މަސްތުގެ ހާލުގައި ހުރެ، އާންމު އުނދަގޫކުރާތީ ފުލުހުން ހައްޔަރުކުރި މީހަކު ފަރުވާއަށް އެންޑީއޭގެ މަރުކަޒަކަށް ބަދަލުކުރުމުން އެ ތަނުން ފިލައިފި އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އަހުމަދު ފައިރިޝް ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ މި އަހަރުގެ ކުރީކޮޅު މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ވެސް 15 ދުވަސް ބަންދުގައި ހޭދަކޮށްފައިވާ މީހެކެވެ.
"ފައިރިޝް ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކޮށްފަ. އެތަނުގެ ބެލުމުގެ ދަށުގައި ހުއްޓާ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ފިލާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވޭ،" މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވެ އެވެ.
އޭނާ މިހާތަނަށް ފެނިފައެއް ނުވެ އެވެ.
އޭނާ އަލުން ހައްޔަރުކުރީ އޮކްޓޯބަރު 17، ގަ އެވެ. އެ މީހާ ހައްޔަރުކުރީ، އޭނާގެ އުނދަގުލުން ސަލާމަތް ކޮށްދިނުމަށް އެދި ފުލުސް އޮފީހުގައި މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށެވެ.













