އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވާދަކުރައްވާނެކަން އިއުލާންކުރައްވައި އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުއްވީ ނިމިދިޔަ ހަފްތާގަ އެވެ.
މި އިންތިހާބަށް އެމްޑީޕީން ހުޅުވާލީ ފެބްރުއަރީ 12 ގަ އެވެ. މި ދެ ބޭފުޅުންގެ ތެރެއިން އެންމެ ފުރަތަމަ ފޯމު ހުށަހެޅުއްވީ އިންތި އެވެ. އޭނާ ފޯމް ހުށަހެޅުއްވީ ފެބްރުއަރީ 16 ގަ އެވެ. އަދި ފައްޔާޒު ފޯމް ހުށަހެޅުއްވީ އޭގެ އެއް ދުވަސް ފަހުން ފެބްރުއަރީ 17 ގަ އެވެ.
ފައްޔާޒާއި އިންތި ވެސް ވަނީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރެއްވުމާއެކު "އަދަދު" އަށް ހާއްސަ އިންޓަވިއުތަކެއް ދެއްވާފަ އެވެ. އެގޮތުން ފައްޔާޒު ވަނީ އޭނާ މަގާމަށް ވާދަކުރައްވަން ނިންމެވި ސަބަބާއި އޭނާ ހުށަހަޅުއްވާ ބައެއް ކަންކަން މި އިންޓަވިއު މެދުވެރިކޮށް ތިލަކޮށްދެއްވާފަ އެވެ. ހަމަ އެގޮތަށް އިންތި ވެސް ވަނީ އޭނާ ޗެއާޕާސަން ކަމަށް ވާދަކުރައްވަން ނިންމެވި ސަބަބުތަކާއި ހޮވިވަޑައިގެންފިނަމަ ކަންކަން ކުރައްވާނެ ގޮތް މި އިންޓަވިއުގައި ހިއްސާ ކުރައްވާފަ އެވެ.
ރިޔާސީ އިންތިހާބުގައި މަދުވެގެން 30 ޕަސެންޓު ވޯޓު ލިބޭ ކެންޑިޑޭޓަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ ގޮތަށް ގާނޫނުއަސާސީއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންނަވަން މަސައްކަތް ކުރާ އިސްލާހަށް އިދިކޮޅު ޕާޓީން ތާއީދު ނުކުރާނެ ކަމަށް ބުނީ ވެސް ނިމިދިޔަ ހަފްތާގަ އެވެ.
ދުބާއީގެ ޖުމޭރާ ކުންފުނީގައި މަސައްކަތް ކުރާ ކޮރެއާއަށް އަންހެން މުވައްޒަފެއް ރާއްޖެ އައިސް އުޅެނިކޮށް އޭނާ ރޭޕްކުރިކަން ސާބިތުވާ ކަމަށް ކަނޑައަޅައި، އެ މައްސަލާގައި ހައިކޯޓުން ކުރި 15 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓީ މިދިޔަ ހަފްތާގަ އެވެ. މި ހުކުމް ދެމެހެއްޓީ ރޭޕް ސާބިތުކުރުމުގެ ވަރުގަދަ އުސޫލުތަކެއް ގާއިމްކުރުމާއެކު އެވެ.

ފުލުސް ބޯޑުން ވަކި ކުރުމަށް ނިންމައި ނޯޓިސްދީފައިވާ ފުލުހުންގެ ހަތް ސީނިއާ އޮފިސަރުންގެ ތެރެއިން ސިވިލް ކޯޓަށް މައްސަލަ ވައްދާފައިވަނިކޮށް، މަގާމުން ވަކި ކުރި ދެ އޮފިސަރުންގެ ވަޒީފާ އިއާދަ ނުކޮށްދިން މައްސަލާގައި ސުޕްރީމް ކޯޓުން ހޫނު ސުވާލުތަކެއް ކުރުމަށްފަހު އިސްތިއުނާފީ އަޑުއެހުންތައް ނިންމާލީ ވެސް މިދިޔަ ހަފްތާގަ އެވެ.
ކްރިމިނަލް ކޯޓުގައި މިވަގުތު ހުރި ވަސީލަތްތަކާއެކު އެ ކޯޓުގައި ނުނިމި ހުރި މައްސަލަތައް ނިންމައި، ބެކްލޮގް ސާފުކުރަން 16 އަހަރު ހޭދަވާނެ ކަމަށް ވިދާޅުވެ އެކަން ހައްލުކުރައްވަން ހުށަހެޅުންތަކެއް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވީ ވެސް މިދިޔަ ހަފްތާގަ އެވެ.
މިދިޔަ ހަފްތާގައި ވަނީ މާލީ ބަޔާން ހާމަކުރަން، ގާނޫނުއަސާސީ އާއި ގާނޫނުތަކުން ލާޒިމްކުރާ ފަރާތްތަކުން، އެ ބަޔާން ހާމަކުރުމުގައި ދޮގު ހައިދިފި ނަމަ 500،000ރ. ގެ ޖޫރިމަނާއަކާއި ޖަލު ހުކުމެއް އަންނަ ގޮތަށް ގާނޫނެއް ހަދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުންގެ މަޖިލީހުގައި އިންނަވަން ޖެހިވަޑައިގެންނެވުމަކީ އުނިކަމެއް ކަމަށާއި އެހެން ނަމަވެސް މަޖިލީހުގެ މެމްބަރަކު އެ ކޮމިޝަނުގައި އިނުމަކީ ބޭނުންތެރިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ވެސް ނިމިދިޔަ ހަފްތާގަ އެވެ.
"ބޮޑީ ވޯން ކެމެރާ" ނުވަތަ ގައިގައި ހަރުކުރާ ކެމެރާ ދިވެހި ފުލުހުންގެ ހިދުމަތުން ބޭނުންކުރަން ފެށީ މިދިޔަ ހަފްތާގަ އެވެ. ޖުމްލަ 200 ކެމެރާ ބޭނުންކުރަން ފަށާފައިވާއިރު އިތުރު 1،200 ކެމެރާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަދާފައިހުރި ޕާކިން ޖާގަތަކުން ދޫކުރަން ނިންމާފައިވާ 211 ޕާކިން ސްލޮޓަށް އޮންލައިންކޮށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 2429 ފޯމް ހުށަހެޅީ ވެސް ނިމިދިޔަ ހަފްތާގަ އެވެ. މާލޭގެ އެކި ހިސާބުތަކުން 450 ޖާގަ ވެހިކަލް ޕާކު ކުރުމަށް ކުއްޔަށް ދޫކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމީ ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށެވެ.
މިދިޔަ ހަފްތާގައި ފޮރިން މިނިސްޓްރީން ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތުގެ ސަބަބުން ގައުމަށާއި ރައްޔިތުންނަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކާ ކުރިމަތިލާންޖެހުމުގެ ފުރުސަތު ބޮޑުކަމުގެ އިންޒާރު ދީފަ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކާލާ 60 ބިމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބޭނެ ކަމަށް ހިސާބުތަކުން ދެއްކީ ވެސް ނިމިދިޔަ ހަފްތާގަ އެވެ. ބީޗް ފްރޮންޓުން 24 ބިން ވިއްކާލުމަށްފަހު މިދިޔަ ހަފްތާގައި ވަނީ ބީޗް ސައިޑުން 36 ބިމެއް ވިއްކާލާފަ އެވެ.
ހަފްތާގެ ބައެއް މުހިންމު ހަބަރުތައް
- ރާއްޖޭގައި އިނގިރޭސިވިލާތުގެ ހައިކޮމިޝަން ހުޅުވުން
- މަހްމޫދުގެ ވާރިސުން އޭނާގެ ގާތިލު ސާލިމް މަރަން އެދުން
- އެމްޑީޕީގެ ޕީޖީ ލީޑަރު ކަމަށް އަސްލަމް އިންތިހާބުކުރުން
- ޅ. މަޑިވަރު އެއާޕޯޓް ރަސްމީކޮށް ހުޅުވައި ދަތުރުތައް ފެށުން
- ރޫޓޫ ފިހާރައިގެ ފައިސާ ފޭރިގަންނަން އުޅުނު މީހުން ކުށަށް އިއުތިރާފްވުން
- ހަ އެއާޕޯޓެއް އެޅުމަށް އަގު ކުޑަކުރުމަށްފަހު އަލުން އިއުލާންކުރުން
- ދެހާސް ނަވާރަވަނަ އަހަރު ށ. ނޫމަރާ ފަރަށް އެރި ބާޖުން ޖޫރިމަނާ ދެއްކުން
- ތެލުގެ އަގު އެސްޓީއޯއިން ބޮޑުކުރުން
- ނުވަ އަހަރުތެރޭ އަންހެން ގައުމީ ފުޓްބޯޅަ ޓީމަށް އަމިއްލަ ދަނޑުގައި މޮޅެއް
ހަފްތާގެ ހޮވާލެވޭ ބައެއް ލިޔުން
- މިއީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާ ދިމާކޮށް ވެސް އެ ޕާޓީގެ ފެކްޝަންތަކުގެ ވާދަވެރިކަން އޮތް މިންވަރު ހާމަކޮށްދޭ ލިޔުމެކެވެ. އަދި، ވާދަކުރާ ދެ ކެންޑިޑޭޓުންގެ ސިޔާސަތުތަކުގައި ހުރި ތަފާތުތަކަށް މި ލިޔުމުގައި ނާޒިމް ހަސަން ވަނީ އަލިއަޅުވާލާފަ އެވެ.
- މި ލިޔުމުގައި މުހައްމަދު ވިޝާމް ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އެންމެ ދަށްވެގެން 30 ޕަސެންޓް ލިބޭ ކެންޑިޑޭޓަކު އަންނަ ގޮތަށް ރައީސް ނަޝީދު ހުށަހަޅުއްވަން ނިންމަވާފައިވާ އިސްލާހާއި މެދު އެމްޑީޕީ އަދި އިދިކޮޅުން ދެކޭ ގޮތް ގެނެސްދީފަ އެވެ. އަދި އެފަދަ ނިންމުމެއް ނިންމުމުގައި ބަލަން ޖެހޭ ކަންކަން އޭނާ ގެނެސްދީފައިވެ އެވެ.
- ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް ރައީސް ސޯލިހު ނިންމަވާފައިވާ ނިންމުމުގެ ސަބަބުން ތައުލީމީ ދާއިރާއަށް އަންނާނެ ބަދަލުތަކާއި ގުޅޭގޮތުން ދާއިރާގެ މީހުންގެ ހިޔާލު ހިމެނޭހެން މި ލިޔުން ފާތިމަތު އަޖުފާން ގެނެސްދީފައިވެ އެވެ.
ދިރާސާތަކުން ކިޔާލުމަށް












