ނިމިދިޔަ ހަފްތާ: ހަރަކާތްތައް ފުޅާކޮށް އިދިކޮޅުން މުޒާހަރާ އަށް ނުކުތް

ހުކުރު ދުވަހު ބޭއްވި އެއްވުން ފުލުހުން ހުއްޓުވާފައި. މި އެއްވުމުގެ ތެރެއިން 11 މީހުން ހައްޔަރުކުރި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހުކުރު ދުވަހު ބޭއްވި އެއްވުން ފުލުހުން ހުއްޓުވާފައި. މި އެއްވުމުގެ ތެރެއިން 11 މީހުން ހައްޔަރުކުރި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެތިބޭ ކަމަށް ތުހުމަތުކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ސިލްސިލާކޮށް ހިންގަމުން އަންނަ ހަރަކާތްތައް ފުޅާކޮށް މާލޭގައި ބޮޑު އެއްވުމެއް ބޭއްވީ މިދިޔަ ހަފްތާގަ އެވެ.

"ނޭވާހޮޅިއަށް" ނަމުގައި އެއްވުން ބާއްވަން މަސައްކަތްކުރި ނަމަވެސް ފުލުހުން ވަނީ އެއްވުމުގެ ފުރުސަތު ނުދީ އެއްވުން ރުޅާލާފަ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އެއްވުމަށް އިދިކޮޅުން ތައްޔާރުވަމުން ދަނިކޮށް އެއްވުން ނުބޭއްވުމަށް ފުލުހުން އިންޒާރު ވެސް ދިނެވެ. އާންމު ސަލާމަތަށް ނުރައްކާވާތީ ކުރިއަށް ގެންދިޔުމުގެ ފުރުސަތު ނުދޭނެ ކަމަށާއި އެއްވުމުގައި ބައިވެރިވާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ދިނެވެ. ހަމައެހެންމެ، ރަސްމީ އިދާރާތަކުން އަންގާފައިވާ އެންގުންތަކަށް ބޯލެނބުމަށް އިދިކޮޅު ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކުރި އެވެ.

މި އިންޒާރުތަކަށް ބެލުމެއް ނެތި ބޭއްވުމުގެ މުޒާހަރާގެ ތެރެއިން 11 މީހުން ހައްޔަރުކުރި އެވެ. އެ މީހުން ހައްޔަރު ކުރީ "ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅުމުން" ކަމަށް ފުލުހުން ބުނެ އެވެ.

މާލެ ސަރަހައްދަށް ޒަމާނުއްސުރެ ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް މި ސަރުކާރުން އިއުލާނުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން، ހުޅުމާލޭން ދޫކުރަން ނިންމާފައިވާ 1،000 ގޯއްޗަށް ކުރިމަތިލުމަށް އަންނަ ޖޫން މަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ހާމަކުރެއްވީ ވެސް ނިމިދިޔަ ހަފްތާގަ އެވެ.

މި ސަރުކާރުން އިއުލާނުކޮށް ފަށާފައިވާ އެއްވެސް ފްލެޓު މަޝްރޫއެއް މި ދައުރުގެ ތެރޭގައި ނުނިމޭނެކަން ހައުސިން މިނިސްޓްރީން ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައިވާ މައުލޫމާތުތަކުން ހާމަވީ ވެސް ނިމިދިޔަ ހަފްތާގަ އެވެ. މި ސަރުކާރުން ހާއްސަކޮށް މާލޭ ސަރަހައްދުގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ލަސްވަމުންދާތީ މީގެ ކުރިން ވެސް ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

ކްރިމިނަލް ކޯޓުން ޔޫތު މިނިސްޓަރު މަހުލޫފުގެ މައްސަލަ ބޭރުކޮށްލީ ދައުލަތުން ހުށަހެޅި ހުރިހާ ހެއްކަކަށް ރިޔާއަތް ނުކޮށް ކަމަށް ކަނޑައަޅާ، އެ ދައުވާ ކުރިއަށް ގެންދިއުމަށް ހައިކޯޓުން އަމުރުކުރީ ވެސް މިދިޔަ ހަފްތާގަ އެވެ. ހައިކޯޓުން އެ ނިންމުން ބާތިލްކުރީ އެ މައްސަލަ ބެއްލެވި ގާޒީންގެ އަގުލަބިއްޔަތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަދި އޭނާގެ އާއިލާގެ ބައެއް މެންބަރުންގެ ހިއްސާ އޮންނަ ކުންފުންޏަކުން އާންމުންގެ އަތުން ފައިސާ ނަގައިގެން ހިންގަމުންދިޔަ ސްކީމުގައި، މަކަރުން ފައިސާ ހޯދާ ޕޮންޒީ ސްކީމާ ވައްތަރު ކަންކަން ހުރުމުން ތަހުގީގު ކުރަން ފެށީ ވެސް ނިމިދިޔަ ހަފްތާގަ އެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލައިގެން ދިން ޓެރަރިޒަމް ހަމަލާއަށްފަހު، ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި މާލޭން ހައްޔަރު ކުރި އއ. މާޅޮސް، އަސަރީގެ މުހައްމަދު ނާޒިމްއަށް ކުރާ ޓެރެރިޒަމްގެ ދައުވާތަކަށް އޭނާ އިންކާރުކުރީ ނިމިދިޔަ ހަފްތާގަ އެވެ.

ހުޅުމާލޭގައި 2019 ވަނަ އަހަރުގެ ފަހުކޮޅު ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލި ގާސިމް ހަސަން, 59, ގެ މަރުގެ މައްސަލަ އަވަހަށް ނިންމައިދިނުމަށް އެ މައްސަލައިގައި ދައުވާ ލިބޭ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު އެދުނީ ވެސް ނިމިދިޔަ ހަފްތާ ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގަ އެވެ.

ހަރުކަށި ފިކުރު ހުއްޓުވުމަށް ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ދެނެގަތުމުގެ މަޝްވަރާތައް އެޓާނީ ޖެނެރަލްގެ އޮފީހުން ފެށީ ވެސް މިދިޔަ ހަފްތާގަ އެވެ. ފަތުވާދޭ މަޖިލިސް އެކުލެވިގެންވާ ގޮތާއި އެ މަޖިލީހުގެ މަސްއޫލިއްޔަތުތައް މުރާޖަ ކުރުމުގެ އިތުރުން ހަރުކަށި ފިކުރު ހުއްޓުވުމަށް އެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ދެނެގަތުމަށް ވަނީ މަޝްވަރާކޮށްފަ އެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސްގައި މިނިސްޓަރަކަށް ކުރިން ހުންނެވި މުހައްމަދު މަލީހް ޖަމާލް، އެ މިނިސްޓްރީގައި އޭނާގެ ކޮޓަރި އާއި އެ ތަނާ ގުޅުވައިގެން ހަމަ އެ ޑިޒައިނާ އެއްގޮތަށް ބްލޮކް-ބީ މަރާމާތު ކުރުމަށް 795،000ރ. ސަރުކާރުގެ ބަޖެޓުން ހަރަދުކުރި ކަމަށް ހާމަވީ ވެސް ނިމިދިޔަ ހަފްތާގަ އެވެ.

މާލެ ސަރަހައްދުގައި އެއްވުންތައް ބޭއްވުމަށް ހުރަސްއަޅާ ގާނޫނު އުވާލުމަށްފަހު، ޑިމޮކްރެސީގެ ހަމަތަކުގެ މަތިން ލިބޭ އެ ހައްގު ފުޅާކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ލީޑްކުރައްވާ އެމްއާރުއެމުން ގޮވާލީ ވެސް މިދިޔަ ހަފްތާގަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • އަންނަ ހޯމައަށް ރޯދަ އިނާޔަތް ދޭން އެންގުން
  • ލެންޑް ޔޫސް ޕްލޭން ފާސްނުކޮށް ވިލިމާލެއިން ބިން ދޫނުކުރަން އެންގުން
  • ގުރައިދޫ މަރުކަޒަށް ދެ ސައިކޭޓްރިސްޓުން ހޯދަނީ، ޖޫން މަހު ރާއްޖެ އަންނާނެ
  • މަސައްކަތްކުރިކަން ކަށަވަރު ނުކޮށް އިސްލާމިކް މިނިސްޓްރީން އިތުރުގަޑީގެ ފައިސާ ދިން މައްސަލައެއް
  • މިންތީގެ ހަމަހަމަކަން ގާއިމުކުރަން އެކްޝަން ޕްލޭނެއް ނެރުން
  • ތިނަދޫގައި ކުރިޔަށްގެންދިޔަ އާއްމު އަޑުއެހުންތައް ނިންމާލުން
  • 181 ގެސްޓްހައުސް އާއި 31 ސަފާރީއަށް އީޔޫގެ ހިލޭ އެހީ
  • އެކުވެރިކަމުގެ މެޗެއްގައި ރާއްޖެ އިން ބަންގްލަދޭޝް ބަލިކުރުން
  • ރޯދަ މަހަށް ހާއްސަކޮށް "ރޯދަ އަދަދު" މެގަޒިން ނެރުން

ހަފްތާގެ ހޮވާލެވޭ ބައެއް ލިޔުން

  1. މިއީ 1962 ވަނަ އަހަރު ގދ. ތިނަދޫ އިން މީހުން ބޭލި ހާދިސާ އާ ގުޅިގެން ހިނގައިދިޔަ ކަންތައްތަކާއި އޭގެ ފަހުން ތިނަދޫ އާރާސްތުކޮށް އަލުން އާބާދުވުމާ ގުޅޭގޮތުން އެ ރަށަށް ކުރި ދަތުރުގައި މުހައްމަދު ނަސީމް ތައްޔާރުކޮށްފައިވާ ފުރިހަމަ ރިޕޯޓެކެވެ.
  2. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ވެސް އެ ހާލާތުގައި އެޅި ބައެއް ފިޔަވަޅުތަކަށް އަމަލުކުރުމާއި އާ އާންމު ހާލަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިލްތިމާސްކޮށް ނަސްމާ އަބްދުލްމުހްސިން ލިޔެފައިވާ ކޮލަމެކެވެ.
  3. ލ. ގަމަށް އުފަން އުމުރުން ހަތަރު އަހަރުގެ ސެރެބްރަލް ޕަލްސީ ހުންނަ ކުއްޖަކަށް ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ ޖަމްއިއްޔާއަކުން ވެދިން އެހީތެރިކަމާއެކު އެ ކުއްޖާގެ ހަޔާތް ބަދަލުވި ގޮތް ފާތިމަތު އަޖުފާން ވަނީ މި ރިޕޯޓުގައި ގެނެސްދީފަ އެވެ.

ދިރާސާތަކުން ކިޔާލުމަށް

"މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަންސް 2014-2054"

މިއީ 2014 އިން ފެށިގެން ކުރިއަށް އަންނަ ހުރި 50 އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީ އަށް ބަދަލު އަންނާނެ ގޮތާ ގުޅޭގޮތުން ޔޫއެންއެފްޕީއޭ އިން ކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާ ބިނާކޮށްފައިވާ ހަމަ އެ އަހަރު ރާއްޖޭގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox