ލަންޑަން (ނޮވެމްބަރު 24) - ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި، ޕްރައިވެޓް އިންވެސްޓަރުންނަށް ފީފާ ވޯލްޑް ކަޕް ހިމެނޭހެން، ފީފާ މުބާރާތްތަކުގެ، 21 ޕަސެންޓް ހިއްސާ ވިއްކާލަން އުޅުނު ޑީލުގެ ތެރެއިން، އެއްބަސްވެފައި އޮތީ 96 އަހަރަށް ފީފާ މުބާރާތްތަކުގެ މާލީ ކަންކަމުގެ ކޮންޓްރޯލް ގެއްލޭގޮތަށް ކަމަށް ލިޔެކިޔުންތަކުން ހާމަވެއްޖެ އެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ އާއިލީ ގުޅުމާއި ވިޔަފާރީގެ ގުޅުން އޮތް ޖޯޝުއާ ކުޝްނާގެ ތުރައިވް ކެޕިޓަލް އަށް އެފްއެފްއީގެ ތެރެއިން، ވޯލްޑް ކަޕްގެ ހިއްސާ ހިމެނޭ މި ޑީލް ދިނުން ހުއްޓާލަން ޖެހުނީ ޕްރެޝަރު ބޮޑުވެގެންނެވެ.
ޓެލެގްރާފް ސްޕޯޓް އިން ރިޕޯޓްކުރާގޮތުގައި، ތުރައިވް ކެޕިޓަލްއާ އެކު ފީފާ އިން މަޝްވަރާކޮށްފައިވާ ގޮތުގައި، 20 ބިލިއަން ޑޮަލުގެ އެފްއެފްއީ ޑީލް ހިނގިނަމަ ފީފާގެ މުބާރާތްތަކުގެ ބޮޑު ޕަސެންޓެއް ކޮންޓްރޯލް އޮންނާނީ ފީފާ އަތުގައެއް ނޫނެވެ. އަދި، އެއްބަސްވުން ހެދިފައި އޮތް ގޮތުން، ކޮންޓްރެކްޓްގެ މުއްދަތު އިތުރުވަމުން ގޮސް، 96 އަހަރަށް ދިގު ދެމިގެންދާނެ އެވެ.
ފީފާ އިން މި ޑޮކިއުމެންޓްތައް އާންމުކުރަން ދެކޮޅު ހެދި ނަމަވެސް ފީފާ ކައުންސިލްގެ ބައެއް މެމްބަރުންނަށް މި ޑީލުގެ ލިޔެކިޔުންތަކުގެ ކޮޕީތަކެއް ވަނީ ލިބިފަ އެވެ. އޭގައިވާ ގޮތުން، މި އަހަރުގެ ޖުލައި 19 ވަނަ ދުވަހު ފީފާ ވޯލްޑް ކަޕްގައި ސްޕެއިނާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ދެ ދުވަސް ކުރިން ފީފާ އިން ވަނީ އެފްއެފްއީގެ ރިސްކް އެސަސްމެންޓްގެ ލިޔެކިޔުންތައް ތައްޔާރުކޮށްފަ އެވެ. އޭގެ މާއްދާއެއްގައި ވާ ގޮތުން، ފީފާގެ އިވެންޓްސްތަކުގެ ކޮމާޝަލް ރައިޓްސްގެ ކަންކަން ނިންމުުމުގައި 96 އަހަރަށް މި ޑީލްގައި އެހެން ބައެއްގެ އަތަށް ދޫކޮށްލެވޭނެ އެވެ. އަދި، އޭގެ ފަހުން ފޮނުވި މެމޯއެއްގައި ބުނެފައިވަނީ، 96 އަހަރުގެ މުއްދަތު ކަނޑައަޅާފައިވަނީ ކޮންމެ 12 އަހަރަކުން ލައިސަންސް އާ ކުރެވޭ ގޮތަށެވެ.
މި މަސައްކަތް ކުރާ ބޯޑުގެ ހަތް މެމްބަރުންގެ ތެރެއިން ހަތަރު ޖާގައެއް ފުރާނީ ފީފާގެ މަންދޫބުން ކަމަށް ވެސް ވަނީ ލިޔެފަ އެވެ. އޭގެ ތެރެއިން ދެ މަގާމަކީ، ފީފާގެ ރައީސް އާއި ޖެނެރަލް ސެކްރެޓަރީ ފުރަންޖެހޭ މަގާމުތަކެއް ކަމަށް ވެސް ވަނީ ހިމަނައިފަ އެވެ. އަދި، މި މަސައްކަތުގެ ތެރެއިން ލިބޭ ފައިސާގެ ތެރެއިން ފަސް ޕަސެންޓަކީ ބޯނަހުގެ ގޮތުގައި ވަކި ފަރާތްތަކަކަށް ދޭންޖެހޭ ފައިސާ ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
މި ލިޔެކިޔުންތަކާ ގުޅޭގޮތުން، ސީދާ ވާހަކަ ދެއްކުމުގެ ބަދަލުގައި ފީފާގެ ތަރުޖަމާނު ބުނެފައިވަނީ، އެފްއެފްއީ ކުރިއަށްދާން އޮތީ ފީފާ މެމްބަރު ގައުމުތަކުގެ ތާއީދާ އެކުގައި ކަމަށެވެ. އެކަމަކު، ތާއީދު ނުލިބުމުން އެކަން ހުއްޓާލާފައިވާ ކަމަށާއި އަދި މި ކަމުގައި ޝާމިލުވެ، ޕްލޭން ހަދާފައިވަނީ އެ މަސައްކަތުގައި އުޅުނު ފަރާތްތައް ކަމަށާއި މިއީ ފީފާގެ އިސް އޮފިޝަލުންގެ ބައިވެރިވުން އޮވެގެން ނިމިފައި އޮތް ކަމެއް ނޫން ކަމަށް ތަަރުޖަމާނު ވަނީ ބުނެފަ އެވެ.
ތުރައިވް ކެޕިޓަލްއާ އެކު ކުރިއަށްގެންދަން މި އުޅުނު ޑީލްގެ ކަންކަން ދިޔައީ ރަނގަޅަށް ނޫން ކަމަށް ބުނެ، އިންފަންޓީނޯ ވަނީ ޕްރެޝަރު ބޮޑުވުމުން މައާފަށް އެދިވަޑައިގެންފަ އެވެ.







