ރިޕޯޓުއިހުމާލުވެފައި އޮތް ފުޓްސަލް ބަަދަލުވީ ނުފޫޒުގަދަ ކުޅިވަރަަކަށް!

އިހުމާލުވެފައި އޮތް ފުޓްސަލް ބަަދަލުވީ ނުފޫޒުގަދަ ކުޅިވަރަަކަށް!

ވޭތުވެދިޔަ ދެ ސަރުކާރުން ވެސް އެންމެ އަޑުހަރުކޮށް ދައްކަމުން ދިޔައީ ރާއްޖޭގެ ޒުވާނުންގެ އުންމީދުތައް ހާސިލްކޮށްދިނުމުގެ ބޭނުމުގައި ފުޓްސަލް ދަނޑު އަޅައިދީފައިވާ ކަމުގެ ވާހަކަތައް.އެކަމަކު، ސަރުކާރުތަކުން މި ހިންގި ފުޓްސަލް ދަނޑު އެޅުމުގެ ޕްރޮޖެކްޓްތަކަށް ބަލާއިރު، މިސްރާބެއް ނެތް

ފުޓްސަލް ދަނޑުތަކުގެ ވާހަކަ އެންމެ ފުރަތަމަ ދައްކަން ފެށީ ރައީސް ޔާމީން ސަރުކާރުގެ ޔޫތު މިނިސްޓަރު މަލީހު ޖަމާލް، އެ އަށް ފަހު މި ސަރުކާރުގެ ކުޅިވަރު ވަޒީރު އަހުމަދު މަހުލޫފް ވެސް ވަނީ މި ސަރުކާރުން ގިނަ އަދަދެއްގެ ފުޓްސަލް ދަނޑު އަޅައިދީފައިވާ ކަމަށް ވިދާޅުވެފައި.--- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު
ފުޓްސަލް ދަނޑުތަކުގެ ވާހަކަ އެންމެ ފުރަތަމަ ދައްކަން ފެށީ ރައީސް ޔާމީން ސަރުކާރުގެ ޔޫތު މިނިސްޓަރު މަލީހު ޖަމާލް، އެ އަށް ފަހު މި ސަރުކާރުގެ ކުޅިވަރު ވަޒީރު އަހުމަދު މަހުލޫފް ވެސް ވަނީ މި ސަރުކާރުން ގިނަ އަދަދެއްގެ ފުޓްސަލް ދަނޑު އަޅައިދީފައިވާ ކަމަށް ވިދާޅުވެފައި.--- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ވޭތުވެދިޔަ 10 ވަރަކަށް އަހަރަށް ބަލާއިރު، ކުޅިވަރެއްގެ ވަސީލަތުގެ ތަރައްގީ އަށް އެންމެ ގިނަ އިންފްރާސްޓްރަކްޗާތަކެއް ބިނާކުރީ ޒުވާނުންނަށް ކޮށްދޭ ބޮޑު ކަމެއްގެ ގޮތުގައި ބުނެ ފުޓްސަލް ދަނޑުތަކެވެ. އެއީ، މީގެ ކުރިން އޮތް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި މިހާރު ހިނގަމުންދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ނަޒަރު ހިންގާލިޔަސް ފެންނަން އޮތް ހަގީގަތެވެ. ދެ ވެރިކަމުގައި ވެސް ޒުވާނުންނަށް ތަރައްގީގެ ނަމުގައި ކުރި އިއްތިފާގުވާ ކަންތައްތަކުގެ ލިސްޓެއް ހަދާނަމަ ޒުވާނުންގެ އެދުމާ އެއްގޮތަށް، ރަށްރަށުގައި ފުޓްސަލް ދަނޑުތައް އެޅުމަކީ އެންމެ ކުރިއަށް އަންނާނެ ކަމެވެ. މުޅި ރާއްޖޭގެ ރަށްރަށުގައި އަޅާފައިވާ ފުޓްސަލް ދަނޑުތަކަށް ބަލާލުމުން މީގެ ހެއްކަކަށް ފުދޭނެ އެވެ.

ރާއްޖޭގައި ޔަގީނުން ވެސް މިހާތަނަށް (މިދިޔަ ދެ ސަރުކާރުން) 100 އަށް ވުރެ ގިނަ ރަށުގައި ފުޓްސަލް ދަނޑުތައް އަޅާފައިވާކަން، ޔޫތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ފެންނަން އެބަހުއްޓެވެ. ފެންނަން ހުރި . މަންޒަރުތަކަށް ބަލައި، މުޅި ރާއްޖެ އަށް ނަޒަރު ހިންގާލާއިރު، ވަސީލަތުގެ ގޮތުން އެންމެ މުއްސަނދިކޮށް ފެންނަން އޮތީ ފުޓްސަލްއޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ދެބަސްވާނެ މީހުން ވެސް މަދުވާނެ އެވެ.

އެކަމަކު، ފުޓްސަލްގައި ހާސިލްކުރަން ބޭނުންވާ ކަންކަމުގެ އަސްލު މަންޒަރާއި، ދާން ބޭނުންވާ މަންޒިލަށް ދިއުމަށް ކަންކަން ކުރަން ބަލާއިރު، ފުޓްސަލްގެ މިސްރާބު އަދިވެސް އޮތީ ރަނގަޅު މަގުގައިތޯ ބަލާލުން މުހިންމެވެ.

ކުޅިވަރު އެސޯސިއޭޝަނަކާ ގުޅިފައި އޮންނަ ރަސްމީ ސިފައެއްގައި ގަވާއިދުން ފުޓްސަލް މުބާރާތްތައް ކުޅެލަން ނުލިބުނު ކަމުގައި ވިޔަސް، މި ފަހުން މުޅި ރާއްޖޭގެ ކުޅިވަރު ދާއިރާގައި ފުޓްސަލް އާ އެއްވަރަށް ނުފޫޒުގަދަ އެހެން ކުޅިވަރެއް ނެތެވެ. ހަގީގަތާ ކުރިމަތިލައި، ބަހެއް ބުނާނަމަ މި އަށް ވެސް ދެބަސްވާނެ މީހުން މަދުވާނެ އެވެ.

ރަސްމީ ހައިސިއްޔަތެއް ނެތްތަ؟

މީގެ ހަތް ވަރަކަށް އަހަރު ކުރިން، ރާއްޖޭގެ ފުޓްބޯޅައިގެ ބެލެނިވެރި ފަރާތް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އަސާސީ ގަވާއިދު، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން އެންގި ގޮތަށް، އިސްލާހުކުރިއިރު، އޭގެ ދަށުން އުފައްދަން ޖެހުނު، ސަބް އެސޯސިއޭޝަންތަކުގެ ތެރޭގައި ފުޓްސަލް އެސޯސިއޭޝަން ވެސް ހިމެނުނެވެ.

މާނަ އަކީ އެފްއޭއެމްގެ ތެރެއިން އުފެދޭ އިތުރު، ސަބް-އެސޯސިއޭޝަންގެ ތެރެއިން ފުޓްސަލް އަށް ހާއްސަ ބައިން، ރާއްޖޭގައި ފުޓްސަލް ރަސްމީ ސިފައެއްގައި ގެންދިއުމަށް މުބާރާތްތަކެއް ބާއްވަން ޖެހޭނެ އެވެ. އެއީ ފުޓްސަލް އެސޯސިއޭޝަންގެ މެންޑޭޓެވެ.

އެކަމަކު، މިހާތަނަށް 2017 ވަނަ އަހަރު ބޭއްވި އެފްއޭއެމް ޕްރެޒިޑެންޓްސް ފުޓްސަލް ކަޕް ފިޔަވަައި، ސީދާ އެފްއޭއެމްގެ ފުރިހަމަ ބައިވެރިވުން (ރޭވުމާއި ހިންގުމުގެ ބައިވެރިވުން) އޮވެގެން އިތުރު ފުޓްސަލް މުބާރާތެއް ރާއްޖޭގައި ބާއްވާފައެއް ނުވެ އެވެ. އެކަމަކު، އެފްއޭއެމާ ގުޅިގެން، އެފްއޭއެމްގެ އެންޑޯޒްމަންޓާ އެކު ރާއްޖޭގެ އެކި ލެވަލްގެ ފުޓްސަލް މުބާރާތްތައް ބާއްވަ އެވެ.

ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ފުޓްސަލް މުބާރާތްތައް ކަމަށްވާ، 16 އަހަރަށް ވުރެ ދިގު މުއްދަކަށް ބާއްވާފައިވާ، ކްލަބް މޯލްޑިވްސް ކަޕް، ފަދަ ފުޓްސަލް މުބާރާތްތަކަކީ ވެސް އެފްއޭއެމްގެ ސަޕޯޓާ އެކު ބާއްވާ މުބާރާތެކެވެ.

ރަސްމީކޮށް ގަވާއިދުން އަހަރުން އަަހަރަށް އެފްއޭއެމުން ބާއްވާ ފުޓްސަލް މުބާރާތެއް ނެތް ނަމަވެސް މިދިޔަ ފަސް އަހަރަށް ބަލާއިރު، ތިން ފަހަރެއްގެ މަތިން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ ފުޓްސަލް ގައުމީ ޓީމެއް ބައިވެރިކޮށްފަ އެވެ. އެއީ، 2017 ވަނަ އަހަރު، ތުރުކުމެނިސްތާންގައި ބޭއްވި އޭޝިއަން އިންޑޯ ގޭމްސް އާއި މިދިޔަ އަހަރު ކުރިއަށްދިޔަ ތައިލެންޑް އިންވިޓޭޝަނަލް ކަޕާއި އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގަ އެވެ.

މުބާރާތްތަކުގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމެއް ގޮސް ވާދަކުރާއިރު، ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މުބާރާތުގައި ކުޅެން ޖެހޭ އިންޑޯގައި ކުޅެން ދިވެހި ކުޅުންތެރިން އާ ވުމުގެ މައްސަލަ އެވެ.

ރާއްްޖޭގައި ގާއިމްކޮށްފައިވާ ފުޓްސަލް ދަނޑުތަކަކީ ޓާފާއި މެޓުން އަޅާފައިވާ ދަނޑުތަކެއް ކަމަށްވާއިރު، މިއީ ރަސްމީކޮށް ފުޓްސަލް ކުޅެން ވިޔަސް ނުވަތަ ފަރިތަކުރަން ބަލާއިރު ވެސް އެކަށީގެންވާ ފެސިިލިޓީއެއް ނޫނެވެ.

މިދިޔަ ދެ ސަރުކާރުން ވެސް ފުޓްސަލް ކުރިއަރުވަން ކަމަށް ބުނެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅާ ދަނޑުތަކަކީ އޭގެ އަސްލު މާނައިގައި، ފުޓްސަލް އިން ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖެ އަށް ރީތި ނަން ހޯދަން ކަމެއް ފަށައިގަންނަން ބަލާއިރު، އެންމެ ރަނގަޅަށް ބޭނުންކުރެވޭނެ ވަސީލަތެއް ނޫން ކަމަށް ވުމެވެ.

ރާއްޖޭގައި ފުޓްސަލް ކުރިއަށްދާންޖެހޭ ދުވެލީގައި ދިއުމަށް މަސައްކަތް އަދިވެސް ފަށަން ޖެހޭނީ އެފްއޭއެމާ ހަމައިންނެވެ. އެއީ އެފްއޭއެމްގެ އެއް ގުނަވަނެއްގެ ގޮތުގައި އޮތް ފުޓްސަލް އެސޯސިއޭޝަން ރަނގަޅަށް ހިނގައިގަނެ، ފުޓްސަލް ރަސްމީ ގޮތެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުޅުމުގެ ފުރުސަތު ލިބިގެންނެވެ. ރާއްޖޭގައި ގަވާއިދުން، ގައުމީ ފުޓްސަލް ޓީމެއް ދެމެހެއްޓޭނެ ގޮތަށް ނިޒާމެއް ބައްޓަން ކޮށްގެންނެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ޒުވާނުން މިހާރު އެންމެ ބޮޑަށް ކުޅެމުން އަންނަ ކުޅިވަރަކީ ފުޓްސަަލް: ރަށްރަށުގައި ފުޓްސަލް މުބާރާތް ބާއްވާ ނިސްބަތް ވެސް އިތުރު.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ފުޓްސަލް ކުރިއަރުވަން ރަނގަޅު މަަސައްކަތްތަކެއް އެފްއޭއެމުން ފަށާނެކަން ފާހަގަކުރައްވައި، މީގެ ތިން ވަރަކަށް އަހަރު ކުރިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އުންމީދީ ވާހަކައެއް ދައްކަވައިފަ އެވެ.

އެ ގޮތުން، 2020 ވަނަ އަހަރު، ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސްކައިވިންޑް ގްލޯބަލްއާ އެކު، އެފްއޭއެމުން ސޮއިކުރި ބޮޑު ތިން ޕްރޮޖެކްޓްގެ ތެރެއިން އެއް އެއްބަސްވުމުގައި، ހިމަނާފައިވަނީ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ފުޓްސަލް އިންޑޯ އެރީނާއެއް އެޅުމަށެވެ. އޭރު، އެ ފުޓްސަލް އެރީނާގެ މަސައްކަތް އަވަހަށް ފަށާނެ ކަމަށް އިއުލާނުކުރި އެވެ.

އެކަމަކު، އެ ފުޓްސަލް އެރީނާގެ ޕްރޮޖެކްޓްގެ ކަންކަން މިހާރު އޮތް ހިސާބެއްގެ ވާހަކަ ޔަގީންކަމާ އެކު ދައްކާނެ މީހަކު ނެތެވެ.

ޔަގީންކަމާ އެކު ފެންނަން އޮތް ހަގީގަތަކީ، ރާއްޖޭގައި މި ވަގުތު ފުޓްސަލް ވައިގައި ހިފާފައި މި އޮތް ސަބަބަކީ މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި އަމިއްލަ ފަރާތްތަކުން ފޯރީގައި އޭގެ މުބާރާތްތައް ބާއްވަން ކުރާ މަސައްކަތްތަކުގެ ސަބަބުންނެވެ. ފުޓްސަލް ދަނޑެއް އޮތް ރަށެއްގައި ޔަގީނުން ވެސް މުބާރާތް އޮވެ އެވެ. ދަނޑެއް ނެތް ނަމަވެސް، ކައިރި ރަށެއްގައި އޮންނަ މުބާރާތެއްގައި ކުޅެން ވިޔަސް، ފުޓްސަލް ޓީމެއް ކޮންމެ ރަށެއްގައި އޮވެ އެވެ.

ފުޓްސަލް: މި ވަގުތު ރާއްޖޭގައި އެންމެ ނުފޫޒު ގަދަ ކުޅިވަރު!

އަހަރެއްގެ ތެރޭގައި މިހާރު ރާއްޖޭގެ ހުރިހާ ރަށަކަށް ބަލާއިރު، އެންމެ ގިނައިން ކުޅެވެނީ ފުޓްސަލް މުބާރާތްތަކެވެ. ކޮންމެ އަހަރެއްގެ މައްޗަށް ގިނަ ރަށްރަށުގައި މަދުވެގެން އެއް ފުޓްސަލް މުބާރާތް ކުޅެ އެވެ. ކޮންމެ އީދަކާއި އެ ނޫން ވެސް ހާއްސަ މުނާސަބަތަކާ ދިމާކޮށް ގަވާއިދުން ފުޓްސަލް ކުޅޭ ރަށްރަށުގެ ލިސްޓު ވެސް އިންތިހާ އަށް ދިގުވާނެ އެވެ.

ފުޓްސަލް އަކީ މި ވަގުތު ރެކްރިއޭޝަން ލެވަލްގައި ކުޅޭ ގޮތަށް އޮތް ކުޅިވަރެއް ކަމުގައި ވިޔަސް ހަގީގަތުގައި އެ އަށް ބަރޯސާވެގެން، ދިރިއުޅުމަށްޓަކައި މަސައްކަތް ކުރާ ޒުވާނުންގެ ނިސްބަތް ވެސް އަންނަނީ ދުވަހުން ދުވަހަށް، އަހަރުން އަހަރަށް އިތުރުވަމުންނެވެ. އެހެންކަމަށް ވުމާ އެކު، ފުޓްސަލްގެ ނުފޫޒު ވެސް އަންނަނީ ކުޅިވަރު ތެރޭގައި ގަދަވަމުންނެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ކުޅުންތެރިންނަށް ފުޓްސަލް ނުކުޅެވޭ ގޮތަށް ހަދައި، ފުޓްސަލް އާއި ފުޓްބޯޅަ ވަކިކުރުމުގެ ވާހަކަ އެފްއޭއެމުން ދެއްކިތާ ފަސް އަހަރެއްހާ ދުވަސްވެފައިވާއިރު، އެ އަށް އަދި އަމަލީ ސިފައެއް ނާދެ އެވެ. އޭގެ ބަދަލުގައި، މި ފަހުން ފެންނަ މަންޒަރަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ފުޓްބޯޅަ ކުޅޭ ކުޅުންތެރިންނަށް ގަވާއިދުން ކްލަބްތަކުން މުސާރަ ނުލިބޭތީ، އެ ކުޅުންތެރިން ރަށްރަށުގައި އޮންނަ ފުޓްސަލް މުބާރާތްތައް ކުޅެގެން އާމްދަނީ އަށް މަސައްކަތް ކުރާތަނެވެ.

މީގެ ކުރިން ފުރަތަމަ ޑިވިޝަން ކްލަބަކުން ވަނީ ކްލަބްގެ ފަރިތަކުުރުންތައް ދޫކޮށްލާފައި ފުޓްސަލް ކުޅެން ދިޔަ ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފަ އެވެ. އެކަމަކު، އެއާ ހިލާފަށް މިހާރު ފެންނަ މަންޒަރަކީ، ކްލަބްތަކުގެ މާލީ ހާލަތު ދަށަށް ގޮސް، ފުޓްސަލް ކުޅެން ދާ ކުޅުންތެރިން ހުއްޓުވޭނެ އެއްވެސް ބާރެއް ގިނަ ކްލަބްތަކުގެ އަމިއްލަ އަތުގައި ނެތުމެވެ.

އާމްދަނީ އަށް ބަލާއިރު ވެސް މިހާރު ފުޓްސަލްގެ ތަރިން އަންނަނީ ރާއްޖޭގެ ގައުމީ ލެވަލްގައި ކުޅޭ ކުޅުންތެރިންނާ އެއްވަރަށް ހޯދަމުންނެވެ. އެ ގޮތުން ރާއްޖޭގައި ކުޅިވަރެއް ކުޅެގެން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފުޓްބޯޅަ ކުޅުންތެރިންނަށް ސީޒަނެއްގެ މައްޗަށް ހޯދޭނެ އެންމެ ބޮޑު އާމްދަނީއެއް ކަމަށް އެފްއޭއެމުން ތައާރަފް ކޮށްފައިވާ "ސެލަރީ ކެޕް" އަކީ ސީޒަނަކަށް ތިން ލައްކަ ރުފިޔާ އެވެ. އެކަމަކު، ގަވާއިދުން އެ މުސާރަ ކުޅުންތެރިންނަށް ނުލިބޭތީ ސީޒަން ނިމޭއިރު، އެ ހޯދަން ގިނަ ކުޅުންތެރިން އޮންނަނީ ކްލަބްތަކުގެ މައްސަލަ ހިފައިގެން، އެފްއޭއެމަށް ސިޓީ ލައިފަ އެވެ.

އޭގެ ބަދަލުގައި ފުޓްސަލް ކުޅޭ ކުޅުންތެރިން ރަށްރަށަށް ގޮސްގެންނާއި އަހަރެއްގެ މައްޗަށް ރާއްޖޭގައި ބާއްވާ އެކި ފަންތީގެ މުބާރާތްތައް ކުޅެގެން ޖުމްލަ އެކު، ތިން ލައްކައެއްހާ ރުފިޔާ ނޫނީ އެއާ ގާތްކުރާ އަދަދަކަށް އާމްދަނީ ހޯދާ ކުޅުންތެރިން ވެސް ނިސްބަތުން ބަލާއިރު އެބަތިބި އެވެ.

ސަރުކާރުން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދޭ އެލަވަންސް، މުޅި އަހަރު އެއްކޮށް ލިބުނު ކަމުގައި ވިޔަސް ޖުމްލަ އެކު، އަހަރަކަށް ބަލާނަމަ ލިބޭނީ 60،000 ރުފިޔާ (މަހަކަށް 5000 ރުފިޔާގެ މަގުން 12 މަހަށް) އެވެ. އަދި އެހެން ކުޅިވަރުތަކުގެ ގައުމީ ލެވަލްގެ ކުޅުންތެރިން މުޅި އަހަރަށް ބަލާއިރު، މުޅި އަހަރަށް އެކި މުބާރާތްތަކުގައި ކުޅެގެން ވެސް އެންމެ ގިނަ ވެގެން ލިބެން އޮންނަނީ 100،000-200،000 ރުފިޔާގެ ދެމެދުގެ އަދަދެކެވެ.

ވަޒީފާގެ "މާކެޓެއް" ވެސް އޮތް ކުޅިވަރެއް

ފުޓްސަލް އަކީ ވަޒީފާގެ މާކެޓެއް ވެސް އުފެދިފައިވާ ކުޅިވަރެކެވެ. ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ފުޓްސަލް މުބާރާތް ކަމަށްވާ، ކްލަބް މޯލްޑިވްސް ކަޕްގައި ވާދަކުރަން ސަރުކާރުގެ ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުން ވެސް ޓީމު ވަރުގަދަ ކުރަން ކުޅުންތެރިން ހޯދައި، އޮފީސްތަކުން ވަޒީފާދެ އެވެ.

އެހެންކަމުން، ފުޓްސަލް މި ވަނީ ވަޒީފާގެ މާކެޓަށް ބެލިޔަސް ނުފޫޒު ގަދަ ކުޅިވަރަކަށް ވެފަ އެވެ.

ވަޒީފާ އާއި އާމްދަނީގެ ފަރަގަށް ބަލާއިރު ވެސް ފުޓްސަލް އިން މި އަންނަނީ ރާއްޖޭގެ ކުޅިވަރު ދާއިރާގައި "އަތްގަދަ" ކުރަމުންނެވެ. އެކަމަކު، ރަސްމީ ސިފައެއްގައި އެ ކުޅިވަރު ތަރައްގީ ވެގެން ކުރިއަށްދާނެ މަގެއް އަދިވެސް ފެނިފައި ނެތެވެ.

ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިން އޭޝިއާގެ މުބާާރާތުގެ ކޮލިފައިން އަށް ފުރުމުގެ ކުރިން ޔޫތު މިނިސްޓަރު މަހުލޫފް ޓީމާ ބައްދަލުކޮށް ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކްލަބް މޯލްޑިވްސް ކަޕް، ބާއްވާ ކްލަބް މޯލްޑިވްސްގެ ވައިސް ޗެއާމަން، އިބްރާހިމް އަޝްރަފް، މިދިޔަ އަހަރުގެ މުބާރާތުގެ ކުރިން ދިން އިންޓަވިއުއެއްގައި ވިދާޅުވީ، ފުޓްސަލް އަކީ މި ވަގުތު ރާއްޖޭގައި އެންމެ ގިނަ ބަޔަކު ކުޅޭ ކުޅިވަރު ކަމަށްވާއިރު، "އަޅާލާން ޖެހޭ ވަރަށް އަޅާ ނުލެވި އޮތް ކުޅިވަރަކީ ވެސް މިއީ" ކަމަށެވެ.

އެ ގޮތުން، ފުޓްސަލްގެ ބޮޑެތި މުބާރާތްތައް ބޭއްވުމުގެ ޑިމާންޑް ރާއްޖޭގައި އޮތް މިންވަރަށް ބަލައި، އެ ފަަދަ މުބާރާތެއް ބޭއްވޭނެ ވަރުގެ ރަނގަޅު ވަސީލަތެއް، "އަސްލު ފުޓްސަލް" ކުޅެވޭނެ ވަރުގެ އިންޑޯއެއް ނެތްކަން އަޝްރަފް ވެސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރާއްޖޭގެ ރަށްރަށަށް އެންމެ ފުޅާކޮށް ބާއްވާ ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ކުޅެން، އެކި ކުޅުންތެރިން އަންނަނީ ބޮޑު އަގުގައި ރަށްވެހިކަން ވެސް ބަދަލުކުރަމުންނެވެ. އެ ނޫނަސް ރަށްރަށުގައި ބޭއްވޭ އެކި ފުޓްސަލް މުބާރާތްތަކުގައި ކުޅެން ރަށްވެހިކަން ބަދަލުކުރާ މީހުންގެ ނިސްބަތް ވެސް އަންނަނީ އިތުރުވަމުންނެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ ވެސް ވިދާޅުވާ ގޮތުގައި މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތެއް ހަރުފަތެއް މައްޗަށް ގެންދެވޭނެ މަގަކީ، ފުޓްސަލް އިންޑޯއެއްގައި މި މުބާރާތް ކުޅެގެން ކަމަށެވެ.

މި ފަހުން، ފުޓްސަލް މުބާރާތްތަކުގައި ބައިވެރިވާ ރަށްރަށުގެ އަދަދު، ފުޓްބޯޅަ މުބާރާތްތަކުގައި ބައިވެރިވާ ނިސްބަތަށް ވުރެ އަންނަނީ އިތުރުވަމުންނެެވެ. މިއީ ފުޓްބޯޅަ އަތުގައި އޮތް "ކޮންޓްރޯލެއް" ފުޓްސަލްއާ ދިމާލަށް މިސްރާބު ޖަހާކަން ދޭހަވާ ކަމެއް ކަމަށް ފުޓްބޯޅައިގައި ގިނަ ދުވަސްވީ ފަރާތްތަކުން ވެސް އަންނަނީ ބުނަމުންނެވެ.

ފުޓްސަލް އިންޑޯއެއްގެ "ވައުދު"

ޔޫތު މިނިސްޓްރީގެ ވެބްސައިޓްގައިވާ ގޮތުން މި ސަރުކާރު އައި ފަހުން މިހާތަަނަށް 61 ފުޓްސަލް ދަނޑުގެ މަސައްކަތް ވަނީ ނިމިފަ އެވެ.

އެކަމަކު، އަސްލު ބޭނުންވާ ކަންކަން ކުރަން ބެލިއިރު، އެ އެޅި ދަނޑުތަކުން ހާސިލްވި ބޮޑު މަންފާއެއް ނެތެވެ.

އެއީ، މިދިޔަ އަހަރު އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަން ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ފަރިތަކުުރަން ދަނޑެއް ނުލިބިގެން، ދެ ދުވަހެއްގައި އަނބުރާ ގެއަށް ދާން ޖެހުނެވެ. ފުޓްސަލް ކުޅެން އިންޑޯއެއް ނެތުމުން ގައުމީ ފުޓްސަލް ޓީމު ބޭނުންކުރަމުން ދިޔައީ ސްކޫލްތަކުގެ ހޯލެވެ.

ގައުމީ ފުޓްސަލް ޓީމު ދަނޑެއް ނުލިބިގެން ޕްރެކްޓިސް ނުކުރެވޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމާ ހަމައަށް ދިޔަ އެވެ. މިދިޔަ އަހަރުގެ މާޗް މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވީ "ދައުރު ނިމުމުގެ ކުރިން ފުޓްސަލް އިންޑޯއެއް އަޅާނެ" ކަމަށެވެ.

ފުޓްސަލް އިންޑޯއެއް ރާއްޖޭގައި ނެތްއިރު، އިންޓަނޭޝަނަލް މުބާރާތަކަށް ތައްޔާރުވާން ބޭނުން ކުރެވޭނެ ތަނަކަށް ކިރިޔާ ވެސް ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ތަނަކީ ސޯޝަލް ސެންޓަރު އިންޑޯ ކޯޓެވެ. އެކަމަކު، މި ވަގުތު އެތަނަކީ ހަތަރު ވަރަކަށް ގައުމީ ކުޅިވަރު އެސޯސިއޭޝަނުގެ އަހަރީ ކަލަންޑަރުގެ ގިނަ ހަރަކާތްތައް ބަރޯސާވެފައި އޮންނަ ތަނަކަށް ވުމުގެ އިތުރުން ބައެއް އިވެންޓްތައް ބާއްވަން ކުއްޔަށް ވެސް ދޭ ތަނަކަށް އޮތީ ވެފަ އެވެ. މި ހުރިހާ ކަމެއް މިހެން އޮއްވައި، ފުޓްސަލް އަށް އެތަނުން ފުރުސަތު ދިނުމަކީ ކުރެވޭނެ ކަމެއް ވެސް ނޫނެވެ.

ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖޭން ގިނަ ކުޅިވަރުތަކުގައި ރަން ވަނަ ހޯދާފައިވަނީ އެކަށީގެންވާ ރަނގަޅު ލެވަލެއްގެ ވަސީލަތެއް ނެތި އެވެ. އެހެންވެ، ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރަން ޖެހޭ ކަމުގެ ވާހަކަ އަބަދުވެސް ދެކެވެ އެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު، 2015 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއިޖީ) އިން ރާއްޖެ އަށް ރަން މެޑަލް ހޯދައިދިންއިރު، ރާއްޖޭގައި ސިންތެޓިކް ޓްރެކެއް ނެތެވެ. ޓްރެކް ލިބުނީ އެ ފަހުންނެވެ. ރާއްޖޭގެ ފެތުންތެރިން ބައިނަލްއަގުވާމީ ލެވަލްގައި ކާމިޔާބު ހޯދައި، މެޑަލް ކަރުގައި އަޅަންދާއިރު، އަދިވެސް ދެކެމުން އަންނަ ހުވަފެނަކީ އޮލިމްޕިކް ސައިޒުގެ ޕޫލެއް ރާއްޖޭގައި އޮންނާނެ ދުވަހަކަށެވެ. އަދިވެސް އެކަން ވެފައެއް ނެތެެވެ.

ފުޓްބޯޅަ އޮތީ ހުރިހާ ގޮތަކުން ގަލޮޅު ދަނޑަށް ބަރޯސާވެފަ އެެވެ. އެކި ކުޅިވަރުތަކުގެ އިންޓަނޭޝަނަލް މުބާރާތެއް ބާއްވަން އަދިވެސް އިސް އުފުލައި ބަލަން ޖެހެނީ ސޯޝަލް ސެންޓަރު އިންޑޯއާ ދިމާލަށެވެ. އެފްއޭއެމާ ގުޅޭގޮތުން މީޑިއާގައި ދެކެވޭ ނުރަަނގަޅު ވާހަކަތަކުގެ ސަބަބުން ފުޓްބޯޅަ އަށް ގޯސް އަސަރު ކުރާއިރު، ފުޓްސަލް މުބާރާތްތަކުގެ ފޯރި ފެންނަނީ ވަރަށް ގަދަކޮށެވެ. އެހެންވެ، ރަށްރަށުގައި ފުޓްބޯޅަ އަށް ވުރެ ފުޓްސަލް ކުޅޭ ނިސްބަތް ވެސް އަންނަނީ އިތުރުވަމުންނެވެ. ފުޓްސަލް އަށް މީހުން ދޭ އަހައްމިއްޔަތުކަން ވެސް ދަނީ ބޮޑުވަމުންނެވެ.

ކަން މިހެން އޮތްއިރު، ފުޓްސަލް ފަދަ، ރަސްމީ ހައިސިއްޔަތެއްގައި ކުރިއަރައިގެން ދިއުމުގެ ސީދާ ފުރުސަތެއް އަދި ނެތް، ކުޅިވަރެއް ކިތަންމެ ނުފޫޒު ގަދަކޮށް ފެންނަން އޮތް ކަމުގައި ވިޔަސް، ކުރިއަށް ހިންދެމިލާނެ ގޮތެއް އަދި ފެންނަން އޮތް ކަމަށް ނުބެލެވެ އެވެ. ފުޓްސަލް އަށް ފާގަތި މުސްތަގުބަލެއްގެ އަމަލީ ސިފައެއް ފެންނާނެ ކަމުގެ އުންމީދުގައި ފުޓްސަލް އަށް ހިތްޖެހިފައިވާ ކޮންމެ ޒުވާނަކު ވެސް އެ އަންނަނީ ދުވަސް ގުނަމުންނެވެ.

އައްޒާމް އަލިފުޅު

ސްޕޯޓްސް އެޑިޓަރ

އައްޒާމް އަލިފުޅަކީ ކުޅިވަރަށް ހާއްސަ ނޫސްވެރިންގެ ތެރެއިން ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އަދި އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ އެވެ. މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް އޭނާ ވަނީ ހަތަރު ފަހަރު ހޯދައިފަ އެވެ. އަދި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން ހޮވި ރާއްޖޭގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ މަގާމު، 2022 ވަނަ އަހަރު ހޯދީ އައްޒާމް އެވެ. “ސީއެންއެމް" އިން ކެރިއަރު ފެށުމަށް "ހަވީރު" އަދި "މިހާރު" ގައި ވަނީ މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox