ވެރިއެއްގެ އިސްތަށިފުޅުގައި އެޅިފައިވާ އެންމެ ބޮޑު އަމާނާތަކީ، ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުގައި މާތް ﷲ ގަންދީ ކުރާ މަތިވެރި ހުވައެވެ. ނަމަވެސް، ވެރިކަމުގެ އާރާއި ބާރު ލިބިވަޑައިގަތުމާއެކު، އެ މަތިވެރި ޢަހުދުތަކުގެ މަތިން ހަނދުމަފުޅުނެތި، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް ވައްޓަވައިލެއްވުމަކީ ތާރީހު ދުވަހަކުވެސް މާފުކުރާނެ ކަމެއް ނޫނެވެ. ދިވެހިންގެ ސިޔާދަތާއި، އިސްލާމީ ވަޙުދަތާއި، ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކުރެއްވުމަށް ﷲ ގަންދެއްވައި ކުރައްވައިގެން ހުންނެވި ހުވަޔާ ރައީސް މުޢިއްޒު މިއަދު އެވަނީ ކަނޑައެޅިގެން ހިލާފުވެވަޑައިގެންފަ އެވެ. އެކަން އެގޮތަށް ހިނގާފައިވާކަން ޔަގީންކޮށްލުމަށްޓަކައި، އެމަނިކުފާނު ވެވަޑައިގެންނެވި ހުވައިގެ ކޮންމެ ނުކުތާއަކަށް ވަކިވަކިން ކަޅިއެއް އެއްލުން މުހިންމެވެ.
ގާނޫނު އަސާސީގައި ލިޔެފައި އޮތް ރައީސުލްޖުމްހޫރިއްޔާގެ ހުވައިގެ އިބާރާތް ތިރީގައި ވަނީ އެވެ.
"އަހުރެން . . . . . (މީހާގެ ނަން) . . . . . އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށާއި، ދިވެހި ޤައުމަށް އިޚްލާޞްތެރި ވުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތް ﷲ ގަންދީ ހުވައިކުރަމެވެ."
ﷲ ގަންދެއްވާފައި އޭނާ ކުރައްވައިގެން ހުންނެވި މި ހުވައިގެ އެއްވެސް ބަޔަކަށް ރައީސް މުއިއްޒަށް ކަމޭ ހިއްތެވިއްޖެބާ އެވެ؟ އެކަން ޔަގީން ކޮށްލުމަށްޓަކައި ކޮންމެ ނުކުތާއަކަށް ވަކިވަކިން ކަޅިއެއް އެއްލަމާ ހިންގަވާށެވެ.
1. އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުން:
ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ އިސްލާމީ ޝަހުސިއްޔަތު ތަޣައްޔަރުކޮށް، އެ ހައިސިއްޔަތު ނައްތާލުމަށް އެމަނިކުފާނު އެ ގެންދަވަނީ ގަދައަޅުއްވަމުންނެވެ. ރާއްޖޭގައި ވަޒަންވެރިވުމަށް ޒަޔަނިސްޓުންނަށް ދައުވަތު ދެއްވުމާއި، އެއްޖިންސުން ގުޅުންހިންގުމަށް ހުއްދަކުރާ ސަމޯއާ އެގްރީމެންޓުގައި ސޮއި ކުރެއްވުމަކީ އިސްލާމްދީނަށް ބޭހުރުމަތްތެރިކޮށް ހިއްތެވުމެވެ.
މުސްލިމުންގެ ބާރު ހިނގާފަދަ ގޮތަކަށް ދައުލަތެއް ގާއިމު ކުރުމުގެ ފުރުސަތު ފަހިވެއްޖެނަމަ ކުރަންޖެހޭކަމަށް ސީދާ ކީރިތި ޤުރުއާނުގައި ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ނަމާދު ގާއިމް ކުރުމާއި، ޒަކާތް ދިނުމާއި، އަދި ހެޔޮ ކަންތަކަށް އަމުރު ކުރުމާއި، ނުބައި ކަންތައް ނަހީ ކުރުން ހިމެނެ އެވެ.
ކީރިތި ޤުރުއާނުގެ ހައްޖު ސޫރަތުގެ 41 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައިވާ ކަންކަމުގެ ތެރެއިން ދައުލަތުގެ އެންމެ މުހިންމު އެއް ޒިންމާ ކަމުގައިވާ ހެޔޮ ކަންތަކަށް އަމުރު ކުރުމާއި، ނުބައި ކަންތައް މަނާ ކުރުމަށް މިދަނީ ރައީސް މުއިއްޒުގެ ސަބަބުން ހުރަސް އެޅެމުންނެވެ.
ރާއްޖޭގެ ސައްތައިން ސައްތަ އިސްލާމީ ޝަހުސިއްޔަތު ނެތިއްޖެނަމަ، ދެން މެދުވެރިވާނެ ހާލަތްތަކަކީ އަޅުގަނޑުމެންނަށް ތަސައްވުރުވެސް ކޮށް ނުލެވޭނެ ފަދަ ބިރުވެރި އަދި ނާމާން ކަންތައްތަކެކެވެ. އެފަދަ ޙާލަތުގައި މިނިވަން ދައުލަތެއްގެ ގޮތުގައި ރާއްޖެ ދެމިއެއް ނޯންނާނެއެވެ.
ރައީސް މުއިއްޒު ފިޔަވައިވެސް ރާއްޖޭގައި އެކި ފާޑުފާޑުގެ ސިޔާސީ އެކްސްޕެރިމެންޓް ހިންގަން ބޭނުންވާ މީހުން އުޅެއެވެ. އެމީހުން އެދެނީ އެހެން ގައުމުތަކުގައި ހިނގާފަދަ ބޮޑެތި ހަމަނުޖެހުންތަކާއި، ލޭއޮހޮރުވުންތަކާއި، އަހުލީ ހަނގުރާމަތައް ރާއްޖޭގައިވެސް ހިނގުމަށެވެ. ކޮންފަދަ ނުބައި ފިތުނަވެރި ބައެއް ހެއްޔެވެ؟ ހުދު އެމީހުންގެ އަމިއްލަ ނަފްސުތަކާމެދު ފިކުރެއް ނެތް ހިނދު ދަރިންގެ ދަރިންނާ މެދުވެސް ފިކުރެއް ނެތީއެވެ.
2. ގާނޫނު އަސާސީ ރައްކާތެރިކުރުން:
އެއްވެސް ހާލެއްގައި ގާނޫނު އަސާސީއަކީ އެ ލިޔެވިފައި އޮންނަ ކަރުދާސް ގަނޑެއް ނޫނެވެ. އަދި އޭގައި އޮންނަ އިބާރާތެއްވެސް ނުމެނޫންމެ އެވެ. ނަމަވެސް ގާނޫނު އަސާސީއަކީ އެ ލިޔުމުގައި ވާ ރޫހެވެ. އަދި އެއަށްވުރެވެސް މުހިންމުކޮށް، އެ މާނާގައި ރައްޔިތުންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ އަސާސްތަކެވެ. އެމީހުންގެ ހިތްތަކުގައިވާ ގައުމިއްޔަތުގެ ފުން ޝުއޫރުތަކެވެ.
އާދެ! ޤާނޫނު އަސާސީއަކީ ކޮބައިކަމާމެދު ރައްޔިތުން ކަނޑައަޅާފައިވާ މަބްދައުތަކެވެ. ރައްޔިތުން ގަބޫލު ކޮށްގެން ތިބި ހަމަތަކެވެ. ދެލިގަނޑު ބަދަލު ކޮށްލުމަކީ ފިސާރި ފަސޭހައިން ކުރެވިދާނެ ކަމެކެވެ. ދައުރުން ބޭރުގައި އެންމެ 6 ގަޑިއިރު ތެރޭގައި ގާނޫނު އަސާސީ ބަދަލުކޮށްލީވެސް ހަމަ މި ވެރިކަމުގައިތާއެވެ. އޭނަ ހިތްޕުޅުހުރި ގޮތަކަށް ރައީސް މުޢިއްޒު ޤާނޫނު އަސާސީ ބަދަލު ކޮށްލައްވައިފާނެއެވެ. ދެންހަމަ އޭނަގެ ވަހްމީ ހިޔާލުތަކަކީ ގާނޫނު އަސާސީކަމަށް އަޅުގަނޑުމެން ބަލައިގަންނަން ވީތޯއެވެ؟ ހަމަ ހިލާ އެހެންނަކުން ނުވާނެއެވެ!
އިއްޔެ އޭނަ އެ މަސައްކަތް ކުރެއްވީ "އެންޓައި-ސެމިޓިޒަމް" އަކީ (ޔަޢުނީ: ޔަހޫދީންނާ އިދިކޮޅަށް ވާހަކަ ދައްކައި، ލިޔެ ހެދުމަކީ) ރާއްޖޭގައި ޖިނާއީ ކުށަކަށް ހައްދަވާށެވެ. ރައީސް މުއިއްޒު ދެކެވަޑައިގަންނަވަނީ ރާއްޖެއަކީ ކަތިލަން ހަރަށް އަރުވާފައި އޮތް ކަންބަޅިއެއް ކަމުގައެވެ. ކޮންފަދަ ފުރެދުމެއް ހެއްޔެވެ؟
3. ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުން:
ޒަޔަނިސްޓުން އައިސް ރާއްޖޭގެ ސިޔާސީ ނިޒާމުގެ މައްޗަށް ބާރު ހިންގައި، ރައްޔިތުންގެ މަޖްލީހުގެ ހުރިހާ މެންބަރުން ގަނެލީމާ ދެން ރައްޔިތުންގެ ހައްގުތަކަށް ވާނީ ކިހިނަކުންތޯއެވެ؟
(ހ) މުޅި މަޖްލީހަކީވެސް ގަނެލެވިދާނެ ބައެއްކަން މިހާރުވެސް މިއޮތީ ދިމާއަށް ފެންނާށެވެ. ގައުމީ ހަރަކާތުގެ ފުރަތަމަ ސަފުންވެސް ފެންނަނީ މަޖްލީހުގެ ދެތިން މެންބަރެކެވެ.
(ށ) ޑޮލަރު ބޮއްސުން ދިއުމުގެ ސަބަބުން ހަމަ ކޮންމެ ދުވަހަކުމެ ތަކެތީގެ އަގު އެދަނީ އުފުލެމުންނެވެ. ޑޮލަރު މައްޗަށް ދާނަމަ ތަކެތީގެ އަގު ކޮންޓްރޯލެއް ނުކުރެވޭނެއެވެ.
(ނ) ރައްޔިތުން ވަނީ ބޭސްފަރުވާއަށް ސަލާންޖަހަން މަޖުބޫރުވެފައެވެ. އާސަންދަ މިހާރު އޮތީ ނަމެއްގައެވެ.
(ރ) އަމިއްލަ ގެދޮރު ނެތުމުގެ ސަބަބުން ކައިވެނި ނުކުރެވިފައި ތިބި ޒުވާނުން ބައިވަރެވެ.
(ބ) އެކަށޭނަ މުސާރައެއްގެ ޔަޤީންކަން ނެތުމާއެކު ޝަރަފުވެރި ވަޒީފާއެއް ނުލިބިފައިތިބި ކިޔަވައިންގެން ތިބި އެތަކެއް ޒުވާނުންނެއް އެބަތިއްބެވެ.
(ޅ) ހިޔާލު ފާޅުކުރުން މަޙްދޫދު ކުރަނީ އެވެ. އެއްވުން މަނާ ކުރަނީއެވެ. ޑޮލަރުގެ ވާހަކަ ދެއްކުން މަނާވެއްޖެއެވެ. މާދަމާ ރަސްމާލޭގެ ވާހަކައާއި، ޒަޔަނިޒަމްގެ ވާހަކަ ދެއްކުންވެސް މަނާ ކޮށްފާނެއެވެ.
ރައްޔިތުންގެ ހައްގު އެބަ ރައްކާތެރި ކުރެވޭތޯ އެވެ؟ ގާނޫނު އަސާސީގައި ބަޔާން ކުރެވިފައިވާ އަސާސީ ހައްގުތައް ލިބިގަތުމަށް ދުވަހެއްވިއްޔާ ދުވަހެއް މިދަނީ ހުރަސް އެޅެމުންނެވެ.
ފެހި ޤާނޫނު އަސާސީގެ ފުރަތަމަ ބާބުގައި "ދިވެހި ދައުލަތް" ބަޔާން ކުރުމަށްފަހު ޖެހިގެން އޮތް ދެވަނަ ބާބުގައި އޮތޯ އަސާސީ ޙައްޤުތަކުގެ ވާހަކައެވެ.
"ދީންވެރި" ރައީސްގެ ސަމުގާ އަމާޒު ހިފާފައި މިހުރީ އަޅެފަހެ ކޮން މިސްރާބަކަށް ހެއްޔެވެ؟
4. ގައުމަށް އިހުލާސްތެރިވުން:
ގައުމުގެ ސިޔާދަތާއި، ދިވެހި ރައްޔިތުންގެ ދީނީ ވަޙުދަތު ނުރައްކަލަށް ހުށަހަޅައި، ދައުލަތުގެ އިސްލާމީ ޝަހުސިއްޔަތު ތަޣައްޔަރު ކުރައްވަން މަސައްކަތް ކުރެއްވުމުން ޤައުމަށް އެބަ އިހުލާސްތެރި ވެވޭތޯއެވެ؟
ރައީސް މުއިއްޒު މިހާރު އެހުންނެވީ ކަނޑައެޅިގެން ގައުމަށް އެންމެމަތީ ދަރަޖައިން ހިޔާނަތްވެ ވަޑައިގެންފައެވެ. ގައުމު ދުށް އެންމެ ބޮޑެތި ގައްދާރުންގެ ލިސްޓުން ޖާގަ ކަށަވަރު ކުރައްވައިގެންނެވެ. ކުރެއްވޭ ނުކުރެއްވޭ ކަމެއް، ކުރައްވާ ކަމަކުން ނިކުމެދާނެ ނަތީޖާއެއް އޭނާއަކަށް ވަޒަނެއް ނުކުރެއްވެ އެވެ.
އެމަނިކުފާނު މިހާރު އެހުންނެވީ ބޭރު ބިދޭސީއެއްގެ އަތްދަށުވެފައެވެ. ދެން އޭނައަށް އިސްކުރެއްވޭނީ ޤައުމުގެ މަޞްލަޙަތުބާއެވެ؟ ނޫނީ ބޭރު މީހާގެ މަސްލަހަތުބާ އެވެ؟ ޖަވާބު ވަރަށް ސާފު ދޮގެއްތޯ އެވެ؟ އެހެންކަމަށްވެއްޖިއްޔާ ގައުމަށް އިހުލާސްތެރިއެއް ނުވެވުނުތާއެވެ.
5. ޤާނޫނު އަސާސީއާއި، ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި، ވާޖިބުތައް ތެދުވެރިކަމާއި، އަމާނަތްތެރި ކަމާއެކު އަދާކުރުން:
ރައީސުލްޖުމްހޫރިއްޔާއަކު އިންތިހުބު ކުރަނީ މައިގަނޑު ގޮތެއްގައި ގައުމުގެ ސިޔާދަތު ހިމާޔަތް ކުރުމަށާއި، ދިވެހި ރައްޔިތުންގެ ދީނީ ވަހުދަތު ހިމާޔަތް ކުރުމަށާއި، މި ދެންނެވި 2 ކަންތަކަށް އުނިކަމެއް ނާންނާނޭ ގޮތުން ގައުމަށް ތަރައްގީ ގެނައުމަށާއި، ރައްޔިތުންގެ މަޢީޝަތު ކުރިއެރުވުމަށެވެ. ދިވެހި ކޮންމެ އާއިލާއަކީ ފުދިގެން ޝަރަފުވެރިކަމާއެކު އުޅެވޭ އާއިލާއަކަށް ހެދުމަށެވެ. ދުވަހުން ދުވަހުގެ ޟަރޫރީ ޙާޖަތްތައް ފުއްދުމަށްޓަކައި އެހެން މީހުން ގާތުގައި ކަމުކިޔުމުގެ ނިކަމެތިކަމުން އެމީހުން ސަލާމަތް ކުރުމަށެވެ. އަދި ޤައުމުގެ އަމްނުޢާއްމު (ޕަބްލިކް ސޭފްޓީ) ކަށަވަރު ކުރުމަށެވެ.
މިކަންކަން ކަށަވަރު ކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ ބޮޑުތަކުން ފޭލްވެ ވަޑައިގެންފައެވެ. ވެރިކަމުގެ ފުރަތަމަ ދެ އަހަރު ހޭދަކުރެއްވީ "ކުރީ ސަރުކާރު" އޭ ވިދާޅުވެގެން ބަހަނާ ދެއްކެވުމުގައެވެ. ނަމަވެސް އެ ބަހަނާގެ ފުރަގަހުގައި ނިވާވެވަޑައިގެން ހުންނަވައިގެންވެސް ހިންގެވި ޖަރީމާތައް މަދެއް ނޫނެވެ.
6. ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން 2 ގިންތިއެއްގައި ރައީސް މުޢިއްޒުގެ ނަންފުޅު ޝުމާރު ކުރެވިދާނެ:
މީގެ އެއް ގިންތިއަކީ "ބަލިކަށި" ވެރިންގެ ގިންތި އެވެ. މީގެ ތެރޭގައި ރަދުން އަލްސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ވަނައާއި، ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ހިމެނެ އެވެ.
އަނެއް ގިންތިއަކީ "ނުބައި" ވެރިންގެ ގިންތިއެވެ. އޭގެ ތެރޭގައި ކަޅު މުހައްމަދު ރަސްގެފާނާއި، ހަދި ޙަސަން ރަސްގެފާނާއި، އަދި 9 ވަނަ ހަސަން ރަސްގެފާނު ފަދަ ބޭފުޅުން ހިމެނޭނެއެވެ.
ހަމަ އެއާއެކު މީދޫ ތަކުރާއި، އޭނާގެ ދަރި ތުއްފާށަނާއާއި، އަދި މަޝްހޫރު މުވައްރިޚް އަދި ފަނޑިޔާރު ހަސަން ތާޖުއްދީންގެ 2 ދަރިން ކަމުގައިވާ ޤާޟީ މުޙައްމަދު ޝަމްސުއްދީނާއި، އޭނާގެ ކޮއި ޚަތީބު އަހުމަދު މުހްޔިއްދީންމެން ހިމެނޭ ޣައްދާރުންގެ ލިސްޓުގައިވެސް ރައީސް މުޢިއްޒުގެ ނަން ޝުމާރުވާނެ އެވެ.
މި ހުރިހާ ކަމަކުން އޭނައަށް ކިރިޔާވެސް ސަލާމަތްވެ ވަޑައިގެންނެވެން އޮތް ގޮތަކީ އަމިއްލަފުޅަށް އިސްތިޢުފާ ދެއްވުމެވެ. އެއްވެސް ޙާލެއްގައި އިސްތިއުފާ ދެއްވުމަކީ ނިކަމެތި ކަމެއް ނޫނެވެ. އިސްތިއުފާ ދެއްވުމުގެ މާނައަކީ، ވެރިކަން ކުރެއްވުމުގެ ގާބިލުކަން ތިމާގެ ކިބާގައި ނެތްކަން ގަބޫލު ކުރައްވައި، އެކަމަށް ތަސްލީމް ކުރެއްވުމެވެ. ގައުމަށް ހެޔޮ އޮތީ އެގޮތުގައެވެ. ހުދު އޭނާއާއި، އޭނާގެ ޢާއިލާއަށްވެސް އެންމެ ރަނގަޅީ އެގޮތެވެ. އެހެންކަމުން މި މަގު އޭނަ ޚިޔާރު ކުރައްވާނެކަމަށް އަޅުގަނޑު އުންމީދު ކުރަމުއެވެ.
ވެރިކަމުގެ ލައްޒަތު ފެނިވަޑައިގެން އާސޯޚްވުމުގެ ސަބަބުން ރައީސް މުޢިއްޒު މިހާރު އެހުންނެވީ މުޅީން ފާލުން ނެއްޓި ވަޑައިގެންފަ އެވެ. ﷲ ގަންދެއްވާފައި އޭނަ ކުރައްވައިގެން ހުންނެވި ހުވަޔާ ރައީސް މުޢިއްޒު ހިލާފުވެ ވަޑައިގެންފައި ވުމުން މިހާރު އޭނާއަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެއް ނޫނެވެ. އޭނަ އަމިއްލަފުޅަށް މަގާމުން ފެޔަށްޖެހިވަޑައި ނުގަންނަވާނަމަ ގާނޫނީ ހަމަތަކުން މަގާމުން ދުރު ކުރުމުގެ މަސައްކަތް ފަށައިގަންނަން ޖެހެއެވެ.
އެގޮތުން އެކަން ވާން ނެތް ނަމަ ދެން ޖެހޭނީ ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައިވާ ރައްޔިތުންގެ ބާރު ބޭނުން ކުރާށެވެ. ރައީސުލްޖުމްހޫޜިއްޔާ ވެރިކަމުން ދުރު ކުރުމަށް ރައްޔިތުންގެ ބާރު ބޭނުން ކުރުމަކީ އެއްވެސް ހާލެއްގައި ޣައިރުޤާނޫނީ ކަމެއް ނޫނެވެ. އަދިކިއެއްތަ! އެއީ އެމީހުންނަށް ލިބިފައިވާ ފުރިހަމަ ބާރަކާއި، އިޚްތިޔާރެކެވެ.
ރައްޔިތުންނަށް ހިދްމަތް ކުރުމަށްޓަކައި ވަގުތީ ގޮތުން ޢައްޔަން ކުރާ މީހާ ހިތްޕުޅު ހުރިގޮތަކަށް ޤައުމު ކުދިކުދި ކުރާއިރު ރައްޔިތުންނަށް ބަލަން ތިބެވޭކަށް ނޯންނާނެތާއެވެ. ރައީސް މުއިއްޒުގެ އަމަލުފުޅުތައް މިހާރު އެހުރީ ދިވެހި ދައުލަތް އެއްކޮށް ވުޖޫދުން ފޮހެވިގެންދާ ފަދަ ނުރައްކާތެރި ގޮތަކަށެވެ.
1932 ގައި އުފެއްދި ފުރަތަމަ ގާނޫނު އަސާސީގެ އުމުރުން އަހަރުވެސް ނުފުރެނީސް 1933 ގައި ރައްޔިތުން އެ ލިޔުން ވީދާލި އެވެ. އަސާސީ ލިޔެފައި އޮތީ އެންމެ ފޮތެއްގައި ކަމަށްވާނަމަ، އެހިސާބުން އަސާސީ ވުޖޫދުން ފޮހެވިގެން ދިޔައީތާ އެވެ. ނަމަވެސް އެއީކީ ރައްޔިތުން ކުރި ކުށެއް ނޫނެވެ. އެކަން އެގޮތަށް ކުރުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު ރައްޔިތުންނަށް ލިބިފައިވެއެވެ. އަނެއްކާ އެމީހުން އެކަން ކުރީ އޭރު ހުންނެވި ރަދުންނާއި، ދައުލަތުގެ އެންމެހާ ބޮޑުންގެ ދެކެވަޑައިގަތުމާއި، ދެނެވަޑައިގަތުމާ އެކުގަ އެވެ. ރާއްޖޭގެ ރަސްކަމުގެ ރަސްމީ ބޮޑު ގަނޑުވަރުގެ ހިއްތަންދޮރޯށި ކުރިމަތީގަ އެވެ.
އެޑިޓަރުގެ ނޯޓު: މުހައްމަދު މުޖުތަބާ އާދަމްއަކީ އިޖުތިމާއީ އަދި އިގުތިސާދީ މައްސަލަތަކުގައި ލިޔުއްވާ، އަދި ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރައްވާ ބޭފުޅެކެވެ. އަދާލަތު ޕާޓީ އުފެދުނު ދުވަސްވަރު އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައިވާ މުޖުތަބާއަކީ ރައީސް މުހައްމަދު މުއިއްޒުގެ ދެބޭންގެ ދެދަރި ބޭބެއެކެވެ. މި ލިޔުމަކީ ލިޔުންތެރިޔާ ފޮނުއްވި ގޮތަށް، ނޫހުގެ އެޑިޓޯރިއަލް ހަމަތަކަށް ފެއްތުމަށްޓަކައި ބައެއް އިބާރާތްތަކާއި އިމްލާގެ ކުށްތައް އިސްލާހުކުރުމަށްފަހު ޝާއިއުކޮށްފައިވާ ލިޔުމެކެވެ. ލިޔުމުގައިވާ ހިޔާލުތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލެވެ.








