ރިޕޯޓުއާދައިގެ އިންތިހާބެއް ނޫން؛ ބާރު، ނުފޫޒު، ތާއީދު ކިރައިލެވޭނެ

އާދައިގެ އިންތިހާބެއް ނޫން؛ ބާރު، ނުފޫޒު، ތާއީދު ކިރައިލެވޭނެ

ފައްޔާޒާއި އިމްތިޔާޒަކީ މި އިންތިހާބަށް ނުކުންނަ ދެ މޫނެވެ; އެކަމަކު, އެ ދެ މޫނުގެ ފަހަތުގައި ވަނީ އެތައް ކަމެކެވެ. އިންތިހާބާއެކު, އެ އެތައް ކަމެއްގެ ނަތީޖާ ނުކުންނާނެ އެވެ. ރައްޔިތުންނަށް ފެންނަން އޮންނާނެ އެވެ. އެމްޑީޕީއަށް ސާފުވާނެ އެވެ.

ފައްޔާޒާއި އިމްތިޔާޒަކީ މި އިންތިހާބަށް ނުކުންނަ ދެ މޫނެވެ; އެކަމަކު, އެ ދެ މޫނުގެ ފަހަތުގައި ވަނީ އެތައް ކަމެކެވެ. -- ގްރެފިކްސް: އަބްދުﷲ ޝަފީޢު (އަބޯ) / އަދަދު
ފައްޔާޒާއި އިމްތިޔާޒަކީ މި އިންތިހާބަށް ނުކުންނަ ދެ މޫނެވެ; އެކަމަކު, އެ ދެ މޫނުގެ ފަހަތުގައި ވަނީ އެތައް ކަމެކެވެ. -- ގްރެފިކްސް: އަބްދުﷲ ޝަފީޢު (އަބޯ) / އަދަދު

އެމްޑީޕީން ކޮންމެ އިންތިހާބަކާ ދިމާއަށް މިސްރާބު ހިފާލި ނަމަވެސް, މިފަހުން ފެންނަނީ، ޕާޓީގައި އުފެދިފައިވާ ބާގަނޑު ހާމަވާ މަންޒަރެވެ. އެ ދެ ފަޅީގެ ބާގަނޑު ބޮޑުތަނުން ފޭދިގެންދެ އެވެ. ޕާޓީގެ ޗެއާޕާސަން އިންތިހާބާ ދިމާކޮށްވެފައި ހާލަތު މިއޮތީ އެގޮތަށެވެ. ޕާޓީގެ ދެ ފަޅި ނޫނީ ދެ ރައީސުންގެ ފެކްޝަން ފައްކަލަށް ފެން މައްޗަށް އެރީ އެވެ.

ޕާޓީގެ ހިންގުމުގެ އެންމެ އިސްވެރިޔާގެ އިންތިހާބުގެ ރޭހުގެ ފޯރި ވަރަށް ގަދަ އެވެ; ރައީސް އިބްރާހިމް މުހައްމަދު ސޯލިހު, އެމަނިކުފާނުގެ ފަރާތުން ނެރުއްވީ އެމަނިކުފާނުގެ އެންމެ އަރިސް މިނިސްޓަރު, އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. އޭނާއަކީ އެ ފަޅީގައި ހުންނެވި އެންމެ ނުފޫޒުގަދަ, އެންމެ މަގުބޫލު ނަމެވެ. އެހެންވީއިރު އެ ނަމާ ވާދަކުރަން ވެސް ނެރޭނީ ބޮޑު ނަމެކެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފަޅިން ރޭހަށް ނުކުންނަވާނީ އެސްޓީއޯގެ އެމްޑީ ހުސެއިން އަމުރް ކަމަށް ބެލެވިފައި އޮއްވައި, އެންމެ ފަހު ވަގުތު، ރޭގަނޑެއްގެ މެންދަމު މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ ކުރިއަށް ނެރުއްވައި, ޗެއާޕާސަން ކަމުގެ އިންތިހާބަށް ނުކުންނެވީ އޭގެ ސަބަބުތައް ބައިވަރު އޮތުމުންނެވެ. އިމްތިޔާޒަކީ އެ ފަޅިން ނެރެވޭނެ އެންމެ މަގުބޫލު ނަމެވެ.

Advertisement

"އެއްކޮޅުން ފައްޔާޒު, އަނެއް ކޮޅުން އިންތި, މިއީ އާދައިގެ ކުރިމަތިލުމަކަށް ނުވާނެ, މިއީ ހަމައެކަނި އެ ދެ ބޭފުޅުންގެ ވާދައެއް ނޫން, އެމްޑީޕީގެ މި އިންތިހާބަކީ ރިޔާސީ އިންތިހާބަށް ގާތްވެފައި އޮއްވައި ސިޔާސީ މަންޒަރު ރަނގަޅަށް ކުރަހާނެ އިންތިހާބަކަށް ވާނެ," ރާއްޖޭގެ ސިޔާސީ މަޝްރަހު އެނަލައިޒް ކުރައްވާ ބޭފުޅަކު ނޫހުގައި ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

އިހަށް ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައިވަނީ މި އަހަރުގެ އޯގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު ހާއްސަ ކޮންގްރެސްއެއް ބޭއްވުމަށެވެ. އެއީ, އެމްޑީޕީން އެ ޕާޓީގެ ސިޔާސީ ބޮޑު ނިންމުންތައް ނިންމާނެ ވަރުގަދަ ކޮންގްރެސް އެވެ. ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތަށް އަނެއްކާވެސް "އުކުޅަސް ކޮންގްރެސް" އެކެވެ.

އެ ކޮންގްރެސްއަށް މާކުރިންސުރެ ވެސް އެޖެންޑާކޮށްފައި އޮތީ ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމާ ގުޅޭ ބަހުސާއި ރިޔާސީ ޓިކެޓާމެދު ގޮތެއް ނިންމުމެވެ. ރިޔާސީ ޕްރައިމަރީއަކަށް ދިޔުން ނޫނީ ރައީސް ސޯލިހަށް ދެވަނަ ދައުރަކަށް ޓިކެޓް ދޫކޮށްލުމެވެ. އެހެން "އޮޕްޝަނެއް" ހޯދާނަމަ ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމުގެ މަސައްކަތް ފެށުމެވެ.

ރައީސް ސޯލިހާއި ނަޝީދު: ޗެއާޕާސަންގެ އިންތިހާބުން އަނެއްކާވެސް ފެންމަތިވަނީ ދެ ބޭފުޅުންގެ މެދުގައި ސިޔާސީ ވާދަވެރިކަން
ރައީސް ސޯލިހާއި ނަޝީދު: ޗެއާޕާސަންގެ އިންތިހާބުން އަނެއްކާވެސް ފެންމަތިވަނީ ދެ ބޭފުޅުންގެ މެދުގައި ސިޔާސީ ވާދަވެރިކަން

ރައީސް ސޯލިހާއި ނަޝީދު: ޗެއާޕާސަންގެ އިންތިހާބުން އަނެއްކާވެސް ފެންމަތިވަނީ ދެ ބޭފުޅުންގެ މެދުގައި ސިޔާސީ ވާދަވެރިކަން

ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ލިބުނު އުކުޅަސް ކޮންގްރެސްގައި ބަރުލަމާނީ ނިޒާމް, އެމްޑީޕީން ބަލައިގެންފައި އޮތް ނަމަވެސް, އަނެއްކާވެސް ވަނީ އެ ބަހުސަށް ދާން ޖެހިފަ އެވެ. ބޮޑުވަޒީރު ކަމުގެ އުއްމީދުގައި ނަޝީދު އެ މަގަށް ހުރިހާ ކަމެއް ބައްޓަންކޮށްފައިވާއިރު, ބައެއް ބޭފުޅުން އެކަމާ ދެކޮޅެވެ.

މިހާތަނަށް ވެސް އެމްޑީޕީން ތެރޭން އެކަމަށް ނަޝީދަށް އަލި މަގެއް ނުފެނި އޮތީ ވެސް ހިޔާލު ތަފާތުވުންތަކާ ހުރެ އެވެ. އެކަމަށް ހުދު ރައީސް ސޯލިހުގެ ފެހި ސިގްނަލެއް ވެސް ނެތީމަ އެވެ. ދެވަނަ ދައުރަކަށް ނުގޮސް, އެ ނިޒާމް ރާއްޖެ ގެންނަން އެމަނިކުފާނު ބޭނުން ނުވާ ކަމަށް ގާތް ބޭފުޅުން ވިދާޅުވެ އެވެ.

ވީއިރު, ނިޒާމީ ބަހުސް ކުރެވި އެކަމާމެދު ގޮތެއް ނިންމުމުގެ މި ކޮންގްރެސް ދެ ރައީސުނަށް ވެސް މުހިންމެވެ. ކޮންގްރެސްގެ ރިޔާސަތު އަދި އެހާމެ މުހިންމެވެ; އެއީ ފައްޔާޒު ނޫންނަމަ, އިމްތިޔާޒެވެ. ރައީސްގެ ބޭފުޅެއް ނޫންނަމަ, ރައީސް ނަޝީދުގެ ބޭފުޅެކެވެ.

ނިޒާމީ ވޯޓަކަށް ދިޔުމަށް އެމްޑީޕީން އޯގަސްޓް މަހު ގޮތެއް ނިންމުމަށް އެޖެންޑާގައި އޮތްއިރު, ޗެއާޕާސަން ކަމުގެ ރޭހުގައި ތިއްބެވި ދެ ބޭފުޅުންގެ ހިޔާލުން އެ ދުވަހުގެ ބަހުސް ބައްޓައްވެގެންދާނެ ގޮތް މިހާރު ވެސް ތަސައްވަރު ކުރެވެ އެވެ;

"ރާއްޖެ, އަދި ބަރުލަމާނީ ނިޒާމަކަށް ތައްޔާރެއް ނޫނެވެ. ނޫނެކޭ! ބަރުލަމާނީ ނިޒާމް ވަރަށް ހިތްގައިމެވެ."

ފައްޔާޒު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖެ އަދި އޮތް ހާލަތަކީ ބަރުލަމާނީ ނިޒާމަކަށް ރަނގަޅު ހާލަތެއް ނޫނެވެ. އެ ނިޒާމް ގެނެސްފިނަމަ, ފައްޔާޒަށް ފެންނަނީ އޭގެން ފައިދާއަށްވުރެ ގެއްލުމާއި ކަންބޮޑުވުމެވެ.

"ރައްޔިތުންގެ މަޖިލިސްގެ ތެރެއިން ސަރުކާރެއް އުފެދިގެން ދާއިރު މިކަހަލަ ކުޑަ ގައުމެއްގައި ރައްޔިތުންގެ މަޖިލީހުގެ އަދަދު ވެސް ކުޑަ. އެހެންމަ އަޅުގަނޑު ކަންބޮޑުވާ ކަމެއް، ބާރުގަދަ ބައެއްގެ އަތް މައްޗަށް މަޖިލީހާއި ސަރުކާރު ދިޔުމުގެ ފުރުސަތު, ޖުޑިޝަރީ އަދި ހުރިހާ އެއްޗެއް ވެސް އެ ކޮންޓްރޯލްގެ ދަށަށް އެބަ އާދޭ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ގަބޫލު ކުރައްވާ ގޮތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ ހުރިހާ ދިވެހިން ވޯޓު ލައިގެން ހޮވާ މީހަކަށްވުން މުހިންމެވެ. އެ ފުރުސަތު ބަރުލަމާނީ ނިޒާމުގައި ނެތުމުކީ އޭނާގެ ކަންބޮޑުވުމެކެވެ. ބަރުލަމާނީ ނިޒާމެއްގައި ގައުމުގެ އެންމެ އިސް ވެރިޔާގެ ގޮތުން ބޮޑުވަޒީރު, މަޖިލީހުގެ އެންމެ ރައްޔިތުން މަދު ދާއިރާއިން އިންތިހާބުވެގެން ވެސް އަތުވެދާނެ އެވެ. މިސާލަކަށް މައްޗަންގޯޅި މެދު ދާއިރާއިން އިންތިހާބުވެގެން ނަޝީދެވެ.

އެކަމަކު, މި ނިޒާމަކީ އިމްތިޔާޒަށް އެންމެ ހިތްގައިމު ނިޒާމެވެ. އޭނާ ވިދާޅުވި ގޮތުގައި މާކުރިންސުރެ ބަރުލަމާނީ ނިޒާމަކީ, އޭނާއަށް ކަމުދާ ނިޒާމެކެވެ. އަދި, އެ ނިޒާމަކީ އެންމެ ކުރިންސުރެ ވެސް އެމްޑީޕީން ތާއީދުކުރާ, އެ ޕާޓީން ވަކާލާތު ކުރާ ނިޒާމެއްކަން އިމްތިޔާޒު ފާހަގަކުރައްވަ އެވެ. އޭނާއަކީ ނަޝީދު ބޮޑުވަޒީރު ކަމަށް ގެންނަން ވެސް ފުރިހަމައަށް ތާއިދު އޮތް ބޭފުޅެކެވެ.

"ބަރުލަމާނީ ނިޒާމަކީ އަޅުގަނޑަށް ވަރަށް ހިތްގައިމު، ގައުމެއް ހިންގަން ވަރަށް ފުރިހަމަ ވަރަށް ދެފުށް ފެންނަ ގޮތަށް، ވަރަށް ޖަވާބުދާރީ ކުރުވަނިވި ގޮތަކަށް، ވަރަށް ގިނަ ގައުމުތައް، ވަރަށް ތަރައްގީވެފައި ހުރި ގައުމުތަކުގައި ތަޖުރިބާކޮށްފައި އޮތް ވަރަށް ރަނގަޅު ނިޒާމެއްގެ ގޮތުގައި އަޅުގަނޑު ސިފަކުރާނީ،" އިމްތިޔާޒު ވިދާޅުވި އެވެ.

ބަރުލަމާނީ ތެެރޭ މި ބޮޑު ބަހުސް އޮއްވައި, ނަޝީދު ގައުމީ މަޖިލީހަށް އިސްލާހެއްގެ ސިފައިގައި ވައްޓާލީ އަނެއްކާވެސް ކުއްލި ސިޔާސީ ބޮމެކެވެ. އިންތިހާބުގައި 30 ޕަސެންޓަށްވުރެ މަތިން އެންމެ ކުރި ހޯދާ ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ކުރާ ގޮތަށް ހެދުމެވެ. މިހާރު އޮންނަ ގޮތަށް އެންމެ ކުރި ހޯދާ ކެންޑިޑޭޓް 51 ޕަސެންޓް ވޯޓު ހޯދަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލުމެވެ.

އެގޮތަށް އެކަން އިހުގައި އޮތްނަމަ, 2008 ގެ އިންތިހާބުގެ ފުރަތަމަ ބުރުން ވެރިކަމަށް ވަޑައިގެންނެވީހީ ނަޝީދުގެ ބަދަލުގައި މައުމޫނެވެ. ވާދަވެރި 2013ގެ އިންތިހާބުގައި ޔާމީންގެ ބަދަލުގައި ނަޝީދެވެ.

މި ފޯމިއުލާއެއް ނަޝީދު ކުއްލި ގޮތަކަށް ނެރުއްވި ބޭނުމަކީ ކޯލިޝަނުން މިންޖުވުމެވެ. އެމަނިކުފާނަކީ ކޯލިޝަން ވެރިކަމަށް އަބަދުވެސް އިންކާރު ކުރައްވާ ބޭފުޅެއް ނަމަވެސް, 51 ޕަސެންޓް އެއް ޕާޓީއަކަށް ހޯދުމަކީ ނާދިރު ކަމަކަށްވާތީ, ކޭކުން ބޮޑެތި ފޮތިތައް ގުރުބާންކޮށް އެކަމަށް އެއްބަސްވާން މަޖުބޫރުވަނީ އެވެ.

ކޯލިޝަން ދެކެ ނަޝީދު އެހާ ހިތްހަމަނުޖެހޭއިރު, ކޯލިޝަނަކީ ރައީސް ސޯލިހުގެ "ޕްލަސް ޕޮއިންޓް" އެވެ. އެމަނިކުފާނު އަބަދުވެސް ނެރުއްވަނީ ކޯލިޝަނެވެ. ވެރިކަމުގައި ހުންނެވިހާ ދުވަހަކު ކޯލިޝަންގެ މަސްލަހަތު ދަމަހައްޓަވާނެ ކަމަށް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފަ އެވެ. އޭގައި ބޮޑު ސަބަބެއް އެބަ އޮތެވެ; ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުން ވެސް ފެނުނީ އެތަނެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ރައީސް ސޯލިހަށް ނުވަތަ އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ ކޯލިޝަން ލީޑަރުން ވެސް އެތަނަށް ގެންގޮސްގެނެވެ. އެހެންވީއިރު, އެ ފޯމިއުލާއަކީ އަންނަ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރެއް ހޯއްދަވަން ރައީސްއަށް ފެންނަން އޮތް މުޖައްރިބު ފޯމިއުލާ އެވެ. ޔާމީން ނޫނީ ޕީޕީއެމް ބަލިކުރެވޭނެ ގޮތެވެ. އެހެންވެ, އެ ދޫކޮށްލަން އެމަނިކުފާނު ބޭނުން ނުވާނެ އެވެ.

"ނަޝީދުގެ 30 ޕަސެންޓް އިސްލާހަކީ އެކަމަށް ދޭ 'ހަމަލާއެއް', އެމްޑީޕީން ކޯލިޝަނުން ނެރެ ވޯޓާ ދިމާއަށް ދާން ހިޔާރުކޮށްފިނަމަ ކާމިޔާބު ނުވެދާނެ, އެހެންވެ ރައީސަށް ހަތިޔާރު ބަހައްޓާ ބަރުލަމާނީ ނިޒާމަށް އާނބަސް ކިޔަން ޖެހުން އެކަށީގެންވޭ, ކުއްލި 30 ޕަސެންޓް އިސްލާހަކީ އެކަމަށް ކޮށާ މަގަކަށްވުން ގާތް," ސިޔާސީ އެނާލިސިސްޓް ވިދާޅުވި އެވެ.

އެ މަންޒަރު, ފައްޔާޒާއި އިމްތިޔާޒާ ހަމައިން އަނެއްކާވެސް ތިލަވެ އެވެ; އިމްތިޔާޒަށް 30 ޕަސެންޓް އިސްލާހު ކަމުދާއިރު, ފައްޔާޒުގެ ތާއިދެއް ނެތެވެ.

ފައްޔާޒު ގަބޫލު ކުރައްވާ ގޮތުގައި, އެ ފޯމިއުލާއަކީ އެމްޑީޕީއަށް މޮޅުވެވޭނެ ފޯމިއުލާއެއް ނޫނެވެ. އެއީ, އެމްޑީޕީ އެހެން ޕާޓީއަކާ ނުގުޅި އިންތިހާބަށް ނުކުންނަ ތަނުން އެހެން ޕާޓީތައް އެއްގަލަކަށް އަރައި ބޮޑު ޕަސެންޓެއް ހޯދުމުގެ ފުރުސަތު އޮތުމުންނެވެ. ދެހާސްތޭރަ ވަނަ އަހަރުގެ ދެވަނަ ބުރުގައި އެމްޑީޕީއަށްވީ އެހެނެވެ.

އެންމެފަހުން އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން: ނަޝީދު ވަނީ ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހަޅާފައި - ފޮޓޯ: އަބްދުالله އިޔާން / އަދަދު
އެންމެފަހުން އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން: ނަޝީދު ވަނީ ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހަޅާފައި - ފޮޓޯ: އަބްދުالله އިޔާން / އަދަދު

އެންމެފަހުން އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން: ނަޝީދު ވަނީ ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހަޅާފައި - ފޮޓޯ: އަބްދުالله އިޔާން / އަދަދު

އޭގެ އިތުރަށް 30 ޕަސެންޓަށްވުރެ މަތިން އެކަމަކު, ރައްޔިތުންގެ އަގުލަބިއްޔަތު ނެތް ރައީސަކަށް ވެރިކަން އުނދަގޫވާނެކަން ވެސް ފައްޔާޒު ގަބޫލުކުރައްވަ އެވެ. އެހެންވެ, އެ އިސްލާހަކީ އެއާމެދު އިތުރަށް ވިސްނާ ބަހުސް ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ފައްޔާޒު ވިދާޅުވެ އެވެ. ފައްޔާޒު ކުރިއަށް ނެރުއްވާނެ ހައްލުތަކަކީ ރައީސަށް ދެވަނަ ދައުރެއް ޔަގީން ކުރެވޭނެ ހައްލުތައް ކަމަށް އޭނާ ފާހަގަކުރައްވަ އެވެ.

އެ ހައްލުތަކުގެ ތެރޭ 30 ޕަސެންޓް އިސްލާހު ފައްޔާޒަށް ނެތް ނަމަވެސް, އިމްތިޔާޒު އެ އިސްލާހަށް ފުރިހަމައަށް ތާއިދެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި އެމްޑީޕީގެ ވައުދުތަކާއި ސިޔާސަތުތައް ހިންގަން, އެހެން ޕާޓީތަކާ ކޯލިޝަން ހެދުމުން އުނދަގޫވެ އެވެ.

އެހެންވީއިރު, އެމްޑީޕީން މި ޗެއާޕާސަންގެ އިންތިހާބުގައި ވެސް ވޯޓު ނެރޭނީ މި ދެ ފިކުރަށެވެ;

އެއް ފިކުރަކީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯދުމަށް މަގު އަލިކުރާނެ ފިކުރެވެ. އަނެއް ފިކުރަކީ ރިޔާސީ ނިޒާމް ދޫކޮށްލައި, ނަޝީދު ބޮޑުވަޒީރަކަށް ގެނައުމުގެ މަސައްކަތެވެ.

އެހެންވެ, ޗެއާޕާސަން ރޭހުގެ ވޯޓަކީ ބަރުލަމާނީ ނިޒާމަށް އޮތް ތާއިދު ނޫނީ ރިޔާސީ ނިޒާމް ދަމަހައްޓަން ތާއިދު ދެއްކުމުގެ ވޯޓަކަށް ވެސް ވާނެ އެވެ. ރައީސް ސޯލިހު, މިހާރު ހުރި އިއްޒަތާއި ބާރުގައި ރައިސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިތުރު ދައުރަކަށް ހޮވުމަށް ތާއިދުކުރުން ނޫންނަމަ, ނަޝީދު ބޮޑުވަޒީރު ކަމަށް ގެނައުމަށް މަގުކޮށުމުގެ ވޯޓަށް ވެސް ވާނެ އެވެ.

އެމްޑީޕީގެ ކޮންޓްރޯލް ނޫނީ މަގުބޫލްކަން މިހާރު އޮތީ ކޮން ލީޑަރެއްކަން ކަނޑައެޅުމުގެ ވޯޓަށް ވެސް ވާނެ އެވެ. ހަމައެހެން, ނިމިދިޔަ ގައުމީ މަޖިލީހުގެ އިންތިހާބެކޭ އެއްގޮތަށް ދެ ރައީސުންގެ ފެކްޝަންގެ ތެރޭން ހިނގަނީ ކޮން ފެކްޝަނެއްތޯ ބެލުމުގެ އިތުރު ޓެސްޓަކަށް ވެސް ވާނެ އެވެ.

ފައްޔާޒާއި އިމްތިޔާޒަކީ މި އިންތިހާބަށް ނުކުންނަ ދެ މޫނެވެ; އެކަމަކު, އެ ދެ މޫނުގެ ފަހަތުގައި ވަނީ އެތައް ކަމެކެވެ. އިންތިހާބާއެކު, އެ އެތައް ކަމެއްގެ ނަތީޖާ ނުކުންނާނެ އެވެ. ރައްޔިތުންނަށް ފެންނަން އޮންނާނެ އެވެ. އެމްޑީޕީއަށް ސާފުވާނެ އެވެ.

ނާޒިމް ހަސަން

އެސޯސިއޭޓް އެޑިޓަރ

ނާޒިމް ހަސަން އަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ހަބަރުތައް ކަވަރުކުރުމުގައި މިހާރު ހުރި އެންމެ ހުނަރުވެރި އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރެއްގެ މަތިން ހާސިލްކޮށްފަ އެވެ. ކޮމިއުނިޓީ ނޫސް ކުޅުދުއްފުށީ އޮންލައިނުން ކެރިއަރު ފަށައި އޭނާ ވަނީ ކުރިން "ވަގުތު"، "އަވަސް" އަދި "ޖަޒީރާ" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox