ތ. ގުރައިދޫގައި ވޮލީބޯޅަ އަށް ހާއްސަކޮށް އައިލެންޑް އެލީޓް ސްޕޯޓްސްގެ ނަމުގައި އެކަޑަމީއެއް ފަށައިފި އެވެ.
ގުރައިދޫ ޒުވާނުންގެ އިސްނެގުމާ އެކު އެ ރަށުގައި ފެށި މި އެކަޑަމީގެ މަގުސަދަކީ ގައުމީ ލެވަލްގައި ފާހަގަކުރެވޭނެ ފެންވަރުގެ ވޮލީބޯޅަ ކުޅުންތެރިން އުފެއްދުމެވެ.
އެ ގޮތުން، އެކަޑަމީގެ މަސައްކަތް ލޯންޗް ކުރެވިގެންދިޔައިރު، 95 ކުދިން ހިމެނެ އެވެ. މިއީ، ވެސް މި ފަދަ ބޮޑު އަމާޒަކާ އެކު ފެށި މަސައްކަތަށް ލިބިގެންދިޔަ ހިތްވަރެއްގެ ގޮތުގައި އައިލެންޑް އެލީޓް ސްޕޯޓްސް އިން ދެކެ އެވެ.
އެކަޑަމީގެ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި ހާއްސަ އިވެންޓުގައި ގައުމީ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިންނާއި ރާއްޖޭގެ ފުންނާބު އުސް ކޯޗުންގެ ބައިވެރިވުން ހިމެނެ އެވެ.

މި އިވެންޓުގައި ބައިވެރިވި ގައުމީ ލެވަލްގެ ކުޅުންތެރިންނަކީ، ގައުމީ ވޮލީ ޓީމުގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)، ޝަމާއިލް ހުސެއިން، ފާތިމަތު ޖޫޒާން ޒަރީރު (ޖޫޒް)ގެ އިތުރުން ގައުމީ ވޮލީ ޓީމުގެ ކުރީގެ ކޯޗު އަދި ކްލަބް ވެމްކޯގެ ކޯޗު އަހުމަދު އަދީލް (ބޭބެ) އެވެ.
ވޮލީބޯޅަ އަށް ހާއްސަ ޝައުގުވެރިކަމެއް އޮތް ގުރައިދޫގައި މި ފެށި އެކަޑަމީގެ ހާއްސަ އަމާޒެއް އެބައޮތެވެ.
އެ ގޮތުން، ޕްލޭން ހަދާފައި އޮތް ގޮތުން ކޮންމެ ތިން މަހުން އެއް މަހުގައި ގައުމީ ލެވަލްގައި ފާހަގަކޮށްލެވޭ ކޯޗުން ގެނެސްގެން އެކަޑަމީގެ ކުދިން އިތުރަށް ތަމްރީން ކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ރާވައިފަ އެވެ.







