ވޭތުވެދިޔަ ދެ އަހަރާއި މި އަހަރުގެ ބަޖެޓުގައި ހިމެނި ގޮތަށް މަސައްކަތް ނުހިނގިޔަސް، އަންނަ އަހަރު ބޭރު ދަރަނި އަދާކުރަން ފަސޭހަވޭތޯ 175 މިލިއަން ޑޮލަރުގެ އާ ބޮންޑެއް ނުވަތަ ސުކޫކެއް ބައިނަލްއަގުވާމީ ބާޒާރަށް ވިއްކުމަށް ސަރުކާރުން ހިމަނައިފި އެވެ.
ބަޖެޓު ހިސާބުތަކުން ސުކޫކެއް ވިއްކަން އުޅޭކަން އެނގުނަސް، މިކަމުގެ އެއްވެސް ތަފުސީލެއް ސާފެއް ނުވެ އެވެ. އަދި، ފިނޭންސް މިނިސްޓަރު ހަސަން ޒަރިރު މަޖިލީހަށް އިއްވެވި ބަޖެޓު ބަޔާނުގައި ވެސް މި ވާހަކަ ފާހަގަކުރައްވާފައި ނުވެ އެވެ.
ބަޖެޓު ޕްލޭނުން އެނގޭ ކަމަކީ ކުރިއަށް އޮތް ތިން އަހަރު ވެސް ސަރުކާރުގެ ވިސްނުމަކީ ބޮންޑު ނޫނީ ސުކޫކު ވިއްކުން ކަމެވެ. ސަރުކާރުން ރާވާފައި ވަނީ 2028 ގައި 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) އަދި 2029 ގައި 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ހޯދާށެވެ. މިއާއެކީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ހޯދާ ޖުމްލަ އަދަދު 675 މިލިއަން ޑޮލަރަށް އަރަ އެވެ.
ސަރުކާރުން މި އަހަރުގެ ބަޖެޓުގައި ވެސް ބޭރުގެ ބާޒާރަށް ގޮސްގެން 450 މިލިއަން ޑޮލަރު (6.9 ބިލިއަން ރުފިޔާ) ހޯދަން ރޭވި އެވެ. ނަމަވެސް ވޭތުވި އަހަރުތަކެކޭ އެއް ގޮތަށް މި އަހަރު ވެސް މި ފައިސާ ނުހޯދެ އެވެ. މި އަހަރުގެ އޭޕްރިލްގައި ސުކޫކު ދައްކަން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އިން ބޮޑު އަދަދެއް ނަގަން ޖެހުނީ ވެސް މި ޕްލޭން ފެއިލްވުމުންނެވެ.
މި ސުކޫކުގެ ޕްރިންސިޕަލް އަދި ފައިދާގެ ގޮތުގައި އެރު 524.7 މިލިއަން ޑޮލަރު ދެއްކީ އެސްޑީއެފް ފަންޑުން 350 މިލިއަން ޑޮލަރު ނަގައިގެންނެވެ. އަދި ބާކީ 175 މިލިއަން ޑޮލަރު ހަމަޖެއްސީ ދައުލަތުގެ ރަސްމީ ރިޒާވުންނެވެ.

ސުކޫކަށް ފައިސާ ދެއްކުމާ ގުޅިގެން ރަސްމީ ރިޒާވު 1.3 ބިލިއަން ޑޮލަރުން 718 މިލިއަން ޑޮލަރަށް ވެެއްޓުނެވެ. އަދި ބޭނުންކުރެވޭ ރިޒާވު 148 މިލިއަން ޑޮލަރަށް ދަށަށް ދިޔަ އެވެ. މިހެން ނަމަވެސް، މި ފައިސާ ދެއްކުމާ ގުޅިގެން އިތުރަށް ދަރަނި ނެގޭނެ މަގު ވަނީ ފަހިވެފަ އެވެ.
ސަބަބަކީ ސުކޫކު ދެއްކުން ރާއްޖޭގެ ރޭޓިން މަތިވުމެވެ. އިގުތިސޯދީ މާހިރުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ސަރުކާރުން ރޭވި ގޮތަށް ބޮންޑު މާކެޓަށް ނުދެވި އޮތީ މި ރޭޓިން ދަށްކަމުންނެވެ. މިހެން ނަމަވެސް އަދިވެސް ރާއްޖޭގެ ރޭޓިންތައް ހުރީ "ޖަންކް" ދަރަޖައިގައި ކަމުން ބޮޑު އިންޓްރެސްޓެއްގައި ނޫނީ ދަރަނި ހޯދަން ފަސޭހައެއް ނުވާނެ އެވެ.
ބޮންޑު މާކެޓުން ހޯދާ ފައިސާ ހިމެނޭ ގޮތަށް އަންނަ އަހަރުގެ ބަޖެޓުގައި ބޭރުން ޖުމްލަ 6.9 ބިލިއަން ރުފިޔާ ހޯދަން ވަނީ ހިމަނާފަ އެވެ. އަދި އަންނަ އަހަރު އެސްޑީއެފް ފަންޑަށް 2.36 ބިލިއަން ރުފިޔާ ޖަމާކުރަން ނިންމާފައި ވާއިރު، ހަމަ އެ އަދަދު އެ ފަންޑުން ނަގަން ވެސް ވަނީ ހިމަނާފަ އެވެ.












