ދިވެހި ސަރުކާރުން ރަސްމާލޭ ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫއު އިއުލާންކުރި ހިސާބުން ގިނަ ގިނަ ކަންކަމުގެ ތަފުސީލު ނުލިބޭތީ އާންމުން ތިބީ ވާނުވާ ނޭނގިފަ އެވެ. މިހާތަނަށް ހާމަކުރި މައުުލޫމާތުން އެނގެނީ މި ޕްރޮޖެކްޓު ހިންގަނީ ޔޫއޭއީގެ އަބޫދާބީގައި މަރުކަޒުވެފައިވާ އީގަލް ހިލްސް ޑިވެލޮޕާސް އާއި ސަރުކާރު ގުޅިގެން ކަމެވެ.
އެ ކުންފުނިން 12 ބިލިއަން ޑޮލަރު އިންވެސްޓުކުރާނެ ކަމަށް ބުނެފައިވާ މި ޕްރޮޖެކްޓަކީ، ސަރުކާރުގެ ބަހުން ނަމަ، މުޅި އިގުތިސޯދު ބަދަލުކޮށްލާނެ، އަދި ރަސްމާލެއަށް ސަރުކާރުން ތަސައްވުރު ކުރި ކަހަލަ ޕްރޮޖެކްޓެކެވެ. ސަރުކާރުން މިހާރު ބުނަނީ ރަސްމާލެ ޒަމާނީ ޝަހަރަކަށް ވާން މި ޕްރޮޖެކްޓަކީ ކޮންމެހެން ވެސް ހިންގަން ޖެހޭ ޕްރޮޖެކްޓެއް ކަމަށެވެ.
މި ޕްރޮޖެކްޓުގައި އެންމެ އިސްކޮށް އުޅުއްވާ ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބު އޭނާގެ ލިންކްޑްއިން ގައި ލިޔުއްވާފައިވާ ގޮތުގައި، މުޅި މި ޕްރޮޖެކްޓު ފަރުމާކޮށްފައި ވަނީ ސަރުކާރުން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރެވޭ ގޮތަށް، އެއްވެސް ކަމެއްގައި ދޫދިނުމެއް ނެތި އެވެ.
އޭނާ ވިދާޅުވި ގޮތުން ނަމަ، ހުރިހާ ކަމެއްގައި ވެސް ސަރުކާރުން އިސްކުރީ އިގުތިސޯދުގައި ހުރި މައްސަލަތަކުގެ އިތުރުން ބޯހިޔާވަހިކަމަށް ވެސް ހައްލު ލިބޭ ގޮތަށެވެ. އަދި މިއީ ދިގު މުއްދަތެއް ވަންދެން މެދުކެނޑުމެއް ނެތި ސަރުކާރަށް ފައިސާ ވަންނަ ގޮތަށް ފަރުމާކޮށްފައިވާ، ފުދުންތެރި ރާއްޖެއަކަށް ސަރުކާރުން ގެންގުޅޭ ތަސައްވުރަށް ވާސިލުވެވޭނެ އިންވެސްޓްމަންޓެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ބިމު ކުއްޔެއް ނުނަގާ، އެކަމަކު ހުރިހާ ޓެކްސްތަކާއި އާމްދަނީގެ ބަޔެއް ލިބޭ
ރަސްމާލެ ޕްރޮޖެކްޓުގައި ސަރުކާރުން ކުރި އެއް ކަމަކީ، މުއްތަލިބު ވިދާޅުވަނީ، މިހާރު ޓޫރިޒަމުން ފައިސާ ލިބޭ ބިމު ކުލި ފަދަ ކަންކަމާއި ލީސް އެކުއިޒިޝަން ކޮސްޓު ދޫކޮށްލައި، ޓެކްސްތަކުން ލިބޭ އާމްދަނީ ވަންނާނެ ގޮތަކަށް ރަސްމާލެ ވޯޓާފްރަންޓް ޕްރޮޖެކްޓު ހިންގުމެވެ.
މިއީ "އަޕްފްރަންޓް ޕޭމަންޓަކަށް" ނޫނީ ފަށާކޮޅު ގަނޑުކޮށް ލިބޭ ފައިސާއަކަށް ރުހިގެން ނުވާނެ ކަމަށް އާންމުންގެ ހުރި ކަންބޮޑުވުންތަކާ އޭނާ ވެސް އެއްބަސްވާ ކަމަށާއި އެހެންވެ އެއްބަސްވުން ވެސް އެކުލަވާލީ އެ ގޮތަށް ކަމަށް ވިދާޅުވެ މުއްތަލިބު ދެއްވި ތަފުސީލުތަކެކެވެ.
މި ކަމުގައި ވިސްނަންވީ، މުއްތަލިބު ވިދާޅުވީ، މިއަދު ދައުލަތަށް ޓޫރިޒަމުން ފައިސާ ލިބޭ ގޮތާ މެދު ކަމަށެވެ. އޭނާ ވިދާޅުވީ ބިމުގެ ކުއްޔާއި ބިން ހޯދަން ނަގާ ފީތަކަކީ ޓޫރިޒަމުން އާމްދަނީ ވަންނަ މައިގަނޑު ދާއިރާ ނޫން ކަމަށެވެ. ޓޫރިޒަމުން އެންމެ ގިނަ ފައިސާ ވަންނަނީ ޓޫރިޒަމް ވިޔަފާރިތަކުން ނަގާ ޓީޖީއެސްޓީ އިންނެވެ. އެހެންވެ އެއް ފަހަރު ލިބޭ ޗެކަކުން ފައިސާ ހޯދުމުގެ ބަދަލުގައި ސަރުކާރުން ބެލީ ތާއަބަދު ބޮޑު އަދަދެއް ލިބޭނެ ގޮތަކަށް ރަސްމާޅޭ ވޯޓާފްރަންޓު މަޝްރޫއު ހިންގަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބިން ހޯދުމުގެ ފީއާއި މުއްދަތު އިތުރުކުރުމުގެ ފީތައް ލިބެނީ އެކަން ހިނގާ އަހަރެއްގައި އެކަނި. ނަމަވެސް، ދައުލަތަށް ދެމިގެންދާ، އިތުރުވަމުންދާ އާމްދަނީއެއް ލިބެނީ ޓޫރިސްޓުން އައިސް، ކުރާ ހަރަދުތަކާއި، ތަކުރާރުކޮށް އަންނާތީ ހިނގާ ވިޔަފާރީގެ ހަރަކާތްތަކުން ނަގާ ޓެކުހުން. ރަސްމާލެ މަޝްރޫއުގައި އަމަލުކުރީ މި ވިސްނުމުގެ މައްޗަށް،" މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބް އާއި ސަރުކާރުގެ ވާހަކަތަކުން ޔަގީން ވަނީ، ރަސްމާލޭގެ 500 ހެކްޓަރު ދެނީ ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެއްވެސް އަގެއް ނުނަގާ ގޮތަށް އަދި އެ 99 އަހަރުގެ ތެރޭގައި އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް ކަމެވެ. އޭގެ ބަދަލުގައި އެ 99 އަހަރުގެ ތެރޭގައި ސަރުކާރަށް ލިބެނީ:
- ރަސްމާލޭގައި ހުންނަ ކޮންމެ ރިސޯޓަކުންނާއި، ހޮޓަލަކުންނާއި، ކޮންމެ ކެއުމަކުންނާއި، ފޯރުކޮށްދޭ ހުރިހާ ހިދުމަތަކާއި ވިއްކާ މުދަލުން ޓެކްސް
- މާސްޓާ ޑިވެލޮޕަރު (އީގަލް ހިލްސް) އާމްދަނީގެ 10 ޕަސެންޓު
- ކޮންމެ ޕްރޮޕަޓީއެއް ވިއްކާއިރު ހަތަރު ޕަސެންޓު
މި މަޝްރޫއުގައި ވަރަށް ބޮޑަށް ބަލައިގެން ކުރި އެހެން ކަމެއްގެ ގޮތުގައި ސަރުކާރުން ބުނަމުން އަންނަނީ މި ޕްރޮޖެކްޓުގެ ތަރައްގީކުރުމާ ހަމައިން ފެށިގެން ތަންތަން ވިއްކާއިރު ވެސް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރޭގައި ހިފެހެއްޓޭނެ ގޮތަކަށް ޑިވެލޮޕަރާ އެއްބަސްވުމެވެ. މުއްތަލިބު ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ތަރައްގީކޮށްގެން ވިއްކާ ކޮންމެ ތަނެއްގެ ފައިސާ ޖަމާ ވާނީ ރާއްޖޭގައި ހުންނަ އެސްކްރޯ އެކައުންޓަކަށް ކަމަށެވެ.
މިީ އެތައް ޒަމާނެއް ވަންދެން ޑޮލަރު ލިބުމުގެ ދަތިކަމާ ކުރިމަތިލާންޖެހިފައިވާ ގައުމަކަށް، މިއީ ކުޑަކުޑަ ކަމެއް ނޫން. އަދި ހަނދާންކުރަންޖެހޭނެ ކަމަކީ، މިއީ ސަރުކާރަށް މި މަޝްރޫޢުން ލިބޭ ޑޮލަރުގެ އާމްދަނީގެ އިތުރުން ލިބޭނެ އާމްދަނީއެއް ކަން،" އޭނާ ވިދާޅުވި އެވެ.
ސަރުކާރާއި އީގަލް ހިލްސްއިން އަންދާޒާ ކުރަނީ މި މަޝްރޫއު އެއްކޮށް ތަރައްގީކޮށް ނިމި، 10 އަހަރު ވާއިރު އެ ސަރަހައްދަށް އެއް މިލިއަން ޓޫރިސްޓުން އަންނާ ކަމަށެވެ. އަދި، އިގުތިސޯދުގައި 54،000 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެން ދާނެ ކަމަށެވެ. މުއްތަލިބު ވިދާޅުވީ މި މަޝްރޫއުގެ ތަރައްގީގެ މަރުހަލާގައި އެކަނި ދައުލަތަށް 11 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަަމަށެވެ.
ރަސްމާލެ ވިއްކައެއް ނުލާ، ސިޔާދަތަށް އަސަރެއް ނުކުރޭ
ގިނަ ދިވެހިންތަކެއް ދިރިއުޅެން ކަމަށް ބުނެ ތަރައްގީކުރަން ފެށި ރަސްމާލޭގެ ބޮޑު ބަޔެއްގައި ބިދޭސީން އާބާދުކުރާތީ އެއް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މީހުން އުފައްދާ ސުވާލަކީ، ބޭރު މީހުންނަށް ގެތައް ވިއްކުމުން ރާއްޖޭގެ ސިޔާދަތަށް އަސަރެއް ނުކުރާނެތޯ އެވެ.
މި ސުވާލުގެ ޖަވާބުގައި މުއްތަލިބު ވިދާޅުވަނީ، މި ތަނުގެ ބިމުގެ މިލްކުވެރިކަން އެއްވެސް ބަޔަކަށް ނުލިބޭނެ އެވެ. އަދި، މި ސަރަހައްދުގައި ހުރިހާ އިރެއްގައި ވެސް ހިނގާނީ މި ގައުުމުގެ ގާނޫނުތަކާއި ގަވާއިދުތައް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ތަނުގައި ވަޒަަންވެރިކަމާއި ތަންތަން ގަނެވިއްކުމުގެ މައްޗަށް ސަރުކާރުގެ ފުރިހަމަ ބާރު ހުރިހާ އިރެއްގައި ހިނގާނެ ކަމަށެވެ.
"ޕްރޮޕަޓީތައް ގަނެވޭނީ ކާކަށްކަން ނިންމާނީ ސަރުކާރުން، އަދި ވިސާ ދިނުމާއި ނުދިނުމުގެ ފުރިހަމަ ބާރު ސަރުކާރަށް ލިބިގެންވޭ. މި ތަނުން މުދަލެއް މިލްކުކުރެވޭނެ ގޮތެއް ނޫނީ ދާއިމީ ރަށްވެހިކަން ނުވަތަ ރައްޔިތުކަން ލިބޭނެ އެއްވެސް މަގެއް އެއްވެސް އިރެއްގައި ނޯންނާނެ،" މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވަރަށް ޔަގީންކަމާއެކު ވިދާޅުވީ، އެ ތަނުގައި އުޅޭ މީހުންގެ ވިސާ ބާތިލުކޮށްފި ނަމަ، އެ މީހަކު ރާއްޖޭން ފައިބައިގެން ދާން ޖެހޭނެ ކަމަށެވެ. މިހެން ދާއިރު، އެ މީހުންގެ ލަގެޖަށް ލައިގެން އެ މީހަކު ގަނެފައިވާ ޕްރޮޕަޓީ ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަސްމާލޭ ޕްރޮޖެކްޓާއި ޖީއެމްއާރު ޕްރޮޖެކްޓާ އަޅާކިޔަމުން، މުއްތަލިބު ވިދާޅުވީ ދައުލަތުން ޑިވެލޮޕަރަށް ދޭން ޖެހޭ އާމްދަނީއެއް ނޯންނާނެ ކަމަށެވެ. ޖީއެމްއާރު ޕްރޮޖެކްޓުގައި ސަރުކާރުން ވަނީ ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން އެއާޕޯޓު ތަރައްގީކުރުމުގެ ފީއެއް ނަގައި، އެ ފައިސާ ޖީއެމްއާރަށް ދޭން އެއްބަސްވެފަ އެވެ.
މި ޕްރޮޖެކްޓުގައި އެކަހަލަ ކަމެއް އެކުނުލެވޭ ކަމަށް ފާހަގަކުރައްވަމުން މުއްތަލިބު ވިދާޅުވީ ޑިވެލޮޕަރަށް ފައިސާ ލިބޭނީ އެ މީހުން ތަރައްގީކޮށްގެން ވިއްކާ ތަނަކުން ކަަމަށެވެ. އެ މީހުންނަކަށް ދައުލަތުގެ ހަޒާނާއިން ދޭން ޖެހޭ ފައިސާއެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހީންގެ ރަސްމާލެ" ތަރައްގީކުރަނީ ޕްރޮޖެކްޓުން ވަންނަ ފައިސާއިން
އިދިކޮޅު އެމްޑީޕީން އަންނަނީ ފެށުނީއްސުރެން ރަސްމާލެ ހިއްކުން ހުއްޓާލަން ގޮވާލަމުންނެވެ. އެ ޕާޓީން ގަބޫލުކުރާ ގޮތުގައި ރަސްމާލެއަށް ހަރަދުކުރަނީ ބޭކާރު ފައިސާ އެވެ. އޭގެ ބަދަލުގައި މިހާރު ހިއްކާފައި ހުރި ބިންތަކުގައި ކަރަންޓާއި ފެނާއި ނަރުދަމާ ގާއިމުކޮށް، މަގުތައް ތަރައްގީކޮށް އެ ތަންތަނުގައި ދިރިއުޅެވޭނެ ގޮތް ހަދައިދޭން ދަނީ ގޮވާލަމުންނެވެ.
މުއްތަލިބު ވިދާޅުވީ، މި ކަންބޮޑުވުން އަންނަނީ ކީއްވެގެން ކަން އޭނާއަށް އެނގޭ ކަަމަށެވެ. އޭނާ ވިދާޅުވީ، ބިން ހިއްކުމަކީ "ފަސޭހަ" އަދި "ހަރަދު ކުޑަ" ކަމެއް ނަމަވެސް، އެ ތަނުގައި ބަޔަކު ދިރިއުޅެން ބޭނުންވާ ހިދުމަތްތައް ދިނުމަކީ ބޮޑު ހަރަދެއް ހިނގާ ކަމެއް ކަމަށެވެ.
"އަދުގެ އިގުތިސޯދީ ހާލަތުގައި، ބޭރުން ފައިސާ ހޯދުމުގައި ހުރި ދަތިތަކާއެކީ، އެއްވެސް ސަރުކާރަކަށް ރައްޔިތުން ބޭނުންވާ ދުވެލީގައި އެ ހިދުމަތްތަކެއް ގާއިނުކުރެވޭނެ. ހަގީގީ އިސްރާފަކީ ބިން ހިއްކުމެއް ނޫން. ހަގީގީ އިސްރާފަކީ، ހިއްކާފައި ހުރި ބިންތަކުގެ މަތީގައި ހުންނަ ތަކެއްޗަށް ދައްކާނެ ފައިސާ ނެތުމުން، ހިއްކާފައި ހުރި ބިންތައް ދަހަރެއް ވަންދެން ހުސްކޮށް ބޭއްވުން،" މުއްތަލިބު ވިދާޅުވި އެވެ.
ރަސްމާލެ ވޯޓާފްރަންޓަށް ވަންނަ ފައިސާއަކީ، މުއްތަލިބު ވިދާޅުވީ، އެ ޝަހަރުގައި ދިވެހިން ދިރިއުޅޭ ސަރަހައްދު ތަރައްގީކުރަން ބޭނުންކުރާނެ ފައިސާ ކަމަށެވެ. އޭގެ އިތުރުން، މި ޕްރޮޖެކްޓާ އެކީ ފުޅާވާ ޓެކްސް ބޭސްއަކީ ދިވެހިންނަށް ރަނގަޅު ހިދުމަތްތަކާއި ފުރުސަތުތައް ފޯރުކޮށްދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއީ ރަސްމާލޭގައި ތިބެގެން އާމްދަނި ހޯދޭނެ ގޮތެއް މަގުފަހިކުރަން ވެސް ވަރަށް ބޭނުންތެރި ޕްރޮޖެކްޓެއް ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މާލޭގައި ދިރިއުޅޭ މީހުންނަށް ވެސް ރަސްމާލޭގައި ވަޒީފާ އަދާކޮށްފައި، ވަޒީފާ ނިމުމުން ގޮސް އާއިލާއާ އެކީ ވަގުތު ހޭދަކުރެވޭނެ ގޮތް ވުމަކީ މީގެ އެންމެ މުހިންމު ބޭނުން ކަަމަށް އޭނާ ވިދާޅުވި އެެވެ.
މުއްތަލިބު މިކަން ބޮޑު ކާމިޔާބިއެއްގެ ގޮތުގައި ފާހަގަކުރެއްވީ، ފާއިތުވެދިޔަ 50 އަހަރު ތެރޭގައި ޒުވާނުން ރިސޯޓުތަކަށް ފޮނުވަމުން އައި ގައުމަކަށް، މިއީ ކުޑަކުޑަ ކަމެއް ނޫން ކަމަށް ވިދާޅުވަމުންނެވެ. އަދި ނިދަންއަރާ ހާއްޔަކަށް ރަަސްމާލެ ވިޔަ ނުދީ، މީހުން ދިރިއުޅޭ ބައި ދެކޮޅުޖެހެނީ ވެސް އަނެއް ފަޅީގައި ތަރައްގީކުރާ ސިޓީއާއެކީ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިން ކޮޓަރީގެ 5000 ފްލެޓު، ފައިސާ ދައްކަނީ މުސްތަގުބަލުގެ އާމްދަނީން
ސަރުކާރުން ބުނަނީ ރަސްމާލޭގައި އެއްވެސް މަސައްކަތެއް ފެށުމުގެ ކުރިން، އަދި ރަސްމާލޭން އެއްވެސް ފައިސާއެއް ވަންނަން ފެށުމުގެ ކުރިން އީގަލް ހިލްސްއިން ހުޅުމާލޭގައި ދިވެހި އާއިލާތަކަށް ތިން ކޮޓަރީގެ 5،000 އެޕާޓްމަންޓް އިމާރާތްކޮށްދޭނެ އެވެ.
މުއްތަލިބު ވިދާޅުވީ މިކަމަށް 400 މިލިއަނާއި 500 މިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ ހަރަދެއް ހިނގާނެ ކަމަށެވެ. އަދި މިއީ ސަރުކާރުގެ ހިސާބު ފޮތަށް އެއްވެސް ދަރަންޏެއް އިތުރުނުވާ ގޮތަށް، ސޮވެރިން ގެރެންޓީއެއް ވެސް ނުދީ ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ފްލެޓުތައް ތަރައްގީކުރަން ސަރުކާރުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހުނު ނަމަވެސް އެ ފްލެޓުތަައް ތަރައްގީކޮށް ނިމުމުން އެއަށް އަގު އަދާކުރަން ޖެހެ އެވެ. އެކަން ކުރަން އެއްބަސްވެފައި ވަނީ މުސްތަގުބަލުގައި ތަންތަން ވިއްކައިގެން ލިބޭ 10 ޕަސެންޓުން އުނިކުރާ ގޮތަށެވެ. މިއީ ދައުލަތުގެ ބަޖެޓުން ހަރަދެއް ނުކުރިިޔަސް، ހިލޭ އަޅައިދޭ ފްލެޓުތަކެއް ނޫނެވެ.
"އެކުއިޒިޝަން ކޮސްޓެއް ނެގުމުގެ ބަދަލުގައި އާމްދަނީގެ 10 ޕަސެންޓު ނަގަން އެއްބަސްވެފައި ވާތީ، މި ގެތަކުގެ ހަރަދު ކެނޑިގެންދާނީ ސަރުކާރަށް ލިބޭ އާމްދަނީގެ ހިއްސާއިން ލިބެމުންދާ ވަރަކަށް - އެއީ ދައުލަތުގެ ބަޖެޓުންނާއި ލޯނު ނަގައިގެން ކުރާކަމެއް ނޫން،" މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ސަރުކާރުން މި ގޮތަށް ބޯހިޔާވަހިކަން ތަރައްގީކޮށްދޭ މަތިން ޕްރޮޖެކްޓަށް ފެހި ސިގުނަލް ދިނީ، ބީހިޔާވަހިކަމަކީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އާއިލާތަކަަށް ސީދާ ގޮތުން އެހީތެރިވެދޭ ކަމަށްވާތީ ކަމަށެވެ.
ސަރުކާރުން ބުނަނީ ރަސްމާލޭގެ 500 ހެކްޓަރު ހާއްސަކޮށްފައި ވަނީ ދިވެހިންނަށް ކަމަށެވެ. އަދި މި ޖާގައިގެ ތެރޭގައި 150،000 މީހުންގެ އާބާދީއަކަށް ނުވަތަ އެއަށް ވުރެ ބޮޑު އާބާދީއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. .
މުއްތަލިބުގެ ލިޔުން ނިންމަވާލައްވަމުން ވިދާޅުވީ ރާއްޖެ މި އޮތީ ހުރަހެއްގައި ކަމަށެވެ. އެއީ ހިދުމަތް ނުދެވޭ ބިންތައް ހިއްކުން ކުރިއަށް ގެންދާނީތޯ، ނޫނީ ނުވަތަ ދިވެހިން އެދޭ ބޯހިޔާވަހިކަމާއި، ހިދުމަތްތަކާއި، ދަރަނި ކުޑަކުރުމުގެ މަސައްކަތްކުރެވޭނެ އިގުތިސޯދެއް ބިނާކުރާނީތޯ އެވެ.
"ރަސްމާލެއަކީ މި ސުވާލަށް އަޅުގަނޑުމެން ދޭ ޖަވާބު. ސުވާލަކީ އެތަން ބިނާކުރާނީތޯ ނޫންތޯއެއް ނޫން. ނަމަވެސް އެތަން ރަނގަޅަށް ބިނާކުރާނީތޯ،" މުއްތަލިބު ވިިދާޅުވި އެވެ.












