މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅޭ ޒުވާން ފޯވާޑް، މުހައްމަދު އިލާން އިމްރާނަށް ލިބުނު އަނިޔާއިން ރިކަވާވެގެން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެފައިވާ ކަމަށް މާޒިޔާގެ ކޯޗު، ތޯމަސް ޓްރުޗާ ބުނެފި އެވެ.
ވިހި އަހަރުން ދަށުގެ ކެޕްޓަން އަދި ސީނިއާ ގައުމީ ޓީމުގެ ފޯވާޑް، އިލާނަށް އަނިޔާވީ ސެޕްޓެމްބަރު މަހު 10 ވަނަ ދުވަހު މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން ކުޅުނު ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގެ ކުރީކޮޅުގަ އެވެ. އިލާންގެ ކަކުލަށް ލިބުނު އަނިޔާއާ ހެދި އޭނާ އަށް މަހެއްހާ ދުވަހު ކުޅުމާ ދުރުުގައި ހުންނަން ޖެހޭނެ ކަމަށް ބެލެވުނު ނަމަވެސް އޭނާ އެނބުރި އަންނަނީ ދެ މަހެއްހާ ދުވަސް ފަހުންނެވެ.
"އިލާން އެނބުރި އަތުވެއްޖެ. އެންމެ ފަހުން އަހަރެމެން ކުޅުނު އެކުވެރިކަމުގެ މެޗުގެ 30 މިނިޓްގައި ކުޅުނު. އެހެންވީމަ، މެޗު ކުޅުމުގެ 30 މިނިޓް ވަރު ލިބިފައި އެ އިނީ،" ސާފް ޗެމްޕިއަންޝިޕް އަށް ދިވެހި ޕްރިމިއާ ލީގު މަހަކަށް ވުރެން ގިނަ ދުވަހަށް މެދުކަނޑާލުމަށް ފަހު، އެނބުރި ފެށުމުގެ ކުރިން މިއަދު މެންދުރު ފަހު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރުޗާ ބުންޏެވެ.
އަނިޔާގެ ސަބަބުން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުމުގެ ފުރުސަތު ގެއްލުމުގެ އިތުުރުން ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ފަސް މެޗެއް އިލާނަށް ވަނީ ގެއްލިފަ އެވެ.
އިލާންގެ އިތުރުން އަނިޔާގެ ސަބަބުން މާޒިޔާގެ ޑިފެންޑަރު، ހައިޝަމް ހަސަން (ބިޑި) އަށް ވެސް ސާފް ޗެމްޕިއަންޝިޕްގެ ފުރުސަތު ގެއްލުނެވެ. ޓްރުޗާ ވަނީ ހައިޝަމްގެ އިތުރުން މާޒިޔާ އިން ގައުމީ ޓީމަށް ދިޔަ ކުޅުންތެރިން ވެސް ތިބީ މެޗު ކުޅެވޭނެ ހާލަތުގައި ކަމަށެވެ.
މާޒިޔާ އިން ލީގުގައި ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި، ހޯމަ ދުވަހު ހަވީރު ދިއްދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ އޮތީ ލީގުގެ ދެ ވަނައިގަ އެވެ. އެއީ، އެއް ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބަށް ވުރެން ތިން ޕޮއިންޓް މަދުން ހޯދައިގެންނެވެ. ކުޅުނު ހަ މެޗުން ވިކްޓަރީ އަށް 16 ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާ އަށް ވަނީ 13 ޕޮއިންޓް ލިބިފަ އެވެ.







