ބަރަންކީލާ، ކޮލަމްބިއާ (ނޮވެމްބަރު 23) - ބޮކަ ޖޫނިއާސްއާ އެކު ކޮޕަ ސުޑަމެރިކާނާގެ ޗެމްޕިއަންކަން ހޯދުމަށް ފަހު، ދިން ޓީވީ އިންޓަވިއުގެ މެދުތެެރެއިން އެ ޓީމަށް ކުޅޭ އާޖެންޓީނާގެ މިޑްފީލްޑަރު، ލެއަންޑްރޯ ޕަރޭޑޭސް އަށް ސިއްހީ ހާލަތެއް ކުރިމަތިވެއްޖެ އެވެ.
ބޮކަ ޖޫނިއާސް އިން ކޮޕަ ސުޑަމެރިކާނާގެ ތަށި ހޯދީ ފައިނަލުގައި ބްރެޒިލްގެ އެތުލެޓިކޯ މިނޭރޯ 2-0 އިން ބަލިކޮށްފަ އެވެ. މި މެޗު ކުޅުނުއިރު ހޫނުގަަދަވުމުގެ ސަބަބުން، އުމުރުން 32 އަހަރުގެ ޕަރޭޑޭސް އަށް މެޗުގެ ތެރެއިން ވެސް އުނދަގޫތަކެއް ކުރިމަތިވި ކަމަށް ބޮކަ ޖޫނިއާސް އިން ވަނީ ބުނެފަ އެވެ.
ފައިނަލް މެޗުގެ ދެ ވަނަ ހާފުގައި ޕަރޭޑޭސް އަށް ނުކުޅެވޭނެތީ ވަނީ ބަދަލުކޮށްފަ އެވެ. އަދި، މެޗަށް ފަހު އިންޓަވިއުދެމުން ދަނިކޮށް ބޯ އަނބުރައިގަނެގެން ވެއްޓެން ދިޔަ ވަގުތުގައި ކައިރީގައި ހުރި މީހަކު ވަނީ ވެއްޓުނަނުދީ އެހީތެރިވެދީފަ އެވެ. އޭގެ ފަހުން، އޭނާ އަށް ފަރުވާ ދޭން ގެންދިޔަ އެވެ. އަދި، ފަރުވާ އަށް ފަހު، ޑްރެސިން ރޫމުގައި ކުރިއަށް ދިޔަ އުފާފާޅުކުރުންތަކުގައި ބައިވެރިވި އެވެ.
އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި، ޕަރޭޑޭސް ބުނެފައިވަނީ، މެޗުގައި ދިމާވި ކަމަކީ ހޫނުގަދަވުމުގެ ސަބަބުން ބޯއަނބުރައިގަނެފައި ހުރުމުން ވި ކަމެއް ކަމަށެވެ.
ބޮކަ ޖޫނިއާސްގެ ކޯޗު ރޮޑޯލްފޯ އަރުއަބަރޭނާ ވަނީ ޕަރޭޑޭސް އަށް ދިމާވި ކަންތައްތައް މީޑިއާ އަށް ހިއްސާކޮށްފަ އެވެ.
"އޭނަ (ޕަރޭޑޭސް) އަށް ފުރަތަަމަ އެހެން ދިމާވީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް. ދެން، ބްރޭކުވި ގަޑީގައި ހާލަތު ރަނގަޅުވި ކަމަށް ބުނި. ދެން، އަހަރެމެން ދެ ވަނަ ހާފުގައި ކުޅެން އަަރައި، 10 މިިޓް ވިތަނާހެން އަހަރެމެންނަށް އެބަފެނޭ އޭނަ އަށް ކަަންތައްތަކެއް ދިމާވާތަން. އެހެންވެ، ބަދަލުކުރީ،" އަރުއަބަރޭނާ ބުންޏެވެ.
ބޮކަ ޖޫނިއާސް އިން ކެރިއަރު ފެށި ޕަރޭޑޭސް ވަނީ 2015 ވަނަ އަހަރު ޔޫރަަަޕަށް ކެރިއަރު ބިނާކުރުމަށްޓަކައި ބަދަލުވެފަ އެވެ. ޔޫރަޕްގައި އޭނާ ވަނީ ޕީއެސްޖީ، ރޯމާ އަދި ޔުވެންޓަސް އަށް ކުޅެފަ އެވެ. އަލުން ބޮކަ ޖޫނިއާސް އަށް ބަދަލުވެ، ޕަރޭޑޭސް މިހާރު އަމާޒުހިފާފައިވަނީ ކައިރި މުސްތަގުބަލެއްގައި ރިޓަޔާކުރުމަށެވެ.
ބޮކަ ޖޫނިއާސް އިން މި ވަނީ 18 އަހަރަށް ފަހު، އިންޓަނޭޝަނަލް ތަށްޓެއް ހޯދައި، ދެކުނު އެމެރިކާގެ އެންމެ ކާމިޔާބު ކްލަބްތަކުގެ ލިސްޓުގައި ކުރިއަށް ޖެހިލައިފަ އެވެ. ބޮކަ ޖޫނިއާސް އަކީ 1960 ވަަނަ އަހަރުގެ ފަހުން އެންމެ ކާމިޔާބު ކްލަބް އެވެ. އެއީ، 19 ވަނަ ކޮޕަ ސުޑަމެރިކާނާ ތަށްޓާ އެކު، އާޖެންޓީނާގެ އިންޑިޕެންޑިއެންޓޭ އަށް ވުރެން އެއް ތަށި އިތުރަށް ހޯދައިގެންނެވެ.

