ބީނޯޒް އެރީޒް، އާޖެންޓީނާ (ނޮވެމްބަރު 1) - ފީފާ ވޯލްޑް ކަޕްގެ ފައިނަަލުގައި ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗު މިހާރު ކުޅެފިނަމަ، ސްޕެއިން ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު، އެމިލިއާނޯ މާޓިނޭޒް ބުނެފި އެވެ.
ޖެހިޖެހިގެން ދެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދަން ނުކުތް އާޖެންޓީނާ އަތުން މި ފަހަރުގެ ފައިނަލުގައި ސްޕެއިން މޮޅުވީ އިިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 1-0 އިންނެވެ.
އާޖެންޓީނާގެ ޝޯއެއްގައި ވާހަކަ ދައްކަމުން މާޓިނޭޒް ބުނެފައިވަނީ، ސްޕެއިނަށް ވޯލްޑް ކަޕްގެ ޖާގައެއް ހައްގު ކަމަށާއި އެކަމަކު، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅުނު ފްރާންސް ޓީމަށް ވުރެން ސްޕެއިން ވަރުގަދައެއް ނޫން ކަމަށެވެ.
"މިހާރުގެ ސްޕެއިން ޓީމަށް ވުރެން އަހަންނަށް ފެނުނު ގޮތުގައި އޭރު އޮތް ފްރާންސް ޓީމު ވަރުގަދަ. އަހަރެމެން މިހާރު އެ މީހުންނާ (ސްޕެއިނާ) ކުޅޭނަމަ ބަލިކުރާނަން،" މާޓިނޭޒް ބުންޏެވެ.
ގަތަރުގެ ދޯހާގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށްގެންނެވެ. މާޓިނޭޒް ބުނީ، މި ފަހަރުގެ ވޯލްޑް ކަޕް ފައިނަލް ވެސް ޕެނަލްޓީ އަށް ދިޔަނަމަ އާޖެންޓީނާ މޮޅުވާނެ ކަމަށެވެ.
"އަހަންނަށް ފެނުނު ގޮތުގައި ފައިނަލްގައި އަހަރެން ހުރީ ވަރަށް ރަނގަޅަށް. އަހަރެންގެ ދުވަހެއް އެއީ. އިހުސާސް ވަމުންދިިޔަ އެ މެޗުގައި ގޯލެއް ވަނުމުގެ ފުރުސަތު ކުޑައޭ،" މާޓިނޭޒް ބުންޏެވެ.
އޭނާ ބުނީ، މި ފަހަރުގެ ވޯލްޑް ކަޕްގެ ބޮޑުބައިގައި ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުއްޓައި ކަމަށެވެ. އަދި، ރަނގަޅަށް ދެ އަތް ބޭނުންކޮށްގެން ޕްރެކްޓިސް ކުރެވެން ފެށީ ފައިނަލް މެޗަށް ގާތްވެފައި އޮއްވައި ކަމަށް މާޓިނޭޒް ވަނީ ބުނެފަ އެވެ.
"އޮޕަރޭޝަން ކުރެވެން ވެސް އޮތް. އެކަމަކު، އޭރުން ވޯލްޑް ކަޕަށް ފިޓެއްނުވާނެ. ހުރި ވަރަށް ވެސް،" މާޓިނޭޒް ބުންޏެވެ.
އާސެނަލާއި އެސްޓަން ވިލާ އަށް ކުޅުނު މާޓިނޭޒް، ޗެލްސީ އަށް ބަދަލުވީ މި ފަަހަރުގެ ޓްރާންސްފާ މާކެޓްގައި 10 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. މާޓިނޭޒް މި ވަގުތު ކުޅުމާ ދުރުގައި ހުރީ ދަތްދޮޅި އަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަން ކުރި އޮޕަރޭޝަނަކަށް ފަހު އެވެ.












