ލިވަޕޫލް (ނޮވެމްބަރު 22) - މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުގައި މިރޭ ލިވަޕޫލް އަތުން 4-0 އިން ބަލިވެއްޖެ އެވެ.
ޔުނައިޓެޑުން މި މެޗުގެ ނުވަ ވަނަ މިނިޓުން ފެށިގެން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، ޔުނައިޓެޑްގެ ލެނީ ޔޯރޯ އަށް ރަތެއް ދެއްކުމުންނެވެ. ޔޯރޯ އަށް ރަތެއް ދެއްކީ ލިވަޕޫލްގެ އަލެކްސަންޑަ އިސާކް ހުސްކޮށް ދިޔަ ބޯޅައެއްގައި ފައުލުކުރި ކަމަށް ބަލައިފަ އެވެ. އެ ފައުލަށް އޭރިއާބޭރުން ދިން ހިލޭ ޖެހުން ގޯލަށް ވައްދާލައިގެން 10 ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑުނަގައިދިނީ ޑޮމިނިކް ސޮބޯސްލާއި އެވެ.
ފުރަތަަމަ ގޯލު ޖެހިތާ ތިން މިނިޓް ފަހުން، ލިވަޕޫލުން ދެ ވަނަ ލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް ނެގި އެވެ. މިއީ، ރިއޯ އެންގުމޯހާ ނަގައިދިން ހުރަހަކަށް އަރައި ފްލޯރިއަން ވާޓްޒް ޖެހި ގޯލެކެވެ. ލިވަޕޫލަށް ތިން ވަނަ ލަނޑެއް ޖަހައިދޭން ފުރަތަަމަ ހާފުގައި އެންގުމޯހާ، އަލެކްސިސް މެކް އަލިސްޓާ އަދި އަލެކްސަންޑަ އިސާކަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ.
ޔުނައިޓެޑުން ހެރީ މެގުއާ ބެންޗަށް ލައިގެން، މަތައިސް ޑި ލިޓްއާ އެކު ފެށި މި މެޗުގައި، ފަހުން ވަނީ މެގުއާ ކުޅެން އަރުވައިފަ އެވެ.
ލިވަޕޫލުން އަނެއް ދެ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ 66 ވަނަ މިނިޓްގައި ބްރެޑްލީ ބާކޮލާ ތަނަވަސްކޮށްދިން ފުރުސަތަކުން އެންގުމޯހާ އެވެ. މި ލަނޑާ އެކު، އެންގުމޯހާ ވެފައިވަނީ ޕްރިިމިއާ ލީގުގައި ޔުނައިޓެޑް ކޮޅަށް ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އޭނާގެ އުމުރަކީ 18 އަހަރާއި 85 ދުވަހެވެ. ކުރިން މި ރެކޯޑް އޮތީ މައިކަލް އޮވެން އަތުގަ އެވެ.
މެޗުގައި ލިވަޕޫލްގެ ފަހު ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ޑެނިއަލް މުނޯޒް އެވެ. އޭނާ މި ލަނޑު ޖެހީ، 82 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ވާޓްޒް އެވެ. މި މެޗުގައި ވާޓްޒް ވަނީ ލަނޑު ޖަހަން 10 ފުރުސަތު ހޯދައިދީފަ އެވެ. މިއީ، ޕްރިމިއާ ލީގުގައި 2015 ވަނަ އަހަރުގެ ފަހުން އެއް މެޗެއްގައި އެއް ކުޅުންތެރިއަކު މިހާ ގިނައިން ލަނޑު ޖަހާނެ ފުރުސަތު ހޯދައިދިން މެޗެވެ. މީގެ ކުރިން، އެއް މެޗެއްގައި މިހާ ގިނައިން ގޯލު ޖަހަން ފުރުސަތު ހޯދައިދިނީ 2015 ވަނަ އަހަރު ވެސްޓް ބްރޮމްއާ ކުޅުނު މެޗެއްގައި އޭރު މެންޗެސްޓާ ސިޓީ އަށް ކުޅުނު ޑޭވިޑް ސިލްވާ އެވެ.
ލީގުގައި މިރޭ ބްރައިޓަން ހޯލްވް އެންޑް އަލްބިއަން އަތުން ހަލް ސިޓީ ވަނީ 2-0 އިން މޮޅުވެފަ އެވެ. ހަލްގެ އޮލީ މެކްބާނީ މި މެޗުގައި ދެ ގޯލު ވެސް ޖެހީ، އިތުރު ވަގުުތުގެ ތެރޭގަ އެވެ. އެއީ، ބްރައިޓަންގެ ކޮސްޓީނިއާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދެއްކި ފަހުންނެވެ.
ބްރައިޓަން ބަލިވުމާ އެކު، ލީގުގެ ވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ވަނީ ޔަގީންވެފަ އެވެ. އެއް ވަނައިގައި އޮތް އާސެނަލަށް 11 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ބްރައިޓަން އާއި ތިން ވަނައިގައި އޮތް ސިޓީ އަށް 11 މެޗުން ލިބުނީ 22 ޕޮއިންޓެވެ. އަދި، ލިވަޕޫލުން މި ވަނީ 11 މެޗުން 21 ޕޮއިންޓް ހޯދައިފަ އެވެ.







