އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލުގެ ތާއީދު ފޯމާއި ކެންޑިޑޭސީ ފޯމް މިއަދު ހުށަހަޅުއްވައިފި އެވެ.
ފައްޔާޒްގެ ކެމްޕޭމް ޓީމުން ބުނި ގޮތުގައި އެމްޑީޕީގެ އޮފީހަށް އޭނާ މިއަދު ތާއީދު ފޯމު ހުށަހެޅުއްވީ ޖުމްލަ 6،000 މީހުންގެ ސޮޔާ އެކުގަ އެވެ.
އެމްޑީޕީގެ ޗެއާޕާސަކަމަށް ބޭފުޅަކު އިންތިހާބުކުރަން އަންނަ އޭޕްރިލްމަހު ބާއްވާ އިންތިހާބުގައި ފައްޔާޒާ އެންމެ ގާތުން ވާދަކުރައްވާނެ ކަމަށް ބެލެވެނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ.
ފައްޔާޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް އޭނާ ކުރިމަތިލެއްވީ އެ ޕާޓީގެ ހިންގުން ހަރުދަނާކޮށް ޕާޓީއަށް އާ ދިރުމެއް ގެނެސްދެވޭނެ ކަމުގެ ޔަގީންކަން އޭނާއަށް އޮތީމަ އެވެ.
މީގެކުރިން ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ޕާޓީގެ ލީޑަރުންގެ ގޮތުގައި ތިއްބެވި ރައީސް ސޯލިހާއި ރައީސް ނަޝީދު ވަކި ކެންޑިޑޭޓަކަށް ތާއިދުކުރާތީ ހިޔާލުތަފާތުވުންތަކެއް ހުއްޓެވެ. މިފަހަރުގެ އިންތިހާބު ވެސް ފެނިގެންދަނީ ދެ ރައީސުންގެ ވާދަވެރިކަން ފެނިގެންދާނެ އިންތިހާބެއްގެ ގޮތުގަ އެވެ.

މީގެ ދެތިން ދުވަސްކުރިން "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ފައްޔާޒު ވިދާޅުވި ގޮތުގައި ޕާޓީގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކި ކޮޅަކަށް ތާއިދުކުރުމަކީ މައްސަލައެއް ނޫނެވެ.
"އަޅުގަނޑަކީ ކްލީންކޮށް އޮންނަ ގޮތަށް ފެނުމަށް ބޭނުންވާ މީހެއް. އަޅުގަނޑަށް ކަމަކު ނުދޭ ސިއްރުން ކަންކަން ކުރީމަ. އަޅުގަނޑުގެ ހިތުގަ އޮތް އެއްޗެއް ބުނާނަން. ރައީސް ސޯލިހު ވެސް ހަމަ ނުކުންނަވަންވީ. އެގޮތަށް ރައީސް ނަޝީދު ވެސް ހަމަ ނުކުންނަން ވީ،" ދެ ރައީސުން ކުރިޔަށް އޮތް އިންތިހާބުތަކުގެ ކެމްޕޭނަށް ނުކުމެވަޑައިގަތުމަކީ އެއްވެސް މައްސަލައެއް ކަމަށް ނުދެކޭކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމާއި އެ ޕާޓީގެ އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފައި ވަނީ މި ހިނގާ ފެބްރުއަރީ 12، ގަ އެވެ. އެ އިންތިހާބުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ފެބްރުއަރީ 19، ގެ 16:00 ގަ އެވެ. ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް ފެބްރުއަރީ 22، ގައި އެ ޕާޓީން އިއުލާން ކުރާނެ އެވެ.












