މާލޭގެ ދެކުނުން 10 މޭލު ދުރުގައި ހިކެމުން، ތިލަވަމުން އެ އަންނަނީ ރާއްޖޭގައި މިހައިތަނަށް ހިއްކާ އެންމެ ބޮޑު ބިމެވެ. އެންމެ ރަސް ބިމެވެ. ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ލެގަސީ ޕްރޮޖެކްޓެވެ. ރަސްމާލެ އެވެ.
އެ ބިޔަ، ބޮޑު މަޝްރޫއު މުއިއްޒު އިފުތިތާހުކޮށްދެއްވީ އެމަނިކުފާނު ދިވެހިރާއްޖޭގެ ވެރިކަމުގެ ހުވާ ކުރެއްވިތާ 31 ވަނައަށްވީ ދުވަހު އަސުރުން ތިރިވެފައި ހުއްޓައި ކަނޑުމަތީގަ އެވެ. ހަވީރުގެ ފިނި ރޯޅިތަކަށް ޖައްވު އިންތިޒާރުކުރަމުން ދަނިކޮށް މާލޭގެ ކުދި ގޮޅިތަކުގެ ހާސްކަމުގެ ތެރޭގައި ގަނަތެޅެމުންދާ އެތައް ހާސް ރައްޔިތުންނަށް މުއިއްޒު އެ ދުވަހު ވަރަށް ބޮޑު އުއްމީދެއް ދެއްވި އެވެ.
"މިއީ، މިހައިތަނަށް ހިއްކޭ އެންމެ ބޮޑު ބިން. އެންމެ ރަސް، ބޮޑު ބިން. މިތަނަށް އަޅުގަނޑުމެން ކިޔާނީ ރަސްމާލެ. ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު އިރާދަ ކުރެއްވިއްޔާ، އަޅުގަނޑުމެން މިއަދު މި ފަށަނީ،" މުއިއްޒު ވިދާޅުވި އެވެ.
"މީގެ ސަބަބުން އިރާދަކުރެއްވިއްޔާ އަޅުގަނޑު ދެންމެ ދެންނެވި ފަދައިން، މާލެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ގެދޮރުގެ މައްސަލަ، ދެންމެ މި ދެންނެވި ފަދައިން، ދެން މި ހިއްކާ ބިންތަކަށް [ގުޅީފަޅަށް އިތުރުކުރި 85 ހެކްޓަރާއި ގިރާވަރުފަޅަށް އިތުރުކުރި 50 ހެކްޓަރު] އިތުރު ކުރެވޭ ބިމާ އެކުއެކީގައި ހައްލުކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު ﷲ އިރާދަފުޅާ އެކީގައި، މި ފަސް އަހަރު ނިމިގެންދާއިރު، އެއްކޮށް ހައްލުވެގެންދާނެކަން ޔަގީންކަން ތަކުރާރުކޮށް އަރުވަން."
މެދުހަށްޓާ ހަމައަށް ދެ އަތްޕުޅު އުފުއްލަވައި ހުންނަވައި މުއިއްޒު އެ ދުވަހު ދެއްވި ޔަގީންކަމަކީ އެތައް ނިކަމެތީންނަކަށް ލިބުނު އުފާވެރި ހަބަރެކެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ.
ދައުލަތުގެ ބަޖެޓުން "ލޯ ލާރިއެއް ވެސް" ހަރަދުނުކޮށް އެ މަޝްރޫއު ނިންމަން ސަރުކާރުން އަމާޒުހިފީ އެންމެ އަށް މަސްދުވަހުންނެވެ. ރަސްމާލެ ތަރައްގީކުރަން ސަރުކާރުން ނިންމީ ދިވެހިރާއްޖޭގެ މުޅި އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަށް ވަޒަންވެރިވެ ދިރިއުޅެވޭނެ ގޮތަށެވެ.
ނަމަވެސް، މި އަހަރުގެ ޑިސެމްބަރަށް، އެ މަޝްރޫއު ފެށިތާ ތިން އަހަރުވާއިރު، އެކި ގޮތްގޮތަށް ރަސްމާލޭގެ ޕްލޭންތައް ބަދަލުވެއްޖެ އެވެ. އަށް މަސްދުވަހުން ހިއްކަން ބުނި އެ ބިން ހިއްކަމުންދާތާ 33 މަސްދުވަސްވެއްޖެ އެވެ. ދައުލަތުން އެއްވެސް ހަރަދެއް ނުކޮށް ހިއްކައި ނިންމަންވީ ވައުދު ބޮލާލާޖަހައިފި އެވެ. އެކަމަށް ހަރަދު ކުރި، އަދި ކުރާ ވަރު ވެސް އޮތީ ބޮޑު ފޮށްޓަށްލައި ތަޅު އަޅުވައިފަ އެވެ.
"ހިލޭ" ފެށި ރަސްމާލެ ބިލިއަން ޑޮލަރުގެ ހުސް ވެލިގަނޑަކަށް
ރަސްމާލެ މަޝްރޫއަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް އޮތް ދާއިމީ ހައްލެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް، މިއީ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭ އަދި މާލީ ގޮތުން ދެފުށް ނުފެންނަ ބިޔަ މަޝްރޫއެއް. މި ޕްރޮޖެކްޓުގެ އަމާޒު ހުރިގޮތުން މި ހުރިހާ ކަމެއްގެ ނަތީޖާއަކީ ބޮޑު މާސިންގާ ހުސް ވެލިގަނޑެއް.
އެހެން އެކަން އޮއްވައި މިދިޔަ ހޯމަ ދުވަހު ސަރުކާރުން ވަނީ ރަސްމާލެއަށް މުޅީން އައު ޕްލޭނެއް އިއުލާނުކޮށްފަ އެވެ. ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން" ގެ ގޮތުގައި މުއިއްޒު ސިފަކުރައްވަމުން އައި ރަސްމާލޭގެ ދެބައިކުޅަ އެއްބައި ބޭރު ކުންފުންޏަކަށް ދޭން ނިންމީ އެވެ. ދިވެހީންނަށް ހާއްސަކޮށްގެން ހިއްކަން ފެށި ރަސްމާލޭގެ އެއްބައި މުއްސަނދިންގެ ސަހަރަކަށް ހަދަނީ އެވެ.
ވެލިފުކެއް ވެސް ކުއްޔަށް ނުދޭން ބުނި ރަސްމާލޭގެ ދެބައިކުޅަ އެއްބައި ވިއްކާލައިފި
މުއިއްޒުގެ ފޮޓޯގެ ތިރީގައި ފަލަ އަކުރުން "ދިވެހީންގެރާއްޖެ" ޖަހާފައި ހުރި ބޮޑެތި ބޯޑުތަކުން ޖަރީކޮށްފައި އޮތް ބާޖެއްގައި ހުންނަވައި ރަސްމާލޭގެ ބިޔަ ބޮޑު ޕްރޮޖެކްޓު މުއިއްޒު ފުރަތަމަ އިފުތިތާހުކޮށްދެއްވީ ދައުލަތުގެ ބަޖެޓުން އެކަމަށް އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ގޮތަށެވެ.
"ރަސްމާލެ މަޝްރޫއު ފެށިގެން މިހާރު އެދަނީ ކުރިއަށް. އެ މަޝްރޫއު ކުރިއަށް އެ ދަނީ ދިވެހި ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ގޮތަށް. އިރާދަކުރެއްވިއްޔާ އެ މަޝްރޫއު އެގޮތުގައި ކުރިއަށް ގެންގޮސް ނިންމައިލާނަން،" ޑިސެމްބަރު 20، 2023 ގައި މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒުގެ "ލެގަސީ ޕްރޮޖެކްޓު" ނިންމަން ފައިސާ ފޮއްޗެއް ދޭން ނުޖެހުނު ނަމަވެސް، އެ މަސައްކަތް އޭރު ހަވާލުކުރި ކުންފުންޏަށް ވަރަށް ބޮޑު އަގެއް ދޭން ސަރުކާރުން އޮތީ ސިއްރުން ނިންމައިފަ އެވެ.
ރަސްމާލެ ހިއްކުމުގެ މުގާބިލުގައި ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑު ކޮންސްޓަރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް ދޭން ސަރުކާރުން އޭރު ނިންމާފައި އޮތީ ދިވެހީންގެ މި ރާއްޖެއިން 70 ހެކްޓަރުގެ ބިމެވެ. އެއީ ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން ހިއްކާ 60 ހެކްޓަރެވެ. އެ ބިންތަކުގެ ޖުމުލަ އަގު 45 ބިލިއަން ދިވެހި ރުފިޔާއަށް އަރަ އެވެ.
ފެކްޓު ޗެކް: ފުށިދިއްގަރުފަޅު ހިއްކުމުގެ ބަދަލުގައި ދޭ ބިމުގެ އަގަކީ 45 ބިލިއަން ރުފިޔާ!
ސީއެމްސީއަށް ރަސްމާލެއިން ދޭ 60 ހެކްޓަރުގެ ބިމުގެ ޖުމުލަ އަގަކީ އަކަފޫޓެއް 6،000ރ. އަށް ބަލާނަމަ އެ ބިމުގެ އަގަކީ 38.6 ބިލިއަން ރުފިޔާ އެވެ. 70 ހެކްޓަރުގެ ބިމުގެ ޖުމުލަ އަގަކީ 45.2 ބިލިއަން ރުފިޔާ އެވެ. އެއީ ތިން ބިލިއަން ޑޮލަރެވެ.
މެނިފެސްޓޯއަށްވުރެ ބޮޑަށް ހުއްރިއްޔަތާއި ހުއްބުލްވަތަން ވިއްކަވައިގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅަކު ރާއްޖޭގެ ބިމުން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލަން ނިންމާފައި އޮތުންވީ އާންމުންގެ ފާޑުކިޔުން ވެސް އެކަމަށް އިންތިހާއަށް އަމާޒުވި ކަމަކަށެވެ.
އެ ފާޑުކިޔުންތަކަށް ރައްދު ދިނުމުގެ ހިތްވަރެއް ނެތިފައި ފުށިދިއްގަރު ފަޅުން ހިކިފައި ހުރި ފުއްކަރަށް ބަލަހައްޓައިގެން ތިބުމަށްފަހު، ސީއެމްސީސީއާއެކު ހެދި އެއްބަސްވުން ބާތިލުކުރިކަން ޖުލައި 26، 2024 ގައި މުއިއްޒު އިއުލާނުކުރެއްވި އެވެ.
އެ ވާހަކަ މުއިއްޒު ދެއްކެވީ އޭގެ ހަ މަސްދުވަސްކުރިން އެމަނިކުފާނު އަމިއްލަފުޅަށް ނިންމެވި ނިންމެވުމަށް ފާޑުވިދާޅުވާ މޭރުމުންނެވެ.
"ރަސްމާލޭގެ މަސައްކަތް ކުރިން ހިންގިގޮތް އަޅުގަނޑުމެންނަށް ކަމުނުގޮސްގެން، އެ އެގްރިމެންޓު ބާތިލުކޮށް، މިހާރު އެއްވެސް ފަރާތަކަށް ބިމެއް، ކުރު މުއްދަތަކަށްވިޔަސް، ދިގު މުއްދަތަކަށްވިޔަސް ދޭން ނުޖެހޭ ގޮތަށް ހިންގަން ނިންމައި، އެ މަސައްކަތް އެވަނީ އަލުން ފެށިފައި،" މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ދިވެހި ރައްޔިތުންނާ މުހާތަބުކުރައްވައި މުއިއްޒު ވިދާޅުވި އެވެ.
"އެ ތަނުން ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެ ތަނުން ހިކިގެން ދާނީކީއެއް."
މީގެ ދެ އަހަރުކުރިން ވެސް މުއިއްޒުއަކީ މި ރާއްޖޭގެ ވަލިއްޔުލްއަމްރެވެ. އެހެންކަމުން، ރަސްމާލެއިން ހިއްކާ ބިމުގެ ވެލިފުކެއް އެންމެ ދުވަހަކަށް، އެއްވެސް ބަޔަކަށް ކުއްޔަށް ނުދެއްވާނެ ކަމަށް މުއިއްޒު އެ ދުވަހު ވިދާޅުވީ މަޖުބޫރުކަމެއް އޮވެގެން ނޫންކަމަށް ގަބޫލުކުރަން ޖެހެ އެވެ.
ނަމަވެސް، ދިވެހި އެންމެހައި ރައްޔިތުންނާ މުހާތަބުކުރައްވައި ލައިވް ޓީވީގައި މުއިއްޒު ވެވަޑައިގެންނެވި އެ ވައުދާ މިދިޔަ ހޯމަ ދުވަހު ހިލާފުވެވަޑައިގެންފި އެވެ. ދިވެހި ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ ބައިތުލްމާލުން ހަރަދުކޮށްގެން ހިއްކައި ނިމުމާ ހަމައަށް ގޮސްފައިވާ ރަސްމާލޭގެ ދެބައިކުޅަ އެއްބައި ޔޫއޭއީގެ އީގަލް ހިލްސް ޑިވެލޮޕާސްއަށް 99 އަހަރަށް ވިއްކާލަން ނިންމައިފި އެވެ.
ފެކްޓް ޗެކް: ރަސްމާލެއަށް އިންވެސްޓު ކުރަނީ 12 ބިލިއަން ޑޮލަރު، 20 ބިލިއަން ޑޮލަރެއް ނޫން
ރަސްމާލޭގައި ވޯޓާފްރަންޓާއި މެރީނާއެއް ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި މަޝްރޫއުގެ އަގާ މެދު އޮޅުންތަކެއް ވަނީ އަރާފައި. ސަރުކާރުން މިއީ 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށް ބުނި ނަމަވެސް، އީގަލް ހިލްސްގެ ވެބްސައިޓުގައި ބުނެފައިވަނީ މި މަޝްރޫއުގެ އަގަކީ 12 ބިލިއަން ކަމަށް.
ރަސްމާލޭގައި ވޯޓާފްރަންޓަކާއި މެރީނާއެއް ހިމެނޭހެން ބޮޑު އިންޓަގްރޭޓަޑް މަޝްރޫއެއް ހިންގުމަށް އީގަލް ހިލްސްއަށް ދޭން ނިންމާފައި ވަނީ ކިހައި ބޮޑު ބިމެއްކަމެއް ސަރުކާރުން އަދި، ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.
"މިއީ ރާއްޖޭގެ ތާރީހުގައި ވެސް ހިންގާ އެންމެ ބޯޑު އިންވެސްޓްމަންޓް ޕްރޮގްރާމް - އަޅުގަނޑުމެންގެ ބޭންކިން ނިޒާމުގެ ތެރެއިން ދައުރުވާ އެތަކެއް ދިހަ ބިލިއަން ޑޮލަރުގެ ބޭރުގެ އިންވެސްޓްމަންޓް، 54،000 އަށް ވުރެ ގިނަ ވަޒީފާ، އެތައް ހާސް ދިވެހި އާއިލާތަކަށް ގެދޮރު، އަދި ވިއްކާ ކޮންމެ ފަހަރު ދައުލަތަށް ސީދާ އާމްދަނީ، ޓެކްސް ލުޔެއް ނުދީ، އަދި ސަރުކާރުން ދަރަންޏެއް ނުނަގައި ހާސިލުކުރެވޭ." ހޯމަ ދުވަހު ސަރުކާރުން ނެރުނު ބަޔާނުގައި ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބުއާ ހަވާލާދީ ލިޔެފައިވެ އެވެ.
އެކި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން ދޭން ނިންމާފައި އޮތީ 500 ހެކްޓަރުގެ ބިމެކެވެ. އެއީ ފުށިދިއްގަރު ފަޅުން ހިއްކަން މިހާރު ނިންމާފައިވާކަމަށް ސެޕްޓެމްބަރު 8، 2026 ގައި އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ 1010 ހެކްޓަރުގެ ދެބައިކުޅަ އެއްބައެވެ.
ރަސްމާލޭގައި ހިންގަން ވައުދުވި ބޯހިޔާވަހިކަމުގެ މަޝްރޫތައް ހިންގާނެ ޖާގައެއް ނެތް!
ޑިސެމްބަރު 18، 2023 ގައި ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށި ނަމަވެސް، ރަސްމާލެ ތަރައްގީ ކުރުމުގެ ޕްލޭނެއް އެޗްޑީސީން އިއުލާނުކުރީ ނޮވެމްބަރު 13، 2024 ގަ އެވެ. ވީޑިއޯ ޕްރެޒެންޓޭޝަނަކާއެކު ރާއްޖޭގެ ފުރަތަަމަ އިކޯ ސިޓީގެ ގޮތުގައި ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއު އިފުތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު އެވެ.
އެޗްޑީސީން އެ ދުވަހު މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނީ ރަސްމާލެ ތަރައްގީ ކުރާނީ 325،000 މީހުންގެ އާބާދީއަކަށް އެތަނުގައި ވަޒަންވެރިވެވޭ ގޮތަށް ކަމަށެވެ. އެ މީހުން ދިރިއުޅުމަށްޓަކައި ގޯއްޗާއި ފްލެޓު ހިމެނޭހެން 65،000 ހައުސިން ޔުނިޓު ރަސްމާލޭގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން އެ ދުވަހު އިއުލާނުކުރި އެވެ.
"އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފުތިތާހުކޮށްދެއްވި ރަސްމާލެ ޕްރޮޖެކްޓަކީ ކުރިއަށް އޮތް ޖީލުތަކަށް ބިނާވެގެން އަންނަ ނުވަތަ ބިނާ ކުރެވިގެންދާނޭ ވަރުގަދަ ރަސްމާލެއެއް. 65،000 ހައުސިން ޔުނިޓާއި އަދި 350،000 ވަރަކަށް އާބާދީގެ ނުވަތަ ޕޮޕިއުލޭޝަނަކަށް އަމާޒުކޮށްގެން މި ފަށާފައިވާ މަސައްކަތް މަޑުޖެހުމަށްފަހުގައި ދާދި އިހަކަށް ދުވަހު އަޅުގަނޑުމެން ފަށައިފީމު،" އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ފަޒުލް ވިދާޅުވި އެވެ.
ނަމަވެސް، ރަސްމާލެ ތަރައްގީ ކުރާނެ ގޮތުގެ މާސްޓާ ޕްލޭނެއް އެ ދުވަހު ވެސް އެޗްޑީސީން އާންމެއް ނުކުރެ އެވެ. ރަސްމާލޭގައި 65،000 ހައުސިން ޔުނިޓު އަޅާނެ ގޮތުގެ އެއްވެސް ތަފުސީލެއް ވެސް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމުމަކާ ހަމައަށް ގޮސްފައިވާއިރު، އެ 65،000 ބޯހިޔާވަހިކަމުގެ ތެރެއިން މިހައިތަނަށް ސަރުކާރުން އިއުލާނުކޮށްފައި ވަނީ 15،000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެކަންޏެވެ. ބާކީ 50،000 ބޯހިޔާވަހިކަމުގެ ތެރެއިން 10،000 އަކީ ވެސް ގޯތި ކަމަށް ނޮވެމްބަރު 17، 2025 ގައި މުއިއްޒު ވިދާޅުވި އެވެ.
"ރަސްމާލެއިން 15,000 ގޯތި ފުރަތަމަ ބުރުގައި މިދެނީ. މުޅި ރަސްމާލެއަކީ 25,000 ގޯތި. އެ މުޅި ރަސްމާލޭގައި ހުސް ގޯއްޗެއް ނޫން އޮންނާނީކީ ވެސް. އެއީ، މޮޑަން އިކޯ ސިޓީއެއްގެ ގޮތުގައި އަޅުގަނޑު އިއުލާނުކުރި ތަނެއް. އިކޯ ސިޓީއެއްގައި ހުންނަންޖެހޭ ހުރިހާ ކަމަކަށް ވެސް ބިން ބޭނުންވާނެ،" މުއިއްޒު ވިދާޅުވި އެވެ.
"ގޯއްޗަށް އެކަނި 25,000 ގޯތީގެ އޭރިއާ، 1,250 އަކަފޫޓުގެ 25,000 ގޯތި ރަސްމާލޭގެ ޕްލޭންގައި އޮންނާނެ. އޭގެތެރެއިން 15,000 ގޯއްޗަށް މި ހުޅުވާލަނީ ފުރަތަމަ ބުރުގައި."
މުއިއްޒު އެ ވިދާޅުވި ގޮތުން ނަމަ، ރަސްމާލޭގައި ތަރައްގީ ކުރުމަށް ނިންމާފައިވާ 65،000 ހައުސިން ޔުނިޓުގެ ތެރެއިން 40،000 އަކީ ފްލެޓެވެ.
ނަމަވެސް، މިދިޔަ ހޯމަ ދުވަހު ސަރުކާރުން އިއުލާނުކުރި ގޮތަށް ރަސްމާލޭގެ ދެބައިކުޅަ އެއްބައި އީގަލް ހިލްސް ޑިވެލޮޕާސްއަށް ދިނުމަށް ހުޅުވާލި ދޮރާއެކު، ބޯހިޔާވަހިކަމުގެ މައްސަލައަށް ރަސްމާލެއިން ގެނެސްދޭން މުއިއްޒު ވައުދުވެވަޑައިގެންނެވި "ޓޯޓަލް ސޮލިއުޝަން" ގެ ދޮރު ދާއިމަށް ބަންދުވީ އެވެ.
ސަބަބަކީ ރަސްމާލެއިން ހިއްކާ ބިމުގެ 500 ހެކްޓަރު އީގަލް ހިލްސްގެ ޕްރޮޖެކްޓަށް ދިނުމުން އެ ރަސް ސަހަރުގައި ބާކީ އޮންނާނީ 510 ހެކްޓަރުކަމަށް ވާތީ އެވެ.
ހިނގާބިނގާވެ އުޅެން އެއްވެސް މަގެއް، ހޮސްޕިޓަލެއް، ސްކޫލެއް ތަރައްގީނުކޮށް މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް 1،250 އަކަފޫޓުގެ 25،000 ގޯއްޗާއި 40،000 ފްލެޓު އިމާރާތްކުރަން އެކަނި ވެސް މަދުވެގެން 365 ހެކްޓަރުގެ ބިން ބޭނުންވާނެ އެވެ. ހިސާބު ޖަހާލަމާ ހިނގާށެވެ.
މުއިއްޒު ވިދާޅުވި ގޮތަށް 1،250 އަކަފޫޓުގެ 25،000 ގޯއްޗަކީ 31،250،000 އަކަފޫޓެވެ. ކޮންމެ ހެކްޓަރަކީ 107،639 އަކަފޫޓެވެ. އެހެންކަމުން ހަމައެކަނި ގޯތި ދިނުމަށް ވެސް 290.32 ހެކްޓަރުގެ ބިން ބޭނުންވާނެ އެވެ.
ރަސްމާލޭގައި ތަރައްގީ ކުރުމަށް ނިންމާފައިވާ 65،000 ހައުސިން ޔުނިޓު ހަމަކުރުމަށް ބާކީ 40،000 އަކީ ފްލެޓު ކަމަށް ބަލާނަމަ، އެ އަދަދު 60-40 ރޭޝިއޯއެއްގައި ދެ ކެޓެގަރީއަކަށް ބަހާލަމާ ހިނގާށެވެ. އޭރުން 24،000 ޔުނިޓަކީ ތިން ކޮޓަރީގެ އެޕާޓުމެންޓެވެ. 16،000 ޔުނިޓަކީ ދެ ކޮޓަރީގެ އެޕާޓުމެންޓެވެ.
އެ 40،000 ހައުސިން ޔުނިޓު ތަރައްގީ ކުރުމަށް ބޭނުންވާނެ ބިމުގެ ބޮޑު ކުޑަމިން ބެލުމަށްޓަކައި، ނިމިދިޔަ ސަރުކާރުން ތަރައްގީކުރި ފަހި ދިރިއުޅުން ފްލެޓުތަކުގެ ސައިޒަށް ބަލާނަމަ، ތިން ކޮޓަރީގެ ކޮންމެ އެޕާޓުމެންޓެއްގެ ބޮޑުމިނަކީ 900 އަކަފޫޓެވެ. ދެ ކޮޓަރީގެ އެޕާޓުމެންޓެއްގެ ބޮޑުމިނަކީ 650 އަކަފޫޓެވެ.
އެހެންކަމަށްވާނަމަ، އޭގެ ކޮންމެ ޓަވަރެއްގެ އުސްމިނަކީ 12 އާއި 14 ފަންގިފިލާއާ ދެމެދު ކަމަށް ބެލި ނަމަވެސް، 4.0 ފްލޯ އޭރިއާ ރޭޝިއޯއެއްގައި 8،000،000 އަކަފޫޓުގެ ބިމެއް ބޭނުންވާނެ އެވެ. އެއީ 74 ހެކްޓަރުގެ ބިމެކެވެ.
ދުއްވާ އެއްޗެއްސަށާއި ހިނގާބިނގާވެ އުޅޭ މީހުން ބޭނުންކުރާނެ މަގުތަކާއި ފެހި ޕާކުތަކާއި މައިޒާންތައް ފަދަ ހުސް ބިންތަކުގެ އިތުރުން، މިސްކިތްތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ސްކޫލްތައް އަދި ހޮސްޕިޓަލްތަކާއި ޔުޓިލިޓީ ހިދުމަތް ދޭ ތަންތަނާއި ވިޔަފާރިތަކަށް ހާއްސަ ސަރަހައްދުތައް ހިމަނައިގެން ހިސާބު ހަދާލުމުން ފެންނަ މަންޒަރު އަދި، މާބޮޑަށް މާޔޫސީ އެވެ.
ދިވެހިރާއްޖޭގައި އެންމެ ބޮޑަށް ޕްލޭން ކުރެވިގެން ތަރައްގީ ކޮށްފައި އޮތް އެއް ތަނަކީ ހުޅުމާލެ އެވެ. އެޗްޑީސީން ތައްޔާރުކޮށްފައިވާ ހުޅުމާލޭގެ މާސްޓާޕްލޭންގައި މީހުން ދިރިއުޅުމަށް ކަނޑައަޅާފައި ވަނީ 30 ޕަސެންޓެވެ. ބާކީ 70 ޕަސެންޓު ބަހާލާފައި ވަނީ ފެހި، ހުސް ސަރަހައްދުތަކާއި ވިޔަފާރި އާއި އެހެނިހެން އިޖުތިމާއީ އަދި ސިނާއީ ބޭނުންތަކަށެވެ.
ހުޅުމާލޭގެ މާސްޓާ ޕްލޭން
| Label | Value |
|---|---|
| މީހުން ދިރިއުޅުމަށް | 30% |
| ފެހި/ހުސް ބިންތައް | 23% |
| ކުޅިވަރާއި ރެކްރިއޭޝަނަލް | 9% |
| ވިޔަފާރިތަކަށް | 5% |
| މުނިސިޕަލް/ ޔުޓިލިޓީސް | 4% |
| ސިނާއީ މަސައްކަތްތަކަށް | 6% |
| ތައުލީމީ ބިނާތަކަށް | 5% |
| އޮފީސް އިމާރާތްތަކަށް | 5% |
| ދަތުރުފަތާ ބެހޭ ފެސިލިޓީތަކަށް | 3% |
| ސިވިކް އަދި ކޮމިއުނިޓީ | 3% |
| ހޮޓާތައް | 2% |
| މިސްކިތްތައް | 2% |
| ޕޯޓުތައް | 1% |
| ނޮލެޖް ޕާކް | 1% |
| އިތުރު ކަންކަމަށް | 0.2% |
| ބާކީ | 0.8% |
އެހެންކަމުން ރަސްމާލޭގައި ސަރުކާރުން ވައުދުވިގޮތަށް 65،000 ހައުސިން ޔުނިޓު ތަރައްގީކުރަން ބޭނުންވާ 365 ހެކްޓަރު 0.30 އިން ގެއްލީމާ 1،215 ހެކްޓަރުގެ ބިން ބޭނުންވާނެ އެވެ. އެއީ ރަސްމާލެއިން ހިއްކާ ޖުމުލަ ބިމުގެ އަދަދަށްވުރެ ވުރެ ވެސް ބޮޑު ސަރަހައްދެކެވެ.
އެ އަދަދު، ރަސްމާލޭގެ ބޮޑުމިނަށް ފައްތާ ނަމަ، މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ކަނޑައަޅަން ޖެހޭނީ 35 އިންސައްތަ އެވެ. ނަމަވެސް، އޭރުން ވެސް މުއިއްޒުގެ ވައުދު ފުއްދުމަށްޓަކައި 1،042 ހެކްޓަރުގެ ބިން ބޭނުންވާނެ އެވެ.
ހަގީގަތަށް ޖެހިލަމާ ހިނގާށެވެ. ސަރުކާރުން މިހާރު ފޫގަޅާފައިވާ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދީފިނަމަ، އެ ތަނުން މިހާރު އިއުލާނުކޮށްފައިވާ 15،000 ގޯތީގެ އިތުރަށް ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއުއެއް އެ ސަހަރުގައި ސަރުކާރަކަށް ދެން ނުހިންގޭނެ އެވެ.
ސަބަބަކީ 1،250 އަކަފޫޓުގެ އެ 15،000 ގޯތި ދޫކުރުމަށް އެކަނިވެސް 174 ހެކްޓަރުގެ ބިން ބޭނުންވާނެތީ އެވެ. ރަސްމާލެއިން ހިއްކާ ބިމުގެ ދެބައިކުޅަ އެއްބައި އީގަލް ހިލްސްއަށް ދިނުމުން ދިވެހިރައްޔިތުންނަށް ލިބެން އޮންނަ 510 ހެކްޓަރުގެ 35 ޕަސެންޓަކީ ވެސް 178.5 ހެކްޓަރެވެ.
ހުޅުމާލޭގެ މިހާރު ޕޮޕިއުލޭޝަން ޑެންސިޓީ އެއީ މިންގަނޑެއްކަމުގައި ބެއްޔަސް، ރަސްމާލޭގެ 510 ހެކްޓަރުގައި ދެން އާބާދުކުރެވޭނީ 142،666 މީހުންނެވެ. ތޮއްޖެހިފައިވާ މާލޭގެ މިންގަނޑުން ބަލާނަމަ، އެތަނުގައި އާބާދުކުރެވޭނީ 203،010 މީހުންނެވެ.
`
މީގެ 1011 ދުވަސްކުރިން އަޑުފުޅަށް ބާރުލައްވައި މާލޭގެ އަލިފާންފޮށިތަކުގައި ތިބި ރައްޔިތުންނަށް މުއިއްޒު ދެއްވި އުއްމީދު މިއަދު ގެއްލުނީ އެވެ. ރަސްމާލޭގެ ބިމުން ދިވެހީންނަށް ހޯދައިދެއްވަމުން މުއިއްޒު ވައުދުވެވަޑައިގެންނެވި ވައުދު ވެސް ފަނުފުލުންލީ އެވެ.
މި ދައުރު ނިމުމުގެ ކުރިން 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ވިދާޅުވެ ވެރިކަން ހޯއްދެވުމަށްޓަކައި ދިވެހީންގެ ލޯތަކުގައި މުއިއްޒު އެޅުއްވީ އަނދުނެކޭ މިހާރު ނުބުނެވޭނެބާ އެވެ؟












