މީގެ ދެ އަހަރު ކުރިން މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ކުރީ ސަރުކާރުތަކުން ނުހޯދާ ހުރި 13 ބިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް ފެށިކަން ރަސްމީކޮށް އިއުލާންކުރައްވާފަ އެވެ. މި ފައިސާއަކީ، މުއިއްޒު ވިދާޅުވި ގޮތުގައި، އެމަނިކުފާނު ވެރިކަން ހަވާލުވިއިރުގައި ސަރުކާރުތަކުން "ފަސޭހަ ގޮތް ހިޔާރުކޮށް"، "ނުހޯދައި"، "ހޯދަން ނޫޅެ"، "ދޫކޮށްލާފައި" ހުރި ފައިސާ އެވެ.
ނުހޯދާ ހުރި ފައިސާ ހޯދުމުގެ މަސައްކަތް ފެށިކަން އިއުލާން ކުރިތާ ތިން މަސް ފަހުން ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި މުއިއްޒު ވަނީ މި ފައިސާގެ ތެރެއިން 3.7 ބިލިއަން ރުފިޔާ ހޯދާފައިވާ ކަން އިއުލާންކުރައްވާފަ އެވެ. މިއާ ގުޅިގެން ސަރުކާރުން ނަގަން ޖެހޭ ދަރަނި ކުޑަވެފައިވާ ކަމަށް ވެސް އެމަނިކުފާނު އެ ދުވަހު ވިދާޅުވި އެވެ.
"ގަވާއިދުތަކާއި ގާނޫނުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފިން. ވަރުގަދަކޮށްގެން، އަޅުގަނޑުމެންގެ ތަންފީޒީ ދާއިރާ ވަރުގަދަކޮށްގެން، 3.7 ބިލިއަން ރުފިޔާ، ސަރުކާރަށް އެކި ފަރާތްތަކުން ދައްކަން ޖެހިފައި، ކުރީ ދުވަސްތަކުގައި ނުހޯދާ، ކުރީ ޒަމާންތަކުގައި، އަހަރުތަކުގައި ނުހޯދާ، ފަސޭހަކޮށްލާފައި ހުރި ފައިސާ، 3.7 ބިލިއަން ރުފިޔާ. އަޅުގަނޑުމެން ރައްޔިތުންގެ ފައިސާ އެއީ. ހޯދާފައި، ވައްދައިފިން ރައްޔިތުންގެ އެކައުންޓަށް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު މިހެން ވިދާޅުވުމުން އަދަދު ނޫހުން ވާނީ މި ފައިސާތައް ހޯދަން ކުރި މަސައްކަތަކީ ކޮބައި ކަމާއި ހޯދީ ކޮން ފައިސާތަކެއްކަން ސާފުކުރަން މަސައްކަތްކޮށްފަ އެވެ. އެކަމަކު ރައީސް އޮފީހުގައި ތަކުރާރުކޮށް ސުވާލުކޮށްގެންނާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރިކުއެސްޓުތައް ހުށަހަޅައިގެން ވެސް މި މައުލޫމާތު ލިބޭ ގޮތެއް ނުވި އެވެ.
ދެން މި ނޫހުން ބެލީ ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފައިވާ މައުލޫމާތު މުއިއްޒުގެ ވާހަކަތަކަށް ބާރުދޭނެ އަދަދުތަކެއް ފެނޭތޯ އެވެ. މީރާގެ މައުލޫމާތުން މި ކަހަލަ އަދަދުތަކެއް ނުފެނުނު ތަނުގައި، އެއަށް ވުރެ މާ ކަންބޮޑުވާ ކަމަކަށް ފާހަގަވި އެވެ. އެއީ، ނުހޯދާ ހުރި ފައިސާތައް ހޯދުމުގައި ސަރުކާރަށް ކުރިއެރުންތަކެއް ނުލިބުނު ތަނުގައި ހޯދަން ޖެހޭ ފައިސާގެ އަދަދު ވެސް އެތައް ބިލިއަން ރުފިޔާއަކުން އިތުރުވެފައިވާ ކަމެވެ.
މި ތަފުސީލުތަކަށް ދިޔުމުގެ ކުރިން، ނުހޯދާ ހުރި ކަމަށް މި ބުނާ ފައިސާއަކީ ކޮބައިކަން އެނގުން ވަރަށް މުހިންމެވެ. މި ފައިސާތަކަކީ ކުރީގެ ރައީސް މައުމޫންގެ ސަރުކާރުން ފެށިގެން ދައުލަތަށް އެކި ގޮތްގޮތުން ލިބެން ޖެހި ނުލިބިވާ ފައިސާތަކެވެ.
މިހެން ދައުލަތަށް ނުލިބި ހުރި ފައިސާތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ރިސޯޓު ހަދަން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ބިމު ކުއްޔާއި ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުން ދައްކަން ޖެހޭ ޓީޖީއެސްޓީ އާއި އާންމު ވިޔަފާރިތަކުން ދައްކަން ޖެހޭ ޖީއެސްޓީގެ އިތުރުން ފައިދާ ލިބޭ ވިޔަފާރިތަކާއި މުއްސަނދިން ދައްކަން ޖެހޭ އިންކަމް ޓެކްސް އެވެ. މި ފައިސާތަކުގެ އިތުރުން އެހެނިހެން ޓެކްސްތަކާއި ޓެކްސް ނޫން އާމްދަނީތަކުން ވެސް ނުލިބިވާ އެތައް މިލިއަން ރުފިޔާއެއް ހިމެނެ އެވެ.
މީރާގެ އެންމެ ފުރަތަމަ އަހަރީ ރިޕޯޓުގައިވާ ގޮތުގައި، 2011 ވަނަ އަހަރު ނިމުނުއިރު ޓެކުހާއި ޓެކްސް ނޫން ފައިސާގެ ގޮތުގައި ދައުލަތަށް ލިބެން ޖެހި ނުލިބިވާ ފައިސާގެ އަދަދަކީ 428.5 މިލިއަން ރުފިޔާ އެވެ. އެ އިދާރާގެ އެންމެ ފަހުގެ ކުއާޓަލީ ރިޕޯޓުގައިވާ ގޮތުގައި، އެ ކުއާޓަރު ނިމުނުއިރު މި އަދަދު ވަނީ، އިންޓްރެސްޓާއި ޖޫރިމަނާތައް ނުހިމަނައި، 14.4 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ 15 އަހަރުގެ ތެރޭގައި 33 ގުނަ ނުވަތަ 3276 ޕަސެންޓުގެ އިތުރުވުމެކެވެ.

ވިޔަފާރިތަކުން، ވަކިން ހާއްސަކޮށް ޓޫރިޒަމް ވިޔަފާރިތަކުން، ދިވެހި ދައުލަތަށް ނުލިބިވާ ފައިސާގެ މައްސަލައަކީ އަލަށް އުފަން ވެގެން އުޅޭ މައްސަލައެއް ނޫނެވެ. މިހެން ނަމަވެސް މި މައްސަލަ ބޮއްސުންލައިގެން ދިޔައީ ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި ދިން ޓެކްސް ލުއިތަކަށް ފަހު އެވެ. މި ލުއިތަކާ ގުޅިގެން ޓެކުހުގެ ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާ މިންވަރު ދަށްވެ، ލިބެން ޖެހޭ ފައިސާގެ އަދަދުތައް ރާސްލާފައި އުފުލެން ފެށި އެވެ.
ރެކޯޑުތަކުން ދައްކާ ގޮތުގައި ޓެކްސް ލުއިތައް ދިން 2020 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ނުލިބިވާ އަދަދު ހުރީ 5.4 ބިލިއަން ރުފިޔާގައި އެވެ. އޭގެ ފަހުން ވޭތުވީ ފަސް އަހަރުގެ ތެރޭގައި މި އަދަދު ވަނީ ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.
މި ސަރުކާރުގެ ފައިސާ ހޯދުމުގެ ޕްލޭން ތަންފީޒުކުރަން ފެށި ފަހުން ވެސް ނުލިބިވާ ފައިސާ އިތުރުވާއިތުރުވުމަށް އެއްވެސް ހުއްޓުމެއް ނާދެ އެވެ. ސަރުކާރުގެ އެ މަސައްކަތް ފެށި ފަހުން ހިނގި ހަތް ކުއާޓަރުގެ ތެރޭގައި އެ އަދަދު ވަނީ 3.5 ބިލިއަން ރުފިޔާއިން އިތުރުވެފަ އެވެ.

މި މުއްދަތުގެ ތެރޭގައި ނުލިބިވާ ފައިސާ އިތުރުވެފައިވާ ގޮތުގެ ޓްރެންޑަށް ބަލާ ކަމުގައި ވަނީ ނަމަ މި އަހަރު ނިމޭއިރު ދައުލަތަށް ލިބެން ޖެހި ނުލިބިވާ އަދަދު 17 ބިލިއަން ރުފިޔާއާ ގާތްކުރާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މީގެ ތެރޭގައި ސީދާ ބޭރު ފައިސާއިން ލިބެން ޖެހޭ 500 މިލިއަން ވަރަކަށް ޑޮލަރު ވެސް ހިމެނެ އެވެ.
މިހެން ނުލިބި ނޫނީ ނުހޯދާ ހުރި އާމްދަނީތަކަށް ބަލާއިރު، އެންމެ ގިނައީ ޓޫރިޒަމް ބިމު ކުއްޔެވެ. ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 5.9 ބިލިއަން ރުފިޔާ ލިބެން ޖެހޭއިރު، މިއީ ނުލިބިވާ އާމްދަނީގެ 41 ޕަސެންޓެވެ.
މިއީ ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާގެ އަދަދު ނުހިމަނާ ހަމައެކަނި ޕްރިންސިޕަލްގެ ގޮތުގައި ލިބެން ޖެހޭ ފައިސާގެ އަދަދެވެ. މީރާއިން ވަނީ 2022 ވަނަ އަހަރުގެ ފަހުން ރިޕޯޓުތަކުގައި މި އަދަދުތައް ޝާއިއުކުރުން ހުއްޓާލައި، ހަމައެކަނި ޕްރިންސިޕަލްގެ ގޮތުގައި ލިބެން ޖެހޭ އަދަދު އެކަނި ހާމަކުރަން ފަށާފަ އެވެ. މިހެންކަމުން އެ އަަދަދު ހިމަނައިގެން ނުލިބިވާ ފައިސާގެ ޖުމްލައެއް ނޭނގެ އެވެ.

ނުލިބިވާ ފައިސާތައް އިތުރުވުމާއެކީ، ދައުލަތުގެ ކުންފުނިތަކުން (އެސްއޯއީތަކުން) މި ފަހަކަށް އައިސް ޓެކްސް ނުދައްކާ މައްސަލަ ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ. ވޭތުވި އަހަރުތަކުގައި މި އަދަދު އިތުރުވަމުން އައިސް މިހާރު އެ އަދަދު ވަނީ ހަތަރު ބިލިއަން ރުފިޔާއާ ގާތްކޮށްފަ އެވެ.
އޭގެ އިތުރުން، މި ސަރުކާރުން ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދަން ނިޒާމުގެ ތެރެއިން ކުރަން ހުރި ކަންކަން ދޫކޮށްނުލާނަމޭ ބުނެ، ކޯޓަށް ދާނެ ކަމުގެ އިންޒާރު ދިން ފަހުން ބައެއް ޓެކްސްތައް ނުލިބޭ މިންވަރު ވަނީ ކުއްލިއަކަށް އިތުރުވެފަ އެވެ. މި ގޮތަށް އެންމެ ބޮޑަށް އިތުރުވެފައި ވަނީ އިންކަމް ޓެކްސްގެ ގޮތުގައި ލިބެން ޖެހޭ އަދަދެވެ.
އިންކަމް ޓެކްސްގެ ގޮތުގައި ނުލިބިވާ އަދަދު 2024 ވަނަ އަހަރުގެ ނިޔަލަށް ހުރީ 817 މިލިއަން ރުފިޔާގަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު މި އަދަދު ހުރީ 2.4 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ހަގީގަތުގައި، މި ސަރުކާރުގެ ނުލިބިވާ ފައިސާތައް ހޯދުމުގެ ޕްލޭނު އެއްވެސް ކޮޅެއްގައި ނުޖެހެ އެވެ. މި ވާހަކަ ފުރަތަމަ ދެއްކެވި ދުވަހު މުއިއްޒު ވިދާޅުވި ގޮތުން ނަމަ މިއީ ވަރަށް ފަސޭހައިން، ސިޓީއެއް ފޮނުވާލައިގެން ލިބެން އޮތް ފައިސާތަކެކެވެ.
ނަމަވެސް ދެ އަހަރު ފަހުން އެ ޕްލޭން ތަންޒީފުވީ މިންވަރު ވަަޒަންކުރާއިރު އެނގެނީ، މާ ބައިވަރު ފައިސާތަކެއް ނުލިބި، ހައްލު ކުރާނަމޭ ބުނި މައްސަލަ ހައްލު ނުވެ، ދައުލަތަށް ލިބެން ޖެހި ނުލިބިވާ ފައިސާގެ މައްސަލަ އިހު އޮތް ގޮތަށް މިހާރު ވެސް އޮތް ކަމެވެ.












