ލަންޑަން (ނޮވެމްބަރު 23) - އާސެނަލްގެ ގޯލްކީޕަރު، ޑޭވިޑް ރާޔާ އަށް ލިބުނު އަނިޔާ އޮޕަރޭޝަނެއް ކުރަން ޖެހޭހާ ސީރިއަސް އެއް ނޫން ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ 2-2 އިން ނިއުކާސަލް ޔުނައިޓެޑާ އެއްވަރުވި މެޗުގެ ދެ ވަނަ ހާފުގައި ރާޔާ އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ. އުމުރުން 31 އަހަރުގެ ރާޔާ ދަނޑުން ފައިބައިގެން ދިޔައީ ވާތު ކޮނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ދަނޑުމަތިން ވެސް ފަރުވާ ހޯދުމަށް ފަހު އެވެ.
އާސެނަލްގެ ކޯޗު، އާޓެޓާ ބުނީ، ރާޔާ ނެތްތަނަށް ތަޖުރިބާކާރު ގޯލްކީޕަަރެއް ކަމަށްވާ ކެޕާ އަރިއްޒަބަލާގާ ހުރުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ. އަދި، މީގެ އޮތް އެންމެ ބޮޑު އުފަލަކީ، ރާޔާ އަށް ލިބުނު އަނިޔާ ހީކުރިހާ ސީރިއަސް ނުވުން ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.
"މާދަމާ އަށް ފިޓެއް ނޫން، އެކަމަކު، ސީރިއަސް އަނިޔާއެއް ވެސް ނޫން ލިބުނީ. ދެން، އިތުރު ޓެސްޓްތަކެއް އަދި ހަދާނެ. ފުރަތަމަ ތަދުވާތީވެ އުޅުނު ގޮތުން ހީކުރި ގޮތާ ހިލާފަށް މިހާރު ކަންކަން ރަނގަޅުވަމުން އަންނަނީ. އެއީ އަހަރެމެންނަށް ވެސް ލިބުނު ހިތްހަމަޖެހުމެއް،" އާޓެޓާ ބުންޏެވެ.
"އޮޕަރޭޝަނެއް ކުރަން ނުޖެހުން އެއީ ނަސީބެއް، އެއީ، އޮޕަރޭޝަނެއް ކުރިނަމަ މަސްތަކެއް ވަންދެން ކުޅުމާ ދުރަށް ދާން ޖެހޭނެ،"
އާސެނަލުން މިދިޔަ ސީޒަނުގައި 22 އަހަރަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، ރާޔާ ވަނީ ގޯލުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ފަހަރުގެ ޕްރިމިއާ ލީގުގެ ފުރަތަމަ 10 މެޗުގެ ތެރެއިން ހަތް މެޗުގައި، ރާޔާ ގޯލުގައި ބަހައްޓައިގެން ކުޅުނު އާސެނަލުން މެޗުތައް ނިންމާލީ ކޮޅަށް ގޯލެއް ނުވަދެ އެވެ.
އާސެނަލުން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އޮތީ ޖަރުމަނުގެ ގަދަބާރު، ބޮރޫޝިއާ ޑޯޓްމަންޑާ އެވެ. އެ މެޗުގައި ރާޔާ އަށް ނުކުޅެވޭނެ އެވެ.
ބްލެކްބާން ރޯވާސް އާއި ބްރެންޓްފޯޑަށް ކުރިން ކުޅުނު ރާޔާ، އެންމެ ފުރަތަމަ އާސެނަލަށް ބަދަލުވީ، 2023/2024 ސީޒަނުގައި ލޯން ޑީލެއްގަ އެވެ. އެ ލޯން ޑީލް ނިމުމުން އާސެނަލުން ރާޔާގެ އެއްބަސްވުން ދާއިމީ ކުރި އެވެ. އެއީ، ބްރެންޓްފޯޑަށް 30 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ.







