ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ފޯމު ހުށަހަޅުއްވައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމާއި އެ ޕާޓީގެ އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފައި ވަނީ މި ހިނގާ ފެބްރުއަރީ 12، ގަ އެވެ. އެ އިންތިހާބުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ފެބްރުއަރީ 19، ގެ 16:00 ގަ އެވެ. ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް ފެބްރުއަރީ 22، ގައި އެ ޕާޓީން އިއުލާން ކުރާނެ އެވެ.
އިންތި ވިދާޅުވީ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށްޓަކައި ތާއީދު ފޯމާއި ކެންޑިޑެންސީ ފޯމް ފުރިހަމަ ކުރައްވައި އެމްޑީޕީގެ އިންތިހާބާއި ބެހޭ ކޮމިޓީއަށް ރޭ ހުށައަޅުއްވާފައިވާ ކަމަށެވެ.
އިންތިގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއި ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދެވެ.
އޭނާ ވަނީ 2012 ވަނަ އަހަރުން ފެށިގެން އަދާކުރައްވަމުން ގެންދެވި އެމްޑީޕީގެ ސްޕޯކްސްޕާސަންގެ މަގާމުން ވެސް މިއަދު އިސްތިއުފާ ދެއްވާފަ އެވެ.

ޗެއާޕާސަންގެ އިންތިހާބުގައި މިހާތަނަށް ވާދަކުރައްވާނެ ކަމަށް ހާމަކޮށްފައިވަނީ އިންތިގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގައި ފައްޔާޒު ތަމްސީލު ކުރައްވަނީ ގަމު ދާއިރާ އެވެ.
އެމްޑީޕީން ހުޅުވާލި އިންތިހާބުތަކުގައި ވޯޓުލެވޭނީ ކުރިމަތިލުމުގެ ފުރުސަތު ބަންދުވުމުގެ ކުރިން ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބޭ މީހުންނަށް ކަމަށް އެމްޑީޕީން ބުނެ އެވެ.
އެގޮތުން، ފެބްރުއަރީ 28، ގައި ވޯޓުލެވޭ މީހުންގެ ލިސްޓު އިއުލާންކޮށް ޝަކުވާއަށް ހުޅުވާލާނެ އެވެ. އެ ފުރުސަތު ބަންދުވާނީ މާޗު 10، ގެ 16:00 ގަ އެވެ. އަދި ފައިނަލް ލިސްޓު އާންމުކުރާނީ މާޗް 16، ގަ އެވެ. އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އެޕްރީލް 16، ގައި އެވެ.
ހަމައެހެންމެ، އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ އިންތިހާބަށް ކުރިމަތިލުމަށް ވެސް ވަނީ ހުޅުވާލާފަ އެވެ. އެ އިންތިހާބު އޮންނާނީ ފެބްރުއަރީ 18، ގަ އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ.












