ނިއު ދިއްލީ، އިންޑިއާ (ނޮވެމްބަރު 20) - އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް)ގެ އިންތިހާބު މަހެއްހާ ދުވަސް ތެރޭ އޮއްވައި، މި ވަގުތު އެ ފެޑެރޭޝަނުގެ ރައީސަކަށް ހުންނެވި، ކަލްޔާން ޗޯބޭގެ މައްސަލަ، އިންޑިއާގެ 14 ފުޓްބޯޅަ ލެޖެންޑުން ސްޕޯޓްސް މިނިސްޓަރު، މަންސުކް މަންދާވިޔާ އަށް ހުށަހަޅައިފި އެވެ.
އިންޑިއާގެ ފުޓްބޯޅަ އިންތިހާބު އޮތީ އަންނަ މަހުގެ 20 ވަނަ ދުވަހު އެވެ.
އިންޑިއާގެ ފުޓްބޯޅަ ލެޖެންޑު ބައިޗުން ބުޓިއާ މި ކަން ލީޑުކުރާއިރު، މި މަހު 17 ވަނަ ދުވަހު މިނިސްޓަރު މަންސުކް އަށް ފޮނުވި ސިޓީ ވަނީ މިހާރު މީޑިއާ އަށް ވެސް ހިއްސާކޮށްފަ އެވެ. އެ ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތަފްސީލް ބުޓިއާ ވަނީ އިންޑިއާގެ އެކިއެކި މީޑިއާތަކަށް ދިން އިންޓަވިއުގައި ތަފްސީލްކޮށްދީފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، މިނިސްޓަރު މަންސުކާ އެކު ވަރަށް އަވަހަށް ލެޖެންޑުންގެ ބައްދަލުވުމެއް ތާވަލުކުރާނެ އެވެ.
ފޮނުވި ސިޓީގައި ބުނެފައިވަނީ، އިންޑިއާ ފުޓްބޯޅަ މި ވަގުތު އޮތް ހާލަތުން ބަނގުރޫޓްވެ، ގިނަ ބަޔެއްގެ ދިރިއުޅުމަށް އަސަރުކުރާނެ ކަމަށާއި އެ ހާލަތަށް ދިއުމުގެ ކުރިން، ސަރުކާރުން ފެޑެރޭޝަންގެ ކަންކަމުގެ ތެރެއަށް ވަންނަން ޖެހޭ ކަމަށެވެ.
މި ވަގުތު އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަންގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރުކަން ވެސް ކުރައްވަމުން އަންނަ ބުޓިއާ އަކީ 2022 ވަނަ އަހަރުގެ އިންތިހާބުގައި ޗޯބޭއާ ވާދަކުރި ކެންޑިޑޭޓެވެ. ޗޯބޭ މަގާމަށް ގެނައީ އިންޑިއާގެ ސިޔާސީ ޕާޓީ، ބީޖޭޕީގެ ތާއީދުންނެވެ.
ބުޓިއާ ވަނީ އިންޑިއާ އަކީ ކުރިން ދުނިޔޭގެ ރޭންކިންގެ 96 ވަނައިގައި އޮތް ގައުމެއް ކަމަށާއި މި ވަގުތު 173 ގައި އޮތުން ބަލައިނުުގަނެވޭނެ ކަމަށް ބުނެފަ އެވެ.
އެންމެ ބޮޑަށް އެ ސިޓީގައި ފާހަގަކޮށްފައިވަނީ، ސެޕްޓެމްބަރު/ އޮކްޓޫބަރުގައި އިންޑިއާ އިން އުރުގުއޭ އާއި ބްރެޒިލް ގެނެސްގެން ކުޅުނު އެކުވެރިކަމުގެ މެޗުތައް ހަމަޖައްސަން ދައްކަން ޖެހޭ ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރަށް ވުރެން އިތުރު އަދަދެއް ނުދީގެން އެ ދެ ގައުމުން އިންޑިއާ އަށް އިންޒާރު ދެމުން އަންނާތީވެ، މީގެ ސަަަބަބުން އިންޑިއާގެ ފުޓްބޯޅައިގެ އަގުވެއްޓުމާއި މާލީ ގޮތުން އުނދަގޫ ފައްތަރަކަށް ދިއުމެވެ.
އިންޑިއާގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ބުޓިއާ ބުނީ، އުރުގުއޭ އާއި ބްރެޒިލާ ކުޅެން މެޗުތައް ހަމަޖެއްސިއިރު އެ ވަގުތު ވެސް އެކަމަށް ދެކޮޅަށް ހެދި ކަމަށެވެ. އެކަމަކު، އަޑުއަހާނެ މީހެއް ނެތް ކަމަށާއި ބޭނުންވީ މީޑިއާ ކުރިމަތީގައި ވަކި މަންޒަރެއް ދައްކަން ކަމަށް ވެސް ބުޓިއާ ތުހުމަތު ކުރި އެވެ.
އިންޑިއާ ފުޓްބޯޅައިގެ މުހިންމު ކަންކަމަށް ހަރަދުކުރަން ހުރި ފިކްސްޑް ޑިޕޮސިޓުން ފައިސާ ނަގައިގެން އުރުގުއޭ އާއި ބްރެޒިލަށް ދޭން އުޅޭއިރު، އޭގެ ބަދަލުގައި، ބްރެޒިލާއި އުރުގުއޭއާ ކުޅެން މެޗުތައް ހަމަޖެއްސިއިރު އޭގެއިން ލިބުނު ފައިސާގެ ކަންކަން އޮޑިޓްކުރަން ޖެހޭ ކަމަށް ބުޓިއާ ވަނީ ބުނެފަ އެވެ.








