ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯއްދަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ފަހުން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް ނުލިބިވާ އަސްލު ފައިސާގެ އަދަދު 45 ޕަސެންޓު އިތުރުވެ 14.5 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ނުލިބި ހުރި ފައިސާގެ އަދަދަކީ ވޭތުވެދިޔަ އަހަރުތަކުގައި ކޮންމެ އަހަރަކު ވެސް ބޮޑުވަމުން އައިސްފައިވާ އަދަދެކެވެ. ރެކޯޑުތަކަށް ބަލާއިރު ޖޫން 2022 ގައި ނުލިބި ހުރީ 5.9 ބިލިއަން ރުފިޔާ އެވެ. އަދި ޖޫން 2023 ގައި އެ އަދަދު 7.7 ބިލިއަން ރުފިޔާގައި ހުރުމަށް ފަހު، ޖޫން 2024 ގައި ވަނީ 10 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
ބަޖެޓު ފޮތާއި މީރާގެ ރިޕޯޓުތަކުގައި މި ހިސާބުތައް ބަޔާންކޮށްފައި ވަނީ ހަމައެކަނި އަސްލު ފައިސާ ނުވަތަ ޕްރިންސިޕަލް އަދަދަށް ބަލައިގެންނެވެ. މީގެ ތެރޭގައި ޖޫރިމަނާ އާއި އެހެނިހެން އަދަބުތައް އިތުރުކުރުމުން ދައްކަން ޖެހޭ ޖުމްލަ އަދަދެއް ސަރުކާރުން ނުބުނެ އެވެ.
މިހެންކަމުން މި އަދަދުތައް ހިމަނައިގެން މިހާރު ދައުލަތަށް ލިބެން ޖެހޭ ފައިސާ ހުރި އަދަދެއް ނޭނގެ އެވެ.
13 ބިލިއަން ރުފިޔާ ހޯދާނަމޭ ބުނިތާ ދެ އަހަރު، ނުލިބޭ ފައިސާވީ އިތުރު!
ދައުލަތަށް ނުލިބި ހުރި 13 ބިލިއަން ރުފިޔާ ހޯދުމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެން، އޭގެ ތެރެއިން ބައެއް ފައިސާ ހޯދިފައިވާ ކަމަށް ވިދާޅުވި ނަމަވެސް އެކަމުގެ ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރޭ. މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ފައިސާ ހޯދުމުގައި ކުރިއެރުމެއް ނުލިބޭތާ، ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު ވަނީ އިތުރުވެފަ!
މުއިއްޒު މި ފައިސާ ހޯއްދަވާނެ ކަމަށް ވިދާޅުވި ދުވަސްވަރު ކަމަށްވާ ޖޫން 2024 އިން ފެށިގެން ބަލާއިރު، މިހާރުގެ ހިސާބުތަކަކީ 4.5 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއީ 45 ޕަސެންޓުގެ ބޮޑުވުމެކެވެ. މިދިޔަ އަހަރުގެ ޖޫންގެ ނިޔަލަށް މި އަދަދު ހުރީ 11.8 ބިލިއަން ރުފިޔާގަ އެވެ. މި ހިސާބުތަކުން ދައްކާ ގޮތުގައި ނުލިބި ހުރި ފައިސާ އަންނަނީ އަހަރަކު އެވަރެޖުކޮށް 2.2 ބިލިއަން ރުފިޔާގެ އިތުރުވަމުންނެވެ.

ބަޖެޓު ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގައި ނުލިބި ހުރި ފައިސާގެ މައިގަނޑު ބައިތަކަކީ އާމްދަނީން ނަގާ ޓެކްސް، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ (ޓީޖީއެސްޓީ)، އާންމު ޖީއެސްޓީ އަދި ރިސޯޓު ކުއްޔެވެ. މީގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ލިބެން ޖެހޭ އާމްދަނީ ވަނީ އޮކްޓޫބަރު 2024 ގައި ހުރި 381.3 މިލިއަން ރުފިޔާއިން، އޮގަސްޓު 2026 ގެ ނިޔަލަށް 1.7 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
މި ނުލިބި ހުރި ބޮޑު އާމްދަނީއަކީ ސަރުކާރުގެ ކޭޝް ފްލޯ މެނޭޖުކުރުމަށް އޮތް ބޮޑު ހިރާހެއް ކަމަށް ބަޖެޓު ފޮތުގައި ފާހަގަކޮށްފައިވެ އެވެ. އަދި ދައުލަތަށް ނުލިބިވާ 14.5 ބިލިއަން ރުފިޔާއަކީ 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ޑެފިސިޓް ކަމަށްވާ 9.4 ބިލިއަން ރުފިޔާއަށް ވުރެ ވެސް ބޮޑު އަދަދެކެވެ.
މި މައްސަލައިގައި ޖުލައި 26، 2024 ގެ މިނިވަން ދުވަހުގެ ހިތާބުގައި މުއިއްޒު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ދައުލަތަށް ލިބެން ޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުހޯދައި ދޫކޮށްލާފައިވާ ކަމަށެވެ.
ހަމައެކަނި މި ފައިސާ ހޯދުނަސް ދައުލަތުގެ ދަރަނީގެ މައްސަލަ ހައްލުވާނެ ކަމަށް އެ ދުވަހު މުއިއްޒު ވިދާޅުވި އެވެ. އަދި ފައިސާ ހޯދަން ސިޓީ ފޮނުވާފައިވާ ކަމަށާއި، ކޯޓަށް ނުގޮސް މީގެ ދެބައިކުޅަ އެއްބައި ހޯދޭނެ ކަމަށް ވިދާޅުވެ، ބޭނުންވެއްޖެ ނަމަ ޝަރުއީ މަރުހަލާ ކުރިއަށް ގެންދަވާނެ ކަމަށާއި އެސެޓް ރިކަވަރީ ގާނޫނެއް ހަދާނެ ކަމަށް އިއުލާނު ކުރެއްވި އެވެ.
ރިސޯޓުތަކާއި ވިޔަފާރިތަކުން ނުދައްކާ ހުރި 13 ބިލިއަން ރުފިޔާ ހޯދާނަން: ރައީސް
ބިމު ކުލީގެ ގޮތުގައި 513 މިލިއަން އެމެރިކާ ޑޮލަރު، ޓީޖީއެސްޓީގެ ގޮތުގައި 102 އެމެރިކާ ޑޮލަރު، ޖީއެސްޓީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ އަދި ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1 ބިލިއަން ރުފިޔާ ނުދައްކާ އެބަހުރި.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވެސް ހަމަ އެ ދުވަސްވަރު ވަނީ ދައުލަތަށް ލިބެން ޖެހޭ 15.4 ބިލިއަން ރުފިޔާ ހޯދުމަށް ނިންމާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޓެކުހާއި ކުލީގެ ގޮތުގައި ލިބެންޖެހޭ 9.6 ބިލިއަން ރުފިޔާ އާއި، ޖޫރިމަނާގެ ގޮތުގައިވާ 5.9 ބިލިއަން ރުފިޔާ އެވެ.
މިހެން ނަމަވެސް މީރާގެ އަމިއްލަ ހިސާބުތަކުން ދައްކަނީ މުޅިން އެހެން މަންޒަރެކެވެ. އެ އިދާރާ ރެކޯޑުތަކުން ދައްކާ ގޮތުގައި ނުލިބ ހުރި އަދަދު 2025 ގެ ކުރީކޮޅު 10.8 ބިލިއަން ރުފިޔާއިން 2025 ގެ ނިޔަލަށް 13.8 ބިލިއަން ރުފިޔާއަށް އިތުރުވި އެވެ. އަދި މާޗު 2026 ގެ ނިޔަލަށް 14.4 ބިލިއަން ރުފިޔާއަށް އިތުރުވި އެވެ.
މި ފައިސާގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ވެސް ހިމެނެ އެވެ. މި އަހަރުގެ މާޗުގެ ނިޔަލަށް މި އަދަދު ވަނީ 3.5 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ ނިޔަލަށް އެ ކުންފުނިތަކުން ދައްކަން އޮތް 2.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.
ނުދައްކާ ހުރި ފައިސާ ހޯދުމުގެ މަސައްކަތުގެ ތެރެއިން، ޖެނުއަރީ އިން ސެޕްޓެމްބަރު 2026 ގެ ނިޔަލަށް މީރާއިން ވަނީ ނުދައްކާ ހުރި ޓެކުހާއި ފީގެ ގޮތުގައި 623 މިލިއަން ރުފިޔާ ހޯދާފަ އެވެ. އަދި ބަޖެޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިކަމަށް ހައްލެއް ހޯދުމަށް ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ގެނައި ހަތަރުވަނަ އިސްލާހަށް 31 އޮގަސްޓު 2026 ގައި ވަނީ އަމަލުކުރަން ފަށާފަ އެވެ.
ނަމަވެސް، މި ފައިސާ ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ސާފުކުރަން މީގެ ކުރިން އަދަދު ނޫހުން އެދުމުން ރައީސް އޮފީހަށް ޖަވާބެއް ވެސް ނުދެވުނެވެ.












