ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ނޮވެމްބަރު 21) - ޗެލްސީ ހިންގަމުން އަންނަ ކްލިއަލޭކް ކެޕިޓަލް މެދުވެރިކޮށް، އެމެރިކަން ފުޓްބޯޅަ ލެޖެންޑް، ޓޮމް ބްރެޑީ، ޗެލްސީގެ މައިނޯރިޓީ ހިއްސާއެއް ގަންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.
ހަތް ފަހަރު ސުޕަ ބޯލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓޮމް ބްރެޑީ ދާދި ފަހުން ވަނީ އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ކްލަބް، ބާމިންހަމް ސިޓީގައި އޮތް އޭނާގެ ހިއްސާ ދޫކޮށްލައިފަ އެވެ. އޭނާ އައީ 2023 ވަނަ އަހަރުން ފެށިގެން ބާމިންހަމް ސިޓީގެ ހިއްސާދާރެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.
އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ އިސްވެ، އުފައްދާފައިވާ ކޮންސޯޓިއަމް ގްރޫޕް، ބްލޫކޯ އިން 2022 ވަނަ އަހަރު، ޗެލްސީ ގަތީ 5.2 ބިލިއަން ޑޮލަރަށެވެ. ބޯލީ އަކީ މައިނޯރިޓީ ހިއްސާދާރެއްގެ ގޮތުގައި މި ގްރޫޕްގައި ހަރަކާތްތެރިވި ފަރާތެއް ނަމަވެސް، އެ ކްލަބުން އިސް މަގާމަށް ހަމަޖައްސަން ނިންމީ ބޯލީ އެވެ. އެއީ، ކުޅިވަރު ކްލަބްތައް ހިންގުމުގައި އޭނާގެ ތަޖުރިބާ އަށް ބަަލައިފަ އެވެ.
ރަޝިއާގެ މަހުޖަނު، ރޯމަން އަބްރަމޮވިޗް އަތުން ޗެލްސީ ގަންނަން ކޮންސޯޓިއަމް ގްރޫޕުން ހެދި ޑީލަށް ބަލާއިރު، ކްލިއާލޭކް ކެޕިޓަލް އިން ޗެލްސީގެ 61.5 ޕަސެންޓް ހިއްސާ ގަތެވެ. ބާކީ 38.5 ޕަސެންޓް ހިއްސާ އަކީ ބޯލީ އާއި ހަންސްޖޯގް ވައިސް އަދި މާކް ވޯލްޓާ އަށް އެއްވަރަށް ބަހާލައިފައިވާ ހިއްސާތަކެކެވެ.
ކްލިއަލޭކް ކެޕިޓަލްގެ ކޯ ފައުންޑަރު، ބެހެދާދު އެގްބާލީއާ އެކު ހާއްސަ ގުޅުމެއް އޮންނަ ޓޮމް ބްރެޑީ، ޗެލްސީ އަށް އިންވެސްޓް ކުރާނެ ގޮތެއް ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި ފައިނަލް ވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ރިޕޯޓްގައިވާ ގޮތުން، ޓޮމް ބްރެޑީ އަށް ލިބޭނީ ވޯޓު ލުމުގެ ހައްގު ނުލިބޭ ހިއްސާދާރެއްގެ ރޯލެވެ. އެކަމަކު، ވަކި މުއްދަތެއް ބެލުމަށް ފަހު، ބޯޑަށް އޭނާ ގެނައުމަކީ އެގްބާލީގެ އަމާޒެއް ކަމަށް އިނގިރޭސި ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އެެމެރިކަން ފުޓްބޯޅައިން 2023 ވަނަ އަަހަަރު ރިޓަޔާކުރި ޓޮމް ބްރެޑީ އަންނަނީ ބޯލީ އަދާކުރި މަގާމަަަށް ކަމަށް ދެކެވޭ ވާހަކަ ވަނީ ދޮގުކޮށްފަ އެވެ.
މައްސަލަތަކެއް ޖެހިގެން، ބޯލީ، އޭނާގެ ހިއްސާގެ ބައެއް، ކްލަބްގެ މެޖޯރިޓީ ހިއްސާދާރުން ކަމަށްވާ ކްލިއަލޭކް ކެޕިޓަލް އަށް ވިއްކާލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު، ބޯލީގެ މި ނިންމުމާ ޓޮމް ބްރެޑީއާ ގުޅޭ އެއްވެސް ކަމެއް ނެތް ކަމަށް ޗެލްސީގެ ހަބަރުތައް ގެނެސްދޭ މަސްދަރުތަކުން ކަށަވަރުކޮށްދެ އެވެ.
އެމެރިކާގެ ކުޅިވަރު ތަރިންނަށް ބަލާއިރު، ގިނަ ކުޅުންތެރިން އަންނަނީ ފުޓްބޯޅަ ކްލަބްގެ ހިއްސާ ގަނެގެން މަސައްކަތްތަކެއް އެކި ސިފަސިފައިގައި ކުރަމުންނެވެ. އެ ގޮތުން، ބާސްކެޓްބޯޅަ ލެޖެންޑް، ލެބްރަން ޖޭމްސް އަންނަނީ ލިވަޕޫލްގެ މައިނޯރިޓީ ހިއްސާދާރެއްގެ ގޮތުގައި ހަރަކާތްތެރިވަމުންނެވެ.








