ދުބާއީގެ ޖުމޭރާ ކުންފުނީގައި މަސައްކަތް ކުރާ ކޮރެއާއަށް އަންހެން މުވައްޒަފެއް ރާއްޖެ އައިސް އުޅެނިކޮށް އޭނާ ރޭޕްކުރިކަން ސާބިތުވާ ކަމަށް ކަނޑައަޅައި، އެ މައްސަލާގައި ހައިކޯޓުން ކުރި 15 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ.
ސުޕްރީމް ކޯޓުން މި ހުކުމް ދެމެހެއްޓީ ރޭޕް ސާބިތުކުރުމުގެ ވަރުގަދަ އުސޫލުތަކެއް ގާއިމްކުރުމާއެކު އެވެ.
ދުބާއީގައި ޖުމޭރާ ކުންފުނީގެ ސޭލްސް އެންޑް މާކެޓިންގް ޑިރެކްޓަރުގެ މަގާމު ފުރުމުން ދިޔަ އަންހެން މުވައްޒަފު މީހާ ރާއްޖެ އައީ އެ ކުންފުނިން ގއ. ދެވަނަފުށީގައި ހިންގާ ރިސޯޓް އިޝްތިހާރު ކުރުމަށެވެ. ވޯޓާ ވިލާއިން ބީޗް ވިލާއަށް ބަދަލުވި ދުވަހުގެ ރޭ އޭނާ ނިދާފައި އޮއްވާ އެ ކޮޓަރިއަށް ވަދެ، ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރަނީ އެ ރޫމްގެ އެޓެންޑެންޓަކަށް އުޅުނު ނ. މަނަދޫ، ދިލްބަހާރުގެ، މުހައްމަދު ނިޔާޒާއި، އެ ރިސޯޓްގައި މަސައްކަތް ކުރާ ޔާމީން ފައިސަލް އާއި، އުމަރު ފައިސަލަށެވެ.
ޔާމީންއާ ނިޔާޒާ ދެ މީހުން އެ އަންހެން މީހާގެ ނުރުހުމުގައި ގަދަކަމުން ޒިނޭކޮށްފައިވާތީ، އެ ދެމީހުންނަށް ރޭޕްގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، އެ ޖިންސީ އަމަލުގައި ބައިވެރިކަމުގެ ކުށުގެ ދައުވާ އުމަރަށް ކުރެ އެވެ.
ހެކި ނެތުމުން ކްރިމިނަލް ކޯޓުން ބޭރުކޮށްލި އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމާ އެކު ނިޔާޒުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ އެ އަންހެން މީހާގެ ޖިންސީ ގުނަވަނުން، އޭނާގެ ޑީއެންއޭ ސްވޮބްއެއް ފެނިފައި ވާތީ އެވެ. ނަމަވެސް އެ ޑީއެންއޭ ރިޕޯޓުގައި މައުލޫއީ ގޮތުން އޮޅުންތަކެއް ހުރި ކަމަށާއި، އެ ރިޕޯޓް ތައްޔާރުކޮށްފައި ވަނީ ގާނޫނީ އިޖްތާއަތްތަކާ ހިލާފަށް ކަމަށް ބުނެ، ނިޔާޒުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި އެވެ.

"ޖިންސީ ކުށުގެ ޝިކާރައަކަށްވެ، އަނިޔާ ލިބިފައިވާ އަންހެނާގެ ހެކިބަހުގެ މައްޗަށް ބުރަވެ، އެފަދަ މެޑިކަލް ނުވަތަ ސައިންޓިފިކް ހެކި ހުރެއްޖެ ނަމަ ނުވަތަ އެ ހެއްކަށް ބާރުދޭ އެހެނިހެން ގަރީނާ ހުރެއްޖެ ނަމަ، ރޭޕްގެ ގަރީނާ ހުރެއްޖެ ނަމަ ރޭޕްގެ ކުށް ސާބިތު ކުރުމަށް ފުދޭ،" މިދިޔަ އަހަރު ހުށަހެޅި އެ މައްސަލަ ދިރާސާ ކުރެއްވުމަށްފަހު، ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ހުކުމް ކުރައްވަމުން ވިދާޅުވި އެވެ.
އެ މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މަހާޒު އަލީ ޒާހިރުއާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ތާއީދު ކުރެއްވި އެ ރައުޔު ނެރުނީ ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ރިޔާއަތްކޮށް، އެ ޒަމާނުގައި ހިނގި އެފަދަ ބައެއް ހާދިސާތަކަށް އަލިއަޅުވާލުމުންނެވެ.
ހުސްނުއްސުއޫދު ވިދާޅުވި ގޮތުގައި ޖިންސީ ކުށްތަކަކީ އަނދިރީގައި، ނުވަތަ ސިއްރުން ކުރާ ކުށްތަކަކަށް ވުމުން އެހެން މައްސަލަތަކާ ހިލާފަށް، ހެކި ވަޒަންކުރުމުގައި ލުއި މިންގަނޑެއް ގެންގުޅެން ޖެހޭ ކަމަށެވެ. އަދި އަނިޔާ ލިބުނު ފަރާތުގެ ހެކިބަހާއި، އެހެނިހެން ހެކިތައް ގުޅުވާލެވޭނަމަ ސާބިތުވާނެ ކަމަށް ކަނޑައެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ނިޔާޒުގެ މައްޗަށް ހައިކޯޓުން ކުރި ހުކުމް ދަމަހައްޓަން އަމުރުކުރީ، ކޮރިޔާ އަންހެން މުވައްޒަފުގެ ޖިންސީ ގުނަވަނުން އޭނާގެ ޑީއެންއޭ ފެނިފައިވާ ކަމަށް ދައްކާ ރިޕޯޓް ނަފީކުރެވޭ ވަރުގެ އޮއްޓަރެއް ހުރި ވާހަކައެއް ދައްކާފައި ނުވާތީ ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
އަދި އެރޭ އޭނާގެ ކޮޓަރިއަށް ނިދަން އައިސްފައިނުވާކަން، އެ ރިސޯޓުގެ މުވައްޒަފުންގެ ހެކިބަހުން އެނގެން އޮންނަތީ، އޭނާއަށް ކުރާ ދައުވާއަށް އިތުރަށް ބާރު ލިބިގެންދާކަން ފަނޑިޔާރު ފާހަގަކުރައްވި އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އެ މިންވަރުން ޖިންސީ އަމަލެއް ހިންގިކަން ސާބިތުވާ ކަމަށް ކަނޑައެޅިދާނެ އެވެ.
މެޑިކަލް ލީގަލް ރިޕޯޓްތަކުން އެ އަންހެން މީހާގެ ޖިންސީ ގުނަވަން ކައިރި ދުޅަވެފައި ވާތީއާއި، އެތައް ފަހަރަކު ޖިންސީ ގުޅުން ހިންގިކަމާ، ގޯނާ ކޮށްފައި ހުރި ކަމުގެ ނިޝާންތައް ފެންނަ ހުއްޓެވެ. އެ ކަންކަމާއި، އަނިޔާ ލިބުނު މީހާގެ ބަޔާންތަކާއި، ހެކިބަހާއި، ގުޅުވާލެވޭތީ ފަނޑިޔާރު ނިންމެވީ ރޭޕްގެ އުންސުރުތައް ވެސް ފުރިހަމަވާ ކަމަށެވެ.
މީގެ އިތުރުން އެ ލާއިންސާނީ އަނިޔާއަށްފަހު، އެ އަންހެން މީހާއަށް ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ދައްކާ މެޑިކަލް ރިޕޯޓްތަކަކާއި، ޑޮކްޓަރުންގެ ހެކިބަހަށް ރިޔާއަތްކޮށް އެ މައްސަލަ ނިޔާޒުގެ މައްޗަށް ސާބިތުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ.
ސާބިތުވާ ކަމަށް ކަނޑައެޅިއިރު ރިޔާއަތް ކުރި ކަންކަން
- ނިޔާޒު ތަހުގީގުގައި ހަނުހުރުން
- އޭނާގެ ޑީއެންއޭ، އެ އަންހެން މީހާގެ ޖިންސީ ގުނަވަނުން ފެނުނު ގޮތް ކިޔައި ނުދެވުން
- އެ އަންހެން މީހާއަށް ނަފްސާނީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ރިޕޯޓްތައް
- އަނިޔާ ލިބުނުތާ ކުޑަ އިރުކޮޅެއް ތެރޭ ހެދި މެޑިކަލް ރިޕޯޓް
- އެ ހާދިސާ ރޭ ނިޔާޒު ކޮޓަރިއަށް ނިދަން ނައުން
- މަތީގައިވާ ހުރިހާ ހެކިތަކެއް އަނިޔާ ލިބުނު މީހާގެ ހެކިބަހާއި، ބަޔާނާ ގުޅުވާލެވުން
ނިޔާޒުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެ މައްސަލައަކީ "މައުލޫއީ ގޮތުން އެއްވެސް އޮއްޓަރެއް" ހުރި އިސްތިއުނާފީ މައްސަލައެއް ނޫން ކަމަށް ވެސް ސުޕްރީމް ކޮޓުން ނެރުނު ހުކުމުގައި ވެއެވެ.












