ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ގދ. ގައްދޫ 1-0 އިން ބަލިކޮށް ބިސް ބުރު ސްޕޯޓްސް ކްލަބުން ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
ގައްދޫ އާއި ބިސް ބުރު އަކީ ވެސް ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން ކުޅެގެން ޕްރޮމޯޓްވެ މުޅިން އަލަށް ލީގުގައި ކުޅޭ ދެ ޓީމެވެ.
ބިސް ބުރުން ހަތް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވިއިރު، ގައްދޫ ވަނީ ކުޅުނު ހަތް މެޗުން ވެސް ބަލިވެފަ އެވެ. ގައްދޫން ވަނީ ފުރަތަމަ ހަ މެޗުން ބަލިވުމުން އެ ޓީމުގެ ކޯޗަކަށް ހުރި މުހައްމަދު ނަޒީހު ވަކިކޮށްފަ އެވެ. ބިސް ބުރުއާ ދެކޮޅަށް ކުޅުނު މެޗުގައި ހުރީ ގައްދޫ ޓީމާ ހަވާލުވި އާ ކޯޗު އިބްރާހިމް ހަލީމް (ޖަޑާ) އެވެ.
ބިސް ބުރުން ތިން ވަނައިގައި އޮތީ ހަތް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެެކްރިއޭޝަނުން މިއަދު ހަވީރު ދިއްދޫ ސްޕޯޓްސް ކްލަބް ބަލިކޮށް ހަތް މެޗުން 16 ޕޮއިންޓް ހަމަކުރި އެވެ. އެއް ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބަށް ވަނީ ހަތް މެޗުން 19 ޕޮއިންޓް ލިބިފަ އެވެ.
ގައްދޫ ދަނޑުގައި ކުޅުނު މެޗުގައި ބިސް ބުރުން ލަނޑު ޖެހީ 23 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކުރީ ނައިޖީރިއާގެ މިޑްފީލްޑަރު، އަރެމޫ ޓިމޮތީ އެވެ. މި މެޗުގައި ގައްދޫން ފޮނުވާލި ގިނަ ބޯޅަތަކެއް ބިސް ބުރުގެ ކީޕަރު، ގާނާގެ ޕީޓާ ސަރްކޯޑީ ވަނީ މަތަކޮށްފަ އެވެ.







