ލަންޑަން (ނޮވެމްބަރު 21) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި އާސެނަލް މޮޅެއް ނުލިބި އެއްވަރުވިއިރު، ޗެލްސީ ކުޅުނު މެޗުން ބަލިވެއްޖެ އެވެ.
ސިޓީ ވަނީ ފުލަމްއާ 1-1 އިން އެއްވަރުވެފަ އެވެ. ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑް އަތުން 4-1 އިން ބަލިވެފަ އެވެ. އަދި، އާސެނަލް ވަނީ ރަށުންބޭރުގައި ނިއުކާސަލް ޔުނައިޓެޑާ 2-2 އިން އެއްވަރުވެފަ އެވެ.
އިންޓަނޭޝަނަލް ބްރޭކަށް ފަހު ލީގު އެނބުރި އައި މެޗުގައި ސިޓީން އަމިއްލަ ދަނޑުގައި ކުޅުނީ ފުލަމްއާ އެެވެ. މި މެޗުގެ ކުރިން ސިޓީން އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. މި މެޗުގައި ވެސް ސިޓީ އަށް ފެށުން ދިޔައީ ގޯސްކޮށެވެ. އެ ގޮތުން، މެޗުގެ 16 ވަނަ މިނިޓްގައި ރޮޑްރީގޯ މުނީޒް ވަނީ ފުލަމް އަށް ލީޑުނަގައިދީފަ އެވެ. ސިޓީގެ އާލިން ބްރައުޓް ހާލަންޑް، އެ ޓީމަށް ލަނޑެއް ޖަހައިދީ އެއްވަރުކޮށްދިން ނަމަވެސް، އެ ގޯލު ބަލައިނުގަތީ، ފުލަމްގެ ކީޕަރު ބާން ލޭނޯ އަށް ފައުލުކުރި ކަމަށް ބަލައިފަ އެވެ.
ސިޓީން ދެ ވަނަ ހާފުގައި އެއްވަރުކުރީ އެލިއަޓް އެންޑަސަން ޖެހި ގޯލުންނެވެ. ސިޓީން. ބާކީ ވަގުތުގައި ލަނޑެއް ޖަހައި މޮޅެއް ހޯދޭތޯ ކުރި މަސައްކަަތް ކާމިޔާބެއްނުވި އެވެ. މިއާ އެކު، 2011 ވަނަ އަހަރުގެ ފަހުން ސިޓީ އަށް މި ވަނީ ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ފުލަމް އަތުން މޮޅެއް ނުލިބިފަ އެވެ. އަނެއްކޮޅުން، ފުލަމްގެ ކޯޗު އަލްވާރޯ އާބެލޯއާ މި ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ސިޓީ އަތުން ބަލިނުވެ ފެށި ރެކޯޑް ކޯޗެއްގެ ގޮތުގައި ވެސް ދަމަހައްޓައިފަ އެވެ. ސިޓީއާ ދެކޮޅަށް އާބެލޯއާ ނުކުތް ނުވަ މެޗުން ވެސް ބަލިވެފައިނުވެ އެވެ.

އަނެއްކޮޅުން، މިރޭ ލިޑްސް އިން ވަނީ ޗެލްސީ ދަނޑުގައި 27 އަހަރު ތެރޭ ފުރަތަމަ ފަހަރަށް މޮޅުވެފަ އެވެ. ލީޑްސް އިން ޗެލްސީ ދަނޑުގައި އެންމެ ފަހުން މޮޅުވީ 1999 ވަނަ އަހަރު އެވެ.
ސްޓެމްފޯޑް ބްރިޖުގައި ޗެލްސީން ލީޑުނެގީ އެމަނުއަލް އެމެގާ ޖެހި ގޯލުންނެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ނޯއާ އޮކާފޯ ގޯލެއް ޖަހައި ލީޑްސް އަށް އެއްވަރުކޮށްދިނެވެ. ދެ ވަނަ ހާފުގައި ލީޑްސް އިން ލީޑުނެގި ލަނޑަކީ ޕެނަލްޓީ އަކުން ޑޮމިނިކް ކަލްވެޓް ލެވިން ޖެހި ގޯލެކެވެ. މިއީ، ޗެލްސީގެ މޯގަން ރޮޖާސް އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައި، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވެސް ޔަގީންކޮށްފައި ދިން ޕެނަލްޓީ އެކެވެ.
އޭގެ ފަހުން، ލީޑްސްގެ ތިން ވަނަ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އޮކާފޯ އެވެ. ބަދަލަކަށް ކުޅެން އަރައި، ލީޑްސްގެ ފަހު ލަނޑު ޖެހީ ބްރެންޑަން އާރޮންސަން އެވެ.
ނިއުކާސަލް ދަނޑުގައި އާސެނަލުން ވަނީ ފުރަތަމަ ހާފުގައި ލީޑުނަގައިފަ އެވެ. އެއީ، އެބެރޭޗީ އެޒޭ ޖެހި ގޯލަކުންނެވެ. އެކަމަކު، ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ނިއުކާސަލް އިން ހިތްވަރު ދައްކައި ނަތީޖާ އަނބުރާލި އެވެ. އެ ގޮތުން، ހާވީ ބާންސް ޖެހި ގޯލުން ނިއުކާސަލް އިން އެއްވަރުކުރިއިރު، ލީޑުނެގީ މަލިކް ތިއާއޯ ޖެހި ގޯލުންނެވެ.
އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާގެ އަތަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނުއިރު، އެ ޓީމު ބަލިނުވެ ސަލާމަތްވީ ނޯނީ މަޑުއޭކޭ ޖެހި ގޯލުންނެވެ.

ލީގުގައި މިރޭ ދެން ކުޅުނު މެޗުތަކަށް ބަލާއިރު، ބޯންމައުތުން ވަނީ 2-0 އިން ނޮޓިންހަމް ފޮރެސްޓް އަތުން މޮޅުވެފަ އެވެ. ފަހު ވަގުތު ލަނޑު ޖަހައި ކަވެންޓްރީ ސިޓީން 3-2 އިން ކްރިސްޓަލް ޕެލަސް އަތުން މޮޅުވިއިރު، އެސްޓަން ވިލާ އާއި ސަންޑަލެންޑް ވަނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ. އަދި، އިޕްސްވިޗް ޓައުން އަތުން 2-0 އިން ޓޮޓެންހަމް ހޮޓްސްޕާސް އިން މޮޅުވި އެވެ.
މި ނަތީޖާތަކަށް ފަހު، އާސެނަލް އެއް ވަނައިގައި އޮތީ 11 މެޗުން 28 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބްރައިޓަން ހޯލްވް އެންޑް އަލްބިއަން އަށް 10 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، މާދަމާރޭ ކުޅޭ މެޗުން މޮޅުވެގެން، އާސެނަލާ ތިން ޕޮއިންޓަށް ގާތަށް ޖެހިލެވޭނެ އެވެ.
ތިން ވަނައިގައި އޮތް ސިޓީ އަށް 11 މެޗުން ވަނީ 22 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ބޯންމައުތަށް 11 މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 10 މެޗުން 18 ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި އޮތް ލީޑްސް އަށް 11 މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، ހަތް ވަނައިގައި އޮތް އެވަޓަން އާއި އަށް ވަނައިގައި އޮތް ޗެލްސީގެ އޮތީ 16 ޕޮއިންޓެވެ. މީގެ ތެރެއިން، ޗެލްސީން 11 މެޗު ކުޅުނުއިރު، އެވަޓަން އިން ކުޅުނީ 10 މެޗެވެ. އަދި ނުވަ ވަނައިގައި އޮތް ޓޮޓެންހަމް އަށް ވަނީ 11 މެޗުން 15 ޕޮއިންޓް ލިބިފަ އެވެ.








