ގިނަ ތުހުމަތުތަކެއް ކޮށް "އިންޑިއާ އައުޓް" އެއްވުން ނުބޭއްވުމަށް ފުލުހުންގެ ވަރުގަދަ އިންޒާރެއް

ޕީޕީއެމް އިން މީގެކުރިން "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ބޭއްވި ރެލީއެއް ފުލުހުން ހުއްޓުވާފައި-- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޕީޕީއެމް އިން މީގެކުރިން "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ބޭއްވި ރެލީއެއް ފުލުހުން ހުއްޓުވާފައި-- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެތިބޭ ކަމަށް ތުހުމަތުކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ސިލްސިލާކޮށް ހިންގަމުން އަންނަ ހަރަކާތުގެ ދަށުން އަންނަ ހުކުރު ދުވަހު މާލޭގައި ބޭއްވުމަށް ރާވަމުން އަންނަ "ނޭވާހޮޅިއަށް" އެއްވުން އާންމު ސަލާމަތަށް ނުރައްކާވާތީ ކުރިއަށް ގެންދިޔުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެ އެ ހަރަކާތުގައި ބައިވެރިވާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ ވަރުގަދަ އިންޒާރެއް ފުލުހުން ދީފި އެވެ.

އިދިކޮޅު ކޯލިޝަންގެ މި ބޮޑު އެއްވުމަށް ރަށްރަށުން ވެސް މީހުން މާލެ އަންނާނެ ކަމަށް ވަނީ ބުނެފަ އެވެ. އެ އެއްވުމަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުމެއް ނޫންކަމަށް ބެލެވޭ ތަފާތު ސަބަބުތައް ފެންނަ ހުރި ކަމަށް ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

"ގިނަ އަދަދެއްގެ ދުއްވާ އެއްޗެހި ބޭނުން ކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކް ކޮށް ރައްޔިތުންނާއި އާންމު ދަތުރު ފަތުރާއި ހިދުމަތްތަކަށް ހުރަސްއެޅޭގޮތަށް ކަންތައްތައް ކުރުމަށް ރޭވުމާއި، މާލޭގައި އުޅޭ ކުށްކުރާ ގްރޫޕްތައް ހޯދައި އެއްވުމުގައި ބައިވެރިކުރުމަށާއި، އެއްވުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދަތިކުރުމުގެ ގޮތުން އެއްވަގުތެއްގައި އެކި ސަރަޙައްދުތަކަށް ބައިބަޔަށް މީހުން ނުކުތުމަށް އެއްވުން އިންތިޒާމު ކުރާ ފަރާތުން ދަނީ ރާވަމުން،" މި އެއްވުން ހުއްޓުވާނެ ކަމުގެ އިންޒާރު ދެމުން ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން، މިފަދަ ސިފަތައް ފެންނަން ހުރުމާއި އެއްވުމުގެ ސަބަބުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އެރުމުގެ ފުރުސަތު ބޮޑުވުމުން، އެ އެއްވުން ނުބޭއްވުމަށް ޕީޕީއެމް އަށް އަންގާފައިވާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. އަދި، އެއްވުމުގައި އެއްވެސް މީހަކު ބައިވެރިނުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

"ގާނޫނާ ހިލާފަށް އެއްވުން ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށާއި، މި އެއްވުމުގައި ބައިވެރިވެ، ގާނޫނާއި ހިލާފު އަމަލުތަކަށް މަގުފަހިކުރުވާ ކަމަށް ތުހުމަތުކުރެވޭ އެއްގަމު އުޅަނދާއި، ކަނޑު އުޅަނދު ބަލައި ފާސްކުރާނެ ކަމަށާއި، އަދި މިފަދަ އެއްވުމެއް ބާއްވައިފިނަމަ އެއްވުން ރޫޅާލާ، ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ،" ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ.

"ނޭވާހޮޅިއަށް" ނަމުގައި ބާއްވާ މި އެއްވުން ކުރިއަށް ގެންދަން ހަމަޖެހިފަ ވަނީ މާޗް 25، ވާ ހުކުރު ދުވަހުގެ ހަވީރު 4 އިން 6 އަށް މާލޭގެ މަގުތަކާއި، ޕީޕީއެމް އޮފީސް ސަރަހައްދާއި، ކާނިވާ ސަރަހައްދާއި، ރަސްފަންނު ސަރަހައްދާއި، ބޮޑުތަކުރުފާނު މަގާއި، މާލޭ ދެކުނުފަރާތު އުސްފަސްގަނޑު ސަރަހައްދުގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެ ހަރަކާތަކީ "ގާނޫނާ ހިލާފު" ހަރަކާތެއް ކަމަށް ސިފަކުރައްވަމުން، އެ ހިނގާލުމަށް ފުރުސަތު ނުދެވޭނެކަމަށް އިދިކޮޅު ކޯލިޝަނަށް އަންގާފައިވާނެ ކަމަށް މީގެކުރިން ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވިދާޅުވެފައިވެ އެވެ.

އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނާ ދެކޮޅަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ވެސް ވަނީ އެކި ފަހަރުމަތިން ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ. އަދި، އެ ހަރަކާތް ހުއްޓުވުމަށް އަމާޒުކޮށް ގިނަ މަސައްކަތްތަކެއް ވެސް އަންނަނީ ކުރަމުންނެވެ.

އިންޑިއާ އައުޓް ކެމްޕެއިނުގެ ބެކްގްރައުންޑް

އިންޑިއާ އައުޓް ކެމްޕެއިން އިދިކޮޅު ކޯލިޝަނުން ކުރަން ފެށީ އުތުރުތިލަފަޅު އެއްބަސްވުމާއި މުޅި ރާއްޖޭގެ ހައިޑްރޯގްރަފީ ސާވޭއެއް ހެދުމަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއި ކުރި އެގްރިމެންޓުގެ ތަފްސީލު ހާމަ ކުރުމަށް ސަރުކާރުން ދެކޮޅު ހެދުމުންނެވެ.

އެގްރިމެންޓުތައް ހާމަ ކުރަން ދެކޮޅު ހެދުމުން އިދިކޮޅަށް ނިސްބަތްވާ މެމްބަރުން ވަނީ އެކި މަސައްކަތް ކުރައްވައިގެން އެންމެފަހުން މަޖިލީހުގެ ކޮމެޓީއެއްގައި އެގްރިމެންޓް ބައްލަވައިފަ އެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ބޭތިއްބުވާ ދެކޮޅު ކަމަށް ބުނެ ޕެޓިޝަނެއްގައި ސޮއި ކުރަން ފެށީ އެ ހިސާބުންނެވެ.

ދިވެހިންގެ މިނިވަންކަން ގެއްލެމުންދާ ކަމަށް ބުނެ އެންމެ ފުރަތަމަ ޕީޕީއެމުން ޖުލައި 30، 2021 ގައި ކެމްޕެއިނެއް ފެށީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގަ އެވެ. ކެމްޕެއިނުގެ ނަން "އިންޑިއާ އައުޓް" އަށް ބަދަލުވީ އޭގެ ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox