ވެސް ވިދާޅުވި އެވެ.

އެކަމަކު، މި ސަރުކާރުގެ ދައުރުގެ ދެބައިވެފައިވާއިރު، ފުޓްސަލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށިފައިވާތަނެއް އަދި ނުފެނެ އެވެ. އިންޑޯ ފުޓްސަލް ކޮމްޕްލެކްސްއެއް އެޅުމަށް ހުޅުމާލޭ ފޭސް 2 އިން ބިން ހަވާލުކުރުމުގެ ރަސްމިއްޔާތެއް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އޮތެވެ. އަދި ވެސް އެ ކަންކަން އެ ހުރީ ޕްލޭންތަކެއް ލިޔެވިފައިވާ ކަރުދާހުގަ އެވެ. 

ބިން ހަވާލުކުރެވުނުތާ އެއް އަހަރު ފަހުން، މި އަހަރުގެ ރިޔާސީ ބަޔާނުގައި، އަަނެއްކާ ވެސް ފުޓްސަލް އިންޑޯގެ ވާހަަކަ ސަރުކާރުން ވަނީ ދައްކައިފަ އެވެ. 

ފުޓްސަލް އަށް މި ސަރުކާރުގެ ޕްލޭނެއް އެބައޮތް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުޓްސަލް ކޮމްޕްލެކްސްއެއްގެ މަސައްކަތް ފެށުން ހިމަނާފައިވާއިރު، އެއީ ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރެވޭ ކަމެއްގެ ގޮތުގައި، ސްޕޯޓްސް މިނިސްޓަރު ރާފިއު ވަނީ ވިދާޅުވެފައި.

މިދިޔަ ފެބްރުއަރީ މަހު، މި އަހަރުގެ ރިޔާސީ ބަޔާނުގައި ކުޅިވަރާ ގުޅުން ހުރި ވާހަކަ ދެއްކެވިއިރު، ރައީސް، ޑރ. މުހައްމަދު މުއިއްްޒު ވިދާޅުވީ، ބައިނަލްއަގުވާމީ ފެންވަރުގެ މެޗުތައް ކުޅެވޭނެ ފުޓްސަލް ކޮމްޕްލެކްސެއްގެ މަސައްކަތް އޭޕްރީލް މަހު (މި މަހު) ފެށޭނެ ކަމަށެވެ. 

އިންޑޯ ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް މާޗް މަހު ފަށާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވެސް އޮތީ ވިދާޅުވެފަ އެވެ. 

އުންމީދަކީ މިހާރު މި އޮތް ތާވަލާ އެއްގޮތަށް މިކަންކަން ފެށިގެންދިއުމެވެ.  ޔަގީނުން ވެސް އެއާ އެކު، ރާއްޖޭގެ ފުޓްސަލް ކޮމިއުނިޓީގެ މެދުގައި ރަސްމީ އިދާރާތަކަށް އޮތް އިތުބާރު "ރަނގަޅު ޓްރެކަށް" ގެންނަން ފުރުސަތު ފަހިވެެގެންދާނެ އެވެ. 

ރާއްޖޭގެ ފުޓްސަލް މިހާރު އޮތީ އަޅާނުލައި ދޫކޮށްލެވޭ ހިސާބުގައެއް ނޫން

ރާއްޖޭގައި މި ވަގުތު އެންމެ ފޯރީގައި ކުރިއަށްދާ ކުޅިވަރަކީ  ފުޓްސަލް އެވެ. އެކަން ރާއްޖޭގައި އަަހަރެއްގެ މައްޗަށް ބާއްވާ ފުޓްސަލް މުބާރާތްތަކުގެ ނިސްބަތުން އެނގިގެންދެ  އެވެ. ފުޓްސަލް އަށް ސަރުކާރުގެ ކުންފުނިތަކާއި އެކި ރަށްރަށުގެ ކައުންސިލްތަކުންނާއި ޖަމިއްޔާތަކުން ކުރާ ހަރަދުތައް އެދަނީ އަހަރަކަށް ވުރެން އަހަރެއް އިންތިހާ އަށް މަތިވަމުންނެވެ.

މިހާތަނަށް ފުޓްސަލް ނެގެހެއްޓީ، އަމިއްލަ ފަރާތްތަކުންނެވެ. ކްލަބް މޯލްޑިވްސް، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން އަދި ރިސޯޓް ލީގުންނެވެ. އެ ފަރާތްތަކުގެ މަސައްކަތަކީ މި ކުޅިވަރުގެ ތަރައްގީ އަށް އަގުނުކުރެވޭނެ ފަދަ ހިދުމަތްތަކެކެވެ. 

ބިލިއަނަކަށް ވުރެން އާބާދީއެއް ނިސްބަތްވާ ދެކުނު އޭޝިއާގައި މި ވަގުތު ފުޓްސަލް އަށް ބަލާއިރު، ރޭންކިންގެ އެއް ވަނަ އަކީ ރާއްޖެ އެވެ. މިއީ، ފަހުރުވެރިކަމާ އެކު، ކޮންމެ ދިވެއްސަކަށް ވެސް ބުނެވޭނެ ވާހަކަ އެކެވެ. އެކަމަކު، ހިތާމަ އަކީ މި ލެވަލަށް ރާއްޖެ ގެންގޮސްދިން ގައުމީ ފުޓްސަލް ޓީމު މި ވަގުތު އޮތީ ކޮށްދޭން ޖެހޭ ކަންކަމުން މަހުރޫމްވެފަ އެވެ. 

ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ވޭތުވެދިޔަ އަށް ވަރަކަށް މަސް ތެރޭ ދެ ފަހަރެއްގެ މަތިން ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖެ ތަމްސީލްކޮށްފައިވެ އެވެ.

މިދިޔަ އަހަރު ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެފި އެވެ. އަދި، މި އަހަރު ޖެނުއަރީ މަހު، ތައިލެންޑުގައި ކުރިއަށްދިޔަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި، ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސަރަހައްދުގެ ހުރިހާ ގައުމެއް ބަލިކޮށްފައި ވަނީ ސާފް ފުޓްސަލް ޗެމްޕިއަންކަން ހޯދައިފަ އެވެ.

މިއީ، ރާއްޖޭގެ ކުޅިވަރަކުން ސާފް ސަރަހައްދުގެ ގައުމުތަކުގެ މައްޗަށް ޓީމު ކުޅިވަރަކުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބެެވެ. 

އެކަމަކު، މި ކާމިޔާބު ހޯދައިގެން އައުމުން ވެސް ރަސްމީ އިދާރާތަކުން ފުޓްސަލް އަށް ދޭން ޖެހޭ ފުރިހަަމަ އެއްބާރުލުން ނުލިބޭތާ، ބޭނުންވާ ކަންކަމުގެ ޖަވާބު ހޯދަން އެތައް ތަކުލީފެއް އުފުލަން ވަނީ ޖެހިފަ އެވެ.

ގައުމީ ފުޓްސަލް ޓީމުން މިދިޔަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިން އާއި މި އަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވާން މާލޭގައި ޕްރެކްޓިސް ކުރަން އިންޑޯ އެއް ލިބިފައިނުވެ އެވެ.

އެކަމަކު، މީގެ ކުރިން، އެއް ފަހަރު ސޯޝަލް ސެންޓަރު އިންޑޯގައި ގައުމީ ފުޓްސަލް ޓީމަށް އޭޝިއަން ކޮލިފައިންގެ ކުރިން ފަރިތަކޮށްލަން ލިބުނެވެ. އެކަމަކު، މި ފަހަރު ދެ މުބާރާތަކަށް ދާން ތައްޔާރުވުމަށް ވެސް ދެ ފަހަރު އެދުމުން ވެސް ލިބިފައިނުވެ އެވެ.

އެހެން ނަމަވެސް، ދާދި ފަހުން، ހޭންޑްބޯޅަ ގައުމީ ޓީމުގެ އިވެންޓަކަށް ވަނީ ސޯޝަލް އިންޑޯ ލިބިފަ އެވެ. ތަފާތު އެކި ހަފްލާތަކާއި ކުޅިވަރުތަކަށް ލިބޭ އިންޑޯ، ނުލިބެނީ ހަމައެކަނި ފުޓްސަލް ކުޅުމަށެވެ. 

މިދިޔަ ޖެނުއަރީ މަހު ތައިލެންޑުގައި، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުން ހޯދައި، އެ ޓީމުން އެނބުރި މާލެ އައިއިރު، ބޭއްވި އުފާފާޅުކުރުމުގައި ރައީސް  މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ސްޕޯޓްސް މިނިސްޓްރީން އިއުލާނުކުރި އެެވެ. އަދި އެ ރޭގެ އިވެންޓް ޝެޑިއުލްގައި އެކަން ހިމަނައި، މީޑިއާތަކަށް އެޖެންޑާ ވެސް ފޮނުވި އެވެ. 

ގައުމީ ފުޓްސަލް ޓީމު "ބާކީވެފައި" އޮތްކަން ކެޕްޓަން ހާމަކޮށްފި

މުޅިން އަލަށް ސާފް ސަރަހައްދުގައި ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ފުރިހަމަަ ރެކޯޑަކާ އެކު ހޯދި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު "ބާކީވެފައި" އޮތްކަން ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން، މުހައްމަދު އިމްރާން (އިންމި) ވަނީ ހާމަކޮށްފައި.

އެކަމަކު، ގައުމީ ފުޓްސަލް ޓީމުގެ އެ އިވެންޓަށް ރައީސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ނެތްކަމަށް ފަހުން މީޑިއާ އަށް މައުލޫމާތު ލިބުނުއިރު، އޭގެ ފަހުން ވެސް، ރައީސް، ފުޓްސަލް ޓީމާ ބައްދަލު ކުރައްވާފައިނުވެ އެވެ. 

މިހާތަނަށް އައިއިރު، ގައުމީ ފުޓްސަލް ޓީމަށް ކޮށްދޭންޖެހޭ ނޫނީ ފުރިހަމަވާން ޖެހޭ ކަންކަން ކޮޅެއްގައި ނުޖެހި ކުރިއަށްދާތީވެ، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން، މުހައްމަދު އިމްރާން (އިންމި) އެ ޝަކުވާ ސޯޝަލް މީޑިއާގައި ހިއްސާކުރި އެވެ.

އެ ހަބަރު، "އަދަދު ސްޕޯޓްސް" ގައި ޖެހުމާ އެކު، ސްޕޯޓްސް މިނިސްޓަރު، ރާފިއުގެ ޖާވަބެއް އެކަމަށް ލިބިގެންދިޔަ އެވެ. 

"(މިހާރު އޮތް) ނެޝަނަލް (ފުޓްސަލް) ޓީމު އުފެދުނުތާ އަދި އަހަރެއް ވެސް ނުވޭ. ނެޝަނަލް ޓޯނަމަންޓެއް (ފުޓްސަލްގެ) އަދި މިހާތަނަށް ނެތް ބޭއްވިފައެއް. މިދިޔަ އަހަރު ބަޖެޓް ފާސްކުރިއިރު، ޓީމު ފޯމް ވެސް ނުވެ އޮތީ. އެކަމަކު މި ކަންކަން ހުރި ނަމަވެސް އެހެން ކުޅިވަރުތަކަށް ހުރި ގޮތަށް ފުޓްސަލް ޓީމަށް ކަންކަން ކުރެވޭތޯ މި އަންނަނީ މަސައްކަތް ކުރަމުން ނެޝަނަލް ސްޕޯޓްސް ކައުންސިލާ އެކު،" މިނިސްޓަރު، ރާފިއު، ފޮނުއްވި މެސެޖުގައި ލިޔުއްވާފައިވެ އެވެ. 

"(ފުޓްސަލް) ކުޅުންތެރިންގެ ކަންބޮޑުވުންތައް ހުންނާނެކަން އެނގޭ. އެކަން ގަބޫލު ވެސް ކުރަން. އެންމެ ރަނގަޅަށް ކަންކަން ހަމަޖައްސައިދެވޭތޯ މި ދަނީ މަސައްކަތްކުރަމުން،"

މީގެ ކުރިން ވެސް މިނިސްޓަރު ރާފިއުއާ ފުޓްސަލްއާ ގުޅޭގޮތުން، އެކި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވަނީ ސުވާލުތައް އަމާޒުވެފަ އެވެ.

ގައުމީ ފުޓްސަލް ޓީމަށް މުސާރަ ނުލިބެނީ "އުސޫލު"ގެ ސަބަބުން

ގައުމީ ފުޓްސަލް ޓީމަށް މުސާރަ ނުލިބެނީ, މިހާރު ހެދިފައިި އޮތް "އުސޫލު"ގެ ސަބަބުން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއު (ރާއްޕެ) ވަނީ ވިދާޅުވެފައި.

މީގެ ދެ އަހަރު ކުރިން، 2024 ވަނަ އަހަރުގެ މެއި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ގައުމީ ފުޓްސަލް ޓީމަށް މުސާރަ ނުލިބެނީ ކީއްވެތޯ، "އަދަދު ސްޕޯޓްސް" އިން ސުވާލުކުރުމުން، ރާފިއު ވިދާޅުވީ، އެއީ، މިހާރު ހެދިފައިި އޮތް "އުސޫލު"ގެ ސަބަބުން ކަމަށެވެ. 

"މި ކަމުގެ (ފުޓްސަލް ގައުމީ ޓީމު ކުޅުންތެރިންގެ މުސާރައިގެ މައްސަލަ) މުހިންމު ކަމުން އަޅުގަނޑުމެން މި ޖެހެނީ, ޑިސްކަސް ކުރަން ކްރައިޓީރިއާ ބަދަލުކުރާނީތޯ ބެލުމަށް" -އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ރާފިއު ވިދާޅުވެފައިވެ އެވެ. 

އެ އުސޫލަކީ، ގައުމީ ލެވަލްގެ މުބާރާތެއް (އެސޯސިއޭޝަނަކުންބާއްވާ މުބާރާތެއް) ފުޓްސަލްގައި ނުބާއްވާތީ ކަމަށް އެނގިފައިވެ އެވެ. އެކަމަކު، ގައުމީ މުބާރާތްތައް އެކި ސަބަބުތަކާ ހުރެ ނުބޭއްވިދާ އެހެން ކުޅިވަރުތަކަށް ބަަރާބަރަށް މުސާރަ ދީފައި އެބަހުއްޓެވެ.

ގައުމީ ފުޓްސަލް ޓީމުގެ ކަންކަމަށް ބަލައި، އެ ބަދަލުކުރަން ޖެހޭ ކްރައިޓީރިއާއެއްގެ ކަންކަން އޮތީ އަދިވެސް އަލިމަގެއް ނުފެނި އެވެ.  

އެފްއޭއެމް އިން މި އަހަރަށް އެކުލަވާލި ކަލަންޑަރުގައި، ފުޓްސަލް ގައުމީ ލެވަލްގެ މުބާރާތްތަކެއް ވަނީ ހިމަނައިފަ އެވެ. މިއީ، 2018 ވަނަ އަހަރުގެ ފަހުން، އެފްއޭއެމް އިން އަމިއްލަ އަށް އިސްވެ، ފުޓްސަލް މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. އެހެންކަމުން، އެފްއޭއެމް އިން މި އަހަރަށް ފާސްކުރި ކަލަންޑަރާ އެއްގޮތަށް ކަންކަން ދާނަމަ، މި އަހަރު ރަސްމީކޮށް ފުޓްސަލްގެ ހަރަކާތްތައް ފެށިގެންދާނެ އެވެ. 

އެކަމަކު، މިހާތަނަށް ފުޓްސަލް ގައުމީ ޓީމުން ހޯދި ކާމިޔާބީތަކާއި ނުކޮށްދެވި ހުރި ކަންކަމުގެ ވާހަކަތަކުގައި ހައްލެއް ހޯދަން ޖެހެ އެވެ. ރާއްޖޭގައި މި ވަގުތު އެންމެ ފޯރީގައި ކުރިއަށްދާ ކުޅިވަރާ މެދު އުންމީދީ ނަޒަރަކުން ދެކިގެން ކުރިއަށްދާން ތިބި އެތައް ޒުވާނެއްގެ ހައްގުގަ އެވެ. 

އޭޝިއާ އާއި ސާފްގެ ލެވަލްގައި ރާއްޖޭގެ ގައުމީ ޓީމުގެ ގޮތުގައި ގައުމު ތަމްސީލްކޮށް ކާމިޔާބު ހޯދި، ގައުމީ ފުޓްސަލް ޓީމު ފަދަ ޓީމަކަށް ކަންކަން އެކަށޭނެ ގޮތެއްގައި ހަމަޖައްސައިދިނުމުގައި، މި ކަމުގެ ޒިންމާ ބޮލުގައި އެޅިފައިވާ ފަރާތްތަކުން އިހުމާލުވެފައިވާކަން ސާފުކޮށް އެނގެން އެބައޮތެވެ. ޔަގީނުން ވެސް މި ވަގުތަށް ބަލާއިރު، ރާއްޖޭގެ ފުޓްސަލްގެ ގައުމީ ލެވަލްގެ ކަންކަން ކުރުމުގައި ފެންނަން އޮތީ އެކިއެކި ގޮތްގޮތަށް ވެވިފައިވާ، އަދި ނުފުއްދި ހުރި ވައުދުތަކެވެ. މި އަށް އޮތް ހައްލަކީ މި ކަންކަން ކުރެވޭނެކަން ދައްކައި، އަމަލީ ސިފައެއް މި ކަމުގައި ޖައްސައި، ހަމަލޮލަށް ފެންނަ ހިސާބަށް މިކަންކަން ގެނެސްދިނުމެވެ. 

އިހުމާލުވެފައި އޮތް ފުޓްސަލް ބަަދަލުވީ ނުފޫޒުގަދަ ކުޅިވަރަަކަށް!

ވޭތުވެދިޔަ ދެ ސަރުކާރުން ވެސް އެންމެ އަޑުހަރުކޮށް ދައްކަމުން ދިޔައީ ރާއްޖޭގެ ޒުވާނުންގެ އުންމީދުތައް ހާސިލްކޮށްދިނުމުގެ ބޭނުމުގައި ފުޓްސަލް ދަނޑު އަޅައިދީފައިވާ ކަމުގެ ވާހަކަތައް.އެކަމަކު، ސަރުކާރުތަކުން މި ހިންގި ފުޓްސަލް ދަނޑު އެޅުމުގެ ޕްރޮޖެކްޓްތަކަށް ބަލާއިރު، މިސްރާބެއް ނެތް

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox