ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.
މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 ޖެހުމާ ހަމައަށް ކުރިއަށްދާ މި އިންތިހާބުގައި ވާދަކުރަނީ އެމްޑީޕީ އަދި ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުންނާއި ޑަބްލިއުޑީސީ މެންބަރުންނެވެ.
އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންގެ ފަރާތުން ވާދަކުރައްވަނީ ޕީއެންސީއަށް ނިސްބަތްވާ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު އަދި އެމްޑީޕީއަށް ނިސްބަތްވާ ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރު އެވެ.
މީގެއިތުރުން ޑަބްލިއުޑީސީ ރައީސުންގެ ފަރާތުން އެލްޖީއޭ ބޯޑަށް ވާދަކުރައްވަނީ އެމްޑީޕީއަށް ނިސްބަތްވާ ލ. ގަމު ޑަބްލިއުޑީސީގެ ރައީސް މަރްޔިޔަމް ނީނާ އަދި ޕީއެންސީއަށް ނިސްބަތްވާ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާ އެވެ.
މި އިންތިހާބަށް ވޯޓުލުމުގެ ހައްގު 807 މީހަކަށް ލިބިފައިވެ އެވެ. އެއީ 625 ކައުންސިލަރުންނާއި، 625 ޑަބްލިއުޑީސީ މެންބަރުންނެވެ.

އިންތިހާބުގެ ވޯޓުލުން 19 އަތޮޅެއްގައި ކުރިއަށްދާއިރު، އިންތިހާބުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވަމުންދަނީ އެލްޖީއޭގެ މުވައްޒަފުންނެވެ.
އެލްޖީއޭގެ އިންތިހާބުގައި ސިޓީ ކައުންސިލުގެ ތެރެއިން ވާދަކުރައްވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެވެ. އޭނާއާ ދެކޮޅަށް އެއްވެސް ބޭފުޅަކު ކުރިމަތިނުލެއްވުމުން އިންތިހާބަކާ ނުލައި މަގާމަށް ވަނީ އިންތިހާބުވެފަ އެވެ.
އެލްޖީއޭގެ ބޯޑަށް މެންބަރުން އިންތިހާބުކުރުން ކުރިއަށް ގެންގޮސްފައި މިވަނީ މިދިޔަ އޮގަސްޓު މަހު އިންތިހާބު ބާއްވަން ނިންމުމަށްފަހު އެވެ. އެ އިންތިހާބު ނުބާއްވައި ދިގުލައިގެންދިޔުމުން އެމްޑީޕީން އެކަމާ ކަންބޮޑުވުން ފާޅުކުރި އެވެ.
އެލްޖީއޭގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ޖެންޑާ އީކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރަކަށް، އާއިޝަތު އާރިފާ އަދި ގަވާނެންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެންބަރަކަށް މުހައްމަދު އާރިފް އައްޔަންކުރަން މިދިޔަ އޮގަސްޓް މަހު ވަނީ ފާސްކޮށްފަ އެވެ.
މީގެއިތުރުން އެލްޖީއޭގެ ބޯޑުގައި ދެން ހިމެނެނީ އެ ބޯޑުގެ ރައީސް، ފިނޭންްސް މިނިސްޓަރު ހަސަން ޒަރީރު، ނައިބުރައީސް ފާތިމަތު ނިއުމާ، ސީއީއޯ މުހައްމަދު ނިމާލު، ބޯޑު މެންބަރު ފާތިމަތު ޒީނާ އަލީ، ބޯޑު މެންބަރު މުހައްމަދު އާޒާދު އަދި ބޯޑު މެންބަރު އަޒްހާ ޟަމީރު އެވެ.













