މިއުނިކް (ނޮވެމްބަރު 21) - ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކުން ކޮލޯންއާ 1-1 އިން އެއްވަރުވި މެޗުގައި، ބަޔާންގެ އިނގިރޭސި ފޯވާޑް، ހެރީ ކޭން އަށް ސީރިއަސް އަނިޔާއެއް ލިބިއްޖެ އެެވެ.
ބަޔާން ދަނޑުގައި ކުޅުނު މެޗުގެ ކުރީކޮޅުގައި 33 އަހަރުގެ ކޭންގެ ވާތުފައިގެ ކުޑަހުޅަށް އަަނިޔާވި އެވެ. އެކަމަކު، ކޭން މަސައްކަތްކުރީ ފަރުވާ ހޯދުމަށް ފަހު ކުޅުން ކުރިއަށް ގެންދިއުމަށެެވެ. އެހެން ނަމަވެސް، ކުޅުން ކުރިއަށްނުގެންދެވުމުން 20 ވަނަ މިނިޓްގައި ކޭން ވަނީ ބަދަލުކޮށްފަ އެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ޓޮމް ބިޝޮފް އެވެ.
ފްރާންސް ފުޓްބޯލް މެގަޒިން އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހޯދި ކޭން އަށް ލިބުނު މި އަނިޔާއާ ގުޅިގެން ބަޔާނުން ވަނީ އަވަސްކޮށް ޓެސްޓްތަކެއް ހަދައިފަ އެެވެ. އޭގެ ނަތީޖާ ދައްކާގޮތުން، ކޭން އަށް ކުރިއަށް އޮތް ތިން ވަރަކަށް މަސް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ.
ބަޔާނުން ބުނީ ކުރިއަށް އޮތް މަސްތަކުގައި ކޭން ނުފެންނާނެ ކަމަށެވެ. އަދި، ޓެސްޓްތަކުން ފެންނަ ގޮތުގައި، ކޭންގެ ވާތުފައިގެ ކުޑަހުޅުގައި ވަނީ ރެނދެއް ލައިފަ އެވެ.
ރަށުންބޭރުގައި ކުޅުނު ކޮލޯން އިން ރޭގެ މެޗުގެ 12 ވަނަ މިނިޓްގައި ލީޑުނެގި އެވެ. މި ލަނޑު ޖެހީ، ޓޮޓެންހަމް ހޮޓްސްޕާސްގެ ލޯން އެއްބަސްވުމެއްގެ ދަށުން ކޮލޯން އަށް ކުޅެމުން އަންނަ އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމުގެ ފޯވާޑް، މިކީ މޫރް އެވެ.
ބަޔާނުން އެއްވަރުކުރީ، ކޭންގެ ބަދަލުގައި ކުޅެން އެރި، ބިޝޮފް، މެޗުގެ 37 ވަނަ މިނިޓްގައި ދިން ބޯޅައަކުން ނެތަނިއަލް ބްރައުން ޖެހި ގޯލުންނެވެ. މެޗުގެ ބާކީ ވަގުތުގައި ބަޔާނުން ލަނޑެއް ޖަހައި މޮޅުވާން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
މި ނަތީޖާއާ އެކު، ބަޔާނުން ޖަރުމަނު ބުންޑަސްލީގާގެ އެއް ވަނައިގައި އޮތީ 10 މެޗުން 22 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ވަނީ ނުވަ މެޗުން 21 ޕޮއިންޓް ލިބިފަ އެވެ. ޑޯޓްމަންޑުން މިރޭ ބޮރޫޝިއާ މުންޗެންގްލަޑްބެކް އަތުން މޮޅުވެއްޖެނަމަ ލީގުގެ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.








