ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފި އެވެ.
އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންގެ ފަރާތުން ވާދަކުރައްވަނީ ޕީއެންސީއަށް ނިސްބަތްވާ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު އަދި އެމްޑީޕީއަށް ނިސްބަތްވާ ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރު އެވެ. އަލީ އަހުމަދަށް 312 ވޯޓު ލިބުނުއިރު ޒާފިރުއަށ ލިބުނީ 229 ވޯޓެވެ.
މީގެއިތުރުން ޑަބްލިއުޑީސީ ރައީސުންގެ ފަރާތުން އެލްޖީއޭ ބޯޑަށް ވާދަކުރައްވަނީ އެމްޑީޕީއަށް ނިސްބަތްވާ ލ. ގަމު ޑަބްލިއުޑީސީގެ ރައީސް މަރްޔިޔަމް ނީނާ އަދި ޕީއެންސީއަށް ނިސްބަތްވާ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާ އެވެ. ޒީނާ އަށް 79 ވޯޓު ލިބުނުއިރު ނީނާއަށް ލިބުނީ 53 ވޯޓެވެ.
މި ވޯޓު ކުރިއަށްދިޔައިރު އުތުރުގެ ތިން އަތޮޅުގެ ހުރިހާ ރޫޓެއްގެ އާރްޓީއެލް ފެރީ ދަތުރުތައް މިއަދު ހެނދުނު ކުއްލި ގޮތަކަށް ކެންސަލްކުރި އެވެ.
މި އިންތިހާބަށް ވޯޓުލުމުގެ ހައްގު 807 މީހަކަށް ލިބިފައިވެ އެވެ. އެއީ 625 ކައުންސިލަރުންނާއި، 625 ޑަބްލިއުޑީސީ މެންބަރުންނެވެ.

އެލްޖީއޭގެ އިންތިހާބުގައި ސިޓީ ކައުންސިލުގެ ތެރެއިން ވާދަކުރެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެވެ. އޭނާއާ ދެކޮޅަށް އެއްވެސް ބޭފުޅަކު ކުރިމަތިނުލެއްވުމުން އިންތިހާބަކާ ނުލައި މަގާމަށް ވަނީ އިންތިހާބުވެފަ އެވެ.
އެލްޖީއޭގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ޖެންޑާ އީކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރަކަށް، އާއިޝަތު އާރިފާ އަދި ގަވާނެންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެންބަރަކަށް މުހައްމަދު އާރިފް އައްޔަންކުރަން މިދިޔަ އޮގަސްޓް މަހު ވަނީ ފާސްކޮށްފަ އެވެ.
މީގެއިތުރުން އެލްޖީއޭގެ ބޯޑުގައި ދެން ހިމެނެނީ އެ ބޯޑުގެ ރައީސް، ފިނޭންްސް މިނިސްޓަރު ހަސަން ޒަރީރު، ނައިބުރައީސް ފާތިމަތު ނިއުމާ، ސީއީއޯ މުހައްމަދު ނިމާލު، ބޯޑު މެންބަރު ފާތިމަތު ޒީނާ އަލީ، ބޯޑު މެންބަރު މުހައްމަދު އާޒާދު އަދި ބޯޑު މެންބަރު އަޒްހާ ޟަމީރު އެވެ.










